އެންމެ 24 ގަޑިއިރުގެތެރޭގައި އިންޑިއާގެ 86432 މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

އެންމެ 24 ގަޑިއިރުގެތެރޭގައި އިންޑިއާގެ 86432 މީހުންނަށް ކޮވިޑް-19 ޖެހި އަދި އެބަލީގައި 1089 މީހުން މަރުވެފައިވާކަމުގައި ޔުނިއަން ހެލްތު މިނިސްޓްރީން މިއަދު ހެނދުނު ބުނެފިއެވެ.

މުޅި ދުނިޔޭގެ ރެކޯޑުތަކަށްބަލާއިރު ކޮވިޑް-19 އެންމެ ގިނަ މީހުންނަށް ޖެހި އަދި އެންމެ ގިނަ މީހުން ބަލީގައި މަރުވެފައިވަނީ އެމެރިކާއިންނެވެ. ދެން ބުރެޒިލްއެވެ. އިންޑިއާ އުޅެނީ ތިންވަނައިގައެވެ.

މިއަދު ހަވީރު 5.30ގެ ޚަބަރުތަކަށްބަލާއިރު އިންޑިއާއިން މިހާތަނަށް  4023179 މީހުންނަށް ކޮވިޑް-19  ޖެހި އެބަލީގައި 69561 މީހުން މަރުވެފައިވެއެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކަށް ބަލާއިރު ކޮވިޑް-19 އެންމެ ގަދަފަދައަށް ފެތުރެމުންދަނީ މަހާރާޝްޓްރާ، ޓަމިލް ނާޑޫ، ކަރުނާޓަކާ، ދިއްލީ އަދި އަންދުރަ ޕްރަދޭޝްގައެވެ. ހެލްތު މިނިސްޓްރީން ބުނިގޮތުގައި އިންޑިއާއިން މަރުވި މީހުންގެ 70 ޕަސެންޓް ނިސްބަތްވަނީ މިދެންނެވި ސަރަހައްދުތަކަށެވެ.

ބުރާސްފަތި ދުވަހާއި ހުކުރުދުވަހު ހެނދުނު އިންޑިއާގެ ހެލްތު މިނިސްޓްރީން ހާމަކުރި ރިޕޯޓުތަކަށް ބަލާއިރު އެ ދެދުވަހުންކުރެ ކޮންމެ ދުވަހަކު ވެސް 83 ހާހަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވެއެވެ. ދުނިޔޭގައި މިހާރު އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ނުރައްކާތެރި ދަރަޖައަކަށް ކޮވިޑް-19 ފެތުރެމުން ދަނީ އިންޑިއާގައެވެ.

ފަހަކަށް އައިސް އިންޑިއާގެ ރަށްފުށުގެ ސަރަހައްދުތަކަށް ކޮވިޑް-19 ފެތުރެން ފެށުމުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ގޮންޖެހުމެއްވަނީ ކުރިމަތިވެފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.