ރޯދަ މަޖާ: ޓައީގެ އަގު

ޓައީގެ އަގު

މީހަކު ފިހާރައަކަށް ވަދެފައި އަހައިލިއެވެ. "ސޭޓާ. މި ޓައީ ވިއްކަނީ ކިހައި ވަރަކަށް؟]

ސޭޓު ބުންޏެވެ. "އަށް ސަތޭކަ ރުފިޔާއަށް."

އެމީހާ ނުރުހުންވެފައި ބުންޏެވެ. "ހާދަހާ އަގު ބޮޑޭ. މިހިރަ މޮޅު ބޫޓުވެސް ތިޔަ ވިއްކަނީ މާ އަގު ހެޔޮކޮށް. އެންމެ ހަތަރު ސަތޭކަ ރުފިޔާއަށް."

ސޭޓު ބުންޏެވެ. "އެހެން ވެއްޖެއްޔާ ބޫޓު ގަނެގެން ކަރުގައި އަޅުވަންވީނު؟"

މަރުގެ ޙުކުމް

ފަނޑިޔާރު: ކަލޭގެ މައްޗަށް ގަސްތުގައި މީހަކު މެރިކަން ސާބިތުވެއްޖެ. އެހެންވީމާ އަހަރެން ކަލޭގެ މައްޗަށް މި ކުރީ މަރުގެ ޙުކުމް.

މުލްޒިމް: އަޅުގަނޑަށް ކޮންމެވެސް ވަރެއްގެ ލުޔެއެއް ދެއްވުން އެދެނެ.

ފަނޑިޔާރު: ލުޔެއްގެ ގޮތުގައި މަރުގެ ޙުކުމް ތަންފީޒުކުރާނޭ ގޮތް ނިންމުމުގެ އިޚްތިޔާރު ކަލެއަށް ދީފިން. މަރުވާން ބޭނުން ގޮތެއް ބުނޭ.

މުލްޒިމް: ޢިއްޒަތްތެރި ފަނޑިޔާރު. އަޅުގަނޑު ބޭނުންވަނީ މުސްކުޅިބަލީގައި މަރުވާން.

ދިރާސާ

މީހަކު ބޮކެއްގެ މައްޗަށް ލިޔުމެއް ލިޔަން ވެގެން ދިރާސާއެއްގެ މަސައްކަތް ފަށައިފިއެވެ. އެންމެ ފުރަތަމަ އޭނާ ބޭނުންވީ ބޮކުގެ ހިއްސުތައް މަސައްކަތްކުރާ ގޮތް ބަލައިލާށެވެ. އެހެންވީމާ ބޮކެއް ގެނެސް މޭޒު މަތީގައި ބާއްވާފައި އަތްތިލަބަޑިއެއް ޖަހައިލިއެވެ. އެޔާއެކު ބޮއް ފުންމައިގެން ގޮސް މޭޒުމަތީގައި އޮތް ފޮތެއްގެ މައްޗަށް އަރައިފިއެވެ.

އޭނާ ބޮކުގެ އެއްފައި ބުރިކޮށްލާފައި މޭޒުމަތީގައި ބާއްވައިފިއެވެ. އަދި އަތްތިލަބަޑިއެއް ޖަހައިފިއެވެ. މި ފަހަރުވެސް ބޮއް ފުމެގަންނާން އުޅުނެވެ. އެކަމަކު ފާޑަކަށް އިނދަޖެހިއްޖެއެވެ.

އޭނާ ބޮކުގެ ދެވަނަ ފައި ބުރިކޮށްފައި މޭޒުމަތީގައި ބާއްވައިފިއެވެ. މި ފަހަރު އަތްތިލަބަޑިއެއް ޖެހީމާ ބޮއް އެއްވެސް ހަރަކާތެއް ނުކުރިއެވެ.

އޭނާ ދިރާސާގެ ނަތީޖާ ފޮތުގައި ލިޔެލިއެވެ. "ބޮކެއްގެ ދެފައި ބުރިކޮށްލައިފިއްޔާ އެ ސޮރަކަށް އަޑެއް ނީވޭނެއެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.