ރޯދަމަޖާ: ދަތްއަޅާތަ؟

ރަޖާ

ރޯދަ މަހުގެ ހަވީރުގެ ވަގުތެއްގައި މީހަކު ފިހާރައަކަށް ވަދެފައި ބުނެލިއެވެ.

"ކަދުރުގަނޑުގެ މަތީގައި މި އޮތް ރަޖާ ގަނޑު ނިކަން ނަގާބަލަ- ކަދުރުގަނޑު ރަނގަޅަށް ފެންނާނީ އޭރުންނެއްނު-؟"

ފިހާރައިގެ ސޭޓު ބުންޏެވެ.

"އެއީ ރަޖައެއް ނޫން- އެއީ މެހި ބައިގަނޑެއް-"

ހިނގުން

އަޙްމަދުގެ ފައި ބިންދައިގެން ގޮސްގެން ހަސްފަތާލަށް ދިޔައީމާ ދަގަނޑު ބޭސް އަޅައިފިއެވެ. އޭގެ އަހަރެއްހައި ދުވަސް ފަހުން އަޙްމަދާ ރައްޓެއްސަކާ ބައްދަލު ވެއްޖެއެވެ.

ރަޙްމަތްތެރިޔާ ސުވާލު ކޮށްލިއެވެ. "މިހާރު ފައި ކިހިނެއް-؟"

އަޙްމަދު ޖަވާބު ދިނެވެ. "މިހާރު ރަނގަޅު- ހިނގަން ފެށިތާ މިހާރު ހައެއްކަ މަސް ދުވަސް ވެދާނެ-"

ރަޙްމަތްތެރިޔާ ޙައިރާން ވެފައި އަހައިލިއެވެ. "ހަ މަސް ދުވަސް ވާންދެން ހިނގި އިރު ހަމަ ވަރުބައްޔެއް ނުވޭތަ-؟"

ދަތްއަޅާތަ؟

ދެތިން މީހަކު މަގު ހުރަސް ކުރަން އޮންނަ ކަފިހި ހުރަސް ކައިރީގައި ތިއްބެވެ. އެ މީހުން ތިބީ ފެހި ބޮކި ދިއްލޭނޭ ވަގުތެއްގެ އިންތިޒާރުގައެވެ. އެ ތަނުން އެކެއްގެ ފައި ކައިރީގައި ބުޅަލެއްވެސް އޮތެވެ.

އިރުކޮޅަކު އެހެން ތިބެފައި އެކަކު އޭނާޔާ ޖެހިގެން ހުރި މީހާ ކުރެން އަހައިލިއެވެ.

"ކަލޭގެ ބުޅާ ދަތް އަޅާތަ-؟"

އެ މީހާ ބުންޏެވެ.

"ނާޅާނެ-"

ސުވާލު ކުރި މީހާ އެ ބުޅަލުގެ ބޮލުގައި ފިރުމައިލުމާއެކު އެ ސޮރު އޭނާގެ އަތުގައި ދަތް އަޅައިފިއެވެ. އެ މީހާ އަރައިގަތް ރުޅީގައި ޖެހިގެން ހުރި މީހާޔާ ދިމާއަށް ހަޅޭއް ލަވައިގަތެވެ.

"ކަލޭގެ ބުޅާ ދަތެއް ނާޅާނެއޭ ދެންމެ ބުނީމެއްނު-؟"

އެ މީހާ ހަމަ ޖެހިލާފައި ޖަވާބު ދިނެވެ.

"އާނ- ބުނިން- ތިޔައީ އަހަރެންގެ ބުޅަލެއް ނޫން-"

ވާހަކަ ދެއްކުން

ރޭލެއްގައި ތިބި ދެ މީހުންނެވެ. އެކަކު އަނެކަކާ ދިމާއަށް އިރު އިރުކޮޅާ ބަލައިލައެވެ. ދެ މީހުން ތިބީ އެކަކު އަނެކަކަށް ކުރިމަތިވާ ގޮތަށް ހުރި ދެ ގޮނޑީގައެވެ. މިހެން އިރުކޮޅަކު ތިބެފައި އެކަކު އެބަ ބުނެއެވެ.

"ވަރަށް ބޮޑަށް މަޢާފް ކުރައްވާ- އަޅުގަނޑު ކުޑަކޮށް ބީރު ވާނެ- އަޅުގަނޑާ ވާހަކަ ދައްކަވާތާ ވަރަށް ގިނަ އިރު ވެއްޖެއެއް ނޫންތޯ-؟ އަޅުގަނޑު އަނގައިން ނުބުނެ މި ހުންނަނީ ހަމަ އަޑު ނީވޭތީ-"

އަނެއް މީހާ ކުޑަކޮށް ނުރުހުން ވެފައި ބުންޏެވެ. "އަހަރެން ވާހަކައެއް ނުދައްކަން- އަހަރެން ޗުވިންގ ގަމް ކަނީ-"

ގަޑި ބުނެދިނުން

ރޭލު އިސްޓޭޝަނުގައި ތިބި ދެ މީހުންނެވެ. އެކަކު ސުވާލު ކޮށްލިއެވެ.

"ގަޑިން ކިހައި އިރެއް ވެއްޖެ-؟"

އަނެއް މީހާ ބުންޏެވެ. "ޖަހައި ފަހެއް ހިނގައިފި-"

ސުވާލު ކުރި މީހާ ތުން އަނބުރާލާފައި ދުރަށް ހިނގައްޖެއެވެ. ކުޑަ އިރުކޮޅެއް ކޮށްފައި އަނެއްކާވެސް އައިސް އަހައިފިއެވެ. "ގަޑިން ކިހައި އިރެއް ވެއްޖެ-؟"

އެ މީހާ ޖަވާބު ދިނެވެ. "ޖަހައި ފަނަރަ ހިނގައިފި-"

ސުވާލު ކުރިމީހާ ނުރުހުން ވެފައިމެ އެއްވެސް އެއްޗެކޭ ނުބުނެ ދުރަށް ހިނގައްޖެއެވެ. ކުޑަ އިރުކޮޅަކަށް ފަހު އަނެއްކާވެސް އައިސް އަހައިފިއެވެ. "ގަޑިން ކިހައި އިރެއް ވެއްޖެ-؟"

އެ މީހާ ޖަވާބު ދިނެވެ. "ޖަހައި ވިހި ހިނގައިފި-"

މި ފަހަރު އޭނާއަކަށް ރުޅިގަނޑު މައިތިރިއެއް ނުކުރެވުނެވެ. ވަރަށް ބޮޑަށް ރުޅި އައިސްފައި ބުންޏެވެ. "ތިޔަ ކުރަނީ ކޮން ޖެއްސުމެއް-؟ ގަޑިން ވީ އިރެއް ބުނަން ބޭނުން ނޫނިއްޔާ ނުބުނީމާ އެވީނު- ޖެއްސުން ކުރާނޭ ކަމެއް ނެތެއްނު- އަހާ އިރަށް ޖަހައި މިވެނި ވަރެއް ހިނގައިފިއޭ އެބަ ބުނޭ- ޖަހައިގެން އުޅެނީ ކިތަކެއް ކަމެއް ނުބުނޭ-"

އެ މީހާ މަޑު މައިތިރިކަމާއެކު ބުނެލިއެވެ. "ޖަހައިގެން އުޅެނީ ކިތަކެއް ކަމެއް އަހަންނަކަށްވެސް ނޭނގޭ- މި ގަޑިއަކު ކުޑަ ކަށްޓެއް ނެތް-!"

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.