ޔޫރޯ 2020: މިއަދުގެ ފުރަތަމަ މެޗު ނިމުނީ 1 ލަނޑު 1 ލަނޑުން އެއްވަރު ވެގެން

ޔޫރޯ2020 ގައި މިއަދު ކުޅުނު ފުރަތަމަ މނެޗު ނިމުނީ 1 ލަނޑު 1 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ބައްދަލު ކުރީ ވޭލްސްއާއި ސްވިޓްޒަލެންޑެވެ. މީގެ ކުރިން މި ދެ ޓީމު ކުޅުނު އެއްވެސް މެޗެއް އެއްވަރު ވެފައެއް ނެތެވެ. މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ފރަހަރުވެސް މެއެވެ. ދެ ޓީމިގެ ކުރީގެ ކުރިމަތިލުން ތަކަށް ބަލާއިރު ކުޅުނު ހަތް މެޗުން ފަސް މެޗުން މޮޅުވެފައި ވަނީ ސްވިޓްޒަލެންޑެވެ. ވޭލްސް މޮޅުވެފައި ވަނީ ދެ މެޗުންނެވެ.

މިއަދު ހަވީރު 6 ޖެހިއިރު ފެށުނު މެޗުގެ ފުރަތަމަ ބާރަވަރަކަށް މިނިޓު ވޭލްސް ވަރަށް ރަނގަޅަށް ކުޅުނެވެ. އެހެންނަމަވެސް އޭގެ ފަހުން މުޅި މެޗު ކޮންޓްރޯލު ކުރަމުން ގެންދިޔައީ ސްވިޓްޒްލެންޑުންނެވެ. ލަނޑު ޖަހާނެ ފުރުސަތުތަކެއްވެސް ހޯދިއެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗުގެ ފުރަތަމަ ލަނޑު ސްވިޓްޒަލެންޑުން ޖެހީ 49 ވަނަ މިނިޓުގައެވެ. އެއީ ދެވަނަ ހާފުގެ 4 ވަނަ މިނިޓެވެ. މިއީ އެމްބޯލޯ ބޮލުން ޖެހި ލަނޑެކެވެ.

މި ލަނޑަށް ފަހު ވޭލްސްގެ ކުޅުން ކުރިއަށްވުރެ ދެރަވަރު ވެގެން ދިޔައެވެ. އެކަމަކު މާގިނަ އިރުތަކެއް ނުވެ ސަމާލުވެ ޑިފެންސް ލައިނުން ތަންކޮޅެއް ދުގު ބޯޅަތައް ކުރިއަށް ފިނުވާން ފެއްޓިއެވެ. ނަތީޖާއަކީ ސްވޮޓްޒަލެންޑުގެ ޓީމުން ފަހަތަށް ބޮޑު ސަމާލުކަމެއް ދޭން ޖެހުމެވެ.

71 ވަނަ މިނިޓުގައި ސްވިޓްޒަލެންޑުން ލަނޑެއް ޖެހިއެވެ. އެހެންނަމަވެސް ވީއާރް ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އޯފްސައިޑް ލަނޑެއް ކަމަށެވެ.

ވޭލްސްގެ ލަނޑަކީވެސް ސްވޮޓްޒަލެންޑްގެ ލަނޑެކޭ އެއް ގޮތަށް ހަމަ ގޯލޮގެ ވާތް ފަރާތަށް ބޮލުން ފޮނުވައިލި ބޯޅައެކެވެ. މި ލަނޑު ޖެހީ މެޗުގެ 74 ވަނަ މިނިޓުގައި 13 ނަންބަރު މުއަރއެވެ.

އޭގެ ފަހުން ސްވިޓްޒަލެންޑުން ހަމަލާތައް ވަރުގަދަ ކުރެވޭތޯ މަސައްކަތް ފެއްޓިއެވެ. އެހެންނަމަވެސް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.

މިއަދުގެ މެޗަކީ ވޭލްސްއަށް ކާމިޔާބެއް ކަމުގައި ބެލެވިދާނެއެވެ. އެއް ސަބަބަކީ އެ ޓީމިގެ ކުޅުން އެހައި ރަނގަޅު ނުވުމާވެސްއެކު ސްވިޓްޒަލެންޑް ފަދަ ޓީމަކާ އެއްވަރު ކުރެވުމެވެ. މެޗަށް ފަހު ކޯޗު ޕޭޖް ބުނެފައި ވަނީ މި އެއްވަރަކީ މޮޅެއް ފަދަ ނަތީޖާއެއް ކަމުގައެވެ.

ރެއާއި މިއަދު މި ކުޅެވުނީ ގްރޫޕް އޭ ގެ ދެ މެޗެވެ. މިހާރު ޕޮއިންޓް ތާވަލަށް ބަލާއިރު ކުޅުނު ފުރަތަމަ މެޗުން މޮޅުވުމުގެ ސަބަބުން އިޓަލީއަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ. މިއަދުގެ މެޗާއެކު ސްވިޓްޒަލެންޑާއި ވޭލްސްއާ ދެ ޓީމުން ކުރެ ޓީމަކަށް ލިބިފައި ވަނީ 1 ޕޮއިންޓެވެ. ރޭގެ މެޗުން ބަލި ވުމުގެ ސަބަބުން ތުރުކީއަށް ޕިއިންޓެއް ނުލިބެއެވެ.

މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޑެންމާކާއި ފިންލަންޑެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ. މިރޭ މެންދަމު 12 ޖަހާއިރު ކުޅޭ މެޗަކީވެސް މި ގްރޫޕުގެ މެޗެކެވެ. ބައްދަލު ކުރާނީ ބެލްޖިއަމާއި ރަޝިއާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.