އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާނީ ސެޕްޓެންބަރު 11 ގައި

އަފްޣާނިސްތާނުގެ ކުޑަކުއްޖަކު އެމެރިކާ ސިފަައިންގެ މީހަކާ ސަލާންކުރަނީ

ކުރީގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރާ ޠާލިބާން ޖަމާޢަތާ ދެމެދު ވެފައި އޮތް އެއްބަސްވުމުގައި ވާ ސުންގަޑި ކަމުގައިވާ 1 މޭ ގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ނުބާލަން ރައީސު ޖޯ ބައިޑަން ނިންމަވައިފިއެވެ. އެމެރިކާގެ އޮފިޝަލުން އަންގާރަ ދުވަހު ހާމަކުރެއްވި ގޮތުގައި ސިފައިން ފައިބާނެ އައު ސުންގަޑިއެއް ކަމުގައި ރައީސު ބައިޑަން ކަނޑައަަޅުއްވާފައި ވަނީ އަންނަ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހެވެ. އެއީ ނިއުޔޯގެ ވާލްޑް ޓްރޭޑް ސެންޓަރަށް ދިން ވަރުގަދަ ޓެރަރިސްޓު ހަމަލާއަށް 20 އަހަރު ފުރޭ ދުވަހެވެ. އަފްޣާނިސްތާނަށް އެމެރިކާ ސިފައިން އެރީ މިހަމަލާއަށް ފަހުގައެެވެ.

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބުމާއެކު، އެމެރިކާގެ ތާރީޚުގައި އެގައުމުގެ ސިފައިން ކުރި އެންމެ ދިގު ހަނގުރާމަ ނިމުމަކަށް އަންނާނެއެވެ. މިހާރު ކަނޑައެޅި ސުުންގަޑިއާއެކު އެކަމަށް ބާކީ އޮތީ ފަސް މަސްދުވަހެވެ.

"އެމެރިކާ ސިފައިން މަދުކުރުން ކުރިއަށް ގެންދަވާނެކަމަަށާ، ސެޕްޓެންބަރ 11 އަންނަަންވާއިރަށް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބާލުއްވާނެކަމަށް ރައީސު ބައިޑަން ވަނީ ނިންމާފައި." ނަން ހާމަނުކުރަން އެދިލެއްވި އޮފިޝަލް ނޫސްވެރިންނަށް ވިދާޅުވިއެވެ.

ކަމުގެ މައުލޫމާތު ހުރި މަސްދަރަކުން ހާމަކުރި ގޮތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) އެންޓަނީ ބްލިންކެންއާއި، ސެކްރެޓަރީ އޮފް ޑިފެންސް (ދިފާއީ ވަޒީރު) ލޮއިޑް އޮސްޓިން މިއަދުގެ ވަގުތެއްގައި ނޭޓޯ (ނޯތު އެޓްލާންޓިން ޓްރީޓީ އޮގަނައިޒޭޝަން)ގެ އިސްވެރިންނާ ބްރަސެލްސްގައި ބައްދަލުކުރައްވައި މިކަމާމެދު މަޝްވަރާކުރައްވާނެއެވެ.

މިޚަބަރު އެންމެ ފުރަަތަމަ އާއްމުކޮށްފައި ވަނީ ވޮޝިންޓަން ޕޯސްޓް ނޫހުންކަމަށް ވާއިރު، ނިއުޔޯކް ޓައިމްސްއިންވެސް ވަނީ މި ޚަބަރު ގެނެސްދީފައެވެ. އަދި ބައިޑެންގެ ނިންމެވުމާ ގުޅިގެން، ޠާލިބާން ހަނގުރާމަވެރިން އެމެރިކާ ސިފައިންނަށް ދޭ ހަމަލާތައް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ނިމުމެއް ނެތް ހަނގުރާމައެެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރާ ހަނގުރާމައިގައި އެމެރިކާގެ ދައުރު ދެމެހެއްޓުމާ މެދު ސިޔާސީ ފަރާތްތަކުގެ މެދުގައި ކޯޅުން އިތުރުވުން ވެސް އެކަށީގެން ވެއެެވެ.

މޭ 1 ވަނަ ދުވަހުގެ ސުންގަޑީގައި އަފްޣާނިސްތާނުގައި ތިިބި ބޭރު ގައުމުތަކުގެ ސިފައިން އެގައުމުން ނުފައިބައިފިނަމަ، ހަަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރު ފާއިތުވި މާރިޗު މަހު ނެރުނު ބަޔާނެއްގައި ވަނީ ދީފައެވެ.

އަފްޣާނިސްތާނުގައި މިހާރު ތިބީ އެމެރިކާ ސިފައިންގެ އެންމެ 2500 މީހުންނެވެ. ހަނގުރާމަ އެންމެ ގަދަވި ދުވަސްވަރު، 2011 ވަނަ އަހަރު އެގައުމުގައި އެމެރިކާ ސިފައިންގެ 1 ލައްކަ މީހުން ތިއްބެވެ. 20 އަހަރަަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމަައިގައި އެމެރިކާ ސިފައިން 2400 މީހުން މަރުވެ، އިތުރު އެތައް ހާސް ބަޔަކު ޒަޚަމްވެފައި ވެއެވެ.

އެމެރިކާގެ ސަފައިން ފޭބުމަށް ފަހު އުފެދޭ ހާާލަތާ ކުރިމަތިލުމަށް އަފްޣާން ސަރުކާރު އޮތީ ތައްޔާރަށެވެ.

"އަހަރުމެން ޖެހެނީ އެކަމުގެ ނަތީޖާއިން ސަލާމަތްވެ ދެމިތިބެން. އެކަމަކީ (އެމެރިކާ ސިފައިން ފޭބުމަކީ ޠާލިބުންނަށް ލިބޭ ކާމިޔާބީއެއް ކަމުގައި، ނުވަތަ ޠާލިބާނުނަށް ވެރިކަން ލިބުން ކަމުގައި ބަލައިގެން ނުވާނެ." އަފްޣާން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.