ﷲ ހަނދު ކުޅައުމަކީ ހިތަށް އަރާމު ލިއްބައިދޭ ކަމެއް

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ރޯދަ މަސް އިޙްޔާކުރުމުގައި އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެއެވެ. އޭގެ ތެރެއިން އެއްކަމަކީ، ﷲ އަށް ޛިކުރު ކުރުންމަތީ ދެމިހުރުމާއި ދުޢާ ކުރުން ގިނަކުރުމެވެ.

ޛިކުރު ކުރުމަކީ އަޅާ ﷲގެ ޙަޟުރަތަށް ކުއްތަން ވުމުގައި ބޭނުން ކުރެވޭނެ އެންމެ މަތިވެރި އަޅުކަމެވެ. ޚާއްޞަކޮށް ރޯދަ މަހުގައެވެ. މިހެނީ އަޅުކަން ޝަރުޢު ކުރެވުނީ ﷲގެ ޙަޟުރަތަށް ކުއްތަން ވުމުގެ ބޭނުމުގައެވެ. ﷲގެ ރުހިވޮޑިގަތުން އަޅާއަށް ޙާޞިލު ކުރުމުގެ މަގެއްގެ ގޮތުގައެވެ. އަޅުކަންތަކާއި ހެއުޢަމަލުތަކާއި ރިވެތި އަދަބުތަކާއި އަޚްލާޤާއި މިހުރިހާ ކަމެއްވެސް ޝަރުޢު ކުރެވިފައިވަނީ ﷲ ހަނދުމަކުޅައުން ޤާއިމު ކުޅައުމުގެ ބޭނުމުގައެވެ. ޠާހާ ސޫރަތުގައި މާތް ﷲ ވަޙީ ކުރަށްވާފައި ވަނީ މިފަދައިންނެވެ. {فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي} (މާނައީ: އޭ ތިމަން ﷲގެ އަޅާއެވެ! ޚާލިޞް ތިމަން އިލާހަށް އަޅުކަން ކުރާށެވެ! އަދި ތިމަން އިލާހު ހަނދުމަ ކުޅައުމުގެ ގޮތުން ނަމާދު އަދާކުރުންމަތީ ދެމިހުންނާށެވެ.) އެހެންކަމުން ޢިލްމުވެރިން ވިދާޅުވަނީ އިންސާނާ އެކަމަކުން މަޝްޣޫލުވާ އެންމެ މާތް ކަމަކީ ﷲ އަށް ޛިކުރު ކުރުމެވެ. ބަޔާންވެދިޔަ އާޔަތް ފިޔަވައިވެސް ޛިކުރު ކުރުމުގެ މާތްކަމާމެދު އައިސްފައިވާ ދަލީލުތައް ގިނަގުނައެވެ. އަޙްޒާބު ސޫރަތުގައި ﷲ ވަޙީ ކުރަށްވާފައި ވެއެވެ. "އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކޮށް އުޅޭށެވެ! (41) އަދި ހެނދުނާއި، ހަވީރު އެއިލާހުގެ ހުސްޠާހިރުވަންތަކަން ބަޔާންކޮށް (ތަސްބީޙަކިޔައި) އުޅޭށެވެ! (42) ދަންނާށެވެ! އެއިލާއީ، ތިޔަބައިމީހުންގެ މައްޗަށް ރަޙްމަތް ލައްވާ ރަސްކަލާނގެއެވެ. އަދި އެއިލާހުގެ އަމުރުފުޅަށް އެއިލާހުގެ މަލާއިކަތުންވެސް ތިޔަބައިމީހުންނަށް ރަޙްމަތަށް އެދި، އަދި ތިޔަބައިމީހުންގެ ފާފަފުއްސެވުމަށް އެދި ދަންނަވަތެވެ. އެއީ ކުފުރުގެ އަނދިރިކަމުން ތިޔަބައިމީހުން ނެރުއްވައި އީމާންކަމުގެ ނޫރަށް ތިޔަބައިމީހުން ވެއްދެވުމަށްޓަކައެވެ. އަދި ދަންނާށެެވެ. އެއިލާހުއީ މުއުމިނުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. (43)"

އެތަކެއް މުޙައްދިޘުން ނެރުއްވާފައިވާ، ލޮބުވެތި ރަސޫލާގެ މޫރިތި ބަސްފުޅެއްގައި އައިސްފައި ވެއެވެ. " އޭ މީސްތަކުންނޭވެ! ނިކަން ތިޔަބައިމީހުންނަށް އެންމެ އުފާވެރި ބަސްތަކެއް ވިދާޅުވެ ދެއްވަން ހެއްޔެވެ؟ އެއީ ތިޔަބައިމީހުންނަށް ކުރެވޭނެ އެންމެ ހެއު ޢަމަލެވެ. ތިޔަބައިމީހުންގެ ވެރި ރަސްކަލާގެ ޙަޟުރަތުގައި އެންމެ ބަރަކާތްތެރި އެންމެ ޠާހިރު ޢަމަލެވެ. ތިޔަބައިމީހުންގެ ދަރަޖަތައް އެންމެ އުފުލިިގެންދާނެ ޢަމަލެވެ. ރަންރިހީން ގިނަގުނަ ހޭދަތަކެއް ކުރުމަށްވުން ތިމާމެންނަށް ހެއުކަންބޮޑު ޢަމަލެވެ. ޖިހާދުކުރުންމަތީ ތިމާމެންގެ ޢަދާވާތްތެރިންނާ ކުރިމަތިލައި އެމީހުން ޤަތުލުކުރުމަށްފަހު ތިމާމެންވެސް ޝަހީދުވެގެން ދިއުމަށްވުރެން އިތުރުކަން ބޮޑު ޢަމަލެވެ. ދަންނާށެވެ! އެއީ ﷲގެ މަތިވެރިކަން ތިމާމެންގެ ހިތްމައްޗަށް ގެެނަސް ﷲގެ ކިބުރިޔާވަންތަކަން ތިމާމެންގެ ސިކުޑީން އިޙްސާސު ކުރުމާއެކު ﷲ އަށް ބިރުވެތިވެ އިނދެ ﷲގެ ޙަޟުރަތުގައި ތިމާ އިންކަން ދެނެހުރެ ބިރުވެތިކަމާއެކު ﷲ އަށް ޛިކުރު ކުރާ ކުރުމެވެ."

ޛިކުރުގެ މާތްކަމާއި މަތިވެރިކަމާއި، އަޅުގަނޑުމެންގެ ނަފްސާ ޛިކުރާ ގުޅި ލާމެހިފައިހުރިލެއް ބޮޑުކަން މާތް ﷲގެ އަންނަނިވި ވަޙީ ބަސްފުޅުން ދޭހަވާނެއެވެ. {الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ} މާނައީ: ފުރިހަމަ ގޮތުގައި ތެދުމަގު ލިބިފައިވާ  މީހުންނަކީ ﷲގެ ރަސޫލާ ގެންނެވި ރިސާލަތު ޤަބޫލުކުރުމާއެކު، މަތިވެރި ﷲ ހަނދުމަކުރުމުން، ތިމާމެންގެ ހިތްތައް ހަމަޖެހި ހިތްތަކަށް އަރާމު ލިބޭ މީހުންނެވެ. ނިކަން ދަންނާށެވެ! ހިތްތައް ހަމަޖެހި ހިތްތަކަށް އަރާމު ލިބޭހުށީ ހަމައެކަނި ﷲ ހަނދުމަ ކުޅައުމުންނެވެ. (ރަޢުދު ސޫރަތް: 28)

ޝައްކެއްނެތެވެ. ﷲ އަށް ޛިކުރުންމަތީ ދެމިހުންނަ މީހާއަކީ ދިރިހުރި މީހެކެވެ. އަދި ތިމާގެ ހިތުން ﷲ ފިލައި ގޮސްފައިވާ މީހާއަކީ މޮޅަ މައްޔިތެއްފަދަ މީހެކެެވެ. އެހެންކަމުން އެގެއެއްގައި ޛިކުރު ކުރެވޭ ގެއަކާއި ޛިކުރު ނުކުރެވޭ ގެއެއްގެ މިސާލު ޖައްސަވަމުން ލޮބުވެތި ރަސޫލާ ޙަދީޡު ކުރަށްވާފައިވަނީ އެދެކަމުގެ މިސާލަކީ، އާބާދުވެ ޒީނަތްތެރިވެ ނޫރާނީއަލިން ވިދާބަބުޅައިހުރި ގެއަކާއި ފަނާވެ ވީރާނާވެ ފަޅުވެފައިވާ ގެއެކެވެ.

ޛިކުރުގެ މަތިވެރިކަމާއި އޭގެ ފައިދާގެ ބޮޑުކަން އަންނަނިވި އާޔަތާމެދު ވިސްނާލުމުން އަޅުގަނޑުމެންނަށް އިޙްސާސް ވެދާނެއެވެ. ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި އަރަހުށި ހުސްތާހިރުވަންތަ މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. {فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ} މާނައީ: އޭމުސްލިމުންނޭވެ! ވުމާއެކު ތިޔަބައިމީހުން ތިމަން ﷲގެ ނިޢުމަތްތައް ހަނދުމަކޮށް ތިމާމެންގެ ހިތްމައްޗަށް ގެންނާށެވެ. ތިމަން ﷲ ތިޔަބައިމީހުންނަށް ބޮޑަށް ރަޙްމަތްލައްވައި ފާފަ ފުއްސަވާހުށީމެވެ. އަދި އެނިޢުމަތްތަކަށް ޝުކުރުވެރިވެ ޙަމްދު ކޮށް އުޅޭށެވެ. ނަމަނަމަ ތިމަން ﷲގެ ނިޢުމަތްތަކާއި އިޙްސާންތަކަށް ނާޝުކުރީ ނުވާށެވެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނީ އެންމެހައި ޙާލަތްތަކުގައި މާތް ﷲ ހަނދުމަކޮށް އުޅޭ، އެއިލާހުގެ ނިޢުމަތްކަށް ޝުކުރު އަދާކުރާ މީހުން ކަމުގައި ލެއްވުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.