ރަމަޟާންމަހުގެ ޤިޔާމު

ދަންނަ ބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި، ރަމަޟާންމަހުގެ ޤިޔާމަކީ ތަރާވީޙު ނަމާދެވެ. އެއީ ދެރަކްޢަތުން ދެރަކްޢަތުން ކުރަންޖެހޭ ނަމާދެކެވެ. ރަމަޟާން މަހުގައި ނޫނީ ތަރާވީޙު ނަމާދެއް ނެތެވެ. މި ނަމާދަށް ތަރާވީޙޭ ކިޔުނީ ޤިޔާމުގެ ދިގުކަމުން ކޮންމެ ހަތަރު ރަކްޢަތެއް ކޮށްފައި، އަރާމު ކޮށްލުމަށްޓަކައި ނަމާދު ކުރުން އިރުކޮޅަކަށް މެދުކަނޑައިލާތީއެވެ. ތަރާވީޙު ނެގިފައި ވަނީ "ތަރްވީޙު" އިންނެވެ. ކޮންމެ ހަތަރު ރަކްޢަތަކަށް "ތަރްވީޙާ" އެކޭ ކިޔެއެވެ.

ތަރާވީހު ނަމާދަކީ ފިރިހެނުންނަށާއި އަންހެނުންގެ މައްޗަށް ކުރުން ސުންނަތްވެގެންވާ ނަމާދެއްކަމަށް ވެސް ޢިލްމުވެރިން އެއްބަސްވެވަޑައި ގަންނަވައެވެ. މިނަމާދު ޝަރްޢު ކުރައްވާފައިވަނީ ރަސޫލުﷲގެފާނުގެ ޙަޔާތްޕުޅުގެ ފަހުކޮޅުގައެވެ. މިކަމުގެ ދަލީލަކީ، ޢާއިޝަތުގެފާނު އަރިހުން ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘެވެ. އެކަމަނާ ވިދާޅުވިއެވެ. "ރަސޫލުﷲގެފާނު ރޭގަނޑެއްގެ ދަންވަރުގައި މިސްކިތަށް ނުކުމެވަޑައިގެން ނަމާދުކުރެއްވިއެވެ. އަދި މީސްތަކުން ވެސް ރަސޫލާ ނަމާދުފުޅު ކުރެއްވިގޮތަށް ނަމާދުކުރޫއެވެ. ފަހެ، ހެނދުންވުމުން މިވާހަކަ އެބައިމީހުން ދެއްކޫއެވެ. އަނެއްރޭ ނަމާދުކުރި މީހުންގެ ޢަދަދު މާގިނަވިއެވެ. ފަހެ، ހެނދުންވުމުން މިވާހަކަ ދެއްކޫއެވެ. ދެން އަނެއްރޭ ނަމާދު ކުރިމީހުން މާ އިތުރުވެގެން ދިޔައެވެ. ހަތަރުވަނަރޭ މީހުން ގިނަވެގެންގޮސް މިސްކިތް ކުޑަވެގެން ދިޔައެވެ. އެކަމަކު ރަސޫލުﷲގެފާނު އެރޭ ނުކުމެވަޑައިގަތީ ފަތިސްވުމުން ފަތިސްނަމާދަށެވެ. ފަތިސް ނަމާދު ކުރައްވާފައި މީސްތަކުންނާ ކުރިމަތިލައްވައި ޙަދީޘްކުރެއްވިއެވެ. ތިމަން ކަލޭގެފާނުގެ އަރިހުގައި ތިޔަބައިމީހުންގެ މަޤާމު އޮޅިވަޑައެއް ނުގަންނަވައެވެ. އެކަމަކު އެ ނަމާދު ތިޔަބައިމީހުންގެ މައްޗަށް ފަރްޟުކުރައްވައިފާނޭތީ ބިރުފުޅުގަތީއެވެ. ތިޔަބައިމީހުން އެކަމަށް ކުޅަދާނަ ވެގެންވާ ބަޔަކު ކަމުގައި ނުވެދާނެތީއެވެ. "ބުޚާރީގައި އައިސްފައިވެއެވެ." ރަސޫލުﷲގެފާނު ސުވަރުގެ ވަޑައިގެންއިރު އެކަން އޮތީ އެގޮތުގެ މަތީގައެވެ. "ޤަލްޔޫބީ ވިދާޅުވާގޮތުގައި ރަސޫލުﷲގެފާނު މިނަމާދު ދެވަނަ ފަހަރަކަށް ނުކުރައްވައެވެ. އެކަމާމެދު ޞަޙާބީން ސުވާލު ކުރައްވާފައި ނުވަނީ މިހެންވެގެންނެވެ.1 ރަސޫލުﷲގެފާނު ޖަމާޢަތުގައި މި ނަމާދު ކުރައްވާފައިވާތީ އެއީ ޖަމާޢާތުގައި ކުރުން ސުންނަތްވެގެންވާ ނަމާދެއް ކަން އެނގެއެވެ. އެކަލޭގެފާނުގެ ފަހުން ޢުމަރުގެފާނު ހިޖްރައިން ސާދަވަނަ އަހަރު، އެ ނަމާދު ޖަމާޢަތުގައި ކުރައްވަން ފެށްޓެވިއެވެ. އެއީ އެކަލޭގެފާނުގެ ޚިލާފަތުގެ ދެވަނަ އަހަރުގެ ރަމަޟާން މަހުގައެވެ.2 ޢުމަރުގެފާނު މީސްތަކުން އެއްކުރައްވައި އެއް އިމާމެއްގެ ފަހަތުގައި އެނަމާދު ކުރާގޮތަށް ހަމަޖެއްސެވިއެވެ. ޢަބްދުއްރަޙްމާނު އިބުނު ޢަބްދުލްޤާރީގެ އަރިހުން، ބުޚާރީ ރިވާ ކުރެއްވިއެވެ." ރަމަޟާންމަހުގެ ރެއެއްގައި އަހުރެން ޢުމަރުގެފާނުގެ އަރިހުގައި މިސްކިތަށް ދިޔައިމެވެ. އޭރު މީސްތަކުން ބައިބަޔަށް ނަމާދުކުރަމުން ދިޔައެވެ. އަދި ބައެއްމީހުން އެކަހެރިކޮށް ވެސް ނަމާދުކުރަމުން ދިޔައެވެ. އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. މި އެންމެން އެކެއްގެ އިމާމަތުގެ ދަށުގައި ނަމާދުކުރުން މާރަނގަޅު ވާނެކަމަށް ފެނިވަޑައިގަންނަވައެވެ. މިކަން މިގޮތަށް ކުރައްވަން ނިންމަވައި އުބައްޔު ބުނު ކަޢުބު އިމާމަކަށް ލައްވައި އަނެއްރޭ ނަމާދު ކުރާގޮތަށް ހަމަޖެއްސެވިއެވެ. ދެން އެހެން ރެއަކު އަހުރެން ޢުމަރުގެފާނު އަރިހުގައި މިސްކިތަށް ދިޔައިމެވެ. މީސްތަކުން ޖަމާޢަތުގައި އެއް އިމާމެއްގެ ފަހަތުގައި ނަމާދު ކުރަމުންދާތަން ފެނިވަޑައިގެން ޢުމަރުގެފާނު ވިދާޅުވިއެވެ. މިއީ ހާދަ ރަނގަޅު ބިދްޢައެކެވެ." 3

އަލްކަމާލު ބުނުލްހުމާމު ވިދާޅުވިއެވެ. އަބޫ ޔޫސުފުގެ އަރިހުން އަސަދު ބުނު ޢަމްރު ރިވާކުރެއްވިއެވެ. އަހުރެން ތަރާވީޙާ ބެހޭގޮތުން އަބޫޙަނީފާއާ ސުވާލުކުރީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ގަދަވެގެންވާ ސުންނަތެކެވެ. ޢުމަރުގެފާނު އެގޮތަށް އެކަންތައް ކުރެއްވީ އަމިއްލަފުޅަކަށް ނޫނެވެ. އެއީ އެކަލޭގެފާނު އަލަށް ފެށްޓެވި ކަމެއް ނޫނެވެ. އެކަލޭގެފާނު އެގޮތަށް ކަންތައް ކުރައްވާނީ ރަސޫލުﷲގެފާނު އަރިހުން އެނގިވަޑައިގެންފައިވާ އަޞްލެއްގެ މައްޗަށެވެ. މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން އެއްވެސްބޭކަލަކު ޢުމަރުގެފާނުގެ މިޢަމަލުފުޅާ ދެކޮޅަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނެތެވެ. އެބޭކަލުން ޢުމަރުގެފާނަށް ތާއީދުކުރައްވާ އެކަމުގައި އެކަލޭގެފާނަށް އެއްބާރު ލެއްވުންވެސް ދެއްވާފައިވެއެވެ.4


1 -   حاشية القليوبى وعميرة : 1 / 217

2 -   މިކަމާ އެއްވެސް ޞަޙާބީއަކު ދެކޮޅު ހައްދަވާފައި ނުވާތީ އެއީ އިޖްމާޢެކެވެ.

3 -   صحيح البخارى ك رقم 1905 ، مسلم : رقم 759

4 -   شرح فتح القدير : 1/ 333 ، المنتقى : 1/ 207

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.