ދޯހާ އެއްބަސްވުމަށް އެއް އަހަރު، ޠާލިބާނުން ބޭނުންވަނީ އެމެރިިކާ ސިފައިން އަފްޣާނިސްތާނުން ފައިބަން

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މަންޒަރެއް

އަފްޣާނިސްތާުގެ ޠާލިބާން ޖަމާއަތާ އެމެރިކާ ސަރުކާރާ ދެމެދު ޤަޠަރުގެ ވެރިރަށް ދޯހާގައި ސޮއިކުރި ތާރީޚީ ސުލްހައިގެ އެއްބަސްވުމަށް އެއް އަހަރުވީއެވެ. 29 ފެބްރުވުރީ 2020 ގައި ސޮއިކުރި މި އެއްބަސްވުމުގައި އަފްޣާން ސަރުކާރުން ބައިވެރިވެފައި ނުވެއެވެ.

އެތައް އަހަރެއްގެ މަޝްވަރާތަކަކަށް ފަހު ޤަޠަރުގެ ބެލުމުގެ ދަށުން ސޮއިކުރި މި އެއްބަސްވުމުގެ އެންމެ ބޮޑު ބޭނުމަކަށްވީ 2001 ވަނަ އަހަރުއްސުރެ އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާއާއި ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ ސިފައިން 14 މަސް ދުވަހުގެ ތެރޭ، ސުލްހަވެރިކަމާއެކު އަފްޣާނިސްތާނުން ފޭބުމެވެ.

އެހެންކަމުން، އެއްބަސްވުުމުގެ އަހަރީ ދުވަހާ ދިމާކޮށް، ޠާލިބާން ޖަމާއަތުން ނެރުނު ބަޔާނެއްގައި ގޮވާލާފައި ވަނީ އެއްބަސްވުމަށް އިހުތިރާމުކޮށް 1 މޭ 2021 ކުރިން އެމެރިކާގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށެވެ. އެ ބަޔާނުގައި އިންޒާރުދީފައި ވާގޮތުގައި އެ އެއްބަސްވުން ބަދަލުކުރަން ކުރާ ކޮންމެ މަސައްކަތެއް ނިމެގެން ދާނީ ފޭލްވެގެންނެވެ.

" އެއްބަސްވުމުގައި ވާ ހުރިހާ ކަމަށް އިސްލާމީ އިމާރާ (ޠާލިބާންނުން ހިންގި ސަރުކާރަށް އެެ ޖަމާއަތުން ކިޔާނަން) ފުރިހަމައަށް އިހުތިރާމުކުރާނެ. އަދި ދެކެނީ އަފްޣާނިސްތާނަށް ސުލްހަ ގެނެސް، ގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންކުރެވޭނޭ އެންމެ ބާރު ހުރި ވަސީލަތަކީ އެެ އެއްބަސްވުން ކަމަށް. އެކަން ހަގީގަތަކަށް ވާން ޖެހޭނީ އިސްލާމީ ނިޒާމެއްގެ ހިޔަލުގައި." ޠާލިބާނުންގެ ބަޔާނުގައި ވެއެވެ.

ދޯހާގައި މީގެ އަހަރެއް ކުރިން ވީ އެއްބަސްވުމުގެ މައިގަނޑު ނުގުތާތަކަކީ: އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި، އެެމެރިކާގެ އެކުވެރި ގައުމުތަކުގެ ސިފަންނަށް ޠާލިބާނުން ހަމަލާދިނުން ހުއްޓާލުމާއި، އަދި ފިޔަވަހިތަކަކަށް ބަހާލައިގެން އެމެރިކާއާއި، އެކުވެރި ގައުމުތަކުގެ ސިފައިން 14 މަސްދުވަހުގެ ތެރޭގައި އަފްޣާނިސްތާނުން ފޭބުމާއި، ޠާލިބާނުންނާއި އަފްޣާން ސަރުކާރާ ދެެމެދު ސުލްހައިގެ ސީދާ މަޝްވަރާތައް ފެށުމާއި، އެމެރިކާއިން އެކުލަވާލާފައިވާ ޓެރަރިސްޓުންގެ ކަޅު ލިސްޓުން ޠާލިބާންގެ އިސްވެރިންގެ ނަންތައް އުނިކުރުމެވެ.

އެއްބަސްވުމަށް ބަދަލު ގެނައުމާމެދު ޠާލިބާނުންގެ އިންޒާރު އައިސްފައި މިވަނީ، އެމެރިކާގެ އާ ރައީސު ޖޯ ބައިޑަންގެ ސަރުކާރުން އެ އެއްބަސްވުން އަލުން މުރާޖައާކުރާނެ ކަމަށް ބުނެފައި ވަނިކޮށެވެ.

އަނެއްކޮޅުން ޠާލިބާނުން އެއްބަސްވުމަށް ފުރިހަމައަށް އިހުތިރާމު ނުކުރާކަމަށް އިޝާރާތްކޮށް، ނޭޓޯއިން ބުނެފައި ވަނީ އެ ޖަމާއަތުގެ ސިފައިން އަފްޣާނިސްތާނުން ފައިބާނީ "ރަނގަޅު ވަގުތު އައިސް ޖެހުމުން" ކަމުގައެވެ.

ރައީސު އަޝްރަފު ޣަނީގެ ސަރުކާރުންވެސް ދަނީ ޠާލިބާނުންނާއެކު ސުލްހައިގެ ވާހަކަތައް ބޭއްވުމަށް ދެކޮޅުހަދަމުންނެވެ. ރައީސު ޣަނީ ދާދިފަހުން ދެއްކެވި ވާހަކަފުޅެއްގައި، އަފްޣާނިސްތާނަށް ސުލްހަ ގެންނާނީ ބަޑީގެ ބާރުންކަމަށް ދޭހަވާ ފަދަ ގޮތަކަށް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

އެހެންކަމުން، އެއް އަހަރު ވެގެން ދިޔައިރު، ޠާލިބާން-އެމެރިކާ އެެއްބަސްވުން ކާމިޔާބުވެދާނެ ކަމާމެދު މިހާރުވަނީ ސުވާލުއުފެދިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.