ރޯދައިގެ ޙިކްމަތްތަކުގެ ތެރެއިން

ރޯދައިގެ ޙިކްމަތްތައް ވަރަށްގިނައެވެ. އޭގެ ތެރޭގައި މިއަންނަ ކަންތައްތައް ހިމަނާ ލެވިދާނެއެވެ.

1-     މާތްﷲ އަމުރުކުރައްވާފައިވާ ކަންތައްތައްކޮށް އެކަލާނގެއަށް ކިޔަމަން ގަތުމުންނާއި މާތްﷲ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވެ އެކަލާނގެއަށް ބޯލަނބައިގެން ނަފްސު ޠާހިރުކުރުން: މިކަމުގެ ސަބަބުން މާތްﷲއަށް ފުރިހަމައަށް އަޅުވެތިވުމުގެ ތަމްރީނު ލިބެއެވެ. އޭނާ ބޭނުންނަމަ ރޯދައަށޭ ކިޔާފައިހުރެ ކައިބޮއި ހެދިދާނެއެވެ. އެއްވެސް މީހަކަށް އެކަމެއް ނޭނގޭނެއެވެ. ނަމަވެސް އޭނާ މިކަންތައްތަކާ ދުރުހެލިވަނީ މާތްﷲގެ ވަޖްހުފުޅަށް ޓަކައެވެ.

2-     ރޯދަ ހިފުމަކީ އިންސާނާއަށް އޭނާގެ މާއްދީ ބައިގެ މައްޗަށް އޭނާގެ ރޫޙާނީ ބައި ގަދަކުރުމަށް ފުރުޞަތު ލިބިދޭ އަޅުކަމެކެވެ. މާތްﷲ އާދަމުގެފާނު ހައްދަވާފައިވަނީ ކިސަޑާއި މަށިންނެވެ. އެއަށްފަހު މާތްﷲ ކިސަޑުގެ މިހަށިގަނޑަށް ފުރާނަ އެޅުއްވިއެވެ. އިންސާނާގެ ހަށިގަނޑުގެ ތެރޭގައިވާ މިދެބަޔަކީ އަރާރުމެއްގެ ތެރޭގައިވާ ދެބަޔެކެވެ. މާއްދީބައި އިންސާނާގެ މައްޗަށް ވެރިވެގަންފިނަމަ އިންސާނާ ނަޢަމު ސޫފީގެ ދަރަޖައަށް ވެއްޓިދާނެތެވެ. އެކަމަކު އިންސާނާގެ ރޫޙާނީ ބައި އިންސާނާގެ މައްޗަށް ވެރިވެ ގަނެވޭގޮތް ހެދިއްޖެނަމަ މަލާއިކަތުންގެ އުދަރެހަށް އިންސާނާއަށް ވާޞިލު ވެވިދާނެއެވެ. އެހެންކަމުން ރޯދައަކީ މާއްދާގެ މައްޗަށް ރޫޙާނިއްޔަތު ގަދަކޮށްގަތުމެކެވެ. ޝަހްވަތުގެ މައްޗަށް ވިސްނުމުގެ ބާރު ވެރިކޮށްގަތުމެކެވެ. މާތްﷲ އިންސާނާ ހައްދަވާފައި މިވަނީ މާއްދާގެ ޢާލަމާ ،ރޫޙާނީ ޢާލަމުގައި އުޅުމަށްޓަކައެވެ. އޭނާއަށް ބިމާއެކު މުޢާމަލާތު ކުރާއިރު އުޑާއެކު ގުޅުން ދަމަހައްޓަންވެސް ޖެހެއެވެ.  ބިމުން އުފައްދާދޭ އެއްޗެހިން ކައިބޮއި ހަދާއިރު، ޙައްޤު ދެނެގަތުމަށްޓަކައި ،އަދި ހެވާނުބައި އުގެނުމަށްޓަކައި ރޫޙާނީ ބައި ވެސް ވަރުގަދަކުރަން ޖެހެއެވެ. ދީނުގައި ޝަރްޢު ކުރައްވާފައިވާ އަޅުކަންތައްތައް ޝަރްޢު ކުރައްވާފައިވަނީ އިންސާނާގެ ރޫޙާނީބައި ވަރުގަދަކޮށް މި މާއްދީބައިގެ މައްޗަށް ގަދަވެ ގަތުމަށްޓަކައެވެ.

މިގޮތުން ބަލާއިރު ރޯދައަކީ ރޫޙާނީ ޖިހާދުގެ ވަރަށްފުޅައު މައިދާނެކެވެ. ރޯދަވެރިޔާ  އޭނާގެ ވެރިރަސްކަލާނގެ ވަޖްހުފުޅު އަދައިގެން، އެކަލާނގެ ޙަޟްރަތުން ދަރުމައަށް އެދިގެން،  ﷲގެ އަމުރުފުޅަށް ހައިހޫނު ކަމުގައި ހުންނަނީ އަތްފޯރާ ހިސާބުގައި ކާބޯތަކެތި ހުއްޓައެވެ. ކަރުހިއްކުމުގައި ހުންނަނީ ތުންޖެހޭ ހިސާބުގައި މީރުފިނި ފެންތަށި ހުއްޓައެވެ. އޭނާއަށް ފާރަލާނެ އެހެން މީހަކު ނެތިއެވެ. މިއީ އިންސާނާގެ އީމާންކަމުގެ ޙަޤީޤީ އިމްތިޙާނެކެވެ. އޭނާގެ ޢަޒްމު ވަރުގަދަކަން ދައްކާދޭ ކަމެކެވެ.

ރޯދަވެރިޔާ ކޮންމެ ދުވަހަކު ރޯދަ ފުރިހަމަ ކުރާހިނދު އޭނާއަށް ލިބޭ އުފަލުގެ ސިއްރަކީ މިއީއެވެ.  ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ لِلصَّائِم فَرْحَتَانِ يَفْرَحُهما إذَا أَفْطر فَرِحَ بِفِطْرِهِ وإذَا لَقِىَ رَبَّهُ فَرِحَ بِصَومِه –متفق عليه- ރޯދަވެރިޔާއަށް ދެ އުފަލެއް ލިބިގެންވެއެވެ. ރޯދަހިފާ ރޯދަ ވީއްލާއިރު ލިބޭ އުފަލަކާއި، އޭނާގެ ވެރި ރަސްކަލާނގެ ޙަޟްރަތާ ބައްދަލުވާ ދުވަހު ރޯދައިގެ ސަބަބުން ލިބޭ އުފަލެވެ."

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.