ސުލްހައިގެ މަސައްކަތް ހަލުއިކުރުމަށް އަފްޣާން ސަރުކާރާއި ޠާލިބާނުން އެއްބަސްވެއްޖެ

އިއްޔެ މޮސްކޯގައި ބޭއްވި އަފްޣާން ސުލްހައިގެ ބައްދަލުވުން

އަފްޣާނިސްތާނުގައި މަޑުޖެހިފައިވާ ސުލްހައިގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމާއި ބޭހޭގޮތުން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި ބައްދަލުވުމުގައި، ސުލްހައިގެ މަަސައްކަތް ހަލުއިކުރުމަށް އަފްޣާން ސަރުކާރާއި، ޠާލިބާން ޖަމާއަތުން އެއްބަސްވެއްޖެއެެވެ. މިކަން ހަމާކޮށްފައިވަނީ އަފްޣާން އޮފިޝަލަަކާ ހަވާލާދީ ރިޔާ ނިއުސް އެޖެންސީން ފެތުރި ޚަބަރެއްގައެވެ.

މި ބައްދަލުވުމަކީ މީގެ އެއް އަހަރު ކުރިން ރައީސު ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރާ ޠާލިބާނުންނާ ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުުމައި މި އަހަރު މޭ މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެމެރިކާއާއި ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ދީފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބާއްވަަން ހަަމަޖެހިފައިވާ ތިން ބައްދަލުވުމުގެ ތެރެެއިން ފުރަތަމަ ބައްދަލުވުމެވެ.

އެއްބަސްވުމުގައ ދީފައިވާ ސުުންގަޑީގެ ކުރިން އެމެރިކާއާއި ނޭޓޯގެ ސިފައިން ނުފައިބައިފިނަަމ އެކަމަށް "ރައްދުދޭނެ" ކަމުގެ އިންޒާރު ޠާލިބާނުން އިއްޔެ ވަނީ ދީފައެވެ. އެހެންނަމަވެސް، ރައްދުގައި ކުރާނެ ކަމެއް ހާމަކޮށްފައި ނުވެއެވެ.

ރަޝިޔާއިން އިސް ނަގައިގެން މޮސްކޯގައި ބައްދަލުވުމެއް ބޭއްވީ އަފްޣާން ސަރުކާރާއި ޠާލިބާނުންނާ ދެމެދު ޤަޠަރުގައި ކުރިއަށް ދިޔަ ވާހަކަތައް ކުރިއަށް ނުގޮސް ހުއްޓުމާ ގުޅިގެންނެވެ. ހަނގުރާމަ ހުއްޓާލުމަށް އަފްޣާން ސަރުކާރާއި އެމެރިކާއިން ގޮވާލަމުން ދިޔަނަމަވެސް، ޠާލިބާނުން ބުނަމުން ދިޔައީ އެކަން ކުރާނީ ސުލްހައިގެ އެެއްބަސްވުމެއްގެ ތެރެއިން ކަމަށެވެ.

"މިއަދުގެ ވާހަކަަތަކުން އާފްޣާންސިންތާނުގެ އެއްބަޔަކު އަނެއްބަޔަކާ ކުރާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ލިބިގެން ދާނެކަމަށް އަހަރުމެން އުއްމީދުކުރަން." ބައްދަލުވުމުން ފަށްޓަވަމުން ދެއްކެވި ވާހަކަފުޅުގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ރަލްރޯފް ވިދާޅުވިއެވެ.

މޮކްސޯގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ދަނިކޮށް އަފްޣާނިސްތާނުގެ ރައީސު އަޝްރަފު ޣަނީ ވަނީ ދާޚިލީ ވަޒީރު މަސްޢޫދު އަންދަރާބީ މަގާމުން ދުރުކުރައްވާފައެވެ. އަދި ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ދިފާއީ ވަޒީރު އަސަދުﷲ ޚާލިދުގެ ބަދަލުގައި ދިފާއީ ވުޒާރާ ހިންގެވުމުން ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ޔާސީން ޒިޔާއާ ހަވާލުކުރައްފާއެވެ. މި ބަދަލުތަކަކީ ސުލްހައިގެ ވާހަކަތަކާ ގުޅުންހުރި ބަދަލުތަކެއްކަން ކަށަވަރުވެފައި ނުވެއެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އެރި 2001 ވަނަ އަހަރު ސެޕްޓެންބަރު މަހު ނިއުޔޯކްގެ ވާލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާއަށް ފަހުގައެވެ. އޭރުއްސުރެ ފާއިތުވީ ވިއްސަކަށް އަހަރު އެމެރިކާގައި އަފްޣާނިސްތާނުގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކަށް 1 ޓްރިލިއަން ޑޮލަރު ޚަރަދުކުރިއިރު، އަފްޣާނިސްތާނަށް އެރުމުގެ ހަގީގީ މަގުސަދު ހާސިލުވެފައި ނުވެއެެވެ. އަލްޤާޢިދާ މިހާރުވެސް އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން ދާއިރު، އިސްލާމިކް ސްޓޭޓްގެ ގޮތްޕެއްވެސް ދަނީ އެެ ގައުމުގައި އަސްކަރީ ހަމަލާތައް ދެމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.