އިޒުރޭލުގެ ވައިގެ ސިފައިން ޣައްޒާގެ މިސްކިތަކަށް ދިން ހަމަލާއެއްގައި ނަމާދަށް ތިބި 50 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
އަރަބި މީޑިއާތަކުން ބުނި ގޮތުގައި އިޒުރޭލުގެ މަތިންދާބޯޓުތަކުން ޣައްޒާގެ މެދުތެރޭގެ ރަށެއް ކަމުގައިވާ ޞަބްރާގައި ހުންނަ މިސްކިތަކަށް ބޮން އެޅި އިރު މިސްކިތުގައި އަޅުކަން ކުރަން ގިނަ ދަދަދެއްގެ މީހުން ތިއްބެވެ. އޭގެތެރެއިން 50 މީހުން ޝަހީދުވެގެން ދިޔައިރު 100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒުރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 55 އަށް ވުރެ ގިނަ މިސްކިތް މުޅިން ހަލާކުވެފައިވެފައިވެއެވެ. އަދި 139 މިސްކިތަކަށް ގެއްލުން ދީފައިވެއެވެ.
އިޒުރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ބޮން އަޅައި ހަނގުރާމަ ފެށިތާ 40 ދުވަސް ވެފައިވާއިރު މިހާތަނަށް ފަލަސްތީނުގެ 11،500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 25،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
އިޒުރޭލުގެ ސިފައިން ޣައްޒާގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ރެފިއުޖީ ކޭމްޕްތަކަށް ވެސް ބޮން އަޅައި ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރަމުން އެބަގެންދެއެވެ. ހުޅަނގު އައްސޭރިއާއި ޚާން ޔޫނިސް އާއި އެހެނިހެން ސަރަހައްދުތަކުގައި އިޒުރޭލު ސިފައިން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާ ކުރަމުންނެވެ.