ކޮވިޑް-19 އާލަމީ ވަބާއެއް ކަމަށް ކަނޑައެޅި ފަހުން އެއް އަހަރު

މި ވަބާގެ ސަބަބުން ތައުލީމު އުނގެނޭ އުމުރުގެ ޖީލަށް ވަނީ ބޮޑު އަސަރެއް ކޮށްފައި: ޔުނިސެފް

ނޮވެލް ކޮރޯނާ ވައިރަސްގެ ޒަރީއާއިން ފެތުރެން ފެށި ކޮވިޑް-19 ބައްޔަކީ އާލަަމީ ވަބާއެއް (ޕެންޑެމިކެއް) ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައެޅީ ފާއިތުވި އަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހެވެ. އިއްޔެއަކީ އެކަަމަށް އެއް އަހަރު ފުރުނު ދުވަހެވެ.

މި ވަބާ ދުނިޔޭގެ އެތައް މިލިއަން ބަޔަަކަށް ޖެހި އެތައް ލައްކަ ބަޔަކު މަރުވެފައިވާއިރު، މި ވަބާގެ އަސަރު އެންމެ ބޮޑަށް ކުރި ބަަޔަކީ މިހާރު ތައުލީމު ހާސިލުކުރަމުންދާ ޖީލެވެ.

އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމްއިއްޔާ (ޔުނިސެފް) އިން ބުނި ގޮތުގައި ކޮވިޑް-19 އަށް އެއް އަހަރު ފުރުނު އިރު، ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންެެގެ ތަރައްގީގެ މިންވަރު ބަލާ ހުރިހާ މިންގަނޑުތަކެއް ވަނީ ކުރިއެރުމުގެ ބަދަލުގައި ފަހަތަށް ޖެހިފައެވެ. މިހެންވީ، މަދަރުސާތައް ބަންދުވެ، ފަގީރުން އިތުރުވެ، މަޖުބޫރުން ޒުވާންކުދިން މީހުންނާ އިންނަން ޖެހުން އިތުރުވެ، ވަބާގެ ސަބަބުން ސަބަބުން ނަފްސާނީ ބަލިތައް ޖެހުނު ޒުވާންކުދިން އިތުރުވުމުގެ ސަބަބުންނެވެ.

"ބަނޑުހައިހޫނުކަމުގައި އުޅޭ، އެކަހެރިވެފައިވާ، އަނިޔާ ލިބެމުންދާ، ކަންބޮޑުވުމުގެ ތެރޭަގައި އުޅޭ، ފަގީރު، ގަދަކަމުން ކައިވެނިކުރުވާފައިވާ ކުދިންގެ އަދަދު ވަނީ (ވަބާގެ ސަބަބުން) މައްޗަށް ގޮސްފައި." ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ހެންރެއިޓާ ފޯރޭ ނެރުއްވި ބަޔާނެއްގައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެންމެ ފުރަތަމަ 'ރަތް ދިދަ އުފުލައި' ކޮވިޑް-19 އަކީ ބައިނަލްއަގުވީ ސިއްހީ ކުއްލި ހާލަތެއްކަން އިއުލާންކުރީ 30 ޖަނަވަރީ 2020 ގައެެވެ. އެހެންނަމަވެސް، އެ އިންޒާރަށް ދުނިޔޭގެ ގައުމުތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވެއެެވެ.

ގިނަ ގައުމުތަކުން މި ވާބާއާ ދެކޮޅަށް ހަަރަކާތްތެރިވާން ފެށީ ޑަބްލިޔުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގަބްރަޔޭސަސް 11 މާާރިޗު 2020 ގައި ކޮވިޑް-19 އަކީ އާލަމީ ވަބާއެއް ކަމަށް އިއުލާންކުރެއްވި ހިސާބުންނެވެ. އޭރު އޮތީ މާ ލަސްވެފައެވެ. އެންޓާކްޓިކާ ފިޔަވައި ދުނިޔޭގެ ހުރިހާ ބައްރަކަށް ބަލި އޮތީ ފެތުރިފައެވެ. އަދި ދުނިޔޭގައި ވަބާގެ ސަބަބުން މަރުވި މީހުންގެ އަދަދު އޭރު ވަނީ 4600 އަށް އަރާފައެވެ.

މިއަދު އޭގެ އެއް އަހަރު ފަހުގެ އަދަދުތަކަށް ބަލާއިރު، ދުނިޔޭގައި 118 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެބަލީގައި 2.63 މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކުރި ޖީލުކަމުގައިވާ ކިޔަވާ އުމުރުގެ ކުދިންނަށް ބަލާއިރު، ދުނިޔޭގައި 168 މިލިއަން ދަރިވަރުން އަހަރެއް މި ވޭތުކުރީ މަދަރުސާތަކުގައި ރަނގަޅަށް ނުކިޔެވިއެެވެ. އަދި އޭގެ ތެރޭން ތިންބައިކުޅަ އެެއްބައި ކުދީންނަށް އޮންލައިން ތައުލީމު ލިބޭނެ ގޮތް ހަމަޖެހިފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.