ޔަހޫދީ ސިފައިން، ފަލަސްތީނުގެ އޯޓިސްޓިކް ޒުވާނަކު ޝަހީދުކުރިގޮތް

ފަލަސްތީނުގެ ނިމަކެތި ރައްޔިތުންނަށް، އިސްރާއީލުން ދެމުންގެންދާ އަނިޔާތަކަށް އިންސާފުލިބޭނެގޮތެއް ނެތެވެ. ފަލަސްތީނުގެ ޒުވާނުންނާއި ބަލިމީހުން މަރައި ހުސްކުރަމުންދާއިރުވެސް، އެވާހަކަ ދައްކާ ބަޔަކު ނެތެވެ. ދުނިޔޭގެ ބޮޑެތިބާރުތަކުން، ޚާއްޞަކޮށް އެމެރިކާއިން އެކަމަށް ގެންދަނީ ވާގިވެރިވެ، ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމާއެކު، އަހަރެއްގެ މައްޗަށް އެތައް ބިލިއަންޑޮލަރެއްގެ އެހީދެމުންނެވެ. އެމެރިކާގެ އިތުރަށް، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތަކީވެސް، އިސްރާއީލަށް ވާގިވެރިވާ ދެޤައުމެވެ. އިނގިރޭސިވިލާތަކީ، ފަލަސްތީނުގެ ބިމަށް، ޔަހޫދީންގެނެސް، އެބިމުގައި ޔަހޫދީން އާބާދުކުރުމުގައި އެންމެއިސްދައުރެއް އަދާކުރި ޤައުމެވެ. އެމެރިކާއަކީ، އެޤައުމުގެ ބިޔަ، ޔަހޫދީއާބާދީއާހުރެ، އިސްރާއީލުގެކިބައިން ސަލާމަތްވެވެން އޮތް ޤައުމެއްނޫނެވެ. މިޤައުމުތަކަކީ، ފަލަސްތީނުގެ ރައްޔިތުން ނައްތައިލުމަށް ، އިސްރާއީލުސަރުކާރުން ރާވައި އިންތިޒާމްކޮށްގެން ހިންގާ ޖަރީމާތަކުގެ ބައިވެރިންނެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ، 31 އަހަރުގެ ޢިޔާދު އާއި އޭނާގެ 58 ގެ މަންމަ ، ރަނާ

31 އަހަރުގެ ޢިޔާދަކީ، ޚާއްޞައެހީއަށް ބޭނުންވާ، އޯޓިސްޓިކް މީހެކެވެ. ފަލަސްތީނުގެ ޒުވާނެކެވެ. އިސްރާއީލުސިފައިން އޭނާ ޝަހީދުކޮށްލާފައިވަނީ، ވަރަށް އިހާނެތި ގޮތަކަށެވެ. އޭނާގެ އެއްވެސް ކުށެއްނެތިއެވެ. އޭނާ ކިޔަވަމުންގެންދާ ޚާއްޞައެހީއަށް ބޭނުންވާމީހުންގެ ސްކޫލަށްދިޔަ މަގުމަތީގައެވެ. ޚާއްޞަކޮށް، ޢިޔާދަކީ ކާކުކަން ސާފުކޮށް ރަސްމީގޮތުން އަންގައިދީފައި ވަނިކޮށެވެ.

އެމެރިކާގެ ކަޅުމީހުންނާއި ފަލަސްތީނުގެ ރައްޔިތުންނަކީ، އެމެރިކާގެ ރައީސް، ޓްރަމްޕަށް ވާގިދޭ ނަސްލީއިމްތިޔާޒުގެ ޔަހޫދީ ސިފައިން، ބުޅާގަނޑަކަށް ހިތާހިތުންވެސް ނުހިތާ، ބަޔެކެވެ. އެމެރިކާގައި، ޖޯޖު ފްލޮއިޑް މަރައިލީ، އެމެރިކާގެ ޔަހޫދީ ސިފައިންނެވެ. އޭގެ 5 ދުވަސްފަހުން، ފަލަސްތީނުގައި، ޢިޔާދު އަލްޚައްލާޤު ޝަހީދުކޮށްލީ، އިސްރާއީލުގެ ޔަހޫދީ ސިފައިންނެވެ. އެހެންނަމަވެސް، ޖޯޖް ފްލޮއިޑާޚިލާފަށް، ޢިޔާދުގެ ޤައުމު ފަލަސްތީނުގައި، އޭނާގެ ޙައްޤުތައް ކަށަވަރުކޮށްދޭނެ ޤާނޫނު އަސާސީއެއް އަދި ޤާނޫނެއް ނެތްތާނގައި، މުއައްސަސާއެއްގެ މިންވަރުވެސް ނެތެވެ.

ޢިޔާދު އަލްޚައްލާޤަކީ، އޭނާގެ އޯޓިސްޓިކް ޙާލަތާގުޅިގެން،  8 އަހަރުގެ ކުއްޖެއްގެ ސިކުނޑީގެ ވިސްނުންހުންނަ، 31 އަހަރުގެ ޒުވާނެކެވެ. އިސްރާއީލުގެ ރަޙުމެއްނެތް ސިފައިން، އޭނާ ޝަހީދުކޮށްލައިފާފައިވަނީ، އޭނާ ކިޔަވަމުންގެންދާ  ޚާއްޞަ އެހީއަށްބޭނުންވާ މީހުންގެ ސްކޫލަށް ދިޔަ މަގުމަތީގައެވެ. އެއީ މީގެ އަހަރެއްހައި ދުވަސް ކުރިއެވެ. އެހެންނަމަވެސް، އިޔާދުގެ މަންމަ، ރަނާ، އެދުވަހުގެ މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އަދިވެސް ދެންމެ ހިނގިކަމެއްހެން، ރަނާގެ ހަނދާނުގައި އެހިތާމަވެރިދުވަސް ވަނީ ބިންވަޅު ނެގިފައެވެ. އެއީ 2020 ވަނައަހަރުގެ މެއިމަހުގެ 30 ވަނަދުވަހެވެ.

ފަލަސްތީނުގެ ސިފައިން ބަޑިޖަހައި ޢިޔާދު ޝަހީދުކޮށްލައިފާފައިވަނީ، އެމެރިކާ ސިފައިން ނޭވާހާސްކޮށް ޖޯޖު ފްލޮއިޑް މަރައިލިތާ 5 ފަސްވަނަޔަށްވީ ދުވަހު

ޢިޔާދަކީ، ހަނގުރާމަޔާއި ހަމަނުޖެހުމުގެ ވިސްނުންތަކެއް ސިކުނޑީގައި ނުގެންގުޅެވޭ ވަރުގެ، 8 އަހަރުގެ ޅަ ސިކުނޑިއެއްގެ، އެހެނަސް 31 އަހަރުގެ ޒުވާނެކެވެ. އޯޓިސްޓިކް ޙާލަތާގުޅިގެން، ޚާއްޞައެހީއަށް ބޭނުންވާ މީހެކެވެ. އޭނާގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތެވެ. އޭނާ ކިޔަވަމުންގެންދާ ސްކޫލް ހުންނަނީ، ޖެރޫސަލަމްގެ އޯލްޑްސިޓީތެރޭގައި، އޭނާ ދިރިއުޅޭގެއިން ހިނގާލައިފައި 15 މިނިޓުން ދެވޭ ހިސާބެއްގައެވެ. އެއީ އެދުވަހުގެ ހެނދުނުގެ ވަގުތެވެ. ޢިޔާދު މަޑުމަޑުން ހިނގަމުން ދިޔައީ، އޭނާ ކިޔަވަމުންގެންދާ ސްކޫލަށެވެ. އެއީ ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ކިޔަވައިދޭ ސްކޫލެކެވެ. އޭނާ ޝަހީދުކޮށްލައިފާވަނީ، ސްކޫލަށް ދިޔަ މަގުމަތީގައެވެ.  ޢާންމުގޮތެއްގައި ޢިޔާދު ސްކޫލަށްދަނީ އޭނާގެ ދައްތަ ޖުމާނާއާ އެކުގައެވެ. ނަމަވެސް، ކަންދިމާކުރިގޮތުން އެދުވަހު އޭނާ ސްކޫލަށްދިޔައީ އެކަންޏެވެ.

“ޢިޔާދަކީ، އަހަރެމެންގެ ގޭގެ ދިރުން. އެކަމަކު މިހާރު އަހަރެމެންގެ ގޭގެދިރުން މިވަނީ ގެއްލިފަ. މިހާރު މިތިބެނީ ބިރުވެރިކަމެއްގެ ތެރޭގަ.” ޢިޔާދުގެ 58 އަހަރުގެ މަންމަ ކިޔައިދިނެވެ. ރަނާއަކީ، ޢާއިލާގެ މެންބަރުންނާއި ރައްޓެހިންގެ މެދުގައި ”އުއްމު ޢިޔާދު” ނުވަތަ "ޢިޔާދުގެ މަންމަ”ގެ ނަމުން މުޚާތަބުކުރެވޭ މުސްކުޅި އަންހެނެކެވެ. ރަނާއަކީ، ޢުމުރުން ދުވަސްވުމުގެ ސަބަބުން މަސައްކަތުން ވަކިވެފައިވާ، ސްކޫލްޓީޗަރެކެވެ. ޢިޔާދު ޝަހީދުކޮށްލިދުވަހުންފެށިގެން، ރަނާއަށް، އޭނާގެ ދަރިފުޅުގެވާހަކަ ދެއްކުންވެފައިވަނީ، ހިތަށް ނުއުފެއްލޭވަރުގެ ތަކުލީފަކަށެވެ. ހިތަށް ލިބިފައިވާ ވޭނާއި ކެކުޅުން އިންތިހާއެވެ.  ޢިޔާދަކީ، އެހެންމީހުންނާ މުޢާމަލާތުކުރުމުގައިވެސް އުނދަގޫކަމެއް ހުންނަ ކުއްޖެކެވެ. ޢިޔާދަކީ ގިނަމީހުން އެއްވެ އުޅޭ ތަންތަނަށް ދާން، ބިރުގަންނަ ކުއްޖެކެވެ. ޢީޔާދުގެ މަންމަ ބުނިގޮތުގައި، ޢިޔާދަކީ އެއްތަނެއްގައި ގިނައިރު އިށީނދެ އިންނަން އުނދަގޫ ކުއްޖެކެވެ. އަދި އަތްދޮންނަން އާދަޔާޚިލާފު ޝައުޤުވެރިކަމެއް ގެންގުޅެއެވެ. ޢިޔާދަކީ، ވަރަށް މަޑުމައިތިރި އަދި ޟަޢީފު ކުއްޖެކެވެ. އޭނާއަކީ، އަދަބުވެރިވެފައި، ޚުލްޤު ރަނގަޅު އަދި މީހުންކޮށްދޭ ކަންތައް ބަލައިގަތުމަށް ލޯބިކުރާ ކުއްޖެކެވެ. ދުވަސްކޮޅެއްވީތަނާ، ޢިޔާދަކީ ގޭގައި ކުރާ މަސައްކަތްތަކުގައި އޭނާގެ މަންމަގެ އެއްއަތްކަމުގައި ވިއެވެ. މަންމަ، ގެސާފުކުރާއިރު، ބަރު އެއްޗެތި އެއްތަނުން އަނެއްތަނަށް ގެންގޮސް ދިނުމާއި، ބާޒާރުކުރާ ސާމާނު ތިރިންމައްޗަށް ސިޑިން އުފުލުމާ އަދި އެނޫންވެސް ގޭތެރޭގައި ކުރާ މަސައްކަތްތަކުގައި، ޢިޔާދަކީ ވަރަށް އެހީވާ، ހުރިހައިކަމެއްގައިވެސް އެހީތެރިވެ އަތްގާތްކޮށްދޭ މީހެކެވެ. ގޭތެރޭގައި ކުރަންޖެހޭ އެއްވެސް މަސައްކަތަކަށް ޢިޔާދު ފަހަކަށް ނުޖެހޭނެއެވެ. އެއީ، ޢާއިލާގައިހުރި ހަމައެކަނި ފިރިހެނެވެ. ދެންތިބީ، އަންހެން ދެކުދިންނެވެ. އެއީ، ޢިޔާދުގެ ދެ ދައްތައެވެ. 35 އަހަރުގެ ޑަޔާނާއާއި 34 އަހަރުގެ ޖުމާނާއެވެ.

“އަހަރެމެން ދެމައިން، ކޮންމެ ދުވަހަކު ހެނދުނު، ގޭއޮޅިގަނޑުމަތީ އިށީނދެ ވާހަކަ ދައްކާލަން ތިބެން. ޢިޔާދު ދައްކާ ވާހަކަތައް އަހަރެން އަޑުއަހަން. އަދި އެކިކަންކަމުގައި އޮންނަ ރަނގަޅުގޮތް، ޢިޔާދަށް ކިޔައިދީ ދަސްކޮށްދެން. އަދި އެކަމަށް ޢިޔާދު މަރުޙަބާ ކިޔައި އަހަރެން ދައްކާ ވާހަކަ ކަނުލައި އަހައި ޤަބޫލުވެސްކުރޭ.  އޭނާއަކީ، އެހެންމީހުންނާ އެއްފަދަ، އާދައިގެ މީހެއްނޫންކަން އޭނާއަށް ވަރަށް ރަނގަޅަށް ވިސްނޭނެ. އެކަން ޤަބޫލުކުރާނެ. ރަނގަޅުމީހުންނާއި ގޯސްމީހުން ވަކިކޮށް ދެނެގަންނަން، އޭނާއަށް އެނގޭނެ. އޭގެބައެއް މީހުންނަކީ، އަދަބުވެރިކަމެއްނެތް ހަރުކަށިބައެއްކަމަށް، އޭނާދެކޭނެ. 2016 ވަނައަހަރު، އަލްޢައިން ސްކޫލުގައި ކިޔަވަންފެށިއިރު، ޢިޔާދަކީ، ވަރަށް ލަދުރަކި ކުއްޖެއް. އެހެންނަމަވެސް، އޭނާގެ ދެޓީޗަރުންކަމުގައިވާ، އުއްމު ރާމީއާއި ވަރުދާގެ ބުރަމަސައްކަތުން، އެހެންމީހުންނާ ވާހަކަދައްކައި މުޢާމަލާތުކުރާނެގޮތް އޭނާއަށްވަނީ ދަސްވެފައި.”ޢިޔާދުގެ މަންމަ ރަނާ، ދަރިފުޅާބެހޭގޮތުން ކިޔައިދީފައި ވެއެވެ.

ޢިޔާދުގެ ޙާލަތާގުޅިގެން، އެހެންމީހުންގެ އެހީއާނުލައި ދިރިނުއުޅެވޭނެކަން އެނގުނުނަމަވެސް، ޢިޔާދުގެ ތުއްތު ދުވަސްވަރުއްސުރެފެށިގެން، ދިރިއުޅުމުގައި ދިމާވެދާނެކަންކަމުން ކޮންމެވެސްމިންވަރެއް ޢިޔާދަށް ދަސްކޮށްދެވޭތޯ ރަނާ މަސައްކަތްކުރަމުން ގެންދިޔައެވެ. ޢިޔާދުގެ ތުއްތު ޢުމުރުގެ ގިނަދުވަސްތަކުގައި، އޭނާއަށް ބޭނުންވާ އެހީތެރިކަމާއި އަޅައިލުން، ދެމުން ގެންދިޔައެވެ. ޢިޔާދަށް ކޮންމެވެސް މަގެއް ފެނޭތޯ، ކަމެއް ދަސްކޮށްދެވޭތޯ ވަރުބަލިކަމެއްނެތި، އެތައްމިތަނަށްހިނގައި، ރަނާގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ.  ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް، ކިޔަވައިދޭ ސްކޫލެއްކަމުގައިވާ ”އަލްޢައިން”ގެ މަޢުލޫމާތު ރަނާއަށް ލިބުނީ އެމަސައްކަތްތަކުގެ ތެރެއިންނެވެ. އެސްކޫލުގައި ޢިޔާދު ދަސްކުރަމުންގެންދިޔައީ ކެއްކުމުގެ މަސައްކަތެވެ. 5 އަހަރުވަންދެން، އެސްކޫލުގައި ޢިޔާދު ކިޔެވިއެވެ. ކެއްކުމުގެ މަސައްކަތް ދަސްކުރުމުގައި،  ޢިޔާދު ހޯދަމުންދިޔަ ކުރިއެރުންތަކުން، ރަނާއަށް ވަރަށްބޮޑު ހިތްވަރެއް ލިބުނެވެ. ދަރިފުޅުގެ މުސްތަޤްބަލަށް އުއްމީދުތަކެއް އާވިއެވެ.

“ސްކޫލްދެކެ ވަރަށްބޮޑަށް ޢިޔާދު ލޯބިވާނެ. ފަރުވާބަހައްޓައިގެން ގަޑިޔަށް ބަރާބަރަށްދާނެ. އަދި ދުވަސްކޮޅަކަށްފަހު، އެތަނުގެ ކައްކާގެ އެހީތެރިޔެއްގެ ދަރަޖަޔަށް އޭނާވަނީ ކެއްކުމުގެ މަސައްކަތުގައި ކާމިޔާބީ ހޯދާފަ. ބަދިގެތެރޭގައި ކުރާ މަސައްކަތްތަކަކީ ޢިޔާދު، ވަރަށް ގަޔާވެގެން ކުރާހިތުންކުރާ މަސައްކަތްތަކެއް. އެންމެކުރާހިތުން ކައްކާނީ ހަނޑުލުން އުފައްދާ ނާސްތާގެ ބާވަތްތައް. ބަތްކެއްކުމާއި ތަރުކާރީ ނޮޅައިސާފުކުރަން އޭނާއަށް އެނގޭނެ. އަދި ހަވާދުގެ ބާވަތްތައްވެސް ރަނގަޅަށް އެނގޭނެ.” ޢިޔާދުގެ މަސައްކަތުގެ ހަނދާންތައް އައުކުރަމުން، ރަނާ ކިޔައިދިނެވެ.

އިސްރާއީލުގެ ޔަހޫދީސިފައިން ، ކޮންމެދުވަހަކުވެސް ، ފަލަސްތީނުގެ އަންހެނުން ރޭޕްކޮށް ، ކުޑަކުދިން މަގުމަތިން އަތުލައިގަނެ އަނިޔާކުރަމުން ގެންދޭ

ސްކޫލްގެ ތަމްރީންދޭ ބަދިގެ ހުޅުވާނީ ހެނދުނު 6 ޖަހާއިރުއެވެ. ކޮންމެދުވަހަކުވެސް، ގަޑިޔަށް ޙާޟިރުވުމަކީ، ޢިޔާދުގެ އާދައެކެވެ. ސްކޫލަށް އައުމާއެކު، ސަޕްލަޔަރުން ގެނެސް ދޮރޯށިކައިރީ ބަހައްޓާފައިހުންނަ ތަކެތި ފުރަތަމަފަންގެފިލަޔަށް، ބަދިގެޔަށް ގެންދާނެއެވެ. ޢިޔާދާއި އެހެން ދަރިވަރުންގެ މަސައްކަތުން ތައްޔާރުކުރާ ނާސްތާ، މެންދުރުވާއިރަށް ނިންމާނެއެވެ. އެއީ، ޖެރޫސަލަމްގެ 5 ސްކޫލަކަށް ސްޕްލައިކުރާ ނާސްތާއެވެ. ކޮންމެދުވަހަކުވެސް، 13 ސަތޭކަ ނާސްތާ ޕެކެޓް އެމީހުން ތައްޔާރުކުރާނެއެވެ.

2020 ވަނައަހަރުގެ މޭމަހުގެ 30 ވަނަދުވަސްވީ، ހޮނިހިރުދުވަހަކަށެވެ. ޢިޔާދު، އޭނާގެ އުފަންދުވަސް ފާހަގަކުރީ ދާދިމިދާކަށް ދުވަހުއެވެ. ޙަޔާތުގެ އައު ބާބެއްފެށުމުގެ މަތިވެރި އުއްމީދާއެކުގައެވެ. އޭގެ ދުވަސްކޮޅެއްކުރިން، ޢިޔާދުގެ ތަމްރީންތައް ފުރިހަމަކޮށް ނިމިފައިވާކަމަށް، ސްކޫލްގެ ޕްރިންސިޕަލް މަނާރު ޒަމާމިރީ ވަނީ ބުނެފައެވެ. އަދި ޢިޔާދަށް ރެސްޓޯރަންޓަކުން ވަޒީފާއެއް ހޯދައިދޭނެކަމަށްވެސް، ޕްރިންސިޕަލްވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަސްގެ ޕެންޑަމިކްގެ ނުރައްކައުތެރި ޙާލަތު ދުނިޔެއަށް ކުރިމަތިވެފައިނެތްނަމަ، ޢިޔާދު މިހާރުހުންނާނީ ވަޒީފާއެއްގައެވެ. މިބަލިމަޑުކަމުގައި އެހުރިހައި ފުރުޞަތެއްއޮތީ ބަންދުވެފައެވެ. ޚުދު، އޭނާކިޔެވި ސްކޫލުވެސް ވަނީ 2020 ގައި އައި ފުރަބަންދުގައި ހުއްޓާލައި ބަންދުކުރެވިފައެވެ. ފުރަބަންދުގެ ދުވަސްވަރު، ޢިޔާދު ކެއްކުމުގެމަސައްކަތްކުރީ، އަމިއްލަ ގޭގެ ބަދިގޭގައެވެ. އިތުރަށް އޭނާ ކުރީ ބަގީޗާހެއްދުމުގެ މަސައްކަތެވެ. އެއޯނިއަމްސް އަކީ، ޢިޔާދު ވަރަށްލޯބިން ހައްދާ ގަހެކެވެ.

އެދުވަހުގެ ހެނދުނުގެ ފުރަތަމަ ވަގުތުކޮޅެވެ. ވަރަށްފަތިހާ ޢިޔާދު ހޭލިއެވެ. އަދި، އާދައިގެމަތިން 6 ޖަހާއިރު ސްކޫލަށް ދިއުމަށްޓަކައި ހެދުންލައި ތައްޔާރުވެގެން ގެއިންނުކުތެވެ. ގެއިންނުކުތީ، އުކާލަންވެފައިހުރި ކުނިތައް ހިފައިގެންނެވެ. ޢާންމުގޮތެއްގައި، ހެދުންލުމަށްފަހު ހެދުންކިހިނެއްތޯ ޖުމާނާކުރެން އަހައިލާނެއެވެ. ޖުމާނާއަކީ، ޢިޔާދުގެ އެއް ކޮއްކޮއެވެ. މަންމަފަދައިން ސްކޫލްޓީޗަރެކެވެ. ހޮނިހިރުދުވަހަކީ، ބަންދުދުވަހެއްކަމަށްވުމާއެކު އެދުވަހު ޖުމާނާ ސްކޫލަކަށްނުދެއެވެ. ހެނދުނު އަރާމުކޮށްލަން ޖުމާނާ ބާއްވާފައި، އުނދަގޫނުކުރަންވެގެން ޢިޔާދު އެދުވަހު ސްކޫލަށްދިޔައީ އެކަންޏެވެ. ޢިޔާދުގެ މަންމަ ރަނާއާއި ޢުމުރުން 64 އަހަރުގެ ބައްޕަ ޚައިރީއާ ދެމަފިރިންތިބީ ނިދާފައެވެ. ޚައިރީއަކީ، ހިލައިން ރޭނުމުގެމަސައްކަތްކޮށް، މުސްކުޅިވުމާގުޅިގެން، މިހާރު އެމަސައްކަތުން ވަކިވެފައިވާ މީހެކެވެ.

އެންމެ ގިނަވެގެންވެސް 15 މިނިޓެއްހާއިރުން، ޢިޔާދު ކިޔަވަންދާ ސްކޫލަށް ފައިމަގުގައި ހިނގައިފައި ދެވޭނެއެވެ. ޢިޔާދު ސްކޫލަށްދާނީ، ވާދީ އަލްޖޯޒުގެ ފަޔަރ ސްޓޭޝަން ފަހަނައަޅައި، މަގުހުރަސްކޮށް ދެކުނަށްގޮސް، ލަޔަންސްގޭޓް ނުވަތަ ބާބުލްއަބްސަތަށް ދާން ހަދާފައިއޮންނަ، ހުދުހިލައިގެ އުނދަގޫ މަގަކުންލާފައެވެ. އެހެންލާފައި،  ޖެރޫސަލަމްގެ އޯލްޑްސިޓީގެ އިރުމަތީފަރާތު މައިދޮރާހަމަޔަށް ދެވޭނެއެވެ. އޯލްޑްސިޓީގެ ޚާއްޞަ ފާރާއި ބައެއްޒައިތޫނިގަސްތައް އޭނާގެ ކަނާތްފަރާތުން ފެންނަން އޮވެއެވެ. އަދި، މައިދޮރާހަމަޔަށްދެވޭއިރު، މުސްލިމުންވަޅުލާ ޤަބްރުސްތާނެއް ފެންނަން އޮވެއެވެ.

ޢާންމުގޮތެއްގައި، އިސްރާއީލުގެސިފައިންގެ އެތައްބަޔަކު އެތަނުގައި، ފޯރިމަރަން އަބަދުވެސްތިބޭނެއެވެ. އެއީ މަސްޖިދުލްއަޤްޞާގެ ގޯތިތެރެޔާ ވަރަށްކައިރި ހިސާބެއްވެސް މެއެވެ. ސިފައިންގެމީހުންނަށް އެހިސާބުން ޢިޔާދު އޮންނާނީ ކުރިންވެސް ފެނިފައެވެ. އެތަނުން އޭނާހުއްޓުވައި ފާސްކޮށްފައިވެސް އޮވެދާނެއެވެ. މަދުފަހަރަކުއެވެ. ކާކުކަން އަންގައިދޭ 3 ލިޔުމެއް، ޢިޔާދު އަތުގައި އަބަދުވެސް ބާއްވައެވެ. އޭގެތެރެއިން ދެލިޔުމަކީ، އޯޓިޒަމްއާގުޅޭ ދެލިޔުމެކެވެ. އަނެއްލިޔުމަކީ، އޭނާގެ އައިޑެންޓިޓީ ކާރޑެވެ. ޢިޔާދުގެ އެއްދައްތަ، ޑަޔާނާބުނިގޮތުގައި، ސްކޫލުގެ ފަރާތުންވަނީ، އޭނާގޮވައިގެން އެހިސާބުގެ ޕޮލިސް ސްޓޭޝަނަށްގޮސް، އެތާތިބިމީހުންނަށް ޢިޔާދު ތަޢާރުފްކޮށްދީފައެވެ. އެއީ، ފަހަރެއްގައިވެސް، އޮޅިގެންވެސް ޢިޔާދަކީ ކާކުކަން، ސިފައިންނަށް ނޭނގިއޮވެގެން ކަމެއް ދިމާވެދާނެތީއެވެ. އެހިސާބުގައި ފޯރިމަރާ ސިފައިންނަށް، އެސްކޫލަށްދާ ކުދިން، އެނގެން ޖެހޭނެއެވެ.

ލަޔަންސްގޭޓާ ހަމަޔަށް ޢިޔާދަށް އައުދެވުނުފަހުން، ދެން ހިނގައިދިޔަކަންކަމުގެ ތަރުތީބާއި ވަގުތުވަނީ ނޭނގުމެއްގެ ތެރޭގައެވެ. ޢިޔާދުގެގަޔަށް ބަޑިޖެހި ސިފައިންގެމީހާގެ ޤާނޫނީވަކީލާ ޙަވާލުކުރެވުނު ސީސީޓީވީ ފުޓޭޖްތަކަށްބަލާއިރު، ސެންޓް މޭރީސް ސްޓްރީޓުން، ޢިޔާދު ހިނގައިފައިއަންނަތަން ފެނެއެވެ. އެއީ، ޢިޔާދު ސްކޫލަށް އައިއައުމުގައި، ލަޔަންސްގޭޓުން އެތެރެޔަށް ވަނުމަށްފަހު، ސީސީޓީވީން ފެންނަ އެންމެފަހުތަންކޮޅެވެ. އޯލްޑްސިޓީއަށް ވަންނަ މައިގޭޓާ ސްކޫލާދެމެދު ހުންނާނީ ގާތްގަނޑަކަށް 150 މީޓަރެވެ. “ހަތިޔާރުއެޅި ޓެރަރިސްޓެއް” އޯލްޑްސިޓީއަށް އެދުވަހު ހެނދުނު ވަދެފައިވާކަމަށް، އެމީހުންގެ ކޮމާންޑުން މަޢުލޫމާތު ދީފައިވާކަމުގައި، އޯލްޑްސިޓީއަށް ވަންނަ މައިދޮރޯށިކައިރީ ފޯރިމަރަންތިބި، އިސްރާއީލުސިފައިން، ފަހުންދީފައިވާ ރަސްމީ ބަޔާނެއްގައި ބުނެފައިވެއެވެ. އަދި،  ދޮރޯށިން ވަދެގެން ޢިޔާދުދިއުމުން، އޭނާއަކީ އެކަމަށް ޝައްކުކުރެވުނުމީހެއްކަމުގައި ބެލެވުނު ކަމަށްވެސް ބުނެފައިވެއެވެ. ހާމަކުރެވުނު ސީސީޓީވީގެ ފުޓޭޖަށްބަލައިއިރު، އިސްރާއީލުސިފައިންތިބިހިސާބާ، އަލްޢައިން ސުކޫލާދެމެދު، މެދަކާ ހިސާބުން، ކަނާތްފަރާތަށާއި ވާތްފަރާތަށް އަދި ފަހަތަށްބަލަމުން ޢިޔާދު ހިނގައިފައި އަންނަތަން ފެނެއެވެ. ހަމައެހިނދު، ސިފައިންގެ ހަތަރުމީހުން، ޢިޔާދު ފަހައި ދުވަމުންއަންނަތަން ފެނެއެވެ. ސިފައިން އަންނަތަންފެނުމާއެކު، ހާސްވެގެން ޢިޔާދުއަށްވެސް  ދުއްވައިގަނެވެއެވެ.

ޢިޔާދުގެ މުދައްރިސް، ވަރުދާއަކީ، އެތަނުގައި ދެން ކަންހިނގައިދިޔަގޮތް ލޮލަށް ފެނުނު މީހެކެވެ.  ކަންހިނގައިދިޔަގޮތް ފެނިފައި ވަރުދާއަށް ހުރީ ޝޮކެއްލިބިފައެވެ. ހާސްވެގެން ދެލޯބޮޑުވެ ހަދާނެގޮތެއް ނޭނގިފައެވެ. ވަޒީފާގެ މަސައްކަތަށް ވަރުދާއަށް ނުކުމެވުނީ، ކައުންސެލިންގ ހޯދައި އެތައްދުވަހަކު އެކަމުގެ ހާސްކަމުގައި އުޅުމަށްފަހުގައެވެ. މަނާރުއާއި ޢީސާ އަދި ރަނާ އާއި ބިންތު ސާލިމްއާ، ވަރުދާގެ ހިތިތަޖުރިބާތައްވަނީ ގުޅިފައެވެ. ބިންތު ސާލިމަކީ، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ، ހިއުމަންރައިޓްސްއަށް ނިސްބަތްވާ މީހެކެވެ. މިމައްސަލަޔާބެހޭ ތަޙުޤީޤުގައި، 1 ޖޫން 2020 ގައި ވަރުދާވަނީ ބަޔާނެއްދީފައެވެ. އިސްރާއީލުސިފައިންގެ ލާއިންސާނީ އަދި ރަޙުމެއްނެތް އަނިޔާވެރިކަން، މިބަޔާނުގައި ފާހަގަކުރެވިފައިވެއެވެ. އަދި ޢިޔާދުގެ މަންމަ، ރަނާގާތު ކިޔައިދިންވާހަކަތައްވެސް ލިޔެފައިވެއެވެ. އިސްރާއީލުސިފައިން، ޢިޔާދަށް އަމާޒުކޮށް ބަޑިޖެހިއިރު، ވަރުދާއަށް ހުރެވުނީ ވަރަށް ގާތުގައެވެ. ވަރުދާވެސް ދިޔައީ ސްކޫލަށް ވަންނާށެވެ. ވަރުދާބުނިގޮތުގައި، އޭނާގެފަހަތުގައި ޢިޔާދު ހުރިކަމެއްނޭނގެއެވެ. ވަރުދާއަށް ފަހަތަށްއެނބުރި ކުއްލިޔަކަށް ބަލައިލެވުނެވެ. އަޑުފައްގަނޑެއް އިވި އުނދަގޫވެގެންނެވެ. ވަރުދާ ފަހަތަށް އެނބުރިލިތަނާ ޢިޔާދު، އޭނާއާ ދިމާއަށް ދުވެފައި އަންނަތަން ފެނުނެވެ. އަދި، ކުއްލިޔަކަށް ބަޑީގެ އަޑުފައްގަނޑު އިވުނެވެ.

“ވަރުދާ! ވަރުދާ! ސިފައިންނޭ! އަހަރެން މިހުރީ ވަރުދާއާއެކީއޭ!” ބިރުންގޮސް ހަލާކުވެފައިހުރެ، ޢިޔާދު ގޮވަމުން  ގެންދިޔައެވެ. އަދި، ވަރުދާވެސް، ޢިޔާދަށް ކުރިމަތިވެފައިވާ ޙާލަތުގެ ނުރައްކައުތެރިކަން އެނގި، އިސްރާއީލުސިފައިންނާ ދިމާއަށް، ވަގުތުން،”ނާކާހ” “ނާކާހ” އޭ ހަރުއަޑުން ގޮވަމުން ގެންދިޔައެވެ. އެއީ، އެމީހުން ފަހަމުން އެއަންނަނީ، ޚާއްޞައެހީއަށް ބޭނުންވާ މީހެއްކަން އަންގައި، ސިފައިންނަށް އިންޒާރު ދިނުމަށެވެ.”ނާކާހ” އަކީ ހެބްރޫ ބަހެކެވެ. މާނަޔަކީ، ”ޚާއްޞައެހީއަށް ބޭނުންވާ މީހެއް” އެވެ. ޢިޔާދުއަތުގައި އޮތީ މާސްކެކެވެ.

ކުނިއުކާލާމީހަކުވެސް އެހިސާބުގައި އުޅުނެވެ. އޭނާއަށް އެމަންޒަރު ސިފަކުރެވުމާއެކު، ކުނިއަޅާ ޑަސްބިންތައް ބަހައްޓާ ކޮޓަރިއާ ދިމާއަށް އިޝާރާތްކޮށް، އެތަން ވަރުދާއަށް ދެއްކިއެވެ. އެތަނުގައި ފުރާޅެއް ނުހުރެއެވެ. އެހެންނަމަވެސް، އެތަނަށް ވަދެ ނިވާވެވިއްޖެނަމަ، އިސްރާއީލުސިފައިން ޖަހާބަޑީގެ އުންޑައިން ސަލާމަތް ވުމުގެފުރުޞަތު ބޮޑުވާނެތީއެވެ. އަވަސްފިޔަވަޅުތަކެއްގައި ވަރުދާގޮސް އެތަނަށްވަދެ ނިވާވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި، ޢިޔާދުވެސްއައިސް، އެތަނަށްވަނެވެ. ވަނުމާއެކު، އޭނާ ބިންމައްޗަށް ވެއްޓުނެވެ.  ވަރުދާބުނިގޮތުގައި، ޢިޔާދު އައިސް ވެއްޓުނުއިރު، ހަމަގައިމުވެސް ފަޔަށް އަރައިފައިވާ ވަޒަނުން، ޒަޚަމްވެ ލޭތައްފައިބަމުން ދެއެވެ. ޙާދިސާ ހިނގިތަނާ ކައިރީގައިހުރި ފިހާރައެއްގެ ސޭޓު ބުނިގޮތުގައި، ޑަސްބިންލާފައިހުރިތަނަށް ޢިޔާދަށް ވަދެވުމުގެކުރިން، ދެފަހަރަށް، އޭނާއަށް، ބަޑީގެއަޑު އިވުނެވެ. ޢިޔާދުގެ ފަހަތުން އިސްރާއީލުސިފައިންވެސް އައިސް، އެތަނަށް ވަދެގަތެވެ. އެމީހުންގެ އަތުގައިހުރި ހަތިޔާރުހުރީ ޢިޔާދާއި ވަރުދާއާ ދިމާއަށް ދިއްކުރެވިފައެވެ. ކުނިއުކައިލާމީހާ އެއްފަރާތެއްގައި،”ގަނޑުވެފައި”ކޮޅަށް ހުއްޓެވެ.

“އެއީ، ޚާއްޞައެހީއަށް ބޭނުންވާ މީހެއް.” ވަރުދާ، ސިފައިންނާދިމާއަށް ހަޅޭއްލަވަމުން ގެންދިޔައެވެ. އިސްރާއީލު ސިފައިން އެއަޑެއް ނާހައެވެ.”ބަޑި ކޮބާ! ބަޑި ކޮބާ!”ސިފައިން، ބާރުއަޑުން ސުއާލުކުރަމުންގެންދިޔައެވެ. އެއީ، ޚާއްޞައެހީއަށް ބޭނުންވާ މީހެއްކަމާއި އޭނާގެއަތުގައި ބަޑިއެއްނެތްކަމަށް، ވަރުދާ ބުނަމުންގެންދިޔައެވެ. އޭނާގެ އައިޑީއާއި އަހަރެންގެ އައިޑީ ބަލައި ފާސްކުރާށޭ ބުނަމުންގެންދިޔައަޑެއް ސިފައިންނެއް ނާހައެވެ.

ކުޑަހިނދުކޮޅެއްގެ ތެރޭގައި، ޑަސްބިން ބަހައްޓައިފައިހުރި ތަނުގެތެރެއިން، 3 ފަހަރަށް ބަޑީގެއަޑުއިވުނެވެ. ބަޑިޖެހިސިފައިންނާއި ޢިޔާދާ ދެމެދު ދެމީޓަރުވެސް ނުހުންނާނެއެވެ. ޢިޔާދުގެގަޔަށް ވަޒަންތައްއަރައި ފުރާނަ ހަށިގަނޑާ ވަކިވިއެވެ. ވަޒަންއަރާފައިވަނީ، ޢިޔާދުގެ މެޔާއި އުނަގަނޑާ ދެމެދަށެވެ. އެތަނުގެ ތުނި ފާރަށްވެސް 3 ވަޒަންއަރައި ފާރުހަލާކުވެފައި ހުއްޓެވެ.

“ވަރަށް އަވަހަށް އާދޭ ! ޢިޔާދު ގަޔަށް ބަޑިޖަހައިފި”ސްކޫލްގެ ޕްރޮންސިޕަލް މަނާރު ޒަމާމިރީ އާ ގުޅާފައި، ވަރުދާއަށްލިބިފައިވާ ޝޮކްގައި، ހަޅޭއްލަވައިގަނެވުނެވެ. އެވަގުތުވެސް، ސިފައިންގެ އަންހެނެއްއައިސް އެތަނަށް ވަނެވެ. އަދި ބަޑިއެއްއޮތްތޯ ބެލުމަށޭބުނެ، ވަރުދާގެ ހަށިގަނޑުބަލައި ފާސްކުރިއެވެ. އެވަގުތު، ވަރުދާއަށް އޭނާގެދުވަސްވެސް ދިޔައީކަމުގައި އިޙުސާސްވިއެވެ. އަދި، ޢިޔާދު ޝަހީދުކޮށްލިގޮތަށް އޭނާވެސް މަރައިލަނީ ކަމުގައި ހީކުރެވުނެވެ.

އެމެރިކާގެ ޔަހޫދީ ސިފައިންނާއި އިސްރާއީލުގެ ޔަހޫދީ ސިފައިންނަކީ އެއްސްޓައިލަކަށް އިންސާނުންނަށް އަނިޔާ ކުރާ ބަޔެއް

އެއަށްފަހު، އެތާކައިރީގައިހުންނަ ކުޑަކުޑަ ޕޮލިސް ސްޓޭޝަނަކަށް ވަރުދާ ގެންދެވުނެވެ. އަދި ޢިޔާދުގެ ފުރާނަނެތް މަސްގަނޑު، ގަޑިއެއްހައިއިރުގެ ތެރޭގައި އެތަނުން ގެންދެވުނެވެ. ޕޮލިސް ސްޓޭޝަނަށް ގެންގޮސް، ވަރުދާގެ ޙިޖާބު ބާލުވައި، އޭނާއޮރިޔާންކޮށް، މުޅިހަށިގަނޑު އަނެއްކާވެސް ފާސްކުރެވުނެވެ. ބަޑިއެއް އޮތްތޯބެލުމަށޭ ބުނެއެވެ.”ކިހިނެއްވީ؟”ސިފައިންގެ އޮފިސަރަކު އެތަނަށް އައިސް ހެބްރޫ ބަހުން، ވަރުދާއާ ސުއާލުކުރިއެވެ.”ކަލޭމެން ތި ޝަހީދުކޮށްލީ ޚާއްޞައެހީއަށް ބޭނުންވާ މީހެއް.”ވަރުދާ ޖަވާބުދިނެވެ.”ތެދެއްތަ ތިބުނަނީ . އެހެންވިއްޔާ ތަޙުޤީޤަކަށް ދާންޖެހޭނީ”އޮފިސަރު ބުންޏެވެ.

ޕޮލިސް ސްޓޭޝަނަށް ވަރުދާގެންދިއުމުގެފަހުން، މަނާރުވަނީ، ކަންހިނގައިދިޔަގޮތް، ސްކޫލްގެ ޑިރެކްޓަރ އިއްސާމް ޖަމާލަށް ކިޔައިދީފައެވެ. އިއްސާމާއި މަނާރުއާދެމީހުންނަށް، ޕޮލިސް ސްޓޭޝަނަށްދެވުނީ 7 ޖަހާއެހައިކަށްހާއިރުއެވެ. ވަރުދާއާ ސުއާލުކުރަން ވެއްދުނުއިރު، ވަރުދާއާއެކުދާން، މަނާރުއަށް ހުއްދަލިބުނެވެ. އޭގެކުރިން، އެކަމަކު، ވަރުދާ ފުލުހަށް ގެންދިއުމުގެފަހުން، މަނާރުވަނީ ބަޑިޖެހިތަނަށް ގޮހެވެ. އޭނާއަކީ ސްކޫލްގެ ޕްރިންސިޕަލްކަމާއި ޢިޔާދަކީ އޭނާގެ ދަރިވަރެއްކަމުގައި ސިފައިންގާތު އޭނާ ބުންޏެވެ. އެހެންނަމަވެސް، އޭނާދެއްކި އެއްވެސް ވާހަކައެއްގެ އަޑުނާހައި، މަނާރު ފާރުކައިރިޔަށް އެއްފަރާތަކަށްގެންގޮސް ބެހެއްޓިކަމަށް މަނާރު ބުންޏެވެ. އެމްބިއުލެންސެއް ގެނެސްދޭތޯ ސިފައިންނަށް އާދޭސްކުރިކަމަށްވެސް މަނާރު ބުންޏެވެ. އެހެންނަމަވެސް، އިސްރާއީލުސިފައިން އެކަމަށް އަޅައެއް ނުލިއެވެ. އެންމެފަހުން، ހަދާނެގޮތް ބޮޑުވެ ގުޅައިލެވުނީ، ޢިޔާދުގެ ގެޔަށެވެ. ފޯނުނެގީ ޖުމާނާއެވެ.”މަޢާފުކުރާތި ދަރިފުޅާ ! ޢިޔާދުގެފަޔަށް ވަޒަންއަރައިފި. މިއީ ސިފައިން އަހަރެންގާތު ބުނި ވާހަކައަކީ”މަނާރަށް ބުނެވުނެވެ. އިތުރުވާހަކައެއް ދައްކާކަށް ނުކެރުނެވެ. ޢިޔާދުގެ މައިންބަފައިންނަށް، މިމެސެޖް ލިބުމުން ކަންބޮޑުވިނަމަވެސް، ވެގެންއުޅޭގޮތް ކޮންމެވެސް ވަރަކަށް ސާފުވާނެއެވެ. އަދި ދެންކުރަންވީކަމެއް އެމީހުންނަށް އެނގޭނެއެވެ. އިސްރާއީލުގެ ސިފައިން ކައިރީގައި ތިބުމާއެކު، މަނާރަށް، އެކަމާބޭހޭގޮތުން އިތުރުވާހަކައެއް ދައްކާކަށް ފުރުޞަތެއްވެސް ނެތެވެ.

ޢިޔާދުގެ މައިންބަފައިންނަށް ލަޔަންސްގޭޓާހަމަޔަށް ދެވުނުއިރު، ބަޑިޖަހައި އެމީހުންގެ ދަރިފުޅު ޝަހީދުކޮށްލައިފިކަމަށް، ސޯޝަލްމީޑިއާގައި ޚަބަރުފެތުރިއްޖެއެވެ. އެއިރު މުޅިއެހިސާބުވަނީ ބަންދުކޮށްފައެވެ. ޢިޔާދުގެ ފުރާނަނެތް ހަށިގަނޑުވެސް އެމީހުންނަކަށް ނުފެނުނެވެ. އަދި ސިފައިންނާ ވާހަކަދައްކާލާނެ ފުރުޞަތެއްވެސް ނުލިބުނެވެ.  އެންމެފަހުން، އިއްސާމުގެ އެހީގައި އެމީހުން ގެޔަށްދިޔައެވެ. ގެޔަށްދިޔައިރު، ދެންފެނުނީ އަދި މާބޮޑަށް ޙައިރާންވެ ކަންބޮޑުވި މަންޒަރެކެވެ. މުޅި އެހިސާބުގެ އެތަންމިތާ އިސްރާއީލު ސިފައިން ޖަމާވެފައިއޮތެވެ. ސަލާމަތީ ޚާއްޞަ ފައުޖުންނާއި ފުލުހުންއައީ، ޢިޔާދުގެ ތަކެތިބަލައި ފާސްކުރުމަށެވެ. ގޭގެ ހުރިހައިއެއްޗެއް އެފުށްމިފުށަށްޖަހައި މުޅިތަނަށް އުކައިގަތެވެ. އެމީހުންއައީ، ޢިޔާދުގެ ބޮލުގައި ކުށެއްގެ ތުހުމަތުއަޅުވާނެ ކޮންމެވެސް އެއްޗެއް އަތުޖެހޭތޯއެވެ. ޢިޔާދުގެ ދެދައްތަ، ޖުމާނާއާއި ޑަޔާނާފާސްކުރަން އުޅުމުން، އެކަމަށް އިންކާރު ކުރިހިނދު ބަޑީގެ މުއްގަނޑުން އެކުދިންގެ ގައިގައި ތަޅައިގަތެވެ.”ކަލޭތީ ފިރިހެނެއްނަމަ، ދުވަސް ދުއްވައިލީމުހެވެ.”ފާސްކުރަން އައި އޮފިސަރު ހަޅޭއްލަވައިގަތެވެ. އެކުދިން ސަލާމަތްކުރަން، އެދެމެދަށް ރަނާވަނުމުން، ކޮއްޕައި ތަޅުންގަނޑުމައްޗަށް ވައްޓައިލިއެވެ. ޢަރަބިބަހުގައި ބޭނުންކުރެވޭ، އެންމެ ހަޑިހުތުރު ބަސްތައް ގޮވަމުންނެވެ. ދަރިފުޅު ވަޅުލާނީ ކޮންއިރަކުންތޯ އަހައި ޢިޔާދުގެބައްޕަ ޚައިރީއަށް، އެތަނުން އެއް އޮފިސަރަކު، މަލާމާތްކުރިއެވެ. ދަރިފުޅު މަރުވެއްޖެކަން އެމީހުންނަށް މުޅިން ޔަޤީންވީ އެހިސާބުންނެވެ.

ޢިޔާދުގެ ބޮލުގައި ކުށުގެތުހުމަތެއް އެޅުވޭނެ އެއްވެސްއެއްޗެއް އެގަޔަކުން، ސިފައިންނަކަށް ނުހޯދުނެވެ. އެހެންނަމަވެސް، ހެނދުނުންފެށިގެން މެންދުރުވަންދެން، ސިފައިންގޭގައި ބައިންދައިގެން ވަރުދާއާ ސުއާލުތައް ކުރަމުންގެންދިޔައެވެ. އެއިރު، ވަރުދާގެ ޙާލަތު ވަރަށްގޯހެވެ. ހާސްވެ ގަބުކަންމަތީ އޭނާގެ ހެޔަށާއި ސިކުނޑިޔަށް އަސަރުކުރާވަރަށް ޙާލަތު ގޯސްވުމާގުޅިގެން، އޭނާ ހަސްފަތާލަށް ގެންދެވުނެވެ. އިސްރާއީލްގެ ފުލުހުންގެ ތަރުޖަމާނު، މިކީ ރޯޒަންފެލްޑް، މިއަނިޔާވެރި އަދި ހިތާމަވެރި ޙާދިސާއާގުޅިގެން ބަޔާނެއްދިނެވެ.”ފިސްތޯލައެއްކަމަށް ބެލެވޭއެއްޗެއް އޭނާގެއަތުގައި އޮތްކަމަށް ސިފައިންނަށް ޝައްކުކުރެވުނު. އޭނާ ހުއްޓުމަށް ސިފައިން އެންގި. ނުހުއްޓުމުން ފައިމަގުގައިގޮސް ފަހައިގަތް. އަދި، އޭނާފަހައިދުވުމުގައި ބަޑިޖެހި.”އެބަޔާނުގައި ވެއެވެ. އިތުރަށް، ނޫސްވެރިންކުރި އެއްވެސް ސުއާލަކަށް، ތަރުޖަމާނު، ޖަވާބެއް ނުދެއެވެ.

އިސްރާއީލްސިފައިންކުރާ ކުށް، ތަޙުޤީޤުކުރާ ފުލުހުންގެ ޔުނިޓުން، 2020 ވަނައަހަރުގެ އޮކްޓޯބަރުމަހު، މިމައްސަލައިގާ ޚަބަރަށް މަޢުލޫމާތު ދިނެވެ. ޢިޔާދު ނިޔައުވި އެޙާދިސާގައި ކުށްވެރިވާ ސިފައިންނަށް ފިޔަވަޅުއަޅާނެކަމަށް އެ މަޢުލޫމާތުގައި ވެއެވެ. އެހެންނަމަވެސް، ޢިޔާދުގެގަޔަށް ބަޑިޖެހި ސިފައިންގެމީހާގެ ނަމެއް އެމަޢުލޫމާތުގައި ހިމަނައިފައެއްނުވެއެވެ. މިމަޢުލޫމާތު ޚަބަރަށްދިނީ، ޢިޔާދުގެ ޢާއިލާގެފަރާތުން ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލު، ޚާލިދު ޒަބަރގާގެ މަސައްކަތުން، ސެޕްޓެމްބަރުމަހު އެމައްސަލަ ހައިކޯޓަށް ހުށަހެޅުމާގުޅިގެންނެވެ.”މައްސަލަ ލަސްވަމުންދަނީ އާދައިގެގޮތަކަށްނޫން. އެއީ ކަނޑައެޅިގެން ރޭވިގެން ކުރާކަމެއް.”އަދިވެސް މަޑުކުރަމުން މިގެންދަނީ ބަޑިޖެހި ސިފައިންގެމީހާގެ ފައިލް ލިބޭތޯ . އޭރަށް އެމައްސަލަ، އެންމެރަނގަޅަށް ދިރާސާކޮށް، ކުރިޔަށް ގެންދެވޭނީ”ޚާލިދު ބުނެފައިވެއެވެ.”ދައުލަތުގެވަކީލު، އަދިވެސް މަސައްކަތްކުރަމުން އެގެންދަނީ، ޢިޔާދުގަޔަށް ބަޑިޖެހި ސިފައިންގެމީހާ ކުރިކުށް ކަނޑައެޅުމުގެމަސައްކަތް. މިހާރުވެސްވަނީ، އޭގެތެރޭގައިހިމެނޭ ކޮމާންޑިންގ އޮފިސަރ ކުށްވެރިނުވާކަމަށް ކަނޑައަޅައިފައި. ބަޔާންތައްބުނާގޮތުގައި،  ބަޑިނުޖެހުމަށް ކޮމާންޑިންގ އޮފިސަރުވަނީ އަމުރުކޮށްފައި. އެހެންނަމަވެސް، ކޮމާންޑިންގ އޮފިސަރުގެއަމުރަށް ކިޔަމަންނުވެ، ސިފައިން ބަޑިޖެހީ. އެއީ އަހަރެން ނަގަންބޭނުންވާ ޗެލެންޖަކީ”ޚާލިދު ބުނެފައި ވެއެވެ.

މިމައްސަލައިގެބާވަތުން، ޖަމާޢަތުގެ މަޞްލަޙަތަށްޓަކައިވެސް، މިއަށްވުރެ ހަރުދަނާކޮށް، ތަންކޮޅެއް ޒިންމާދާރުގޮތެއްގައި މަސައްކަތްކޮށް، ކުށްވެރިޔާ ޤާނޫނުގެ ކުރިމައްޗަށް ގެންނަން، ފުލުހުން މަސައްކަތްކުރަންޖެހޭނެ”ޚާލިދު އިތުރަށް ބުނެފައިވެއެވެ. އެހެންނަމަވެސް، އެއީ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރަމުންދާ ސިފައިންނާމެދު، އިސްރާއީލް ސަރުކާރުން ޢަމަލުކުރާ ގޮތެވެ.

ފާއިތުވެދިޔަދުވަސްތަކުގައި، އިސްރާއީލުގެ ސިފައިންވަނީ، ނުރައްކަލަކަށްނުވާ، ކުށެއްނެތް އެތައްބަޔަކު، ބަޑިޖަހައި ޝަހީދުކޮށްފައެވެ. އެފަދަ މައްސަލަތަކުގައި، އިސްރާއީލުސިފައިންނަށް އެކަށީގެންވާ އަދަބުދީފައެއް ނުވެއެވެ. އެއީ ފަލަސްތީނުގެ ރައްޔިތުން ނިކަމެތިކުރުމަށްޓަކައި، ޔަހޫދީ ސިފައިންލައްވައި، އިސްރާއީލުގެވެރިންގެފަރާތުން ހިތްވަރުލިބިގެން ރާވައިގެންކުރަމުންގެންދާ ކަމެކެވެ. ފަލަސްތީނުގެ ފުރާވަރުގެ ކުއްޖެއްކަމުގައިވާ، ނަދީމް ނުވަރާއަކީ، އިސްރާއީލުގެ ސަރަޙައްދު ބަލަހައްޓާ ސިފައިންގެމީހެއްކަމުގައިވާ ބެން ޑެރީ، 2014 ވަނައަހަރު،  ބަޑިޖަހައި ކުށެއްނެތި ޝަހީދުކޮށްލައިފައިވާ ކުއްޖެކެވެ. ބެން ޑެރީގެ މައްސަލަނިމުނުގޮތް އެއީ، މިކަމުގެ ހެއްކަކަށް ފުދެއެވެ. ނަދީމްގެގަޔަށް ބަޑިޖެހި ސިފައިންގެމީހާ، ބެން ޑެރީއަށް ޙުކުމްކުރީ، އެންމެ 9 މަހަށް ޖަލަށްލުމަށެވެ. ފަހުން، އެޙުކުމްވަނީ ދެގުނަޔަށް އިތުރުކޮށްފައެވެ. އެހެންނަމަވެސް،”އަޚުލާޤު ރަނގަޅު”ކަމަށްބަލައި، އެއްއަހަރުވެސް ފުރިހަމަނުވަނިސް، އޭނާވަނީ މިނިވަންކޮށް ދޫކޮށްލާފައެވެ.

ޢިޔާދުގެ ޢާއިލާއަށް، ޢިޔާދުގެ ފުރާނަނެތް މަސްގަނޑުލިބުނީ 31 މެއި 2020 ގައެވެ. އޭނާވަޅުލެވުނީ، އުތުރު ޖެރޫސަލަމްގައި ޝާހީދުންވަޅުލުމަށް ޚާއްޞަކޮށްފައި އޮންނަ ޤަބުރުސްތާނުގައެވެ. ޢިޔާދުގެމަންމަ، ރަނާއަށްލިބުނު ހިތާމައިގާ އޭނާގެ ޙާލަތު އަދިވެސް ރަނގަޅެއްނޫނެވެ. ޤަވާޢިދުން، ތެރަޕިސްޓަކަށް ދައްކައި ފަރުވާހޯދަމުން ގެންދެއެވެ. “ޢިޔާދު، އަހަރެމެންނާ ވަކިވެގެން އެދިޔައީ ހިތާމައާއި ހިތްދަތިކަން ދޫކޮށްފަ.  އަހަރެންނަށް ޢިޔާދު ވަރަށްރަނގަޅަށް އެނގޭ. ސިފައިންނެއްކަމަކު، ޢިޔާދު ރީތިކޮށް ހުއްޓުވާފަ ސުއާލުކޮށް ހެދިނަމަ، ދުއްވައެއް ނުގަންނާނެ.”އެއީ، އިސްރާއީލު ސިފައިންގެ ނުބައިނުލަފާކަމުން، އެމީހުން ޢަމަލުކުރިގޮތުން ކުރިމަތިވި ހިތާމަވެރި ޙާދިސާއެއްކަން ސިފަކުރަމުން، ރަނާ ބުންޏެވެ.

1948 ގައި ޤައުމެއްގެ ގޮތުގައި އިސްރާއީލު އުފެއްދީއްސުރެ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާއަކީ ލިޔެ ކޮޅުންލާން އޮތްކަމެއްނޫނެވެ. އެމެރިކާގެ ދީލަތިއެހީގެ ދަށުން ހަދިޔާކުރާ، ހަނގުރާމައިގެ ޒަމާނީ ހަތިޔާރާއި ބޮން އަޅައިގެން، ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ގެދޮރާއި ހޮސްޕިޓަލްތައް ސުންނާފަތިކުރުން އެކަންޏެއްނޫނެވެ. ﷲ އަށް ވަކީލުކޮށް ދުޢާކުރުން ފިޔަވައި، އަމިއްލަ ނަފްސުގެ ރައްކައުތެރިކަމަށް ބޭނުންކުރާނެ އެއްވެސް ވަޞީލަތެއްނެތް ރައްޔިތެއްގެ މުޅި ޙަޔާތް ބަރުބާދުވެ ހަލާކުވެގެންދާނެ ހުރިހައިކަމެއް، ޔަހޫދީން ރާވައި ހިންގަމުން ގެންދެއެވެ. އެމެރިކާގެ ދީލަތި އެހީއާއި މަދަދާ ވާތްގާ އެކީގައެވެ.

ފަލަސްތީނުގެ ފުރާވަރުގެ ކުޑަކުދިން މަގުމަތިން އަތުލައިގަނެ، ޖަލަށްލައި ނަފުސާނީގޮތުން އަނިޔާދީ، ބަލިކަށިކުރަމުން ގެންދެއެވެ. ފިރިންނާއި މައިންބަފައިންކުރިމަތީ، ޅައަންހެންކުދިންގެ ޢިއްފަތްނަގައިލާ، ހިތުހުރިގޮތެއް ހަދަމުން ގެންދެއެވެ.  ފަލަސްތީނުގެ ބިމުގައި ޔަހޫދީން އާބާދުކުރުމަށްޓަކައި، ފަލަސްތީނުގެ ނިކަމެތި ރައްޔިތުން، އެބައިމީހުންގެ އަމިއްލަ ގެދޮރުން ގަދަކަމުން ނެރެ، މަގުމަތިކުރުމަކީ އިސްރާއީލުގެ ވެރިން،  ވެރިކަމުގައި ދެމިތިބުމަށް ކުރުން، ވާޖިބުވާފަދަ ކަމެކެވެ. ފަލަސްތީނުގެ ކުޑަކުދިންނާއި ޒުވާނުން، ދޮށީޢުމުރުގެ މީހުންނާއި ބަލިމީހުން މަރައި، އިންސާނީ ދަރިފަސްކޮޅެއް ނައްތައިލުމުގައި، އެންމެތަންފުކެއްވެސް ފަހަކަށް ނުޖެހެއެވެ. ޔަހޫދީންނާއި ހިންދޫންނާ އަދި ބުޑިސްޓުންގެ ފަރާތުން، މުސްލިމުންނަށް ލިބެމުންދާ އަނިޔާއަކީ، ދުނިޔޭގެ ބޮޑެތިބާރުތައް އަތްދަށުލައިގެންތިބެ، ޔަހޫދީން ކުރަމުންގެންދާ މަސައްކަތެކެވެ.

އިސްރާއީލަކީ، ޤައުމެއްގެގޮތުގައި ދެމިއޮތުމަށް ހުރިހައިގޮތަކުން އެހީވާ އެމެރިކާއަށްވެސް، މަކަރާއި އޮޅުވައިލުންތައް ހިންގަމުންގެންދާ ބަޔެކެވެ.  އެމެރިކާއިންލިބޭ ޓެކްނޮލޮޖީގެ މަޢުލޫމާތު، އެމެރިކާއަށްވަގަށް، ޗައިނާއަށްދޭކަމުގެ މަޢުލޫމާތު އެމެރިކާއަށްވެސް އޮތީ އެނގިފައެވެ.  1946 ންފެށިގެން 2020 ވަނައަހަރާހަމަޔަށް، އެމެރިކާއިން 146 ބިލިއަން ޑޮލަރުގެ އެހީދީފައިވާކަމަށް ބައެއް ހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް، މިސައިލްޑިފެންސް ސިސްޓަމްތަކުގެ އަގުހިމަނައިފިނަމަ، އެޢަދަދު 236 ބިލިއަން ޑޮލަރަށް އަރާކަމަށް ފަހުގެ މަޢުލޫމާތުތަކަކުންވަނީ ހާމަވެފައެވެ.

( މިލިޔުމަށް މަޢުލޫމާތު އެއްކޮށްފައިވަނީ، ހުޅަނގާ އަދި މެދުއިރުމައްޗާއި އިސްރާއީލުގެ ދުވަހުނޫސްތަކާއި ޓީވީ ޚަބަރުތަކުން )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.