ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބުރްކީނާ ފާސޯގައި ހަތިޔާރު އެޅި ބަޔަކު ކުޑަ އަވަށަކަށް އަރައި އެއަވަށުގެ އާއްމުންގެ 100 މީހުން މަރާލައިފިކަމަަށް އެ ގައުމުގެ ސަރުކާރު ބުނެފިއެވެ. މިއީ އެ ގައުމުގައި 2015 ވަނަ އަހަރު އަލްގާއިދާއާ ގުޅުންހުރި ހަރުކަށި ޖަމާއަތްތަކުގެ ހަމަލާތައް ފެށުނު ފަހުން ހިންގި އެންެމެ ބޮޑު ގަތުލުއާއްމެވެ.
ސަރުކާރުގެ ތަރުޖަމާނު އުސޭނީ (ޙުސައިން) ޓަމްބޫރާ ވިދާޅުވި ގޮތުގައި ނައިޖަރުގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޔަގާ ޕްރޮވިންސުގެ ސޮލްހާން އަވަށަށް ހަތިޔާރުއެޅި މީހުން އެރީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މީހުން މެރުމުގެ އިތުރަށް އެމީހުން ވަނީ ގިނަ ގެތަކެއް އަންދާލައި، ރަށުގެ މާރުކޭޓުގައިވެސް ރޯކޮށްލާފައެވެ.
ތަރުޖަމާނުގެ ބަޔާނުުގައި ހަމަލާދިން މީހުންނަކީ ޓެރަރިސްޓުން ކަމުގައި ސިފަކޮށްފައި ވާއިރު، އެބަަޔާނުގައި ބަޔާނުގައި ބުނެފައި ވަނީ އެމީހުންގެ "ޖަރީމާތަކަށް އަދަބު ނުލިބި ނުދާނެ" ކަމުގައެވެ.
"ގަސްތުގައި އެހެން ހަގީގަތެއް މީހުންނަށް ދެއްކުމަށް މަސައްކަތްކުރާ މި ބާރުތަކާ ދެކޮޅަށް އަހަރުމެން ޖެހެނީ އެކަތިގަނޑަކަށްވެ ވަރުގަަދަވާން." ރޭގައި ދެވުނު ހަމަލާއަކީ "ރަހުމް ކުޑަ" "ނުބައިކަން ބޮޑު" ހަމަލާއެއް ކަމުގައި ސިފަކުރައްވަމުން ރައީސު ރޮޗް މާކް ކްރިސްޓިއަން ކަބޯރޭ ވިދާޅުވިއެވެ. އޭނާ ވަނީ މި އަނިޔާވެރި ހަމަލާގައި ގިނަ ބަޔަކު މަރުވުމުގެ ހިތާމައިގައި 3 ދުވަހުގެ ގައުމީ ހިތާމަ އިއުލާންކޮށްފައެވެ.
ހަމަލާ އަމާޒުވި އަވަށާ 12 ކިލޯމީޓަރު ދުރުގައި އޮންނަ އަދި ޔަގާ ޕްރޮވިންސުގެ އެންމެ ބޮޑު އަވަށް ސެބާގެ ކްލިނިކަކަށް ފަރުވާ ހޯދަން ދިޔަ މީހަކު، ނަން ހާމަ ނުުކުރުމަށް އެދި، ބުނި ގޮތުގައި ޒަޚަމްވެފައިވާ ގިނަ ބަޔަކު އެ ކްލިނިކަށް ފަރުވާ ހޯދަން ދިޔައެވެ.
"އަަަހަރެން އެއް ކޮޓަރިއެއްގައި 12 މީހުން، އެހެން ކޮޓަރިއެއްގައި 10 މީހުން ތިއްބާ ދުށިން. އެމީހުންގެ ގާތްތިމާގެ ގިނަ ބަޔަކު ޒަޚަމްވެފައިވާ އެ މީހުންނަށް އަޅާލަމުން ދިޔަ. އަދި ސޮލްހާންް އަަވަށުން ސެބާ އަވަށަށް ގިނަ ބަޔަކު ދުވެފައި އަންނަ ތަންވެސް ފެނުނު. މީހުން ތިބާ ކަނބޮޑުވެ ބިރުގަނެފައި." އޭނާ ބުންޏެވެ.
ސަރުކާރުން ހިންގި އަސްކަރީ އޮޕަރޭޝަންތަކަށް ފަހު އާދައިގެ ހާލަތަކަށް އާދެވިފައިވާކަމުގެ ޔަގީންކަން ސެބާ އަވަށުގެ މީހުންނަށް ދެއްވުމަށް ޑިފެންސް މިިނިސްޓަރު ޝެރީފް ސީއާއި، އަސްކަރީ އިސް އޮފިސަރުން އެއަވަށަށް ވަޑައިގަތީ ފާއިތުވި މޭ މަހުގެ 14 ވަނަ ދުވަހުއެވެ.
ބުރްކީނާ ފާސޯގައި ހަތިޔާރުއެޅި ޖަމާއަތްތަކުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ފާއިތުވި ދެ އަހަރުގެ ތެރޭގައި 1.14 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ގޮސްފައެވެ. ފަރަންސޭސި އަދި ސަރަހައްދީ ސިފައިން އެ ގައުމުގައި ހަރަކާތްތެރިވި ނަމަވެސް އަލްގާއިދާ އަދި އިސްލާމިކް ސްޓޭޓް (އައިސިސް) އާ ގުޅުން ހުރި ޖަމާއަތްތަކުން ދޭ މި ހަމަލާތައް ހުއްޓުވިފައި ނުވެއެވެ.