ރޯދަވެރިޔާއަށް ރުޅިއާ ދުރުހެލިވުމަށް އެންގެވީ ކީއްވެ؟

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން އިމާމު އަލްބުޚާރީ އާއި އިމާމު  މުސްލިމާއި އިމާމު އަޙްމަދާއި އިމާމު އައްނަސާއީ ރިވާކުރެއްވި ޙަދީޘެކެވެ. ރޯދަވެރިޔާއަށް މާތްﷲ ދެއްވާ ސަވާބުގެ މަތިވެރިކަމާއި ރޯދައަށް ހުންނަ އިރު ރޯދަވެރިޔާގެ އަޚްލާޤާއި ސުލޫކު ހުންނަން ޖެހޭނެ ގޮތާބެހޭގޮތުން ދެއްވާފައިވާ އިރްޝާދުގެ ބަސްފުޅެކެވެ. ރަސޫލާ  e ގެ ތެދުވެރިކަން ހާމަކޮށްދޭ ޢިލްމީ ޙަޤީޤަތްތަކެއް ހިމެނޭ ބަސްފުޅެއްވެސް މެއެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރަރެއްވިއެވެ. قَالَ اللَّهُ عَزَّ وَجَلَّ كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّاالصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ وَالصِّيَامُ جُنَّةٌ فَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفُثْ يَوْمَئِذٍ وَلَا يَصْخَبْ فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ فَلْيَقُلْ إِنِّي امْرُؤٌ صَائِمٌ [1] – "އަރަހުށި މާތްﷲ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލަކީ އޭނާއަށް ލިބިގެންވާ އެއްޗެކެވެ. ރޯދަ މެނުވީއެވެ. ފަހެ،  ހަމަކަށަވަރުން އެއީ ތިމަންރަސްކަލާނގެ ޛާތުފުޅަށް ލިބިވޮޑިގެންވާ އެއްޗެކެވެ. އެ ޢަމަލަށް ޖަޒާ ދެއްވާނީ ތިމަންރަސްކަލާނގެއެވެ. ރޯދައަކީ އައްޑަނައެކެވެ. (އެެބަހީ އެއީ ރައްކައުތެރި ކަމެކެވެ.) ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުންނަދުވަހު، ހަޑިހުތުރު ބަސްތައް ނުބުނާހުށި ކަމެވެ! އަދި ޒުވާބުކޮށް އަޑުގަދަ ނުކުރާހުށި ކަމެވެ! ފަހެ މީހަކު އޭނާއަށް އެއްޗެހިކިޔާ ނުވަތަ މާރާމާރީ ހިންގަން އުޅެފިނަމަ، އަހުރެންނަކީ ރޯދައަށް ހުރިމީހަކީމުއޭ ބުނާށެވެ!"

މި ޙަދީޘްފުޅު ތަފާތު މުޙައްދިޘުން، ކުޑަ ތަފާތަކާއެކު ރިވާކުރައްވާފައިވެއެވެ. ބައެއް ރިވާޔަތްތައް ބުނާގޮތުގައި [އަހުރެން މިހުރީ ރޯދަޔަށޭ] ދެފަހަރަށް ބުނަން އަންގަވާފައިވެއެވެ.

ރަމަޟާން މަހަކީ ރޯދަމަހެވެ. ތަޤްވާވެރިކަމުގެ މަހެވެ. ރަޙްމަތާއި ފުއްސެވުމާއި ނަރަކައިން މުުއްތިކުރެއްވުމުގެ މަހެވެ. ހެޔޮކަންކުރުމާއި ދީލަތިވުމާއި ހެޔޮފޯރުވުމުގެ މަހެވެ. ނަޞްރާއި ނަޞީބުގެ މަހެވެ. މާތްﷲގެ ނަފަޙާތުތައް އެކަލާނގެ އަޅުންގެ މައްޗަށް ބާވައިލައްވާ މަހެވެ.

ރަމަޟާން މަހަކީ ރޫޙާނީ ސާފުކަމުގެ މަހެވެ. ހެޔޮކަންތަކުގައި އެކަކު އަނެކަކާ ވާދަކުރަންވީ މަހެވެ. ދުވާލު ރޯދަހިފުމެވެ. ރޭގަނޑު އިޙްޔާކުރުމެވެ. ތަރާވީޙު ނަމާދާއި ތަހައްޖުދުގެ ރަކްޢަތްތަކުންނެވެ. ކީރިތި ޤުރްއާން ކިޔެވުމާއި އެނގެނުމާއި މުދާރަސާ ކުޅައުމާއި ދިރާސާ ކުރުމުންނެވެ. އަވަށްޓެރިންނަށް އެހީވުމާއި ގާތްތިމާނގެ މީހުންނަށް ހެޔޮފޯރުވައިގެންނެވެ. އެންމެންވެސް އެދެނީ ﷲގެ ރަޙްމަތަށެވެ. ފުއްސެވުމަށާއި ރުއްސެވުމަށެވެ.

ނަމަވެސް މި ރޫޙާނީ ޖައްވާއި ވެށި ކިލަނބުކުރަން އުޅޭބަޔަކުވެސް އުޅެއެވެ. ރުޅިގަނދަކުރާ ބަޔަކާއި، ތާކުންތާކު ނުޖެހޭ ކުދިކުދި ކަންތައްތަކާ ހެދި ރުޅި އިސްކުރާ ބަޔަކު،  މި ސާފު މާޙަވްލުގެ ތެރެއިން ފެނެއެވެ. ރޯދަ ބަހަނާއެއް ކަމުގައި ހަދައެވެ. މި މީހުންގެ ސަބަބުން ތަނަވަސް ޖައްވު ނުތަނަވަސް ވެގެންދެއެވެ. މި ފަދަމީހުން އަޑުގަދަކޮށް ހަޑިހުތުރު ބަސްތަކުން ރޯދައިގެ ޢިއްޒަތް ނަގައިލައެވެ. ރޯދައިގެ ހައިބަތު ކުޑަކޮށްލައެވެ. ކީރިތި ރަސޫލާ عليه الصلاة والسلام މި ޙަދީޘްފުޅުގައި އެފަދަ މީހުންގެ ބައެއް ޢަމަލުތައް ހާމަކޮށްދެއްވާފައިވެއެވެ. މިބައިމީހުން ރޯދައަށް ތިބޭއިރު އަޑުގަދަކޮށް ހަޑިހުތުރު ބަސްތައް ބުނެ ހަދަތެވެ. އަދި އެމީހުން ބައެއް ފަހަރަށް އަރާރުންގަނޑެއް ފެށޭތޯވެސް ބަލަތެވެ. އެއުރެންގެ މިފަދަ ޢަމަލުތަކާ ރޯދަވެރިޔާ ދުރުހެލިވަން ޖެހޭނެކަން ބަޔާން ކޮށްދެއްވަމުން އަންގަވަނީ "އަހުރެން މިހުރީ ރޯދައަށޭ ބުނެ އެކަމާ ދުރަށް ދާށެވެ." ރަސޫލުﷲގެފާނު މިތާނގައި މިދެއްވަނީ މިކަމުގެ ފަރުވާއެވެ. މިހާރުގެ ސުވާލަކީ ރަސޫލުﷲގެފާނު ރުޅިއާ ދުރަށް ދިޔުމަށް، ނުވަތަ ރުޅި އިސްނުކުރުމަށް މި އަންގަވަނީ ކީއްވެގެން ހެއްޔެވެ؟ މިކަމުގެ ޙިކްމަތަކީ ކޮބައި ހެއްޔެވެ؟

ރޯދަވެރިޔާގެ ގާތަށް ރުޅިއަތުވެއްޖެ ނަމަ، ނުވަތަ އަޑުގަދަކޮށް ހަޅޭއްލެވުމުގެ ސަބަބުން އޭނާގެ ނަފްސަށް ނުތަނަވަސްކަން ލިބިއްޖެނަމަ، އެޑްރިނާލިން ހޯރމޯން Adrenaline) ) ގެ މިންވަރު ވަރަށްބޮޑަށް ލޭގައި އިތުރުވެގެން ދާނެއެވެ. ބައެއްފަހަރަށް 20 ނުވަތަ 30 ގުނައަށް މި މިންވަރު އިތުރުވެގެން ދާކަމަށް ދިރާސާތައް ބުނެއެވެ. ކީރިތި ރަސޫލާގެ އިރްޝާދާ ޚިލާފުވާ މީހުންނާ ކުރިމަތިވެދާނެ ދެ ނުރައްކަލެއް ވެއެވެ.

  • ރޯދައަށް ހުންނަ ވަގުތުގެ ކުރީކޮޅުގައި ރުޅި އައުމުން ކުރިމަތިވެދާނެ ނުރައްކާތައް

 

ހ- ރޯދައަށް ހުންނަ ވަގުތުގެ ކުރީކޮޅުގައި ރުޅިއަތުވެއްޖެނަމަ ނުވަތަ ރުޅީއާގުޅޭ ވައްތަރުގެ ޢަމަލެއް ހިގައިފިނަމަ ހަޖަމު ގަޑުބަޑުވެ ކާތަކެތިން ހަށިގަނޑަށް ލިބޭ ފައިދާ ކުޑަވާނެއެވެ. މިކަމުގެ ސަބަބުން ރޯދަވެރިޔާއަށް ހާރުން ލިބޭ ހަކަތަ މަދުވެއެވެ. ނަތީޖާއަކަށް ވާނީ ރޯދަހިފުން ބުރަކަމަކަށްވެ ވަރުބަލިވުން އިޙްސާސްކުރަން ޖެހުމެވެ. އަދި އެދުވަހު އޭނާގެ އުފެއްދުންތެރިކަން ކުޑަވެ ވިސްނުން ކޮށިވުމެވެ.

ށ- ރުޅިއައުމުން ނުވަތަ ނުތަނަވަސްކަން އިތުރުވުމުން ނާރުތަކާބެހޭ ނިޒާމުން އެޑްރިނާލިން ހޯމޯން އުފައްދާނެއެވެ. މިކަމުގެ ސަބަބުން ހަޖަމާބެހޭ ނިޒާމުގެ މަސްތައް ކަންނެތް ވެދެއެވެ. ރުޅިގަދަމީހުން ބަނޑުހިކޭގޮތް ވަނީ މިހެން ވެގެންނެވެ. މީގެ އިތުރަށް ރުޅިއައުމުގެ ސަބަބުން ފިތުން އުފައްދާ ދިޔަވެސް މަދުވެއެވެ. ފިތުގެ ދިޔަ މަދުވުމަކީ ހަޖަމާބެހޭ ނިޒާމުގެ ލޭނާރުތަކުގެ ވިލުންތެރިކަން ކުޑަކުރާނެ ކަމެކެވެ. މިހެންކަމުން އެދުވަހު އެ ރޯދަވެރިޔާއަށް ހައިހޫނުކަން ބަރުދާސްތުކުރަން ޖެހުން އިތުރުވާނެއެވެ. 

ނ- އެޑްރިނާލިން ހޯމޯނަކީ ލޭގެ ހިމަ ނާރުތަކުގެ (ނުވަތަ ކެޕިލަރީތަކުގެ) ޕްރެޝަރ މައްޗަށް ގެންދިޔުމަށް ވާގިވެރިވާ އެއްޗެކެވެ. އެހެންކަމުން ހިތަށް އަބުރާ އަންނަ ލޭގެ މިންވަރު އިތުރުވާނެއެވެ. އަދި ހިތުގެ ތެޅުންވެސް އިތުރުވާނެއެވެ. މިހެންވެ ހަށިގަނޑަށް އިތުރަށް އޮކްސިޖަން ބޭނުންވާނެއެވެ. ނަތީޖާއަކަށް ވާނީ ހިތަށް ޙަމަލާއެއް އައުމެވެ.

ރ-  ރުޅިއަށް ބޭނުންވާ ހަކަތަ ހޯދައި ދިނުމަށްޓަކައި، އެޑްރިނާލް ގްލޭންޑަށް އިތުރު މަސައްކަތް ކުރަން މަޖްބޫރުވެއެވެ. މި އިތުރު މަސައްކަތުގެ ސަބަބުން އެޑްރިނަލް ގޮށުގެ ބޭރު ތޮށިގަޑަށް ބުރަތަކެއް އުފުއްލަން ޖެހެއެވެ.

ބ- ރުޅި އައުމުން ކޯޓިޒަން އިތުރުވެއެވެ. ކޯޓިޒަން އިތުރުވުމުގެ ސަބަބުން މަޢިދާގެ   ހުތް އިތުރުވެއެވެ. މިއީ މަޢިދާގައި ފާރު އުފެއްދުމަށް އެހީވެދޭނެ ކަމެކެވެ.

  • ރޯދައަށް ހުންނަ ވަގުތުގެ މެދުތެރޭގައި ނުވަތަ ފަހުކޮޅުގައި ރުޅިއައުމުން ކުރިމަތިވެދާނެ ނުރައްކާތައް:

ރޯދައަށް ހުންނަ ވަގުތުގެ ފަހުކޮޅުގައި ހަށިގަނޑުގައި ހުންނަ ހަކުރު މަދުވުމުގެ ސަބަބުން ރުޅިއައުން އަވަސް ވާނެއެވެ. ކީރިތިރަސޫލާ e ގެ ބަސްފުޅު [އަހުރެން މިހުރީ ރޯދައަށޭ... އަހުރެން މިހުރީ ރޯދައަށޭ] ގައި ހިފަހައްޓައިގެން ރޯދައަށް ހުންނަ ވަގުތުގެ މެދު ތެރޭގައި ނުވަތަ ފަހުކޮޅުގައި ރުޅިއާ ދުރުހެލިވެވިއްޖެނަމަ، ވަރަށް ގިނަގުނަ ނުރައްކާތަކަކުން ސަލާމަތް ވެވޭނެއެވެ. އޭގެ ތެރޭގައި

ހ- މޭގަނޑުގައި ރައްކައުކޮށްފައިވާ ހުންނަ ގްލައިކޯޖިން ވިރުމާއި ހަށިގަނޑުގެ ޕްރޮޓީންތައް އެމިނޯ އެސިޑަށް ބަދަލުވުން. މީގެ ސަބަބުން ހަށިގަނޑުގައި ހުންނަ ގުލްކޯޒުގެ މިންވަރު އިތުރުވެގެން ދާނެއެވެ. ރުޅީގެ ތެރޭގައި ނުވަތަ އަރާރުމުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބެނީ މި ތަކެތިންނެވެ. އެހެންކަމުން ރުޅިއައުމަކީ ނުވަތަ ޒުވާބުކުރުމަކީ ނުވަތަ އަރާރުންވުމަކީ ބޭނުމެއްނެތް ގޮތަކަށް ހަށިގަަނޑުގެ ހަކަތަކޮޅު ހުސްކޮށްލުމެކެވެެ.

ށ- ލޭގައި އެޑްރިނާލިން ގިނަވުމަކީ ހަށިގަނޑުން ބޭނުމެއްނެތި ފެންތަކެއް ބޭރުވެގެންދާނެ ކަމެކެވެ. މި ފެން ބޭރުވާނީ ދަލުގެ ގޮތުގައި، ނުވަތަ ކުޑަކަމުދާ އެއްޗެހީގެ ގޮތުގައެވެ. ރޯދަވެރިޔާގެ ހަށިގަނޑަށް ފެނަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ފެން މަދުވެއްޖެނަމަ ރޯދަވެރިޔާގެ ހަށިގަނޑު ފެނަށް ޖެހިދާނެއެވެ.

ނ- ރުޅީގެ ސަބަބުން އެޑްރިނާލިން އިތުރުވުމުގެ ސަބަބުން ލުއި ޑެންސިޓީ ޕްރޮޓީން ކްލޮސްޓްރޯލް އިތުރުވެއެވެ. މިކަމުގެ ސަބަބުން ހިތަށް އަނބުރާ ލޭގެންދާ ހޮޅިތައް (ނުވަތަ ވޭންތައް) ހަރުވެ އޭގެ ވިލުންތެރިކަން ކުޑަވެގެން ނުވަތަ ނެތިގެންދެއެވެ.

ރ- ރުޅީގެ ސަބަބުން ލޭމައްޗަށް ގޮސް ލޭހޮޅިތައް ހަރުވުމުގެ ސަބަބުން ސިކުނޑިއަށް ޙަމަލާއެއް އަތުވެދާނެއެވެ. ނަތީޖާއަކަށް ވާނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމެވެ. ނުވަތަ ސްޓްރޯކެއް ޖެހުމެވެ.

ބ- ކޯޓިޒޯން ގިނަވުމަކީ  މަޢިދާގެ ހުތް އިތުރުވާނެ ކަމެކެވެ.  މިކަމުގެ ސަބަބުން މަޢިދާ ފާރުވުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންވެ، ލޮބުވެތި ރަސޫލާ عليه الصلاة والسلام ރޯދަވެރިޔާއަށް ރޯދައަށް ހުންނައިރު ހަމަހިމޭންކަންމަތީ ގައި ހުރުމަށް އިރްޝާދު ދެއްވިއެވެ. އަރާރުންތަކާ ދުރުހެލިވުމަށާއި، ހަޅޭއްނުލެވުމަށް އެންގެވިއެވެ. އަދި ޒުވާބު ނުކުރުމަށާއި ރުޅި އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ނަޞީޙަތް ދެއްވިއެވެ.

ރޯދަވެރިޔާއަށް "ތިމަން މިހުރީ ރޯދައަށޭ، ތިމަން މިހުރީ ރޯދައަށޭ" ބުނެ އޭނާއާ އަރާރުންވާން އުޅޭމީހާއާ ދުރަށް ދިޔުމަށް، ނުވަތަ އޭނާއަށް އެއްޗެހިކިޔާ މީހާއަށް ރައްދުނުދީ ފުރަގަސް ދިނުމަށް ވަޞިއްޔަތް ކުރައްވާފައި މިވަނީ ކީއްވެގެން ބާވައެވެ؟ އާދެ! މިކަމުގައި އެތައް ޙިކްމަތްތަކެއް ވެއެވެ. އޭގެ ތެރޭގައި

1- މާތްﷲ ރޯދައިގެ އެންމެފޮނި އެންމެބޮޑު މޭވާއެއް ކަމުގައި ލައްވާފައިވަނީ ތަޤްވާވެރި ކަމެވެ. ކީރިތިރަސޫލާ ރޯދަވެރިޔާއަށް މިތާނގައި އެ ހަދާންކޮށް ދެއްވަނީ މި މޭވާގެ މަތިންނެވެ. ތަޤްވާވެރި ވެވޭނީ އޭނާގެ އަތާއި ފަޔާއި ލަދުވެތި ގުނަވަންތައް ރައްކައުތެރި ކޮށްގެންނެވެ. އެ ގުނަވަންތަކުން މީހުންނަށް ގޯނާކުރުން ހުއްޓާލައިގެންނެވެ. އަރާރުންވާން އުޅޭމީހާއަށް ރައްދުދިނުމަކީ އެ ނުބައިކަމުގެ ތެރެއަށް ވެއްޓުމެއް ނޫންތޯއެވެ.

2- ތިމަން މިހުރީ ރޯދައަށޭ ބުނުމަކީ އޭނާއަށް، އޭނާ މިހުރީ ﷲގެ މާތް ދަރުބާރުގައި ކަން ހަނދާންކޮށްދޭނެ ކަމެކެވެ. ޝައިޠާނާގެ ދަރުބާރަށް ވަނުން މަނާ ކުރާނެ ކަމެކެވެ.

3- މި ބަހުގެ ސަބަބުން އޭނާއަށް ތިން ފަރާތެއް ބަލިކޮށްލެވެއެވެ. އެންމެ ފުރަތަމަ އޭނާގެ ޝައިޠާނާއެވެ. ދެވަނައަށް އޭނާއާ އަރާރުންވާން އުޅޭ މީހާއެވެ. ތިންވަނައަށް އެމީހާގެ ޝައިޠާނާއެވެ.

4- ރަސޫލުﷲގެފާނުގެ މި މަތިވެރި އިރްޝާދުން އެގެނީ، އެކަލޭގެފާނު އެކަލޭގެފާނުގެ އުއްމަތް ދެކެ ލޯބިފުޅުވާ މިންވަރެވެ. އުއްމަތުގެ ސަލާމަތަށާއި ކާމިޔާބަށް ދެއްވާ އަހައްމިއްޔަތެވެ. މާތްﷲ އެންގެވި އަޅުކަންތައްވެސް އެންމެ ރިވެތި، އެންމެ ރަނގަޅު ގޮތުގައި ކުރެވޭނެ މަގުތައް އެކަލޭގެފާނު ދެއްކެވިއެވެ. މާތް ﷲ ވަޙީކުރައްވަނީ  لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ – "ހަމަ ތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު، ހަމަކަށަވަރުން ތިޔަބައިމީހުން ގާތަށް ވޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުދަނގޫވެ ދަތިވެއްޖެ ކޮންމެކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި ރަޙްމުހުރި ބޭކަލެކެވެ.)"


[1] - رواه البخارى ومسلم والبيهقى وأحمد وابن حبان والبزار

[2]  - التوبة:128

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.