ރޯދަމަޖާ: ކާފަރުން ނަމާދެއް ނުކުރާނެ

ބިދޭސީންނާ ވާހަކަ ދެއްކުމަކީ ވަރަށް އާދަޔާ ޚިލާފު ތަޖުރިބާއެއް ކުރެވޭ ކަމެކެވެ. އެ މީހުން ދިވެހި ބަހުން ވާހަކަ ދައްކާ އިރު ބައެއް ފަހަރަށް އަޑު އަހާ ހިތްވާ ކަހަލަ ގޮތެއް ހުރެއެވެ. އެ މީހުން ވާހަކަ ދައްކަނީ ރަނގަޅު ދިވެހި ބަހަކުންނެއް ނޫނެވެ. އެކަން އެނގުނު ކަމުގައި ވިޔަސް ބައެއް ފަހަރަށް ހަމަ އަޑު އަހާ ހިތް ވަނީއެވެ.

ސައިމަން އަކީ ރާއްޖޭގައި އުޅޭތާ ސަތާރަ އަހަރު ވެފައިވާ މީހެކެވެ. އޭނާ ވަރަށް ރަނގަޅަށް ދިވެހި ބަހުން ވާހަކަ ދައްކައޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އޭނާ އަކީ މިޒާޖުގައި ވެސް ހެއްވާ ގޮތެއް ހުންނަ މީހަކަށް ވުމާއެކު ވާހަކައިގައިވެސް ހެއްވާ ގޮތް ހުރެއެވެ.

މިސާލަކަށް އެކި ކަންކަން ކުރުމުގެ ވާހަކަ ދައްކާ އިރު އަޅުގަނޑުމެން ބުނެ އުޅެނީ އިރާދަ ކުރެއްވިއްޔާ އެވެނި ކަމެއް ކުރާނަމޭ، އިރާދަކުރެއްވިއްޔާ މިވެނި ތަނަކަށް ދާނަމޭ ނޫންތޯއެވެ؟ ސައިމަން ބުނެ އުޅެނީ އެހެން ގޮތަކަށެވެ. އޭނާގެ ވާހަކައިގައި އެ އިބާރާތް ވެސް އޮންނަނީ އާދައިގެ ބަހުރުވައަށް ބަދަލު ވެފައެވެ. އޭނާ ބުނަނީ އިރާދަ ކުރީމާ ދާނަމޭ، އިރާދަ ކުރީމާ މިވެނި ކަމެއް ކުރާނަމޭ، މިހެންނެވެ.

ސައިމަން އަކީ ކްރިސްޓިއަނެކެވެ. އިސްލާމުން ނޫން އެހެން މީހުންނަކީ ކާފަރުންނެވެ. އެއީ އަޅުގަނޑުމެން އެންމެންވެސް ގަބޫލު ކުރާ ކަމެކެވެ. މީހަކާ ދިމާއަށް ކާފަރެކޭ ނުބުންޏަސް، އިސްލާމުން ނޫން ކޮންމެ މީހަކީ ކާފަރެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަމެވެ.

އެހެންވީމާ ސައިމަން ވެސް ވަނީ ކާފަރަކަށެވެ. އޭނާ މަސައްކަތް ކުރަނީ ބާޒާރުމަތީގައި ހުންނަ ވަރަށް މަޝްހޫރު ފިހާރައެއްގައެވެ. އެ ފިހާރައަށް ވިޔަފާރި ކުރަން ދާ މީހުން އޭނާޔާ ވަރަށް ބޮޑަށް ރުހެއެވެ. އެއީ ކުރިންވެސް ދެންނެވި ފަދައިން އޭނާގެ ސަކަ މިޒާޖުގެ ސަބަބުންނެވެ. ތެދުތެދަށް ދަންނަވާ ނަމަ އެ ފިހާރައިން ވިޔަފާރި ވުމުގެ އެއް ސަބަބަކަށް އޭނާގެ މަޖާ ވާހަކަތައް ވާނެއެވެ.

އޭނާގެ މަޖާ މިޒާޖުގެ ސަބަބުން ބައެއް މީހުން އޭނާޔާ ސަމާސާ ކޮށް ހަދައެވެ. މި ގޮތުގެ މަތީން ކުރާ ސަމާސާގެ ތެރޭގައި އޭނާ އަކީ ކާފަރެއް ކަމަށް ބުނާ މީހުންވެސް އުޅެއެވެ. އޭނާ އެ ކަމަކާ ދެކޮޅެއްވެސް ނުހަދައެވެ.

އެއް ދުވަހަކު އަޅުގަނޑު އޮފީހުން ނިމިގެން ގެއަށް ދިޔަ މަގުމަތީގައި، ސައިމަން ފިހާރައިގެ ފެންޑާގައި އިށީނދެގެން އިންދާ ފެނިއްޖެއެވެ. ފިހާރަ ހުރީ ލައްޕައިފައެވެ. އަޅުގަނޑުވެސް އޭނާޔާ ކުޑަކޮށް ސަމާސާ ކޮށް އުޅޭތީ އޭނާގެ ކައިރިއަށް ހުއްޓިއްޖައީމެވެ.

"ސައިމަން. މާ ދެރަ ވެފައި އިނީ ކީއް ވެގެން؟"

އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. އަދި އާދައިގެ މަތީން ހީނގެންފައި އަޅުގަނޑާ ސަލާން ކޮށްލިއެވެ.

"ދެރަ ނުވޭ. އަހަރެން އަބަދުވެސް ވަރަށް އުފާވޭ." އޭނާ ބުންޏެވެ.

"އެހެން ވެއްޖެއްޔާ މި ތާނގައި އިށީނދެގެން އިނީ ކީއްވެގެން؟"

"މިއީ ނަމާދު ގަޑިނު؟ އެހެންވީމާ ފިހާރަ ބަންދު ކޮށްލާފައި އިނީ." އޭނާ ބުނެލިއެވެ.

"ނަމާދު ގަޑީގައި ފިހާރަ ބަންދު ކޮށްފައި މިތާނގައި އިނަކަސް ކަމަކު ނުދާނެއެއްނު؟ ސައިމަން ނަމާދު ވެސް ނުކުރަނީތަ؟" އަޅުގަނޑު ސަމާސާ ކޮށްލުމުގެ ގޮތުން އަހައިލީމެވެ.

އޭނާ ވަރަށް ބާރަށް ހީނގެންފައި ބުންޏެވެ.

"ލާ އިލާހަ އިއްލަﷲ މުޙައްމަދުއްރަސޫލުﷲ. އަހަރެން މިއީ ހަރުބީ ކާފަރެއްނު؟"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.