އާފަތިސް ބަދިގެ: ކޮކޮނަޓް ޔޯގަޓް ކޭކް

މިއީ ތަފާތު ކޭކު ކާން ލޯބިކުރާ މީހުންނަށް  ވަރަށް ކަމުދާނެ ކޭކެކެވެ. ރޯދަ ވީއްލުމަށް ޑެޒާޓެއްގެ ގޮތުގައި ވެސް ބެނުންކުރެވިދާނެ ބާވަތެކެވެ. ތަޖުރިބާކޮށްލާށެވެ. 

ބޭނުންވާ ތަކެތި

  • 200 ގްރާމް އަންސޯލްޓެޑް ބަޓަރ
  • 2 ސައިސަމުސާ ލުނބޯ ތޮށި (ހިމުންކޮށް ގާނާފައި)
  • ¾ ޖޯޑު (165 ގްރާމް) ކާސްޓަރ ޝުގަރ
  • 3 ބިސް
  • 60 ގްރާމް ބްރެޑް ފްލަރ
  • ½ ޖޯޑު (50 ގްރާމް) އަލްމަންޑް މީލް ނުވަތަ ރޯ އަލްމަންޑް ހިމުންކޮށް މުގުރައިފައި
  • ½ 1 ޖޯޑު (225 ގްރާމް)  ގޮދަން ފުށް
  • ¾ ޖޯޑު (45) ކާށިހުނި (ހިމުންކޮށް ގާނާފައި) 
  • 180 ގްރާމް ނެޗުރަލް ޔޯގަޓް
  • 120 އެމްއެލް ލައިމް ޖޫސް (ލުނބޯހުތް) 
  • ވިޕިން ކްރީމް (ސާވްކުރުމަށް) 

ސިރަޕް ތައްޔާރު ކުރުމަށް

  • 370 ގްރާމް ކާސްޓަރ ޝުގަރ
  • ދެ ލުނބޯގެ ތޮށި (ހިމުންކޮށް ގާނާފައި)
  • 1 ޖޯޑު (250 އެމްއެލް) ލައިމް ޖޫސް

ތައްޔާރު ކުރާނެ ގޮތް

1- ބޮޑު ބޯތަށްޓެއްގައި ބަޓަރާއި ގާނާއިފައި ހުރި ލުނބޯ ތޮށްޓާއި ހަކުރު، ހައެއްކަ މިނިޓު ވާންދެން (ފްލަފީ ވަންދެން) އެއްކޮށްލާށެވެ. ދެން ފަހަރަކު ބިހެެއް އެއްކޮށްލުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. 

2- ގާނާފައި ހުރި ހުންޏާއި އަލްމަންޑް ފުށާއި ގޮދަން ފުށާއި ބަރެޑް ފުށް އެހެން ބޯތަށްޓެއްގައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން މަޑުމަޑުން ބިސް އެއްޗަށް އަޅަމުން އެއްކުރަމުން ގެންދާށެވެ. ފުށް އަޅާލުމަށްފަހު ފުށްގަނޑު ރަނގަޅަށް ގިރާލާށެވެ. 

3- ކޭކުފިހާ 25 ސެންޓިމީޓަރުގެ ވަށް ޓްރޭއެއްގައި ބޭކިން ޕޭޕަރ އަޅާލުމަށްފަހު ފުށްގަނޑު އޮއްސާލާށެވެ. ދެން 180 ޑިގްރީގެ ހޫނު މިނުގައި ކޭކުގެ މައްޗަށް ލައިޓް ބްރައުންކުލަ އަރާލަންދެން ގަޑިއެއްގެއިރު ވާންދެން ފިހެލާށެވެ. ފިހެވުމުން އަވަނުން ނަގައި މަތީގައި ފޮއިލްގަނޑެއް އަޅާ ބަންދުކޮށްލާފައި 10 ވަރަކަށް މިނިޓު ވާންދެން ބަހައްޓާލާށެވެ. 

4- ސިރަޕް ތައްޔާރުކުރުމަށް، ލެމަން ޖޫހާއި ހަކުރު ތަވަޔަކަށް އަޅާލުމަށް ފަހު މަޑު ގިނީގައި ބަހައްޓައިގެން ހަކުރު އެއްކޮށް ގިރިގެން ދާންދެން ކައްކާލާށެވެ. ހަކުރު ގިރިގެން ދިއުމުން ގާނާފައި ހުރި ލުނބޯ ތޮށިކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. 

5- ކޭކުގައި ޓޫތު ޕިކަކުން ލޯވަޅު އަޅާލުމަށްފަހު ކެއްކި ސިރަޕް އެތީގެ އެއްބައި ހޫނުކޮށް ހުއްޓައި ކޭކުގެ މައްޗަށް މަޑުމަޑުން އަޅާލާށެވެ. އޭރުން ލޯވަޅުތަކުން ސިރަޕްތައް ކޭކުގެ ތެރެއަށް ވަދެގެން ދާނެއެވެ. ސިރަޕް އަޅާލުމަށްފަހު ގަޑިއެއްހާ އިރު ބަހައްޓާލަން ޖެހޭނެއެވެ. 

6- ކޭކު ރަނގަޅަށް ހިހޫވުމުން ޓްރޭއިން ނެގުމަށްފަހު މައްޗަށް ވިޕިން ކްރީމް އަޅާލުމަށްފަހު އޭގެ މައްޗަށް ހިމުންކޮށް ގާނާފައި ހުރި ލުނބޯ ތޮށި ކޮޅު ބުރުވާލާށެވެ. ސާވްކުރާއިރު ބާކީ ހުރި ސިރަޕާ އެކު ސާވްކޮށްލާށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.