އިންޑިޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އަނެއްކާވެސް ހަލުވިކަމާއެކު އިތުރުވާން ފަށާފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުގައި 2 ލައްކަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއީ އެގައުމުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ އާ ރެކޯޑެކެވެ. މިއަދު ޕޮޒިޓިވް ވި 2 ލައްކަ މީހުންނާއެކު އިންޑިޔާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 14 މިލިއަނަށް އަރާފައެވެ.
ވެރިރަށް ނިއުދިއްލީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވާތީ ބައެއް ހޮޓެލްތަކާއި، ކައިވެނީގެ ހަފްލާތައް ބާއްވާ ހޯލްތައް ވަނީ ކޮވިޑް-19 ސެންޓަރުތަކަށް ބަދަލުކޮށްފައެވެ. "އަދަދުތައް އިތުރުވަމުން ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް." ދިއްލީ ސަރުކާރުގެ ސިއްހީ ތަޖުރިބާކާރަކު ވިދާޅުވިއެވެ.
ދިިއްލީގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 17 ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ 104 މީހުން ވަނީ މަރުވެފައެވެ.
އެންމެ ހަލުވިިކޮށް ބަލި ފެތުރެމުންދާ ސްޓޭޓް މަހާރާޝްޓްރާގައި ވަނި މީހުން ނުކުމެއުޅުން ކޮންޓުރޯލުކުރުމަށް ހަރުކަށި ފިޔަވަޅު އަަޅަން ފަށާފައެވެ. އެ ސްޓޭޓްގެ ވެރިރަށްއަދި އިންޑިޔާގެ ވިޔަފާރީގެ މަރުކަޒު މުމްބާއީގެ ހަލަބޮލި މަގުތައް ވެސް ވަނީ މުޅިންހެން ހިމޭންވެފައެވެ.
އިިންޑިޔާގެ ހެލްތު މިނިސްޓްރީން މިއަދު ބުނި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 200739 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި 1038 މީހުން ވަނީ މަރުވެެފައެވެ. މިއާއެކު، އިންޑިޔާއިން މި ބަލީގައި މަރުވި މީހުންްގެ އަދަދު 1 ލައްކަ 73 ހާހަށް އެރީއެވެ. ޕޮޒިޓިވްވި މީހުންގެ އަދަދަށް ބަލާއިރު، އިންޑިޔާ އެެމެރިިކާގެ ފަހަތުން ދެވަނައިގައި އޮތް އިރު، މަރުވި މީހުންގެ އަދަދަށް ބަލާއިރު އިންޑިޔާ އޮތީ އެމެރިކާއާއި، ބްރެޒީލާއި، މެކްސިކޯގެ ފަހަތުން ހަތަރުވަނައިގައެވެ.
ދާދި ފަހުން އިންޑިޔާގެ ބައެއް ސްޓޭޓްތަކުގައި ބޭއްވި އާއްމު އިންތިޚާބުތަކުގެ ތެރޭގައި ބޭއްވި ކެމްޕޭން އެއްވުންތަކާއި، ހިންދޫންގެ ދީނީ ބޮޑު އެއެްވުމެއްގައި އެތައް ލައްކަ ބަޔަކު ބައިވެރިވުމަކީ ބަލިފެތުރުން ހަލުވިވެެގެން ދިޔަ ސަަބަބުތައް ކަމުގައި ތަޖުރިބާކާރުން ދެކެއެވެ.
ބައްޔާ ދެކޮޅަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމުވެސް ސަރުކާރުން ކުރިއަށް ގެންދާއިރު، މިހާތަނަށް 114 މިލިއަން މީހުންގެ ގަޔަށް ވެކްސިން ޖަހާފައިވެއެވެ. ބުދަ ދުވަހު އެކަނިވެސް 3 މިލިއަން މީހުންގެ ގަޔަށް ވަނީ ވެކްސިން ޖަހާފައެވެ.