ކަންތައްތައް ހިނގާނޭ ގޮތް ކިޔައިދޭ މީހުންނަކީ ވަރަށް ގިނަ މީހުންގެ މެދުގައި މަގުބޫލުކަން ހޯދާ މީހަކަށް އަބަދުވެސް އޮންނަނީ ވެފައެވެ. ފާލު ބަލާ މީހުންނާއި ރަމަލު ޖަހާ މީހުންނާއި ރާހި ބަލާ މީހުންނަށް ލިބޭ ތަރުހީބުގެ ހަގީގީ ސަބަބަކީ އެއީއެވެ. ގިނަ މީހުން ބޭނުން ވަނީ ކުރިއަށް ވާން ހުރި ކަންތައްތައް ބަލައިގެން ދިރިއުޅުން ކުރިއަށް ގެންދާށެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ އީމާންކަން ކުޑަ ވީމާ ވާ ގޮތެކެވެ.
ފިލްމެއްގެ މަންޒަރުތަކެއް ނަގާން ތައްޔާރު ވަމުން ދަނީއެވެ. މަންޒަރު ނަގަނީ ރަށެއްގެ ގޮނޑުދޮށުގައެވެ. ކެމެރާ އާއި ބޮކި ތަކާއި ރިފްލެކްޓަރުތަކާއި މި ނޫނަސް ބޭނުންވާނޭ ހުރިހައި އެއްޗެއް ގޮނޑުދޮށަށް ޖަމާ ކޮށް ނިމިއްޖެއެވެ. ފިލްމުގައި ޙަރަކާތްތެރިވާ ތަރިންވެސް އަތުވެއްޖެއެވެ.
ކެމެރާ އާއި އެހެނިހެން ތަކެތި ބަހައްޓަންވާ ތާނގައި ބަހައްޓައި ނިމުނު ތަނާ އިންޑިއާ މީހަކު އެ ތަނަށް އަތުވެއްޖެއެވެ. މަންޒަރު ބަލަން ހުރެފައި ބުނެފިއެވެ.
"މިއަދު- ވާރޭ- މިއަދު ވިއްސާރަ-"
އެއްވެސް މީހަކު އޭނާގެ ވާހަކައަކަށް ސަމާލު ކަމެއް ނުދެއެވެ. މަސައްކަތާއިގެން ކުރިއަށް ދިޔައީއެވެ. މަންޒަރު ނަގަން ތައްޔާރުވީ ތަނާ ކުއްލިއަކަށް އުޑުމަތި ބަނަ ކޮށްލައިފިއެވެ. އަވަސް އަވަހަށް ތެޅިގަނެގެން އެއްޗެތި ހިޔާ ކުރެވުނީ ހަމަ ކިރިޔާ އެވެ. އެ ވެހިގަތް ވާރޭގަނޑު ހުއްޓައިލީ ދެތިން ގަޑި އިރު ފަހުންނެވެ. އޭރު އިރު އޮއްސެނީއެވެ. އެހެންވީމާ ފިލްމު ނެގުން އަނެއް ދުވަހަށް ލަސް ކޮށްލީއެވެ.
ދެވަނަ ދުވަހެވެ. ހަމަ ކުރީ ދުވަހެކޭ އެއް ގޮތަށް ހުރިހައި ސާމާނެއް ހިފައިގެން ފިލްމު ޔުނިޓް އަތިރި މައްޗަށް ނުކުމެއްޖެއެވެ. ހުރިހައި އެއްޗެއް ބަހައްޓަންވާ ތާނގައި ބަހައްޓައި ތައްޔާރުވެ ނިމުނުތަނާ އެއްކަލަ އިންޑިއާ މީހާ އަތުވެއްޖެއެވެ. ކުޑަ އިރުކޮޅަކު ބަލަން ހުރެފައި އެބަ ބުނެއެވެ.
"މިއަދު- ވާރޭ- މިއަދު ވިއްސާރަ-"
މިއަދަކު އެ މީހުންނެއް މަޑެއް ނުކުރެއެވެ. އަވަސް އަވަހަށް އެއްޗެތި ހިޔާ ކުރެވޭތޯ ބެލީއެވެ. އެއްޗެތި ނަގައި ނިމުމާއެކު ހަމަ ކުރީ ދުވަހެކޭ އެއް ގޮތަށް ބޯކޮށް ވާރޭ ވެހިގެންފިއެވެ.
އެ ދުވަހުވެސް މަންޒަރު ނުނެގުނީއެވެ.
ތިން ވަނަ ދުވަހު ހުރިހައި ސާމާނެއް ހިފައިގެން އައިސް ރާވައި ނިމިއްޖެއެވެ. އެކަމަކު އެ ދުވަހަކު އެއްކަލަ އިންޑިއާ މީހާގެ ޚަބަރެއް ނުވިއެވެ. ފިލްމުގެ ޑިރެކްޓަރު އެ ތަނުން ކުއްޖަކަށް ގޮވާލާފައި ބުންޏެވެ.
"އޭތް- އެއްކަލަ އިންޑިއާ މީހާ ފެނޭތޯ ހޯދާލަބަލަ- އެއީ ވަރަށް މޮޅު މީހެއް- އޭނާޔާ ވާހަކަ ނުދައްކައި ކުރިއަށް ގެންދާކަށް އަހަންނަކަށް ނުފެނޭ-"
އެ ކުއްޖާ ގޮސްފައި މާ ގިނަ އިރެއް ނުވެއެވެ. އިންޑިއާ މީހާ ގޮވައިގެން އަތުވެއްޖެއެވެ. ޑިރެކްޓަރ އޭނާޔާ ސުވާލު ކޮށްލިއެވެ.
"ކޮބާ- މިއަދު މޫސުމް އޮތީ ކިހިނެއް-؟ ވާރޭ ވެހޭނެތަ-؟"
އެ މީހާ ބޯ ކަހައިލާފައި ބުނެލިއެވެ.
"މިއަދު ނޭނގެނީ- ރޭޑިއޯ ހަލާކު ވަނީ-"