އިބްރާހިމް މަސައްކަތް ކުރަނީ ފެލިވަރު މަސް ބަންދު ކުރާ ކާރުޚާނާގައެވެ. އޭނާއަކީ ވަރަށް ހީވާގި، ކަމަށް ކަމޭ ހިތައިގެން މަސައްކަތް ކުރާ މީހެކެވެ. ވުމާއެކު ވެރިންނާއި އެކުގައި މަސައްކަތް ކުރާ މީހުންގެ މެދުގައި އޭނާ ވެފައި ވަނީ ވަރަށް މަގުބޫލު މީހަކަށެވެ.
މަސައްކަތުގައި އުޅޭ އިރު ބައެއް ފަހަރަށް ހިތް ހަމަ ނުޖެހޭ ކަހަލަ ކަންތައްތައް ދިމާ ވުމަކީ އެކަށީގެންވާ ކަމެއް ނޫންތޯއެވެ؟ އިބްރާހީމް ހިތް ހަމަ ނުޖެހޭ ކަހަލަ ކަމެއް ދިމާވަނީ ވަރަށް މަދު ފަހަރަކު އެވެ. އެކަމަކު ފަހަކަށް އައިސް ދިމާވާން ފެށި ކަމަކުން އިބްރާހީމް ވަރަށް ބޮޑަށް ހިތް ހަމަ ނުޖެހޭ ގޮތް ވެއްޖެއެވެ.
ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ ތާނގައި މަސައްކަތް ކުރާ އެކަކު ނުވަތަ ދެ މީހަކު އޮފީހަށް އެބަ ގެންދެއެވެ. އެ މީހަކު ގޮސްފައި އައީމާ އިބްރާހީމް ސުވާލު ކުރެއެވެ. އެ މީހުންގެ ޖަވާބު ވަރަށް ކުރެވެ. އިތުރު ވާހަކައެއް ދައްކާކަށް އެއިން އެކަކުވެސް ބޭނުމެއް ނުވެއެވެ. އެ މީހުން އޮފީހަށް މި ގެންދަނީ ކޮންމެވެސް އެއްޗެއް ދޭން ވެގެންނެވެ.
އިބްރާހީމްގެ ހިތަށް އެރިއެވެ. މިއީ ކިހައި ދެރަ ކަމެއް ހެއްޔެވެ؟ އަހަރެން މި ތާނގައި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. ދުވަހަކުވެސް ވެރިއަކު ނުރުހުން ވާ ކަހަލަ ކަމެއް ނުކުރަމެވެ. މަސައްކަތަކަށް ފަރުވާ ކުޑައެއް ނުކުރަމެވެ. އެކަމަކު އެ އެއްޗެއް އަހަންނަކަށް ނުދެއެވެ. ބައެއް މީހުންނަށް މަހަކު ދެތިން ފަހަރުވެސް އެބަ ދެއެވެ. މިއީ އިންސާފެއް ނޫނެވެ. އެ އެއްޗެއް އެންމެ ފުރަތަމަ ލިބެން ޖެހޭނީ އަހަންނަށެވެ. ގެއަށް ގޮސް އަނބި ދަރިންނަށް ދައްކައިލެވޭނޭ އެއްޗެއްވެސް އޮންނަން ވާނެއެއް ނޫން ހެއްޔެވެ؟
މި ޚިޔާލު ކުރެވުނީމާ އިބްރާހީމްގެ މަސައްކަތަށްވެސް އެ ކަމުގެ އަސަރު ކުރަން ފަށައިފިއެވެ. ގިނަ ވަގުތު ހުރެވެނީ ކޮންމެވެސް ފިކުރެއްގެ ތެރޭގައެވެ. އެންމެ ފަހުން ވަރަށް ވިސްނާފައި މެނޭޖަރާ ބައްދަލު ކުރަން އޮފީހަށް ހިނގައްޖެއެވެ.
އިބްރާހީމް މެނޭޖަރަށް ނަން ގަތެވެ. "މިއަދު އަޅުގަނޑު ވަރަށް ދެރަ ވެއްޖައީމެވެ. މި ތާނގެ މަސައްކަތުގައި އަޅުގަނޑަށް ވުރެ ގިނަ ދުވަސްވީ މީހަކު ވަރަށް މަދު ވާނެއެވެ. އެކަމަކު އޮފީހުން ތިޔަ ބައްސަވާ އެއްޗެއް ދުވަހަކުވެސް އަޅުގަނޑަކަށް ނުދެއްވައެވެ. ބައެއް މީހުން މަހަކު ދެ ފަހަރު، ތިން ފަހަރު ގެންނަވައިގެން އެބަ ދެއްވަމުއެވެ. އަޅުގަނޑު މި އައީ އެ ކަމުގެ ޝަކުވާ ކުރާށެވެ."
މެނޭޖަރު ބުނުއްވިއެވެ. "މި ތަނަކުން އިބްރާހީމަށް ނުދޭ އެއްޗެއް އެހެން މީހަކަށް ނުދެމެވެ. ތިޔަ ކިޔަނީ ކޮން އެއްޗެއްގެ ވާހަކަ ހެއްޔެވެ؟"
އިބްރާހީމް ނަންގަތެވެ. "އަޅުގަނޑު މިހެން މި ނަންގަތީ މި ތަނަށް ގެންނަވާ މީހުންނާ ވާހަކަ ދައްކައިގެން އޮޅުން ފިލުވާފައެވެ. އެ މީހުންނަށް މޯނިންގ ދެއްވާ ވާހަކަ އަޅުގަނޑު ގާތު ބުންޏެވެ. އަޅުގަނޑަކަށް ދުވަހަކުވެސް މޯނިންގެއް ނުދެއްވަމުއެވެ. މި ތާނގައި ވަޒީފާ އަދާ ކުރި ކަމުގެ ހަނދާނެއްގެ ގޮތުން އޭގެ މޯނިންގެއް ރައްކާ ކޮށްފައި ބާއްވަން އަޅުގަނޑުވެސް ބޭނުން ވާނެއެއް ނޫންތޯއެވެ؟"
މެނޭޖަރުގެ ގާތަށް ހިނި އައެވެ. އެހެން ނަމަވެސް އެ ކަމެއް ނުދައްކައެވެ. އިބްރާހީމް މި ދައްކަނީ މަސައްކަތަށް ފަރުވާ ކުޑަ ކުރާތީ އޮފީހަށް ގެނެސްފައި މީހުންނަށް ދޭ އިންޒާރު (އިނގިރޭސި ބަހުން ވޯރނިންގ) ގެ ވާހަކައެވެ. މެނޭޖަރު ކުޑަކޮށް ވިސްނާލާފައި ބުންޏެވެ. "އެންމެ ރަނގަޅެވެ. މި ފަހަރު ރަށަށް ދާ އިރު މޯނިންގެއް ދޭނަމެވެ."
އެންމެ ފަހުން ފެލިވަރު އޮފީހުން ޖެހުނީ އޭނާއަށް މޯނިންގެއް ދޭށެވެ. އޭނާ އެ މޯނިންގ ހިފައިގެން ރަށަށް ގޮސް އަންހެނުންނަށް ދައްކައިފައި ގެނެސް އޮފީހާ ޙަވާލު ކުރީއެވެ.