ރޯދަމަޖާ: އާދަޔާ ޚިލާފު ކަށިމަތި

ބޭނުމެއް ޖެހުމަކީ ކޮންމެ އީޖާދެއްގެ ފެށުމޭ ބުނެ އުޅެއެވެ. މާނައަކީ ކޮންމެ އައު އެއްޗެއްވެސް އުފެދިފައި ވަނީ އެ އެއްޗެއްގެ ބޭނުން ޖެހުނީމައެވެ. މިއީ ކިޔައި އުޅޭ ގޮތެވެ. ޙަޤީޤަތް މި ނޫން ގޮތަކަށްވެސް އޮވެދާނެއެވެ. ކިޔައި އުޅޭ ގޮތާ ހަގީގަތާ ދިމާ ވަނީ މިހާރަކަށް އައިސް ވަރަށް މަދުން ނޫންތޯއެވެ؟

އަޅުގަނޑުގެ ރަހުމަތްތެރިއެއް ކަމަށްވާ ނަޖުމީ އަކީ އެއްދުވަސްވަރެއްގައި ވަރަށް މޮޅަށް ފުޓުބޯޅަ ކުޅުނު މީހެކެވެ. މިހާރުވެސް މޮޅަށް ކުޅެފާނަމޭ ބުނެއެވެ. އެކަމަކު މިހާރު ވާ ގޮތަކީ ދުވެފައި ދެތިން ފޫޓަށް ދެވޭ އިރަށް ގުނބު ހިލި، މާނޭވާ ލެވޭ ގޮތް ވަނީއެވެ. ކުޅުން ހުއްޓައިލީމާ މީހާގެ ސިފައަށްވެސް ވަނީ ބަދަލު އައިސްފައެވެ.

އޭނާ ފުޓުބޯޅަ ކުޅުނު ދުވަސްވަރުގެ ކުޅުމާއި، މިހާރުގެ ކުޅުމާ ދެމެދު ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނަ ކަމަށް އޭނާ ބުނެއެވެ. އެއީ ތެދެއް ކަމަށް އަޅުގަނޑުވެސް ޤަބޫލު ކުރަމެވެ.

ނަޖުމީ ބުނާ ގޮތުގައި އޭނާ ކުޅުނު ދުވަސްވަރު މިހާރު މި ހުންނަ ވަސީލަތްތަކާއި، ފަސޭހަތައް ހުރިނަމަ ރާއްޖޭގެ ޓީމު ވޯލްޑްކަޕްގައި ކުޅޭނެއެވެ. އެ ދުވަސްވަރު ފަރިތަކޮށް އުޅުނު ގޮތާއި، ބޯޅައާއި، ބޫޓު ހޯދުމުގެ ދަތިތަކުގެ ވާހަކަ އޭނާ ކިޔައި ދިނެވެ.

އެ ވާހަކަ ތަކުގެ ތެރެއިން އެއް ވާހަކަ ދަންނަވައިލާނެމެވެ.

ނަޖުމީ އަކީ އައްޑު އަތޮޅުގެ މީހެކެވެ. އޭނާގެ ޒުވާން ދުވަސްވަރު ނުވަތަ ޅަފުރައިގައި އެ އުމުރުގެ ކުދިންނާއެކު ފުޓުބޯޅަ ކުޅެން ދެއެވެ. އެ ދުވަސްވަރުވެސް ޓީމު ހަމަ ކޮށްގެން ފުޓުބޯޅަ ކުޅުން އޮވެއެވެ.

ޓީމުގައި ހިމެނޭ ގިނަ ކުދިންނަކީ މާ ފޯރާ ކުދި ބަޔަކަށް ނުވެއެވެ. އެހެންނަމަވެސް ތަންކޮޅެއް އަތްމަތި ތަނަވަސް މީހުންގެ ދަރިންވެސް ޓީމުގައި ހިމެނެއެވެ.

ކުޅެން އުޅުނު ދުވަސްވަރު ކުރީންވެސް ދެންނެވި ފަދައިން ކުޅެން ބޭނުންވާ ސާމާނު ހޯދުމަކީ އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. އަމުދުން ކުޑަ ކުދިންނަށް އެ އެއްޗެހި ހޯދާކަށް ފަސޭހައެއް ނުވާނެއެއް ނޫންތޯއެވެ؟

ބޮޑެތި މީހުން ފުޓުބޯޅަ ކުޅޭތަން ބަލަން ނަޖުމީމެންވެސް ދެއެވެ. އެ މީހުން ބޭނުން ކުރާ އެއްޗެހި ފެނުނީމާ، އެ އެއްޗެހި ބޭނުން ކުރާ ހިތްވެސް ވެއެވެ. ބޯޅައާއި، ބޫޓު ހުއްޓަސް، ބޮޑެތި މީހުން ބޭނުން ކުރާ އެކައްޗެއް، މި ކުދިންނަކަށް ނުލިބެއެވެ. އެއީ ކަށިމައްޗެވެ. ކަށިމަތި ބޭނުންކުރާ ހިތްވީމާ އޭގެ މުހިއްމުކަންވެސް މާ ބޮޑަށް ހިތަށް ވަންނަ ގޮތް ވާން ފަށައިފިއެވެ.

މިހެން ކުޅެން އުޅުމުގެ ތެރޭގައި އެއް ދުވަހަކު ޓީމުގެ އެއް ކުއްޖަކު ކަމަށްވާ ޒަރީރު، ކުޅެން އައިއިރު ކޮތަޅެއް ފުރޭންދެން ކަށިމަތި ހިފައިގެން އަތުވެއްޖެއެވެ. ގެނައި ގޮތަށް ގެނެސް ކޮންމެ ކުއްޖަކަށް ޖޯޑެއް މަގުން ބަހައިލީއެވެ. އެ ދުވަހު ޓީމުގެ ހުރިހައި ކުދިންވެސް ތިބީ އުފަލުންނެވެ. ގެއަށްވެސް ދިޔައީ ކަށިމަތި ކޮނޑަށް އެއްލައިގެން، އެންމެންނަށް ފެންނަ ގޮތަށް ހިފައިގެންނެވެ.

އެ ކަށިމައްޗަކީ ހަގީގަތުގައި ފުޓުބޯޅަ ކުޅެން ބޮޑެތި މީހުން ބޭނުން ކުރާ ކަށިމައްޗެއް ނޫނެވެ. އެއީ ކޮން އެއްޗެއްކަން ނަޖުމީ މެންނަށް އެނގުނީ މާ ފަހުންނެވެ. ގެއަށް ދިޔަތަނުން ދައްތަ ރުޅި އައިސްގެން ތިޔައީ ކޯނޗެއްހެއްޔޭ ކިޔައި ބަވައިގަތީމައެވެ.

އެއީ އަންހެން ބޭފުޅުން ވަކި މޫސުމެއްގައި ބޭނުން ކުރައްވާ އެއްޗެކެވެ. އެ ދުވަސްވަރު ހުންނަނީ މިހާރު ހުންނަ ގޮތަކަށް ނޫނެވެ. ވާފަށަކާއެކީ އައްސައިވެސް ލެވޭ ގޮތަށެވެ. ކެއަރފްރީ، ސްޓޭފްރީ، މިހެން ގޮސް މި ކަހަލަ އެތައް ނަމެއްގައި ޒަމާނީ ބަދަލުތަކާއެކު ބާޒާރުން މި ދެންނެވުނު ކަށިމަތި މިހާރުވެސް ގަންނާން ލިބެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.