މިއީ ރޯދަ ވީއްލުމަށް ވަރަށް ކަމުދާނެ ފޮނި ހެދިކާއެކެވެ. މާގިނަ ތަކެއްޗެއް އަދި ވަގުތެއް ވެސް މިބާވަތް ތައްޔާރު ކޮށްލާކަށް ބޭނުމެއް ނުވާނެއެވެ. ޕޭސްޓްރީ ފުށްގަނޑު ގަނެލައިގެން ތައްޔާރުކޮށްލާނަމަ ހޭދަވާނީ ތިރީހަކަށް މިނިޓެވެ. ކުޑަކުދިންނާއި ޗޮކްލެޓް އަދި ފޮނި އެއްޗެހި މީރު މީހުންނަށް މިއީ ވަރަށް ކަމުދާނެ ބާވަތެކެވެ.
ބޭނުންވާ ތަކެތި
- 200 ގްރާމް ޕަފް ޕޭސްޓްރީ
- 4 މޭޒުމަތީ ސަމުސާ ޓޮފީ ސޯސް ނުވަތަ ފަޖް ސޯސް
- އެއް ވައް ދޮންކެޔޮ (ފޮތިކޮށްލާފައި)
- 16 ބަޔަށް ވަކިވަކިން ބައިކޮށްލެވޭ ގޮތަށް ހުރި ޗޮކްލެޓް (60 ގްރާމްގެ ބަދަ ހުންނަ ޗޮކްލެޓް)
- ސްޕްރޭ އޮއިލް ނުވަތަ ބަޓަރ މެލްޓްކޮށްފައި
ތައްޔާރު ކުރާނެ ގޮތް
1- ހަތަރު ބަޔަށް އެއްވަރަށް ޕޭސްޓްރީ ފުށްގަނޑު ކަފާލާށެވެ.
2- ފުށްގަނޑުގެ މެދަށް އެއް މޭޒުމަތީ ސަމުސާ ފަޖު ސޯސް އަޅާލާށެވެ. ދެން އޭގެ މައްޗަށް ދެތިން ފޮތި ދޮންކެޔޮ ލުމަށްފަހު ހަތަރު ވަރަކަށް ޗޮކްލެޓްކޮޅު ލާށެވެ.
3- ދެން ފުށްގަނޑުގެ ތެރެއަށް އެޅި އެއްޗެހި ނުފެންނާނެހެން ފަރުވާތެރިކަމާ އެކު ޕާރުސަލެއްހެން ބާރުކޮށް ފުންގަނޑު ބަންދުކޮށްލާށެވެ.
4- ބޭކިންގ ޓްރޭގައި ބޭކިން ޕޭޕަރެއް އެޅުމަށް ފަހު އޭގެ މަތީގައި ޕަފްތައް އަތުރާލާށެވެ. ދެން ޕަފްތައް މައްޗަށް އޮއިލް ސްޕްރޭ ނުވަތަ މެލްޓްކޮށްފައި ހުރި ބަޓަރު ސްޕްރޭ ކޮށްލާށެވެ. ދެން 200 ޑިގްރީގައި ހޫނުމިން ބަހައްޓައިގެން ގޯލްޑަންބުރައުން ކުލަ އަރަންދެން ފިހެލާށެވެ. ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނިޓު ރަނގަޅު ވާނެއެވެ.