ޝާފިޔާގެ އެދުރު އަށި: ދަރިވަރުންނަކީ ރެސިލިއެންޓް/ކެރިހިތްވަރު ގަދަ ބަޔަކަށް ހަދާނީ ކިހިނެއް؟

މިއަދު އަޅުގަނޑުގެ ލިޔުން މި އަމާޒުކޮށްލަނީ ދުނިޔެ ދެކެމުން މިދާ ކޮވިޑް 19ގެ ދަތި ދުވަސްވަރުގައި ޚާއްޞަކޮށް އަޅުގަނޑުމެން މައިންބަފައިން އަދި މުދައްރިސުން ވެސް އެކަމަކަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ޚާއްޞަ ކަމަކާ ބެހޭގޮތުންނެވެ. އާދެ، އެއީ އަޅުގަނޑުމެންގެ ކުދިންނަކީ ދުނިޔޭގައި ދިމާވާ ކަންކަމުން ގޮތް ހުސްވެ، ހަދާނެގޮތް ބޮޑުވެ ނުތަނަވަސްކަމެއްގެ ތެރެއަށް ޣަރަޤުވެގެން ހިނގައިދާނެ ކުދިބަޔަކަށް ވިޔަނުދިނުމަށް ކުރެވިދަނެ ކަންކަމާ ބެހޭގޮތުންނެވެ. ހަމައެހެންމެ އެކުދިންނަކީ ރެސިލިއެންޓް/ކެރިހިތްވަރު ގަދަ އުދަނގޫތަކުން އަރައިގަންނަން ދަންނަ ބަޔަކަށް ހެދުމާ ބެހޭގޮތުންނެވެ. ހަޔާތަކީ އެއްވެސް މީހަކަށް އަބަދު އެއްގޮތަކަށް ކަން ހިނގާ ތަނެއް ނޫނެވެ. އެކި ދުވަހު އެކި ކަންކަން، ތަފާތު ހާލަތްތައް ދިމާވުމަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އާދައިގެ މަތިން ކަން ހިނގާ ގޮތެވެ. ކޮންމެ މީހެއްގެ ހަޔާތުގައިވެސް އުފާވެރިކަން، ހިތާމަވެރިކަން، ނުތަނަވަސްކަން، ދަތިކަން، އުދަނގޫކަން، މިހެންގޮސް ނަން ނުގަނެވޭ އެތަށް ކަމެއް ހިނގައެވެ. މި އުސޫލުން، ކޮންމެ ޢުމުރެއްގެ ދަރިވަރެއް ނަމަވެސް އެމީހުންގެ ހަޔާތުގައި ނާއުންމީދުވާންޖެހޭ ކަންކަމާއި، ނުތަނަވަސްކަމާއި، ހިތްދަތިކަން މެދުވެރިވާ ކަންކަމާއި، އުނދަގޫތަކާއި، ބުރަކަންކަމާއި، ތަފާތު ބަލިތައް ފަދަ އެތަށް ކަމަކާ ކުރިމަތިލާންޖެހެއެވެ. މިކަންކަމަށް ކުރިމަތިލުމަށް ތައްޔާރުވެފައިވާ ގާބިލު، ކެރިހިތްވަރު ހުންނަ ބަޔަކަށް ކުދިން ހަދަން ޖެހެއެވެ.

ރެސިލިއެންސް ނުވަތަ ކެރިހިތްވަރު ހުރުން، މި މަފުހޫމާ މެދު ޢިލުމީ ނަޒަރަކުން ބަލާނަމަ، މާނަކުރެވެނީ ހަޔާތުގައި ދިމާވާ އަޑި ގުޑަންތަކުގައި ދިމާވާ ކަންކަމާ މެދު ފައްސި (ޕޮޒިޓިވް) ކޮށް ވިސްނާ، ކެރި ހިތްވަރާއެކު ކުރިމަތިލާ، ކަންކަމަށް ހޭނި، އުދަނގޫތަކުން އަރަގަތުމަށް ގާބިލުވުމެވެ (މެސްޓެން އަދި ރީޑް، 2002). އެހެން ގޮތަކުން ބަލާއިރު ރެސިލިއެންސް އަކީ،  އުނދަގޫ ހާލަތްތަކުން ކާމިޔާބުކަމާއެކު، ގޮތްހުސް ނުވެ އަރައިގަތުމުގެ ހުނަރެވެ (ކައުޓް، 2002). މި ދެންނެވުނު މާނައިގައި ރެސިލިއެންސްއަކީ ސީދާ މީހާގެ ކިބައިގައި ހުންނަ ސިފައަކަށް ވުރެ ބޮޑަށް ލިބިދޭ ގާބިލުކަމެއްކަން ދޭހަވެއެވެ. މެސްޓެން އަދި ރީޑް (2002) ހާމަކުރައްވާގޮތުގައި ކުދިންނަކީ ރެސިލިއެންޓް/ ކެރިހިތްވަރު ހުންނަ ބަޔަކަށް ހެދެނީ ދަރިވަރުން ދިރިއުޅޭ މާހައުލުގައި ކުދިން ތަރުބިއްޔަތު ކުރެވޭ ގޮތްތަކުގެ ތެރެއިންނެވެ. ޚާއްޞަކޮށް އެކުދިންނަށް ދިމާވާ ދަތި އުދަނގޫ ކަންކަމުގައި ފައްސިކަމާއެކު ކުރިމަތިލުމާއި އުދަނގޫތައް ތަހައްމަލުކުރުމުގެ ގާބިލުކަން ލިބުމަށް އެހީތެރިވެދޭ ގޮތްތަކުގެ ތެރެއިންނެވެ. ހަމައެހެންމެ، ބައެއް ކަންކަމުގައި ކެރި ހިތްވަރާއެކު ކުރިމަތިލުމާއި  އެކި ހާލަތްތަކަށް ބަދަލުވެ ހޭނެންޖެހޭ ކަންކަމުގެ  ތެރެއިން ވެސް މެއެވެ. ހުރިހާ ކުދިންނަކީ ވެސް ތަބީޢީގޮތުން ގޮންޖެހުންތަކާއި ދަތި އުދަނގޫ ކަންކަމުން އަރައިގަތުމުގެ ގާބިލުކަން ހުންނަ ބައެކެވެ. ނަމަވެސް އެކުއްޖަކު އުޅެ ބޮޑުވާ މާހައުލާއި ދިމާވާ ކަންކަމާއި ތަރުބިއްޔަތުގެ ތެރެއިން ކެރިހިތްވަރުގެ ގާބިލުކަމާއި، ކެރުމުގެ ސިފަ މަޑު މަޑުން ނެތިދިއުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ މާނައަކީ ރެސިލިއެންޓް ނުވަތަ ކެރިހިތްވަރު ހުންނަ، ކުދިބަޔަކަށް ހަދަނީ ދިމާވާ ކަންކަމުގެ ތެރެއިން ކުރެވޭ ތަޖުރިބާތަކާއި ނަފުސާނީގޮތުން ދުޅަހެޔޮ އުޅުން ގުޅުންތަކުގެ ތެރެއިން ކަމެވެ.

ކުދިންގެ ކިބައިގައި ކެރިހިތްވަރު ތަރައްގީކޮށް ކުރިއެރުވުމުގެ އެންމެ އަސާސީ ދައުރެއް އަދާ ކުރާ ބަޔަކީ ބެލެނިވެރިންނާއި މުދައްރިސުންނެވެ. މިކަމަކީ ހުރިހާ ކުދިންގެ ކިބައިގައި ވެސް އަށަގަންނުވަން ޖެހޭ މުހިންމު ކަމެކެވެ. ޚާއްޞަކޮށް 21ވަނަ ގަރުނުގައި ދިމާވަމުންދާ ދިރިއުޅުމުގެ ގޮންޖެހުންތަކާއި، އިގުތިޞާދީ، އިޖުތިމާޢީ، ނަފުސާނީ އެތަށް މައްސަލަތަކެއްގެ ތެރޭގައި ބޮޑުވަމުންދާ ކުދިންނަށް އިހުނަށްވުރެ ބޮޑަށް ކެރިހިތްވަރުގެ ގާބިލުކަން ބޭނުންވެއެވެ.  ޑޭވީޑޮވް، ސްޓީވާރޓް، ރިޓޗީ، އަދި ޝައުޑީ (2010) ފާހަގަކުރައްވާގޮތުގައި ބޮޑެތިވަމުން އަންނަ ކުދިންގެ ނަފުސާނީ އަދި ސިކުނޑީގެ ދުޅަހެޔޮކަމުގެ އެންމެ ބޮޑު ބައެއް ގުޅިގެންދާ އެއްކަމަކީ ކުދިންގެ ކިބައިގައިވާ އުދަނގޫ ހާލަތްތަކާއެކު ދިރިއުޅެން ދަންނަ ކެރިހިތްވަރުގެ ގާބިލުކަމެވެ. މިތާގައި މިބަޔާންކޮށްލެވުނު ޢިލުމީ އެކި ލިޔުންތަކުން ހާމަކޮށްދޭ ކަމަކީ ކެރިހިތްވަރުގެ ގާބިލުކަމަކީ ކުދިންގެ ދިރިއުޅުމުގައި އެކި ހާލަތްތަކާއެކު ތަރައްގީކޮށް ކުރިއަރުވަން ޖެހޭ ކަމެއް ގޮތުގައެވެ.

ދުވަސްވަރަކީ މި ވާހަކަ ކޮޅަށް ވަރަށް މުނާސަބު ދުވަސްކޮޅެކެވެ. ކޮވިޑް 19ގެ މި ދަތި ދުވަސްތަކުގައި އަޅުގަނޑުމެން ކުދިންގެ މުޅި ދިރިއުޅުން މިވަނީ އެއްފުށުން އަނެއް ފުށަށް އެކީ އެކައްޗަކަށް ބަދަލުވެފައޭ ދެންނެވިޔަސް މުޅި އެކުން ދޮގަކަށް ނުވާނެއެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ވެސް ފެންނަން އޮތް ހިތި ހަޤީޤަތަކީ ކޮވިޑް 19 ގެ ނުރައްކާތެރި ހާލަތާއެކު ކުރިމަތިލާން ޖެހިފައިވާ ގިނަގުނަ ގޮންޖެހުންތަކެވެ. ޚާއްޞަކޮށް، މުޅި ދުނިޔޭގެ މަދަރުސީ ނިޒާމަށް އައި ހުއްޓުމަކީ މީގެ ކުރިން ދުވަހަކުވެސް ދުނިޔެ ދެކެފައި ނުވާ ތަޞައްވަރުކޮށްލަން ވެސް އުނދަގޫ ކަމެކެވެ. ކޮވިޑް 19 ގެ ސަބަބުން ސްކޫލުތައް ބަންދުވެ ގޭގައި ކުދިން ތިބެން ޖެހުމަކީ ދަރިވަރުންނަށް ދިމާވި ހަމައެކަނި އުދާސްކަމާއި ފޫހިކަމެއް ނޫނެވެ. ސްކޫލުތައް ބަންދުވެ ގޭގައި އުނގެނުމުގެ ކަންކަން ރާވާ، ކުޅެލަން ބޭރަށް ނުދެވި، އެކުވެރި ކުދިންނާއެކު ވާހަކަ ދައްކާ މަޖާކޮށް ނުލެވި، މުޅި އަހަރުގެ ގިނަ ދުވަސްތައް ވޭތުވެގެން މިދަނީ ގޭގެ ހަތަރުފާރުގެ ތެރޭގައެވެ. މިއިން ކޮންމެ ހާލަތެއްގައިވެސް ދަރިވަރުންގެ އުނގެނުމަށް ވެސް އަދި ނުފުސާނީ، ޖިސްމާނީ ދުޅަހެޔޮކަމަށް އެތަށް އަސަރުތަކެއް ދަނީ ކުރަމުންނެވެ. މިފަދަ ހާލަތެއްގައި ރެސިލިއެންސް/ކެރިހިތްވަރު އަށަގެންނެވުމުގެ ކަންކަމަށް ސަމާލުވުމަކީ ލާޒިމު ކަމެކެވެ. ދަރިވަރުންގެ ކިބައިގައި ކެރިހިތްވަރު ތަރައްޤީކޮށް ކުރިއެރުވުމަށް ޓަކައި ބެލެނިވެރިންނާއި މުދައްރިސުންނަށް ކުރެވިދާނެ ދެތިން ކަމަކަށް މިތާގައި އަލި އަޅުވާލާނަމެވެ.

(1) ކުދިންނާއެކު ނަފުސާނީ ކުޅުނު (އިމޯޝަނަލް ކަނެކްޝަން) ވަރުގަދަ ކުރުން: މީގެ މާނައަކީ ކުއްޖާއަށް ދިމާވާ ކަންކަމުގައި ސީދާ ވަކިން ވާހަކަ ދެކެވި އޭނާއާއެކު ލޯތްބާއި ކުޅުނުގެ ޚާއްޞަ ގާތްކަމެއް އުފައްދާ ދިމާވާ ހިތްހަމަނުޖެހުމާއި ބެހޭގޮތުން ވާހަކަ ދައްކާ ހިއްސާ ކުރުމަށް ފުރުސަތު ފަހިކޮށްދިނުމެވެ. ޚާއްޞަކޮށް މިފަދަ ގުޅުންތެރެއިން ހިތް ނުތަނަވަސްވާ ކަންކަމާއި، ގޮތްހުސްވެ ހަދާނެގޮތް ބޮޑުވާ ކަންކަމުގައި، އަދި ދިމާވާ ތަފާތު މައްސަލަތަކުގައި ހުރަހެއްނެތި ހުޅުވިގެން ހިއްސާކުރުމުގެ އާދަތައް ހަރުލެއްވުމެވެ. ހަމައެހެންމެ ދިމާވާ ތަފާތު ކަންކަން ހައްލުކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުންނާއި އަދި އެނޫންވެސް ގާތް މީހުންނާއެކު ހިއްސާކުރުމަށް ފަސް ނުޖެހުމަށް ބާރު އެޅުމެވެ.

(2) އުދަނގޫ ކަންކަމާއި ދަތިކަންތައްތަކާއި ކުރިމަތިލުމަށް ހިތްވަރު ދިނުން: މިގޮތަށް ހިތްވަރު ދޭއިރު އެންމެ އިސްކަމެއް ދޭން ޖެހޭނީ ކުއްޖާއަށް ނުރައްކައުތެރިކަމެއް ނެތް ކަންކަމުގައި ބާރު އަޅައިގެންނެވެ. ރެސިލިއެންސް/ކެރިހިތްވަރު ތަރައްގީކުރެވޭނީ ކުދިންލައްވާ އުދަނގޫ ކަންކަން ވެސް ކުރުމަށް ޖޯޝް އުފައްދާ އެފަދަ ކަންކަން ކުރުމަށް ބާރު އެޅުމުގެ ތެރެއިންނެވެ. ޚާއްޞަކޮށް ކޮންމެ ކަމެއްގައި އެންމެ ފަސޭހަ ގޮތަށް (ކޮމްފޯރޓް ޒޯން) ވުރެ އަމިއްލައަށް ކުރަން އެހާ ފަސޭހަ ނޫންކަންކަން ކުރުމަށް ހިތްވަރުދީ ބާރު އަޅައިގެންނެވެ. މިސާލަކަށް ޗެލެންޖިން/ އުދަނގޫ ތަފާތު މުބާރާތްތަކުގައި ބައިވެރިވުމާއި، އަމިއްލަ ހިތްވަރާއި މިންނަތާއެކު މަސައްކަތް ކުރަންޖެހޭ ކަންކަމުގައި ބައިވެރިވުމުގެ ރޫހު އުފެއްދުމުގެ ތެރެއިންނެވެ. ހަމަ މިބީދައިން ކާމިޔާބު ނުވެދާނެ ހެން ހީވާ ފަދަ ނުވަތަ ކުޅެން އުދަނގޫ އެކި ކުޅިވަރު ދަސްކުރުމާއި، އުދަނގޫ ކަންކަން އަމިއްލައަށް ހޯދާ ބަލާ ދެނެގަތުމަށް ބާރު އެޅުމަކީ ވެސް ކުދިންގެ ކިބައިގައި ކެރިހިތްވަރު އިތުރުވެ ކަންކަމާއި ކުރިމަތިލުމަށް ގާބިލު ކުރެވޭ ގޮތެކެވެ.

(3) ކުދިންނަށް އުދަނގޫ ކަންކަމުގައި ވަގުތުން ހައްލުކޮށްދިނުމުން ދުރުހެލިވުން: މިކަމަކީ ޚާއްޞަކޮށް ބެލެނިވެރިން އަދި މުދައްރިސުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. ކުއްޖާއަށް ކުރަން އުދަނގޫ ވާ ކޮންމެ ކަމެއްގައި ބެލެނިވެރިން ނުވަތަ މުދައްރިސުންގެ ފަރާތުން އެހީތެރިކަމަށް އެދޭ ހިނދު ސީދާ އެކަން ހައްލުކޮށްދިނުމުގެ ބަދަލުގައި އެކަން ހައްލުކުރުމަށް އެހީތެރިވެދޭ ގޮތަށް ވާހަކަ ދައްކާ ސުވާލުކޮށްގެން ކުއްޖާ ލައްވާ އެކަން ހައްލުކުރުމަކީ މުހިންމު ކަމެކެވެ.

(4) މައްސަލަ ހައްލުކުރުމަށް (ޕްރޮބްލެމް ސޯލްވިން) އުކުޅުތަކާއި ގޮތްތައް ކިޔައިދީ ތަމުރީނު ކުރުވުން: މިއީ ގޭގައި ނުވަތަ ސްކޫލުގައި ވެސް ދިމާވާ ޢާއްމު މައްސަލަތައް ހައްލުކުރުމުގައި ކަން ކުރެވިދާނެ ގޮތްތަކާއި ބޭނުންކުރެވިދާނެ އުކުޅުތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމެވެ. ހަމައެހެންމެ އެކަންކަން ޢަމަލީކޮށް ދަރިވަރުންގެ ދުވަހީ ދިރިއުޅުމުގައި ކުރުވުމެވެ. މިސާލަކަށް ސްކޫލުގެ ތެރޭގައި ދަރިވަރާމެދު ހިނގާ ނޭދެވޭ ނުވަތަ ފުރައްސާކުރުންފަދަ ކަމެއް ދިމާވާނަމަ އެކަންކަން ހައްލުކުރުމުގައި ގެންގުޅެވިދާނެ ރަނގަޅުގޮތްތައް ދަސްކޮށްދިނުމެވެ. ހަމަ މިބީދައިން ގޭތެރޭގައި ދިމާވާ ހިތްހަމަ ނުޖެހޭ އެކި އެކި ކަންކަމާއި މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާ އެކަން އެގޮތަށް ކުދިން ލައްވާ ކުރުވުމެވެ.

(5) ޖަޒުބާތުތައް ހާމަކުރަން ދަސްކޮށްދިނުން: ރުޅި، ހިތްހަމަ ނުޖެހުން، ދެރަވުން، ހިތްވަރު އެޅުން، ނުތަނަވަސް ވުން މިފަދަ ކޮންމެ ކަމަކީވެސް އެކަންކަން ހާމަކޮށް އެއާމެދު ރަނގަޅަށް މުޢާމަލާތްކުރަން ދަސްކޮށްދޭން ޖެހޭ ކަންކަމެވެ. މިގޮތުން އެފަދަ އިހުސާސްތަކާ ގުޅޭ ގޮތުން ހިއްސާކޮށް ޚިޔާލު ބަދަލުކުރުމަށް ހިތްވަރުދިނުމަކީ މުހިންމު ކަމެކެވެ.

(6) ކުރެވޭ ކުށްތަކަށް އިޢުތިރާފުވެ އެހެންމީހުންގެ ފަރާތުން ވާކަންކަމަށް ވެސް ސަމާހަތްތެރިކަމާއެކު ބަލައިގަންނަން އާދަކުރުވުން: މިއީ ކުދިން ބޮޑެތި ވަމުން އަންނައިރު ވަރަށް ޅަފަތުގައިވެސް ދަސްކޮށްދޭންޖެހޭ ކަންތައްތަކެކެވެ. އޭގެ ސަބަބުން ކުށަކީ ކޮންމެ މީހެއްގެ ފަރާތުންވެސް ވެދާނެ ކަމެއްކަން، އަމިއްލައަށް ކުރެވޭ ކޮންމެ ނޭދެވޭ ކަމަކާއެކު މުޅިން މާޔޫސް ވުމުގެ ވިސްނުން ދޫކޮށްލުމަށް އެހީތެރިވެދިނުމެވެ. ހަމައެހެންމެ ހާލަތާއެކު ކަންކަމާމެދު ފައްސިކޮށް ވިސްނުމުގެ ރޫހު އިތުރު ކުރުމެވެ.

(7) ހަޔާތުގައި ދިމާވާކަންކަމުގެ ފައްސިގޮތް ވިސްނަން އާދަކުރުވުން: ހަޔާތަކީ އަބަދުވެސް އުދަނގޫތަކާއި، ތަހައްމަލުކުރަންޖެހޭ ގިނަ ކަންތައްތަކެއް ދިމާވާނެ ތަނެއްކަން ގަބޫލުކޮށްދިނުމަކީ މުހިންމު ކަމެކެވެ. ދިރިއުޅުމަކީ އުފާވެރި ދުވަސްތަކާއި، ފަސޭހަ ދުވަސްތަކާއި، ހިތްހަމަޖެހޭ ކަންކަމާއި ހުރިހާ ވައްތަރެއްގެ ކަންކަންވެސް ހިނގާނެ ތަނެއްކަން ވިސްނާދިނުން މުހިންމެވެ. ނަމަވެސް ދިމާވާ ކޮންމެ ކަމެއްގެ ފަހަތުގައިވެސް ރަނގަޅުކަންކަން ހުންނަނެކަން، ރަނގަޅު ކުރެވިދާނެ ކަންކަން ހުންނާނެކަން، ރަނގަޅު ނުކުރެވޭނަމަ އެއާއެކު ދިރިއުޅެވިދާނެ ގޮތްތަކެއް ހޯދަންޖެހޭކަން މިފަދަ އެކި ކަންކަމާ ގުޅޭގޮތުން ކުދިންނާ ވާހަކަ ދެއްކުމަކީ ބޭނުންތެރި ކަމެކެވެ.

(8) ކެރިހިތްވަރު ހުންނަ ބައެއްގެ ނަމޫނާ ކުދިންނަށް ދެއްކުން: މުދައްރިސުންނާއި ބެލެނިވެރިންނަކީ ރެސިލިއެންޓް/ކަންކަމުގައި ކެރިހިތްވަރު ހުންނަ ކަންކަމަމާ ކުރިމަތިލާ ކަންކަމުގައި ފައްސިކޮށް ވިސްނާ ބަޔެއްކަމުގެ ނަމޫނާ ފެނުމަކީ އެފަދަ ކަންކަމަށް ގާބިލުކަން ކުދިންގެ ހިތުގައި އުފެދުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(9) ނުތަނަވަސް ކަން ދިމާވުމުން ސީދާ ކުރެވިދާނެ ބައެއްކަންކަން މަޝްވަރާކޮށް ހަރުދަނާ އުސޫލުތައް ދަސްކޮށްދިނުން: މިއީ ޚާއްޞަކޮށް ރުޅި، ހިތާމަ، ބޮޑެތި ކަންކަމުގެ ނުތަނަވަސް ކަންފަދަ ކަންކަމުގައި ސިކުނޑި ހަމަޖެއްސުމަށް ކުރެވިދާނެ ކަންކަމަށް ކުދިން އަހުލުވެރި ކުރުވާ އެގޮތަށް ޢަމަލު ކުރުވުމެވެ. މިސާލަކަށް ހިތްނުތަނަވަސްވާއިރު، ކުރެވިދާނެ ކަންކަން، ރުޅިގަދަވާއިރު ކުރެވިދާނެ ކަންކަން މިފަދަ ކަންކަމާ ސީދާ ކުރިމަތިލާނެގޮތް ޢަމަލީކޮށް ކުދިން ލައްވާ ކުރުވުމެވެ.

މިއަދުވެސް މިހުށަހަޅާލެވުނީ ކުދިންގެ ޖުމުލަ ދުޅަހެޔޮކަމާ ގުޅޭ ބޭނުންތެރި ވާހަކަ ކޮޅެއް ކަމަށް އުއްމީދު ކުރަމެވެ. ރެސިލިއެންސް/ކެރިހިތްވަރު ހުންނަ ބަޔެއްގެ ގޮތުގައި ކުދިން ތައްޔާރުކުރުމަކީ ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާއެކެވެ. މިޒަމާނަކީ މިފަދަ ގާބިލިއްޔަތަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކުދިން ތަރުބިއްޔަތު ކުރަންޖެހޭ ޒަމާނެކެވެ. ދުނިޔޭގައި މިހާރު ދިރާސާ ހެދޭ އެންމެ ގިނަ އެއްމައުޟޫޢަކީ ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމާ ބެހޭގޮތުންނެވެ. ނަފުސާނީ ދުޅަހެޔޮބަޔަކަށް ބޮޑެތި ވަމުން އަންނަ ޖީލުތައް ހެދޭނީ އެކުދިންނަކީ މުސްތަގުބަލަށް ފަހި ކެރިހިތްވަރު ގަދަ ގާބިލު ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެވިގެންނެވެ. އުއްމީދަކީ ދެވިފައިވާ ޚިޔާލުތަކަކީ ވަރަށް ޢާއްމު ޚިޔާލުތަކެއް ނަމަވެސް ކުދިން ދުޅަހެޔޮކޮށް ތަރުބިއްޔަތުކުރުމަށް އެހީތެރިވެދޭނެ ފައިދާ ހުރި ވާހަކަ ކޮޅަކަށް ވުމެވެ.


ހަވާލާދޭ ލިޔުންތައް

Masten, A. S., & Reed, M. G. J. (2002). Resilience in development. Handbook of positive psychology74, 88.

Coutu, D. L. (2002). How resilience works. Harvard business review80(5), 46-56.

Davydov, D. M., Stewart, R., Ritchie, K., & Chaudieu, I. (2010). Resilience and mental health. Clinical psychology review30(5), 479-495.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.