ގަސްގަހާގެއްސާއި ފެނާ ހުރި ގުޅުން

ކިތަންމެ ކުޑަ ގަހަކަށް ވިޔަސް ނުވަތަ ކިތަންމެ ބޮޑު ގަހަކަށް ވިޔަސް ނުވަތަ ބިންމަތީގައި ހެދިފައި ހުންނަ ކުދިކުދި ވިނަގަސް ކަމުގައި ވިޔަސް ކޮންމެ ގަހަކަށްވެސް ގުދުރަތުން ދެއްވާފައިވާ ޚާއްޞަ ބާރެއް އޮވެއެވެ. އެއީ ބިމުން ލިބޭ ފެން އެ ގަހެއްގެ މުލުން ލާފައި ގޮސް ހުރިހައި ގޮތްޕަކަށާއި ފަތް ތަކަކަށް ވާސިލު ކޮށް ދިނުމުގެ ބާރެވެ. އެހެންނަމަވެސް މި ދެންނެވުނު ފަދައިން މުލުން ފެށިގެން ގޮފިތަކާ ހަމައަށް ފެން ދަތުރު ކުރަނީ ހަމައެކަނި ގަސްގަހާގެއްސަށް ލިބިފައިވާ ބާރެއްގެ ސަބަބުންނެއް ނޫނެވެ. މި ދަތުރު ކާމިޔާބީ އާއެކު ފުރިހަމަ ކުރެވެނީ ގަސްގަހާގެއްސަށް ލިބިފައިވާ ބާރަކާއި ފެނުގައި ލައްވާފައިވާ ޚާއްސަ ބާރަކާ އެކުވެގެންނެވެ.

ފެނަށް ލިބިފައިވާ ޚާސިއްޔަތު އެނގުނީމާ މި ދެންނެވުނު ދެ ބާރު އެކުލެވޭ ގޮތް ވަރަށް ރަނގަޅަށް ސިފަ ކުރެވޭނެއެވެ.

ފެނަކީ ދުނިޔޭގެ ދިރުމަށް ކޮންމެހެން ބޭނުން އެއްޗެއްކަން ވަރަށް ސާފުކޮށް އެނގެއެވެ. ފެނަކީ ވަކި ޚާއްސަ ސިފަތަކާއި މަގުސަދުތަކަކާ އެކު ހައްދަވައިފައިވާ އެއްޗެކެވެ. ފެނުގައި ލައްވައިފައިވާ އެންމެ ޚާއްސަ އެއް ސިފަ އަކީ ފެނުގައި ލައްވާފައިވާ ސަރފަސް ޓެންޝަނެވެ. މި ސަރފަސް ޓެންޝަނަކީ ފެނުގެ މަތީ ފަށަލައިގައި ހުންނަ މޮލެކިއުލްތައް (ޒައްރާތައް) އެކަތި އަނެކައްޗާ ދިމާއަށް ދަމާން ފެށީމާ ފެނާއި ވައި ވަކި ވުމުގެ ސަބަބުން އުފެދޭ ބާރަކަށް ކިޔާ ނަމެކެވެ. މި ޓެންޝަންގެ ސަބަބުން ކަންވާރެއްގައި ހުންނަ ޖާގައަށް ވުރެ ކުޑަ ތަންކޮޅެއް އިތުރުވާ ވަރަށް އެ ކަންވާރަކަށް ފެން އެޅެއެވެ. އެކަމަކު އެ ކަންވާރަކުން ފެން ބަންޑުންވާ ގޮތެއް ނުވެއެވެ. އަދި ތިނޯހެއް މަޑު މަޑުން ފެނުގެ މަތީގައި ބާއްވައިފި ނަމަ ފެތިގެން އަޑިއަށް ނުގޮސް އޮންނަ ގޮތް ވެއެވެ.

ފެނުގައި ހުންނަ ސަރފަސް ޓެންޝަނަކީ އެހެނިހެން ދިޔާ އެއްޗެހީގައި ހުންނަ ޓެންޝަނަށް ވުރެ މާ މަތީ ޓެންޝަނެކެވެ. ވުމާއެކު ފެނުގެ ސަބަބުން ދުނިޔެއަށް ކުރާ ފައިދާ އެހެން ދިޔާ އެއްޗެހީގެ ސަބަބުން ކުރާ ފައިދާއަށް ވުރެ މާ ބޮޑެވެ. ފެނުގެ ސަބަބުން ގަސްގަހާގެއްސަށް ކުރާ ފައިދާ ތަކުގެ މައްޗަށް ކުޑަކޮށް ބަލައިލާނަމެވެ.

ގަސްގަހާގެއްސަކީ ބިމުގައި ހުންނަ ފެން، އެއްވެސް ކަހަލަ މޯޓަރެއް ނުވަތަ ޕަންޕެއް ކަހަލަ އެއްޗެއް ބޭނުން ނުކޮށް، ބިމުގެ މައްޗަށް އެތައް މީޓަރަކަށް ގެންގޮސް ދިނުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ. އިންސާނީ ވަސީލަތްތަކަށް ބަލާ އިރު ބުރިބުރިއަށް އިމާރާތް ކޮށްފައިވާ ގެއެއްގެ އެންމެ މަތީ ބުރިއަށް ފެން ލިބޭ ގޮތް ހަދަން ވެއްޖެ ނަމަ އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އުފައްދާފައިވާ މޯޓަރު ނުވަތަ ޕަންޕު ފަދަ އެއްޗެހި ބޭނުން ނުކޮށް އެއްގޮތަކަށް ވެސް ވާކަށް ނޯވެއެވެ. ގަސްގަހާގެއްސަކު މި ފަދަ ނިޒާމެއް ނުހުރެއެވެ. ގަހުގެ އެންމެ ކުރިއާ ހަމައަށް ފެން ގެންދެވެނީ ފެނުގައި ހުންނަ ސާރފަސް ޓެންޝަނުގެ ސަބަބުންނެވެ. ގަސްތަކުގައި ލައްވާފައިވާ މުލާއި ގޮފި ތަކަކީ ހޮޅި ތަކެއް ކަހަލަ އެއްޗިއްސެވެ. އެ އެއްޗެހި ހައްދަވައިފައި ވަނީ ފެނުގެ ސާރފަސް ޓެންޝަންގެ ބޭނުން ކުރެވޭ ފަދަ ގޮތަކަށެވެ. މައްޗަށް ދާ ވަރަކަށް މި ދެންނެވުނު ހޮޅިތައް ދަނީ ހިމަ ވަމުންނެވެ. ވުމާއެކު ފެން މައްޗަށް ދާ ގޮތް ވަނީއެވެ. އެހެނިހެން ދިޔާ އެއްޗެއްސެކޭ އެއް ފަދައިން ފެނުގެ ސާރފަސް ޓެންޝަން މިހާރު ހުންނަ ވަރަށް ވުރެ ދަށްކޮށް ހުންނަ ނަމަ ގަސްގަހާގެއްސަށް ދިރިއެއް ނުތިބެވޭނެއެވެ. މިހެން ވެއްޖެނަމަ ދުނިޔޭގައި ލެއްވި ހުރިހައި ދިރޭ ތަކެއްޗަށް އެ ކަމުގެ އަސަރު ކުރާނެއެވެ. އެހެންނަމަވެސް ފެނާއި ގަސްގަހާގެހި އުފައްދަވައިފައިވާ ފުރިހަމަ ނިޒާމްގެ ސަބަބުން މި މައްސަލަ އެއްގޮތަކަށް ވެސް ކުރިމައްޗެއް ނުވެއެވެ.

ފެނުގެ ސާރފަސް ޓެންޝަނާއި ގަސްގަހާގެހި އުފެއްދެވުމުގައި ލައްވައިފައިވާ އެއްގޮތް ކަމެއްގެ ސަބަބުން ނުވަތަ މި ދެ ބައިގައި ހުންނަ ބޮޑު ގުޅުމެއްގެ ސަބަބުން ސާބިތު ވަނީ ﷲ ގެ ކުޅަދުންވަންތަ ކަމެވެ. މި ކަންތައްތަކުން ސާބިތު ވަނީ ކާއިނާތާއި ކާއިނާތުގައި ލައްވައިފައިވާ އެއްޗެހި ވުޖޫދަށް އައީ އެއްވެސް ފަރާތެއްގެ ބާރަކާ ނުލައި އަމިއްލައަކަށް ނޫން ކަމެވެ. އެއީ ހުރިހައި ކަމަކަށް ކުޅަދުންވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ގުދުރަތްތެރިކަމުގެ ނަމޫނާތަކެއް ކަމެވެ.

(ހާރޫން ޔަހްޔާގެ ލިޔުއްވުމެއްގެ ތަރުޖަމާ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.