އިންޑިއާގައި ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު މެދުކެނޑުމެއްނެތި އިތުރުވަނީ

ބިހާރު ސްޓޭޓުގެ އަންހެނަކު ކޮރޯނާވައިރަހަށް ޓެސްޓު ކުރަން ސާމްޕަލްނަގަނީ

އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން މެދުކެނޑުމެއްނެތި ދަނީ އިތުރުވަމުންނެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކު ރެކޯޑަކަށްފަހު ރެކޯޑެއް ދަނީ ގާއިމުވަމުންނެވެ.

ދުނިޔޭގައި އެންމެ ގިނައިން ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ ލިސްޓުން ތިންވައިގައި އޮތް އިންޑިއާއިން  ބުރާސްފަތިދުވަހު ހާމަކުރި ބަލިޖެހުނު މީހުންނާއި މަރުވި މީހުންނާއި ޓެސްޓު ކުރެވުނު މީހުންގެ އަދަދަށް ބަލާއިރު ފެންނަނީ ރިކޯޑެކެވެ.

އިންޑިއާ ސަރުކާރުން ހާމަކުރި ރިޕޯޓުތަކަށް ބަލާއިރު އެއްދުވަހުގެ ތެރޭގައި 32695 މީހުންނަށް ބަލިޖެހިފައިވެއެވެ. އަދި 606 މީހުން މަރުވެފައިވެއެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން ހޯދައި ބެލުމަށް ކުރަމުންދާ ޓެސްޓުތަކަށް ބަލާއިރު ވެސް ބުދަދުވަހު ވަނީ އައު ރިކޯޑެއް ގާއިމުވެފައެވެ. އެދުވަހު 32600    އަށްވުރެ ގިނަ މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ. އެއީވެސް ރިކޯޑެކެވެ.

އިންޑިއާގެ ސިއްހީ ވުޒާރާއިން ބުނިގޮތުގައި ޑަބްލިޔުއެޗްއޯއިން އަންގާފައިވާ ގޮތަށް ދުވާލަކު 10 ލައްކަ މީހުންގެ ތެރެއިން 140 މީހުން ދަނީ ޓެސްޓު ކުރަމުންނެވެ. އިންޑިއާގައި މީހާތަނަށް 1.2 މިލިއަނަށްވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޓެސްޓުކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6.30 ގެ ރިޕޯޓުތަކަށް ބަލާއިރު އިންޑިއާގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އުޅެނީ 982174 ގައެވެ. އަދި އެ ބަލީގައި 25093 މީހުން މަރުވެފައިވެއެވެ. 

ކޮރޯނާވައިރަސް އިންޑިއާގެ އެކި ސްޓޭޓުތަކުގައި އިތުރުވަމުންދާތީ ބަލި މީހުންގެ އަދަދު އިތުރު ވަމުންދާ ސަރަހައްދު ސަރުކާރުން ދަނީ ދެވަނަ ފަހަރަށް ފުރަބަންދު ކުރަމުންނެވެ. މަހާރާޝްޓާރާއާއި ޓެމިލްނާޑޫއާއި ހުޅަނގު ބެންގާލާއި އާސާމާއި ގޯއާގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފުރަބަންދު ގާއިމުކޮށްފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.