ކާބުލްގެ އެއާޕޯޓު ބަލަހައްޓަން ތުރުކީން ޝައުގުވެރިކަން ފާޅުކޮށްފި

އެމެރިކާއާއި ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނަައިޒޭޝަން) ގެ ސިފައިން އަފްޣާނިސްތާނުން ފޭބުމުން ވެރިރަށް ކާބުލްގެ ޙާމިދު ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓު ހިންގައި، އެތަނުގެ ސަލާމަތީ ކަންކަން ބަލަަހައްޓައިދޭން ތުރުކީން ހުށަހަޅައިފިއެވެ.

ރޮއިޓާސްއާ ވާހަކަދެއްކެވި ތުރުކީގެ ބައެއް އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، ތުރުކީން މިހުށަހެޅުން ހުށަޅާފައި ވަނީ ފާއިތުވި މޭ މަހު ބޭއްވި ނޭޓޯގެ ބައްދަލުވުމެއްގައެވެ. އެއީ، އެމެރިކާއާއި ނޭޓޯގެ ސިފައިން 20 އަހަރަށް ފަހު އަންނަ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު އަފްޣާނިސްތާނުން ފައިބަން ނިންމުމާ ގުޅިގެންނެވެ.

ތުރުކީއާއި އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ތުރުކީގެ މި މިޝަންގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިިނުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި ވަނީ މަޝްވަރާކުރެވިފައެވެ.

"އަފްޣާނިސްތާނުން ފައިބަން އެމެރިކާއިން ނިންމުމާ ގުޅިގެން ތުރުކީން ވަނީ ކާބުލް އެއާޕޯޓުގެ ސަލަމަތީ ކަންކަން ބެލެހެއްޓުމާ ބެހޭ ހުށަހެޅުމެއް ހުށަހަޅާފައި. މިކަން ރާވައި ހިންގާނެ ގޮތަކާ މެދު އެމެރިކާއާއި ނޭޓޯއާއެކު ވަނީ މަޝްވަރާތައް ފެށިފައި." ތުރުކީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ތުރުކީން ގަބޫލުކުރާ ގޮތުގައި ބައިނަލްއަގުވާމީ ފްލައިޓުތަކަށް އަމާން ތަނެއް ކަމުގައި ކާބުލް އެއާޕޯޓު ހެދުމުގައި ތުރުކީން އިސް ދައުރެއް އަދާކުރުމަކީ، ތުރުކީން ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު ގަތުމާއި، މެޑިޓަރޭނިއަން ކަނޑުގައި ތެލާއި ގޭސް ހޯދުމަށް ތުރުކީން ކުރަމުންދާ މަސައްކަތާ ގުޅިގެން ތުރުކީއާ ހުޅަނގާ ދެމެދު ގޯސްވެފައިވާ ގުޅުންތައް ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ތުރުކީގެ ޑިފެންސް މިނިސްޓަރު ހުލޫސީ އަކާރް ވިދާޅުވި ގޮތުގައި ތުރުކީގެ ހުށަހެޅުން ބިނާވެފައި ވަނީ ބައިވެރިން (ނޭޓޯގެ މެންބަރު ގައުމުތަކުން) ލިބޭ އެހީތެރިކަމުގެ މައްޗަށެވެ.

"އަހަރުމެން އަފްޣާނިސްތާނުގައި ތިބެން ގަސްތުކުރަނީ ޝަރުޠުތަކެއްގެ މަތިން. ޝަރުޠުތަކަކީ ކޮބާ؟ ސިޔާސީ، މާލީ އަދި ލޮޖިސްޓިކްގެ ގޮތުން އެހީތެރިކަން ލިބުން. މި ޝަރުުޠުތައް ފުރިިހަމަވާނަމަ އަހަރުމެން ޙާމިދު ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިބޭނަން." އަކާރް ވިދާޅުވިއެވެ.

ކާބުލް އެއާޕޯޓުގެ އަމާންކަމާއެކު ހިންގޭކަން ކަށަވަރު ވާނަމަ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތައް ކާބުލްގައި ހިންގުމަށް ގައުމުތަކުން ޖެހިލުންވުން ކުޑަވާނެއެވެ. ސަލާމަތީ ސަބަބުތަކާ ހުރެ ފާއިތުވި މޭ މަހު އޮސްޓްރޭލިޔާއިން ވަނީ ކާބުލްގައި ހުންނަ އެގައުމުގެ އެމްބަސީ ބަަންދުކުރަން ނިންމާފައެވެ.

ކާބުލް އެއާޕޯޓުގެ ކަންކަން ބަލަހައްޓަން ތުރުކީން ނިންމިއިރު، އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ފައިބަން ފެށުމާއެކު ޠާލިބާން ޖަމާއަތުން ދަނީ އަފްޣާނިސްތާނުގައި އެމީހުން ބާރު ގަދަކުރަމުންނެވެ. ޚަބަރުތައް ބުނާގޮތުގައި ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެކަނިވެސް ޠާލިބާން ހަނގުރާމަވެރިން ވަނީ އަފްޣާނިސްތާނުގެ 3 ޕްރޮވިންސެއްގެ 4 ޑިސްޓްރިކްޓެއް ހިފާފައެވެ.

ނޭޓޯ ސިފައިންގެ ބައެެއްގެ ގޮތުގައި ތުރުކީ ސިފައިންގެ 500 މީހުން މިހާރުވެސް އަފްޣާނިސްތާނުގައި ހަރަކާތްތެރިވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.