ބުރްކީނާ ފާސޯގައި ހަނގުރާމަވެރިން ދިން ހަމަލާއެެއްގައި އާއްމުންގެ 35 މީހުން މަރުވެއްޖެ

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބުރްކީނާ ފާސޯގެ އުތުރުގައި ހަނގުރާމަވެރި ޖަމާއަތަކުން ދިން ހަމަލާއެެއްގައި އާއްމުންގެ 35 މީހުން މަރުވެއްޖެއެެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށް ވެއެވެ.

ރައީސު ރޯޝް މާކް ކަބޯރޭ ވިދާޅުވި ގޮތުގައި މި ހަމަލާއާއެކުގައި އެ ސަރަހައްދުގައި އޮންނަ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއެއްގައި ސިފައިންގެ 7 މީހުން މަރުވެފައި ވާއިރު، ހަނގުރާމަވެރިންގެ 80 މީހުން ވަނީ މަރާލެވިފައެވެ.

"ޓެރަރިސްޓުންގެ ބޮޑު ގުރޫޕަކުން ވަނީ ސިފައިންގެ މަރުކަޒަށާއި، އަރްބިންދާގައި އާންމުން ދިިރިއުޅޭ ހިސާބަށް އެއްފަހަރާ ހަމަލާދީފައި." ސިފައިިންގެ ވެރިޔާ ނެރުއްވި ބަޔާނެއްގައި ވެއެވެ.

"ސިފައިން ކުރި ހިތްވަރުގަދަ މަސައްކަތުން 80 ޓެރަރިސްޓުން ވަނީ މަރާލެވިފައި. މި ރަހުމްކުޑަ ހަމަލާގައި 35 މީހުން މަރުވެފަައިވޭ. އޭގެ ތެރޭގައި ގިނައީ އަންހެނުން." ރައީސު ކަބޯރޭ ވިދާޅުވިއެވެ.

ސިފައިންގެ ވެރިޔާ ނެރުއްވި ބަޔާނުގައި އަސްކަރީ މަރުކަޒަށާއި، އަރްބިންދާއަށް ހަމަލާދިނީ މޮޓޯސައިކަލްތަކެއްގައި އައި 100 ވަރަކަށް ހަނގުރާމަވެރިންނެވެ. އެމީހުންގެ އަތުން ގިނަ އަދަދެއްގެ ހަތިޔާރު އަތުލައިގަނެވިފައި ވެއެވެ.

ބުރްކީނާ ފާސޯގެ އިތުރަށް މާލީއާއި، ނައިޖަރުގައި އިސްލާމްދީނުގެ ނަމުގައި ހަނގުރާމަކުރާ ހަރުކަށި ޖަމާއަތްތަކުގެ ހަމަލާތަކުގެ ސަބަބުން 2015 ވަނަ އަހަރުން ފެށިގެން އެތައް ސަތޭކަ ބަޔަކު މަރުވެފައި ވެއެވެ.

ހުޅަނގު އެފެްރިކާގައި ހަނގުރާމަވެރިންގެ ހަމަލާތައް ގިނަވެ، އެމީހުންގެ ބާރު ގަަަދަވަމުން ދާއިިރު، ނިއުޔޯކް ޓައިމްސްއިން އިއްޔެ ބުނެފައި ވަނީ ހުޅަނގު އެފްރިކާގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގެންނަން އެމެރިކާއިން ނިންމާފައިވާ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.