މިދުނިޔޭގައި اللَّهُތަޢާލާ ލައްވާފައިވާ ތަކެއްޗަށް މީސްތަކުން ހެއްލުންތެރިވުމަކީ ޠަބީޢަތުގައި ލައްވާފައިވާ ސިފައެކެވެ. ނަމަވެސް ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލިގެން ނުގޮސް އާޚިރަތުގައި މީސްތަކުންނަށްޓަކައި ތައްޔާރުކުރައްވާފައިވާ ރިވެތިވެގެންވާ ގޮވަތި ލިބިގަތުމަށް މަސައްކަތްކުރުމަށްވަނީ އަންގަވާފައެވެ.
اللَّهُވަޙީކުރައްވާފައިވެއެވެ. {زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاءِ وَالْبَنِينَ وَالْقَنَاطِيرِ الْمُقَنْطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ الْمُسَوَّمَةِ وَالْأَنْعَامِ وَالْحَرْثِ ذَلِكَ مَتَاعُ الْحَيَاةِ الدُّنْيَا وَاللَّهُ عِنْدَهُ حُسْنُ الْمَآبِ} (آل عمران: 14) މާނައީ:{އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި ޖަމަލާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށް ޒީނަތްތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. ނަމަވެސް އެނބުރިދަނިވި ރިވެތިވެގެންވާ ތަންވަނީ اللَّهُގެ ޙަޟުރަތުގައެވެ.}
ޝައްކެއްނެތެވެ. اللَّهُގެ ޙަޟުރަތުގައިވާ ރިވެތިވެގެންވާ ތަނަކީ، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެއެވެ. {وَسَارِعُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ} (آل عمران:133) މާނައީ:{އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށެވެ.}