އާފަތިސް ބަދިގެ: ވެޖެޓަބްލް ލަޒާނިޔާ

ލަޒާނިއާއަކީ ދިވެހިންނަށް ވަރަށް ކަމުދާ ބާވަތެކެވެ. ނަމަވެސް ވެޖެޓަބްލް ލަޒާނިއާ އަކީ އާއްމުކޮށް ދިވެހިން ތައްޔާރު ކުރާ ބާވަތެއް ނޫނެވެ. މިއީވެސް ރޯދަ ވީއްލުމަށް ވަރަށް ކަމުދާ ބާވަތަކަށް ވާނެއެވެ.

ބޭނުންވާ ތަކެތި 

  • 1 މޭޒުމަތީ ސަމުސާ ކުކިންގ އޮއިލް
  • 1 ރެޑް ބެލް ޕެޕަރ
  • 1 ބޮޑު ފިޔާ 
  • 1 މީޑިއަމް ސައިޒް ޒުޗިނީ
  • 6 މަޝްރޫމް
  • 4 ލޮނުމެދު (ގާނާފައި)
  • 140 ގްރާމް (1 ކަޕް)  ފްރޯޒަން  ސްވީޓް ކޯން
  • 149 ގްރާމް (1 ކަޕް) ފްރޯޒަން ޗެރީ ޓޮމާޓޯ
  • އިޓާލިއަން ޑްރައިޑް ހާބްސް (އޮރިގާނޯ، ތީމް، ޕާސްލީ ފަދަ ތަކެތި ރަހަލާ ވަރަށް)
  • ލޮނު
  • ބްލެކް ޕެޕަރ
  • 9 ލަޒާނިއާ ޝީޓްސް
  • 1 ބޮޑު ޓޮމާޓޯ 

ކްރީމީ ވައިޓް ސޯސް އަށް:

  • 3 މޭޒުމަތީ ސަމުސާ ބަޓަރު
  • 3 މޭޒުމަތީ ސަމުސާ ގޮދަންފުށް
  • 2 ޖޯޑު މިލްކް
  • 150 ގްރާމް ޗެޑަރ ޗީޒް ނުވަތަ މޮޒެރެއްލާ ޗީޒް

ތައްޔާރު ކުރާނެ ގޮތް

1- ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ފިޔާ ، ބެލްޕެޕަރ، މަޝްރޫމް، ޒުޗިނީ އަދި ޓޮމާޓޯ ކުދިކޮށް ކޮށާލާށެވެ. 

2- ބޮޑު ތަވަޔަކަށް ތެޔޮ ފޮދު އަޅާލުމަށްފަހު، ކޮށާފައި ހުރި ފިޔައާއި ޒުޗިނީއާއި މަޝްރޫމް އަދި ގާނާފައި ހުރި ލޮނުމެދާއި ސްވީޓް ކޯން އަޅާލުމަށްފަހު 15 މިނިޓު ވާންދެން މީޑިއަމް ހީޓްގައި ކައްކާލާށެވެ. ކައްކަމުން ދާއިރު ދޭފަތުން ހާކާލަން ޖެހޭނެއެވެ. ތަރުކާރީކޮޅު ރަނގަޅަށް މަޑުވުމުން ޗެރީ ޓޮމާޓޯ އާއި ޑްރައިޑް ހާބްސް އަދި އަސޭމިރުހާއި ލޮނުކޮޅެއް ލުމަށްފަހު ދެ މިނިޓެއްހާއިރު ކައްކާލާށެވެ. 

3- ކްރީމީ  ވައިޓް ސޯސް ތައްޔާރު ކުރުމަށް މަޑު ގިނީގައި ބަހައްޓައިގެން ބަޓަރު މެލްޓް ކޮށްލާށެވެ. ފުަށްކޮޅު އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ފަހަރަކު ކިރު ފޮދެއް އަޅަމުން ރަނގަޅަށް އެއްކުރަމުން ގެންދާށެވެ. ކުޑަ ކިރު ފޮދެއް އަޅައިގެން ރާޅުކޮށް ނުހުންނަ ވަރަށް އޮމާންކޮށް ގިރާލުމަށްފަހު ބާކީ ހުރި ކިރުފޮދު އަޅާލުމަށްފަހު އޮލަ ވާންދެން ކައްކައިލާށެވެ. ބޭނުން ނަމަ ވެޖެޓަބްލް ސްޓޮކް ކޮޅެއް އަޅާލުމުން ސޯސްގަނޑުގެ ރަހަ މިރުވާނެއެވެ.

4- ގާނާފައި ހުރި ޗީޒްގެ ⅔ ވައިޓް ސޯސްގަނޑުގެ ތެރެއަށް އަޅައިލުމަށްފަހު ރަނގަޅަށް ގިރިގެން ދާންދެން ކައްކައިލާށެވެ.

5- ލަޒާނިއާ ޝީޓްސްތައް ބޭކިންގ ޓްރޭގައި އަތުރައިލުމުގެ ކުރިން ފެން އެއްޗެއްގައި ކައްކައިލާށެވެ. 

6- ބޭކިންގ ޓްރޭގެ ފުލުގައި ވައިޓް ސޯސްކޮޅެއް ފަތުރައިލުމަށްފަހު  ފޫ ފޮރުވޭވަރަށް ބައިބައި ކޮށްލާފައި ލަޒާނިއާ ޝީޓްތައް އަތުރައިލާށެވެ. ދެން އޭގެ މަތީގައި ތަރުކާރީ ލޭޔަރަކަށް ފަތުރާލާށެވެ. އޭގެ މައްޗަށް ވައިޓް ސޯސް ލޭޔަރެއް އަޅައިލާށެވެ. އެގޮތަށް އަދި އެއްފަހަރު ލަޒާނިއާ އަދި ތަރުކާރީ އާއި ވައިޓް ސޯސް ލޭޔަރުތަކަށް އަޅައިލުމަށް ފަހު އެންމެ މައްޗަށް ގާނާފައި ހުރި ޗީޒް ލޭޔަރަކަށް އަޅައިލުމަށް ޓޮމާޓޯ ވަށްކޮށް ފޮތިކޮށްލުމަށްފަހު އަތުރައިލާށެވެ. 

7- އަވަން 190 ޑިގްރީގައި ބަހައްޓައިގެން 50 މިނިޓުވާންދެން ލަޒާނިއާ ފިހެލާށެވެ. ލަޒާނިއާ ކަފަން ވާނީ އަވަނުން ނަގައި 15 ވަރަކަށް މިނިޓު ބެހެއްޓުމަށް ފަހުއެވެ. ފޮތި ފޮއްޗަށް ރީތިކޮށް ކަފާ ލެވޭނީ އޭރުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.