ރާއްޖެއިން ބޭރަށް ދާ މީހުންނަށް ދިމާވާ އެންމެ ބޮޑު އެއް ކަމަކީ މަގު އޮޅުމެވެ. ބޭރުގެ ގިނަ ރަށްރަށަކީ މާލެހެން ކުދިކުދި ކޮށި ތަކަށް ބަހާފައި ހުންނަ ރަށްރަށް ނޫން ކަމަށް އެ ރަށްރަށަށް ގޮސްފައި އަންނަ މީހުން ބުނެއެވެ.
އަޅުގަނޑަށް ވެސް އިންޑިއާގެ މަދަރާސީގައި މަގު އޮޅުނެވެ. އަޅުގަނޑާއި، އަޅުގަނޑުގެ ބޭބެއާ ދެ މީހުން އެއް ދުވަހަކު ހަސްފަތާލަށް ގޮސްފައި އައި މަގުމަތީގައި ބައިސްކޯފުގެއެއްގައި މަޝްހޫރު ފިލްމު "ޝޯލޭ" އަޅުވާފައި އޮއްވާ ފެނިއްޖެއެވެ. އެހެންވީމާ އެ ފިލްމު ބަލައިލާން ދާ ހިތް ވެއްޖެއެވެ. އަޅުގަނޑުމެން ހޮޓަލަށް އައީ، ހޮޓަލުގެ ހުޅަނގު ފަރާތުގައި އޮންނަ ހުރަސް މަގަކުން ނުކުމެގެންނެވެ. އެ ބައިސްކޯފުގެއިން ހޮޓަލާ ހަމައަށް އަންނާން ހޭދަވީ އެންމެ ހަތަރު މިނިޓު އިރެވެ. އެއީ ކުރޮޅިއެއްގައެވެ.
އަޅުގަނޑުމެން ގަސްތު ކުރީ މެންދުރު ކައިގެން، ކުޑަކޮށް އަރާމު ކޮށްލުމަށް ފަހު ބައިސްކޯފަށް ދާން ނުކުންނާށެވެ. ޝޯ ފެށެނީ ދޭއް ޖަހާ އިރުއެވެ. އެހެންވީމާ ހޮޓަލުން ނުކުތީ ދޭއް ޖަހަން ދިހަ މިނިޓަށް ވީމައެވެ.
ހޮޓަލުން ނުކުމެފައި ބޭބެ ކިޔައިފިއެވެ.
"އިރުމަތީ ފަރާތުގައި އެ އޮތް ހުރަސް މަގުން ދާން ހިނގާށެވެ." ބޭބެ މިހެން ބުނީ ހޮޓަލާ ކައިރީ އެ ފަރާތު މަގު ކަމުގައި ވާތީއެވެ.
ހުޅަނގު ފަރާތުގައި އޮތް މަގުން ގޮސް އެ މަގަށް ނުކުމެވޭ ކަމަށް ވަންޏާ، އިރުމަތީ ފަރާތުގައި އޮތް މަގުން ދިޔައީމާ ވެސް އެ މަގަށް ނުކުމެވޭނެއެއް ނޫންތޯއެވެ؟
އެކަމަކު ކަންތައް ވީ އެހެންނެއް ނޫނެވެ. އެ މަގުން ހިނގާހިނގާ ވަރުބަލިވީ އިރުވެސް މައި މަގަކަށް ނުނުކުމެވުނެވެ. ހަމަ އެކަނި އެއެއް ނޫނެވެ. ހިނގަމުން ގޮސް ފަގީރުން އުޅޭ އަވަށްގަނޑަކަށް ނުކުމެވުނު އިރުވެސް ދެ ފަރާތުން ކުރެ ފަރާތަކުން ގޯޅިއެއްވެސް ނުފެނުނެވެ.
ހަވީރު ހަތަރެއް ޖެހީމާ އެ ހިސާބުން ކުރޮޅިއެއްގައި ހޮޓަލަށް އައީއެވެ. އެ ދުވަހު އައީ ބައިސްކޯފަށް ގޮސްފައި ނޫން ކަމެއް އަދިވެސް އެހެން މީހަކަށް ނޭނގޭނެއެވެ.
ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ދިޔަ މީހަކަށް ދިމާވީ ކަމެއްގެ ވާހަކަ އަދިވެސް ދަންނަވައިލާނަމެވެ. އެ މީހާވެސް ހިނގަމުން ދަނިކޮށް މަގު އޮޅި، ވާ ވަނީއެވެ. ދެވޭ ނުދެވޭ ތަނެއް ނޭނގި ވަރަށް ދުރަށް ދެވިއްޖެއެވެ. އެ ރަށު މީހުން ވާހަކަ ދައްކާ ބަސް ނޭނގޭތީ މީހަކާ ސުވާލު ކުރިޔަސް އަލި މަގެއް ފެންނަ ގޮތެއް ނުވެއެވެ.
އެންމެ ފަހުން އެކި މީސް މީހުންނާ ސުވާލު ކުރަމުން ދަނިކޮށް އިނގިރޭސި ބަސް ދަންނަ މީހަކާ ދިމާ ވެއްޖެއެވެ.
އޭނާޔާ ސުވާލު ކޮށްލިއެވެ.
"އެންމެ އަވަހަށް ބްލޫ ޑައިމަންޑް ހޮޓަލަށް ދެވޭނެ ގޮތަކީ ކޮބާ؟"
އެ މީހާ އަހައިލިއެވެ.
"ކަލޭ ދަނީ ހިނގާފައިތަ؟ ނޫނީ ދުއްވާ އެއްޗެއްގައިތަ؟"
"ދުއްވާ އެއްޗެއްގައި."
އެމީހާ ބުންޏެވެ.
"ތިޔަ ދަނީ ރަނގަޅަށް. އެންމެ އަވަހަށް ދެވޭނީ ދުއްވާ އެއްޗެއްގައި ދިޔައީމާ!"