ޝާފިޔާގެ އެދުރު އަށި: އިންސިޑެންޓަލް ލަރނިންގ/މާ ބޮޑު ރޭވުމެއް ނެތި ހިނގާ އުނގެނުން

މިއަދު ލިޔެލަން މި ޤަޞްދުކުރާ ވާހަކަ ކޮޅަކީ ބެލެނިވެރިންނާއި މުދައްރިސުންނަށް ވެސް އެނގުން މުހިންމު އުނގެނުމާ ގުޅޭ ވާހަކަކޮޅެކެވެ. އެއީ އިންސިޑެންޓަލް ލަރނިން ނުވަތަ މާ ބޮޑު ރޭވުމެއް ނެތި ހިނގާ އުނގެނުމެވެ. ނުރަސްމީ އުނގެނުމުގެ މާނައިގައި ވެސް މިގޮތަށް ހިނގާ އުނގެނުން، ޢިލުމުވެރިން ސިފަކުރައްވައެވެ. ފާހަގަ ކުރެވޭ ކަމަކީ، އަޅުގަނޑުމެންގެ  ހަޔާތުގައި ދަސްކުރަން ނޫޅުނަސް ދަސްވަމުންދާ ވަރަށް ގިނަ ކަންކަން ކަންތައްތައް ހުންނަކަމެވެ. އަދި ވަކި ކަމެއް ދަސްކުރުމުގެ ވަކި މަޤުޞަދަކާއި ނިޔަތަކާ ނުލައި ވެސް ކަންކަން ދަސްވާ ކަމެވެ. އެހެންކަމުން އިންސިޑެންޓަލް ލަރނިންއަކީ އިންޓެންޝަނަލް (ވަކި މަޤުޞަދަކާއެކު ރޭވޭ) އުނގެނުމާ މުޅިން އިދިކޮޅަށް ހިނގާ އުނގެނުމެއް ގޮތުގައި ވެސް ސިފަކުރެވެއެވެ. އެއް ސަބަބަކީ އިންސިޑެންޓަލް ލަރނިންއަކީ އެއްވެސް ހާލެއްގައި ވަކި ގޮތަކަށް އެއްޗެއް އުނގެނުމުގެ މަޤުޞަދެއް ކަނޑައެޅިގެން ރޭވޭ އުނގެނުމެއް ނޫނެވެ. އެއާ ޚިލާފަށް އެއީ ކުރެވޭ ކަމަކުން، ދިމާވާ ކަމަކުން، ހިނގާ ކަމަކުން. ވިސްނާލެވޭ އެއްޗަކުން، ކުއްލިއަކަށް ނުވަތަ ކަމެއް ކުރުމުގެ ތެރޭގައި ހިނގާ ނުވަތަ ދެނެގަނެވޭ ކަމެކެވެ. މިގޮތަށް މާނަކުރާނަމަ އިންސިޑެންޓަލް ލަރނިންއަކީ ވަކި މަޤްޞަދަކާއި ނުލައި ނުވަތަ އުނގެނުމުގެ ނިޔަތެއް ނެތި ދިމާވާ ހާލަތެއްގައި ނުވަތަ ކަމެއްގެ ތެރޭގައި އެއްޗެއް އެނގޭ އެނގުން ކަމުގައި ބެލިދާނެއެވެ. މިގޮތަށް އުނގެނެވޭ ކަންކަން އަޅުގަނޑުމެންގެ ހަޔާތުގައި ވަރަށް ގިނައެވެ. މިސާލަކަށް ތަފާތު ބަސް ބަސް ބޭނުންކުރުން އަދި މުޖުތަމަޢުގެ ތެރޭގައި ފާހަގަކުރެވޭ ތަފާތު ސުލޫކުތަކާއި މުޢާމަލާތުކުރުމުގެ އަދަބުތައް ފަދަ ކަންކަން ވެސް ހިމެނެއެވެ. މީގެ  ފުރިހަމަ މިސާލުތަކުގެ ތެރޭގައި އެންމެ ތުއްތު އިރު ހިނގަން ދަސްވުން ފަދަ ޖިސްމާނީ ތަރައްޤީގެ ކަންތައްތައް ވެސް ފާހަގަ ކުރެވެއެވެ. މިގޮތުން އިންސިޑެންޓަލް (ރޭވުމެއްނެތި) އުނގެނެވޭ އުނގެނުމަކީ އެހެންމީހުން ކުރާ ކަންތައްތައް ފެނި، އަޑު އިވި، ކުރެވޭ ކަމަކުން، އިވޭ އަޑަކުން، ކުރެވޭ އިހްސާސަކުން، ފެންނަ ފެނުމަކުން ދިމާވާ ކަމަކުން އުނގެނެވޭ ފަރާތުގެ މާބޮޑު އުނގެނުމުގެ ނިޔަތެއް އެކަމުގައި ނުހިމެނި ހިނގާ އުނގެނުމެވެ (ހައިޑް އަދި ޖެންކިންސް، 1969). މި ބާވަތުގެ އުނގެނުމާ ގުޅޭ ގޮތުން ޒަމާނުއްސުރެ ޢިލުމުވެރިން ވާހަކަ ދައްކަވާފައިވަނީ އިންސާނުންނަށް ފުރަތަމަ އުނގެނެވޭ އުނގެނުންތައް ފެށެނީ ވަކި އަމާޒަކާ އެކު ވަކި އިރުޝާދުތަކަކާ އެކު އުނގަންނައިދިނުމެއް ރޭވިގެންނެއް ނޫން ކަމެވެ. މި ކަމުގެ އެންމެ ބޮޑު ޙަޤީޤަތަކީ ދުނިޔޭގެ ވަރަށް ގިނަ ކަންކަމާ ގުޅޭ ގޮތުން ހޯދިފައިވާ ގިނަ ހޯދުންތަކަކީ އެ ކަމެއް ހޯދުމަށް ޓަކައި ވަކި ނިޔަތަކާ އެކު ވަކި އަމާޒަކަށް ވިސްނައިގެން ހޯދިފައިވާ ހޯދުންތަކެއް ނޫންކަމެވެ. މިސާލަކަށް އަލިފާން، ގްރެވިޓީ އިލެކްޓްރިކް މިއިން ކޮންމެ އެއްޗަކީ ނުވަތަ ކަމަކީ ވަކި ގޮތަކަށް އިރުޝާދު ދެވިގެން ހިނގާފައިވާ ނުވަތަ ދެނެގަނެވިފައިވާ ކަންކަމެއް ނޫނެވެ. ވަކި ގޮތަކަށް ނުރޭވި މުހިންމު އުނގެނުންތައް އުނގެނެވޭ ކަން ހާމަކޮށް ޓްރެސްލްޓް އަދި މެއިޒަރ (1960) ފާހަގަކުރައްވަނީ އެންމެ ތުއްތު އިރު ކުދިންގެ އުނގެނުން ފުރަތަމަ ފެށެނީ އިންސިޑެންޓަލް ކޮށް ކަމަށެވެ. ހަމަ މިބުނުމާ އެކު، ކުދިންގެ ކިބައިގައި އިންސިޑެންޓަލްކޮށް އުނގެނުމުގެ ގާބިލުކަން ތުއްތު އިރު އިންތިހާއަށް ބޮޑުކަމަށް މި ޢިލުމުވެރިން އެއްބަސް ވެލައްވައެވެ. ފެންނަ ކޮންމެ ކަމެއް، އިވޭ ކޮންމެ ބަހެއް، ފަސޭހައިން ސިކުނޑީގައި ހަރުލުމާ އެކު ކުރެވޭ ކިތަންމެ އާދައިގެ ކަމެއްގެ ތެރެއިން ވެސް ކުދިންނަށް އެތައް ކަމެއް ދަސްވަމުންދާ ކަން އިސްވެދިޔަ ޢިލުމުވެރިންގެ ލިޔުއްވުންތަކުގައި ފާހަގަކުރައްވައެވެ. މިތަނުގައި ބަޔާން މި ކުރާ އެންމެ މުހިންމު ވާހަކަކޮޅަކީ ވަކި ގޮތަކަށް ނުރޭވި ނުވަތަ އިންސިޑެންޓަލްކޮށް އުނގެނުމުގެ ގާބިލިއްޔަތާއި ބާރު ތުއްތުކުދިންގެ ކިބައިގައި އެތައް ގުނައެއް އިތުރުކަމެވެ. އެހެން ކަމުން ތުއްތު އިރު ތަފާތު ކަންކަމުގެ ތެރެއަށް ކުދިން ވައްދައި، ތަފާތު ކަންކަން ތަޖުރިބާ ކުރުމަށް ފުރުސަތު ދީ ހެދުމަކީ އެ ކުދިންގެ އުނގެނުމުގެ ގާބިލުކަން އިތުރު ކުރެވޭނެ ގޮތެކެވެ. 1960 ގެ އަހަރުތަކުގެ ތެރޭގައި ޓްރެސްލްޓް އަދި މެއިޒަރ ހައްދަވާފައިވާ ދިރާސާގައި ހާމަކުރައްވާފައިވާ ގޮތުގައި، ވަކި ގޮތަކަށް އުނގެނުން ނުރޭވި ނަމަވެސް ތުއްތުކުދިންގެ ސިކުނޑި ހުޅުވޭފަދަ ގޮތަށް، ކަންކަމަށް ވިސްނުމަށް މަގުފަހިވާ ފަދަ ކަންކަން ކުރުމަށް ފުރުސަތު ލިބޭނަމަ، އަދި ތަފާތު ބާވަތްތަކުގެ ކަންކަމުގެ ތެރެއަށް ވަނުމަށް ކުދިންނަށް ފުރުސަތު ދެވޭނަމަ، އެކި ބާވަތުގެ ތަޖުރިބާއަށް މަގުފަހިކޮށްދޭނަމަ އިންސިޑެންޓަލްކޮށް ތުއްތު ކުދިންނަށް އެތައް ކަމެއް އުނގެނެވޭނެއެވެ.

މިހާ ހިސާބުން އަޅުގަނޑު ކުރިން އިޝާރާތް ކުރިފަދައިން އިންސިޑެންޓަލްކޮށް އުނގެނެވުމަކީ އިންޓެންޝަނަލްކޮށް (ވަކި ގޮތަކަށް މަޤްޞަދަކާ އެކު ރޭވޭ) ގޮތާއި މުޅިން އިދިކޮޅުކޮށް މާނަ ކުރެވޭ ކަމެކެވެ. އިންޓެންޝަނަލް (ވަކި މަޤްޞަދަކާއި ނިޔަތަކާއެކު) ރޭވޭ އުނގެނުމަކީ ޢާއްމުކޮށް ސްކޫލު ކުލާސްރޫމުގެ ތެރޭގައި މުދައްރިސު ކަނޑައަޅާ ވަކި މަޤުޞަދެއް ހާޞިލުކުރުމަށް ޚާއްޞަގޮތަކަށް ރޭވޭ އުނގެނުމުގެ ގޮތެކެވެ. ނަމަވެސް އެއާއި ޚިލާފަށް އިންސިޑެންޓަލް އުނގެނުމަކީ މުދައްރިސުގެ މާބޮޑު ރޯލެއް އެކަމުގައި އޮންނަ އަދި ވަކި މަޤުޞަދަކާއެކު ގެންދެވޭ ކަމެއް ނޫނެވެ. މިސާލަކަށް ބޭރު ގައުމެއްގައި އުޅޭ އިރު އެ ތަނެއްގައި މީހުން ވާހަކަ ދައްކާ ބަހުރުވަ ވަރަށް ފަސޭހައިން އަޑު އިވި ބަސްތައް ސިކުޑިއަށް ނަގައިގަނެވި އުނގެނެވެމުން ދަނީ އެ ބަސް ދަސްކުރުމުގެ މާ ބޮޑު ނިޔަތަކާ އެކު އުނގެނުމުގެ މަޤުޞަދަކާ އެކު ކުރެވޭ ކަމެއް ގޮތަކަށެއް ނޫނެވެ.

އިންސިޑެންޓަލްކޮށް އުނގެނެވޭ ގޮތަށް ކުލާސްރޫމުގެ ކަންކަން ރާވާނީ ކިހިނެއް؟

ކުލާހެއްގެ ކިޔަވައިދިނުން ރާވާއިރު އެތަނެއްގައި އިންސިޑެންޓަލްކޮށް އުނގެނެވޭ ފަދަ މާހައުލެއް ބިނާކުރުމަކީ ދަރިވަރުންގެ އުނގެނުން އިތުރު ކުރުމަށް ކުރެވިދާނެ ކަމެކެވެ. މިގޮތުން ކުލާހުގައި ގެންގުޅެވޭ ތަކެއްޗަކީ ސީދާސީދާ އުނގެނުން ވަކިގޮތަކަށް ގެންދިއުމުގެ މަޤުޞަދުގައި ނޫން ގޮތްގޮތަށް ވެސް ދަރިވަރުންގެ ބައިވެރިވުމާއި ޝައުގުވެރިކަން އެއަށް ލިބޭފަދަ ތަކެއްޗަށް ހެދިދާނެއެވެ. މި ކަމުން ހާސިލުވާނެކަމަކީ އެ ތަކެތީގައި އަތްލައި، އެ ފެނި، އެ ތަކެއްޗާ ބެހޭގޮތުން ވިސްނައި، އެ ކިކަންކަމުގެ ތެރެއަށް ލޯހުޅުވުމަށް ފުރުޞަތު ލިބުމެވެ. މިސާލަކަށް ކުލާހުގައި ތަފާތު ގޭމްތައް ރޭވުން، ޓްރެޝަރ ހަންޓް ފަދަ ދަރިވަރުން ޝައުޤުވެރިވާ ފަދަ މަސައްކަތްތައް ރޭވުން، ހުޅުވިފައިވާ ތަފާތު ތަބީޢީ މާހައުލުތައް ފަދަ ތަންތަނަށް ގެންދިއުން، ދިރޭ ތަކެއްޗާއި ގަސްގަހާގެހީގެ އެކި ބާވަތްތަކުގެ ތެރޭގައި ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުން، ދަރިވަރުންނަށް އުނގެނުން މުހިންމުވާ ތަފާތު އާ ބަސްތައް/ލަފުޒުތައް ބޭނުންކުރެވޭ ފަދަ ވާހަކަތަކާއި، ފިލުމުތައް ބެލުންފަދަ ކަންކަން ފަހިކުރުން، އެކި ފާޑުގެ މަސައްކަތްތަކާއި ކުޅިވަރުތަކުގެ ތެރެއަށް ދަރިވަރުން ވެއްދުން، ތަފާތު ވައްތަރުގެ ގިނަ ކަންކަމުގެ ތެރެއަށް ދަރިވަރުންނަށް ވަނުމަށް ފުރުސަތު ދިނުން، މި ނޫނަސް އެތައް ކަމެއް ވަކި ޚާއްޞަ އެއްޗެއް އުނގެނުމަށް ނުފެތޭ ނުވަތަ ނުރޭވޭ ގޮތަށް ހަމަޖެއްސޭނެ ކަންތައްތައް ހުރެއެވެ. މިދެންނެވުނު ކަންތައްތަކުގެ ތެރޭގައި ދަރިވަރުން ވަގުތު ހޭދަކުރަމުން ދާއިރު އިންސިޑެންޓަލްކޮށް އެތައް ކަމެއް ދެނެގަނެވި، އުނގެނެވެމުން ދާނެއެވެ. މިފަދަ މިސާލަކަށް ބަލާއިރު ތަފާތު ގަސްތައް ހުންނަ ބަގީޗާ ފަދަ ތަންތަނަށް ގެންދިއުމުން ދަރިވަރުންނަށް އެ ތަންތާގައި އުޅޭ ދިރޭ ތަކެއްޗާއި ފަނިފަކުސަ، ހިނި، މެހި، ކުދި ކުދި ދިރޭތަކެތި އުޅޭ ގޮތް ފެނި އެ ތަކެއްޗާ ގުޅޭ ގޮތުން އެތައް ކަމެއް، ޚާއްޞަ އުނގެނުމެއް ނުރޭވިޔަސް ދަސްވާނެއެވެ.

އުނގެނުން ރޭވުން ރަނގަޅީ އިންސިޑެންޓަލްކޮށް ހޭ ނުވަތަ އިންޓެންޝަނަލްކޮށް ހެއްޔެވެ؟

މިސުވާލުގެ ޖަވާބަކީ އަސްލު މި ދެ ބާވަތަކީ ވެސް ދަރިވަރުންގެ އުނގެނުމަށް މުހިންމު ދެ ބާވަތެއްކަމަށް ނިންމުމެވެ. މިއިން ކޮންމެ ބާވަތެއްގެ އުނގެނުން ވެސް އޮންނަނީ އަނެއް ބާވަތުގެ އުނގެނުމާ ނުހަނު ބޮޑަށް ގުޅިލާމެހިފައެވެ. މާނައަކީ ވަކި މަޤްޞަދަކާ އެކު ރޭވޭ އުނގެނުމެއްގައި ވެސް ގިނަ ކަންތައްތަކެއް އިންސިޑެންޓަލްކޮށް އުނގެނުމަށް ފަހިވާ ގޮތަށް ހުރެދާނެއެވެ. ހަމައެހެންމެ، އިންސިޑެންޓަލްކޮށް އުނގެނެވޭ ފަދަ މާހައުލެއްގައި ތަފާތު އުނގެނުމުގެ މަޤުޞަދުތަކާ ގުޅޭ ކަންކަން ފަހިވާ ފަދަ ގޮތަކަށް ފަރުމާކުރެވިދާނެއެވެ. މީގެ މިސާލަކީ ދަރިވަރުން ޝައުޤުވެރިވާ ފަދަ ގޭމެއް ކުލާހުގައި ގެންދާއިރު އޭގެ ތެރެއިން އެތައް ކަމެއް އިންސިޑެންޓަލްކޮށް އުނގެނުމަށް އެހީތެރިވާނެ ފަދަ ގޮތަކަށް ގެންދިއުމެވެ.

މި ހުށަހަޅާލެވުނު ވާހަކަކޮޅަކީ އުނގެނުން ރާވާއިރު ސަމާލުކަން ދެވިދާނެ އުނގެނުމުގެ ގޮތެކެވެ. ވަކި ގޮތަކަށް ނުރޭވި އުނގެނެވޭ ގޮތަށް ކަންކަން ހަމަޖެހިފައި ހުރުމަކީ ވެސް ދަރިވަރުންގެ އުނގެނުމުގެ ގާބިލުކަމާއި ޝައުޤު އިތުރުކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން ދަރިވަރުންގެ އާންމު ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކުން ވެސް އުނގެނުމުގެ ފަހި ތަޖުރިބާތަކަކަށް މަގު ހުޅުވިގެންދާނެއެވެ. މިފަދަ ކަންކަމާ ބެހޭގޮތުން ލިޔުމުގެ މައިގަނޑު ބޭނުމަކީ މުދައްރިސުންގެ ޚިޔާލު އެކި ބާވަތުގެ އުނގެނުމުގެ ގޮތްތަކަށް ލޯހުޅުވުމަށް ފުރުސަތު ލިބިދިނުމާ އެކު އުނގަންނައިދިނުން ގެންދެވޭ ގޮތާ މެދު ރިވެލިކޮށްލަން ފުރުސަތު ފަހިކޮށްދިނުމުވެ. އުއްމީދަކީ މިފަދަ ކޮންމެ ވާހަކަކޮޅަކުން ވެސް އުނގެނުމާއި އުނގަންނާދިނުން ހަރުދަނާ ކުރުމަށް ބޭނުންތެރި ޚިޔާލެއް ފޯރުކޮށްދިނުމެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

2 ޚިޔާލު

  1. ޝުކުރިއްޔާ ޑޮކްޓަރ ޝާފިއާ. އަޅުގަނޑުމެންގެ ގްރޫޕް އިންތިޒާރުގައި ތިބޭތާ ވަރަށް ގިނަ އިރު ވެއްޖެއެވެ. މިއީ ކޮންމެ ހުކުރު ދުވަހެއްގެ އެއްމެ މުހިއްމު ލިޔުމެވެ. ސަޅި.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.