ރޯދަމަޖާ: ޓީ މަރުކާ

ބައެއް ހެއްވާ ވާހަކަ އަކީ އެހެން ވާހަކަ ތަކެކޭ އެއް ފަދައިން އެކި މީހުން އެކި ގޮތަށް ކިޔައި އުޅޭ ވާހަކައެވެ. ހެއްވާ ކަމެއް ދިމާވީ ކަމަށް ބުނާ ބައެއް މީސްމީހުންނާ އެ ވާހަކަތަކާ މާ ބޮޑު ގުޅުމެއް ނޯންނަ ކަމަށްވެސް ފަހުން އެނގޭ ގޮތް ވެފައި އެބަ ހުއްޓެވެ.

މި ފަހަރު މި ދަންނަވަން އުޅޭ ވާހަކަ އަކީ މީގެ ދިހަ ވަރަކަށް އަހަރު ކުރިން އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅަކު ވިދާޅުވެ ދެއްވި ވާހަކަ އެކެވެ. މި ވާހަކަ އެހެން ބޭފުޅަކަށް ދަންނަވައިލީމާ، އެ ބޭފުޅަކު ވިދާޅުވީ މި ކަމެއް މެދުވެރިވީ ގޮތް ކަމަށް އަޅުގަނޑުގެ ރަހުމަތްތެރިޔާ ވިދާޅުވީ ގޮތް މުޅީން ރަނގަޅު ނޫން ކަމަށެވެ. އެހެންވީމާ މި ވާހަކަ ތިޔަ ބޭފުޅުންނަށް ނުދަންނަވައި މިހައި ގިނަ ދުވަސް ވެގެން ދިޔައީއެވެ.

މިހާރު މި ވާހަކަ ދަންނަވާން ގަސްތު ކުޅައީ، ވާހަކައިގެ ތެދު، ދޮގު މުޅީން ކަށަވަރު ވީމައެއް ނޫނެވެ. މި ކަހަލަ ކަންތައްތައް ދިމާވާލެއް ގިނަ ކަމުން، މި ވާހަކަ ހިތުން ނުފިލައި އޮންނާތީ ދަންނަވައިލަނީއެވެ. މި ކަންތައްތައް ދިމާވީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ބޭފުޅުންގެ ނަންފުޅު މި ފަހަރަކު ނުދަންނަވާނަމެވެ. އެއީ ކުރިންވެސް ދެންނެވި ފަދައިން ވާހަކައިގެ ތެދު، ދޮގު މުޅީން ޔަގީން ވެފައި ނުވާތީއެވެ.

ދުވަސްވަރަކީ މާލޭގައި ބުންބާ މީހުން ވިޔަފާރި ކުރަން އުޅުނު ދުވަސްވަރެވެ. އެ ދުވަސްވަރު ބުންބާ މީހުން ކުރި މައިގަނޑު ވިޔަފާރީގެ ތެރޭގައި ދުންފަތުގެ ވިޔަފާރި ހިމެނެއެވެ.

އެއް ދުވަހަކު ބުންބާ މީހެއްގެ ފިހާރައަކަށް ގެނައި ދުންފަތްގަނޑެއް ބަލައި އެ ފިހާރައިގެ މީހަކު ކަސްޓަމަށް ހިނގައްޖެއެވެ.

ކަސްޓަމަށް ބާލާފައި ހުރި ދުންފަތްގަނޑުގަނޑުގެ ބޭރުގައި ބޮޑު އަކުރުން، އިނގިރޭސިން ޓީ އަކުރެއް ޖަހާފައި އޮތެވެ. އެ ނޫން އެއްވެސް މަރުކާއެއް ނެތެވެ. އެހެންވީމާ އެއީ ކޮން ޓީ އަކުރެއްތޯ ކަސްޓަމުން ސުވާލު ކޮށްފިއެވެ. އަޅުގަނޑަށް މި ވާހަކަ ވިދާޅުވެ ދެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ކަސްޓަމުން ބުންބާ މީހާޔާ ސުވާލު ކުރެއްވީ އެ ދުވަސްވަރު ކަސްޓަމުގެ އެންމެ އިސް ވެރިއަކަށް ހުންނެވި ބޭފުޅާއެވެ.

ދުންފަތް ބަލާ ކަސްޓަމަށް ދިޔައީވެސް ބުންބާ މީހެކެވެ. އޭނާ އަކަށް މި ސުވާލުގެ ޖަވާބެއް އަރުވާކަށް ނޭނގުނެވެ. އެހެންވީމާ އެނބުރި ފިހާރައަށް ހިނގައްޖެ އެވެ. ގޮސް އޮޅުން ފިލުވަން އުޅެއުޅެ، ފިހާރައިގެ މީހަކަށް ވެސް އެ ސުވާލުގެ ޖަވާބެއް ނޭނގުނެވެ.

އޭނާ ވަރަށް ފިކުރު ބޮޑު ވެފައި ހުރެގެން އެނބުރި ކަސްޓަމަށް އަތުވެއްޖެއެވެ. ކަސްޓަމުން އެންގީ، އެއީ ކޮން ޓީ އަކުރެއްކަން ނޭނގެނީސް ދުންފަތް ދޫ ނުކުރާނޭ ކަމަށެވެ.

އެންމެ ފަހުން ބުންބާ މީހާ ހަދާނޭ ގޮތް ބޮޑު ވެގެން ދެންނެވި އެވެ.

"އެއީ ސުއްޓާގެ ޓީ އަކުރެވެ."

އާދެ، ދުންފަތަކީ ސުއްޓާ އާއި، ބިޑި އަނބުރަން ބޭނުން ކުރާ އެއްޗެއް ނޫންތޯއެވެ؟ އެހެންވީމާ ބުންބާ މީހާ ވިސްނައިލާފައި އެހެން ދެންނެވީއެވެ. އޭނާ މިހެން ދެންނެވީމާ ކަސްޓަމުން ދުންފަތްގަނޑު ދޫކޮށްލެއްވި ކަމަށް ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.