ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބުރްކީނާ ފާސޯގެ އުތުރުގައި ހަރުކަށި އިސްލާމީ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 47 މީހުން މަރާލައިފިއެވެ.
އިއްޔެގެ ވަގުތެއްގައި އުތުރުގެ ސާހިލް ސަރަހައްދުގައި އޮންނަ އަރްބިންދާ އަވަށުގައި ދިން ހަމަލާ އަމާޒުކޮށްފައި ވަނީ ސިފައިންނާއި އާއްމުން ދަތުރުކުރި އުޅަނދުތަކުގެ ގާފިލާއަކަށެވެ.
"ބަދަލުކުރެވުނު ހަމަލާތަކުގައި އާއްމުންގެ 30 މީހުން މަރުވެ، 19 މީހުން ވަނި ޒަޚަމްވެފައި. ދިފާއި ބާރުގެ 14 މީހުންނާއި، ސިފައިންގެ ވޮލައިންޓިއަރުންގެ ތިން މީހުންގެ ފުރާނަ ގެއްލިފައިވޭ." ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ސިފައިން ދިން ހަަމަލާގައި ހަނގުރާމަވެރިންގެ 16 މީހުން މަރާލާފައި ވާކަމަށް ސަރުކާރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނިނަމަވެސް، ސަލާމަތީ މަސްދަރަކުން ބުނެފައި ވަނީ ސިފައިން ދިން ހަމަލާގައި ހަނގުރާމަވެރިންގެ 58 މީހުން މަރާލާފައިވާ ކަމުގައެވެ.
އަރްބިންދާއާއި ގޮރްގާޖީ އަވަށާ ދެމެދު މިހަމަލާގައި ގިނަ ބަަޔަކު މަރުވުމުގެ ހިތާމައިގައި ރައީސު ރޮޗް ކަބޯރޭ ވަނީ 3 ދުވަހުގެ ގައުމީ ހިތާމަ އިއުލާންކުރައްވާފައެވެ.
މިއީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި ދިން މިފަދަ ތިންވަނަ ހަމަލާއެވެ. މި އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ބުރްކީނާ ފާސޯއާއި ނައިޖަރު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި ދިން ހަމަލާއެއްގައި 30 މީހުން މަރާލާފައި ވެއެވެ. އޭގެ ތެރޭގައި އާއްމުންގެ 11 މީހުން ހިމެނެއެވެ. މި މަހުގެ 9 ވަނަ ދުވަހު މާލީއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ދިން ހަަމަލާއެއްގައި ސިފައިންގެ 12 މީހުން މަރުވެފައި ވެއެވެ.
އދ. ގެ އިތުރަށް، ސަރަަހައްދުގެ ގައުމުތަކާއި، ހުޅަނގުގެ ގައުމުތަކުގެ ގިނަ އަދަދެއްގެ ސިފައިން ހަނގުރާމަވެރިންނާ ދެކޮޅަށް ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، އަލްގާއިދާއާ ގުޅުން އޮންނަ ޖަމާއަތްތަކުން ހުޅަނގު އެފްރިކާގެ ބުރްކީނާ ފާސޯ، މާލީ އަދި ނައިޖަރުގައި ދޭ ހަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވަމުން ދާއިރު އެކަން ހުއްޓުވިފައި ނުވެއެވެ.
އެންމެ ފަހުގެ ހަމަލާދީފައި މިވަނީ ސާހިލް ސަރަހައްދުގައި ހަރަކާތްތެރިވާ ފަރަންސޭސި ސިފައިން 5000 އިން 2500 އަށް މަދުކުރަން ނިންމާފައި ވަނިކޮށެވެ.
2015 އިން ފެށިގެން ހަރުކަށި އިސްލާމީ ޖަމާއަތްތަކުން ހުޅަނގުު އެފްރިކާގައި ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވެފައި ވާއިރު، 2 ލައްކަ 30 ހާސް މީހުންގެ ގެެދޮރު ވަނީ ގެއްލިފައެވެ.