ފަޅިމޫނު - 48

(10 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެއީ ވަރަށް ކުރު ޚަބަރެކެވެ. އޭނާ ޚަބަރު ކިޔައި ނިންމައިލިއެވެ. އެކަމަކުވެސް އެ ޚަބަރުގެ މަތީން ނަޒަރު އެއްފަރާތެއް ނުވިއެވެ. ސިކުނޑި މުޅީން ހިމޭން ވެއްޖެއެވެ. މޭ ވަރަށް ބާރަށް ނެގިނެގިފައި ޖެހޭން ފަށައިފިއެވެ. ޚަބަރުގައި ބާދްޝާ ޖާނީގެ ނަން ލިޔެފައެއް ނެތެވެ. އެކަމަކު އެއީ އޭނާގެ ވާހަކަކަން ފަރުޒާނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޚަބަރުން އެނގުނު އެންމެ މުހިއްމު ކަމަކީ ބާދްޝާ އޭނާ ހޯދަން ކުރާ މަސައްކަތެވެ. ބާދްޝާގެ ހިތުގައި އެކަމަށް އޮތް ބޮޑު ޝައުގުވެރިކަމެވެ. އޭނާ ނުފެނިގެން ހަސްފަތާލުތަކަށް ވަންނަމުން ދުވަނީއެވެ. އެކި ތަންތާނގައި ހައިޖާނު އުފައްދަނީއެވެ. އޭނާއަށްޓަކައި ޖަލަށް ވަންނަނީއެވެ. ހައްޔަރުވަނީއެވެ. ބާދްޝާ އެ އުޅެނީ ކީއްކުރަން ހެއްޔެވެ؟ ހަރަކާތްތަކުން ފައުޅުވަނީ އޭނާގެ ހިތުގައި އޮތް ބޮޑު ރުޅިވެރިކަމެވެ. އެއީ ބަދަލުހިފުމުގެ ރޫހުކަމުގައިވެސް ވެދާނެއެވެ. ނުވަތަ ލޯބި ކަމުގައިވެސް ވެދާނެއެވެ.

ފަރުޒާނާގެ އަތްފައި ފިނިވެއްޖެއެވެ. ތުރުތުރު އަޅާން ފަށައިފިއެވެ. އޭނާގެ ކުލިނިކަށް ބާދްޝާ އަތުވެދާނެއޭ ހިތަށް އަރާން ފަށައިފިއެވެ. އޭނާގެ ކަރުގައި ހިފައި ވައްޓާލައި ތަޅައި އަނިޔާކޮށްފާނެއޭ ހިތަށް އަރާން ފަށައިފިއެވެ.

ފަރުޒާނާއަށް މާނޭވާ ލެވޭން ފަށައިފިއެވެ. ކުޑަކޮށް ކުކުރާންވެސް ފަށައިފިއެވެ. ހީވަނީ މީހަކު އޭނާގެ ގައިގައި ތަޅައި އަނިޔާކުރަމުން ގެންދާހެންނެވެ. ހަށިގަނޑަށް ތަދުގެ އިހުސާސްވެސް ކުރެވޭން ފަށައިފިއެވެ. މީހަކު އޭނާގެ ކަރުގައި ހިފާކަމުގައިވެސް ހީވާން ފަށައިފިއެވެ. ނޭވާ ހާސްވަނީއެވެ.

އޭނާ އަދިވެސް ތުރުތުރު އަޅަނީއެވެ. އަނިޔާގެ ޚިޔާލު ކުރެވުމުން ބިރުގަނެއެވެ. އެކަމަކު އަނިޔާއަށް ކެތްކުރާއިރު އަނިޔާކުރާ މީހާ ދެކެ ލޯބިވެސް އެބަވެއެވެ. އެންމެ ރަނގަޅެވެ. އަންނާށެވެ. އަހަރެން ކުދިކޮށް ކޮށައިލާށެވެ. ވިސްނައި ފިކުރު ކުރުމުގައި ދުވަސްތައް ހޭދަކުރާން ދޫކޮށްނުލައި އެއް ފަހަރުން މަރައިލާށެވެ. އަހަރެންގެ ފުރާނަ ދުއްވައިލާށެވެ. އަހަރެންގެ ފުރާނަ ވަނީ ކަލެއަށްޓަކައި ވަގުފުކޮށްފައެވެ. އެ ފުރާނަ ދުއްވައިލުމުގެ ހައްގު އޮތީވެސް ކަލެއަށެވެ.

އޭނާ މޫނުމަތީގައި ދެއަތް އެޅުމަށް ފަހު އޭނާއާއި ބާދްޝާ ޖާނީގެ ތަސައްވަރު ކުރަން ފަށައިފިއެވެ. ބާދްޝާގެ އެތިފަހަރުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އާދޭތޯ ބަލަނީއެވެ. އެކަމަކު ފެންނަނީ އެހެން މަންޒަރެކެވެ. އޭނާގެ ޒަޚަމްތަކަށް ބާދްޝާ ފަރުވާދޭ މަންޒަރެވެ. އޭނާ މޭގައި ޖައްސައި ބާރުކޮށްގެން ހުރެ ބުރަކަށީގައި ފިރުމާ މަންޒަރެވެ. ޒަޚަމްގެ ސަބަބުން އޭނާ މަރެއް ނުވެއެވެ. އެކަމަކު އެ ލޯބީގެ ސަބަބުން މަރުވީ މަންޒަރު ފެންނާން ފަށައިފިއެވެ.

ކުލިނިކަށް ފެތުރިފައި އޮތް ހިމޭންކަން ކަނޑުވައިލީ މަންމަގެ އަޑުންނެވެ. "ދަރިފުޅާ. އެހެރަގެން ތިނެއް ޖަހަނީ. މިއަދު މެންދުރު ނުވެސް ކާ ދުވަހަކީތަ؟"

އޭނާ އެ ވަގުތު އިނީ ވަރަށް ރީތި ޚިޔާލެއްގެ ތެރޭގައެވެ. އެހެންވީމާ މޫނުމަތީންވެސް އުފާވެރިކަމުގެ އަސަރު ފައުޅުވާން ހުއްޓެވެ. ތުންފަތްމައްޗަށް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ. އޭނާ އިސްއުފުލައި މަންމަޔާ ދިމާއަށް ބަލައިލިއެވެ.

މަންމަ ހައިރާން ވެފައި އަހައިލިއެވެ. "އެއްވެސް ކަމަކާ ނުލައި ހިނިތުންވަނީ ކީއްވެގެން؟"

"އޭނ... ކީކޭ؟ ކަމެއް ނުވޭ މަންމާ. އަހަރެން ވަރަށް ބޮޑަށް ބަނޑުހައިވެއްޖެ. މަންމަ ގޮސް ކާން ހަދާ. އަހަރެން މިތަން ލައްޕާފައި މި އަންނަނީ."

މަންމަ ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ. އޭނާ ތެދުވެގެން ގޮސް ކުލިނިކުގެ ކުޑަދޮރުތައް ލައްޕައިފިއެވެ. އެޔަށް ފަހު ބޭރުން ވަންނާން ހުންނަ ދޮރު ލައްޕާން ވެގެން އައި އިރު ފެނުނު މަންޒަރަކުން އޭނާގެ ފިޔަވަޅު ބިންމަތީގައި ތަތްލައިފިއެވެ. ދޮރުމަތީގައި ހުރީ ރުޚްސާނާއެވެ. އޭނާ ހުރީ ކަޅިވެސް ޖަހައިނުލައި ފަރުޒާނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. މޫނުގެ އެއްފަޅި ހުރީ ހުދު ކުލައިގެ ދޯޕައްޓާއަކުން ފޮރުވައިފައެވެ. އެކަމަކު އެތެރެއަށް ވަދެ ދޯޕައްޓާ ނަގައިފިއެވެ. "ޖާނީ ކޮބާ؟"

ފަރުޒާނާ އަހައިލިއެވެ. "ޖާނީ ވީތަނެއް އަހަރެން ގާތު އަހަނީ ކީއްވެގެން؟"

"އިއްޔެ ގެއިން ނުކުތް ގޮތަކަށް އަދި އޭނާ އެނބުރިއެއް ނާދޭ. މި ސުވާލު ކުރީ އެހެން ވެގެން."

މިފަހަރު ފުންކޮށް ބަލައިލީ ފަރުޒާނާއެވެ. "އެހެންތަ؟ އެހެންވީމާ ތިޔަ އައީ އަހަރެން އޭނާ ގެނެސްގެން އުޅެނީ ކަމަށް ހީކޮށްގެންތަ؟"

"ފަރުޒާނާ ނުގެނަޔަސް އޭނާ އަމިއްލައަށް އަތުވެދާނެއެއްނު؟"

"އޭނާ އައީމާ އަހަރެން އޭނާ ފޮރުވައިގެން ގެންގުޅެނީ؟ ތިޔަ ހީކުރަނީ އަހަރެން އެހެން ހެދީކަމަށްތަ؟"

"ދެން ހީކުރާންވީ ކޮން ގޮތަކަށް؟ އަހަރެން އިންޖިނޭރުބޭބެޔާވެސް ވާހަކަ ދައްކައިފިން. ހެނދުނުއްސުރެ އިނެޖިނޭރުބޭބެއާއި ގަރާޖުގެ އެންމެން ވެގެން ހޯދަނީ. އޭނާ ކާރު ބާއްވާނެހެން ހީވާ ހުރިހައި ތަނެއް ބެލިއްޖެ. ނުފެނުނު. މިހާރު ނުބަލައި ހުރީ ހަމައެކަނި މިތަން."

"ރުޚްސާނާ. އަހަރެން ކުށްވެރިއަކަށް ވެފައި މިހިރީ ރުޚްސާނާޔާ ހެދި. ކާވެނި ކުރެވުނު ދުވަހުން ފެށިގެންް އޭނާ އެ މަސައްކަތް ކުރަނީ އަހަރެން ހޯދަން. އަހަރެން މި ދިރިއުޅެނީ ފިލަފިލައިގެން. އޭނާއަށް ފިލައިގެންް އުޅުމުގެ ބޭނުމުގައި އަހަރެން ނާޒިމްއާބާދުގެ ގެ ވިއްކާާލައިފިން. މިހާރު މި އުޅެނީ އޯރަންގީއަށް އައިސް މިތާނގައި. އަހަރެން އުޅެނީ މިތާނގައި ކަމެއް އޭނާއަކަށް ނޭނގޭނެ. އޭނާ އަހަރެންގެ ކުލިނިކުގެ ނަން ބޯޑު ބަލައިފައި ފާހަގަ ކޮށްފާނެތީ ބޯޑުގައިވެސް އަހަރެންގެ ފުރިހަމަ ނަމެއް ނުޖަހަން. ޔަގީން ނުވަންޏާ ބޭރަށް ނިކުމެ ބަލައިލާ. އޮންނާނީ ޑޮކްޓަރ އެފް. ވާސްޠީ. ފަރުޒާނާއެކޭ ނޯންނާނެ. މި މަގުން ދާއިރު ބޯޑު ފެނުނަސް އޭނާއަކަށް މިއީ އަހަރެންގެ ކުލިނިކު ކަމެއް ނޭނގޭނެ. އަހަރެން މި ގެންދަނީ ފިލައިގެން އުޅެވޭނޭ ހުރިހައި ކަމެއް ކުރަމުން. އެކަމަކު އަދިވެސް ރުޚްސާނާ ތިޔަ ޝައްކު ކުރަނީ އަހަންނަށް."

"ޝައްކު ކުރަނީ ސަބަބެއް ނެތިއެއް ނޫން. މީގެ ފަސް ދުވަސް ކުރިން ބާދްޝާއަށް ފަރުޒާނާ ފެނުނެއްނު؟ މިއީ ދޮގެއްތަ؟"

"ތިޔައީ ތެދެއް. އެކަމަކު އަހަރެން ގަސްތުގައި އޭނާގެ ކުރިމައްޗަށް ނުކުތީއެއް ނޫން. އެއީ އިއްތިފާގެއް. ޖާނީ ގާތު އަހައިލާ. އަހަރެން އޭނާއަކާ ވާހަކައެއް ނުދައްކަން. އެކަކު އަނެކަކަށް ފެނުނު. އެނޫން އެއްވެސް ކަމެއް ނުވޭ. އަހަރެން އިނީ ރެކިސާއެއްގައި. އޭނާ ފަހަތުން އައީ. މަޑުމަޑުން ދުރަށް ގޮސް އޮބައިލައިފި."

"ކަންތައް ހިނގި ގޮތް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. ރެކިސާ ދުރަށް ގޮސް އޮބައިލި. އެކަމަކު ފަރީ އިނީ އެނބުރި ފަހަތަށް ބަލަބަލައި. ދުލަކުން އެއްޗެކޭ ނުބުނޭ. އެކަމަކު އިޝާރާތުން ވާހަކަ ދެއްކި. ތިމަން މިއީ ކަލޭ ދުށް އަސްލު ރުޚްސާނާއޭ ބުނި."

ފަރުޒާނާ ހިފެހެއްޓުންތެރިކަމާއެކު އަހައިލިއެވެ. "ރުޚްސާނާ ތިޔަ އައީ އަހަންނާ އަރައިރުންވާންތަ؟"

"ނޫނޭ. އަހަރެން އައީ ޖާނީ..." ރުޚްސާނާ ވާހަކަ ހުއްޓައިލާފައި ކުއްލިއަކަށް ހިނިތުންވެލިއެވެ. "އަހަރެން އައީ ފަރީއާ ބައްދަލުކޮށްލަން. އަހަރެމެން ދެމީހުންގެ މެދުގައި ޚިލާފުތަކެއް ހުރިނަމަވެސް އެއް ދުވަސްވަރެއްގައި ދެމީހުންނަކީ ނުލާހިކު ގާތް ދެ އެކުވެރިން. އަހަރެން ގެއަކަށް ނުވައްދާނަންތަ؟"

"ހޫނ... ގެއަށް ވަންނަން ބޭނުން ވަނީ ގޭތެރޭގައި އަހަރެން ބާދްޝާ ޖާނީ ފޮރުވާފައި އޮތް ތަނެއް ބަލަން ދޯ؟ އެންމެ ރަނގަޅު ގޭތެރެއަށް ވަދޭ. އެކަމަކު ގޭތެރެއިން ޖާނީ ނުފެނުނިއްޔާ ލަދުން އިސްދަށަށް ޖަހައިލާން ކެރޭތި. އޭގެ ފަހުން ލަދެއް ނެތި ވާހަކަ ދެއްކިޔަސް އެންމެ ރަނގަޅު. އެންމެ ފަހުން ދޮގު އެކުވެރިކަމާއި ލޯބީގެ ވާހަކަވެސް ދައްކާނީ."

ރުޚްސާނާ އިސްދަށަށް ޖަހައިލިއެވެ. އިރުކޮޅަކު ވިސްނައިލުމަށް ފަހު ފަރުޒާނާގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. "ފަރީ. އަހަރެން އައީ ކުޑަކޮށް ވާހަކަ ދައްކައިލާންވެގެން. އަރައިރުން ވާކަށް ނޫން. ދިރިއުޅުން ހަލާކުވަމުންދާ އަންހެނެއްގެ ހިތުގައި އިނދެގެން ނިކަން ވިސްނައިލަބަލަ. އޭރުން އަހަރެންގެ ހާލަތު ވަޒަން ކުރެވޭނެ. އަހަރެންގެ ވާހަކައިގައި ހުންނަ ހިތިކަމަކީ ކީއްވެގެން ހުންނަ ހިތިކަމެއްކަން ވިސްނިދާނެ. ޖާނީ ފޮރުވައިގެން ގެންގުޅުމަކީ ފަރީ ކުރާނޭ ކަމެއް ނޫންކަން އަހަންނަށް އެނގޭ. އެކަމަކު އަމިއްލަ ލޮލުން ގޭތެރެ ނުބަލައި ދާން ހިތެއް ހަމައެއް ނުޖެހޭ. ނުބަލައި އެނބުރި ގެއަށް ދިޔައީމާ ހުރެވޭނީ ހިތްހަމަ ނުޖެހުމެއްގެ ތެރޭގައި."

ފަރުޒާނާ ހަމްދަރުދީއާއެކު ރުޚްސާނާއާ ދިމާއަށް ބަލައިލިއެވެ. އަދި ކުޑަކޮށް އެއް ފަރާތަކަށް ޖެހިލިއެވެ. "ކުލިނިކު މިހިރީ ބަލިމީހުންނަށް ބޭރުން ވަދެވޭ ގޮތަށް. އެހެރަ ދޮރަކީ ކުލިނިކުން ގޭތެރެއަށް ވަދެވޭ ދޮރު. މި ގޭގައި ހުންނާނީ ދެ ކޮޓަރިއާއި ބަދިގެއެއް. މަންމަ އެތެރޭގައި އުޅޭނެ. ވަދެ ހިތްހަމަ ޖެހެންދެން ބަލައި ފާސްކުރޭ."

ރުޚްސާނާ ބާރުލާފައި ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ފަރުޒާނާ އަނެއްކާވެސް ގޮނޑީގައި އިށީނދެއްޖެއެވެ. އަދި ލެނގޭތާނގައި ބޯ ޖައްސައިލުމަށް ފަހު ލޯ މަރައިލިއެވެ. އޭނާގެ ހިތުގައި އެ ވަގުތު ސުވާލެއް އުފެދުނެވެ. މި ކުޅިގަނޑު ނުނިމި ކުރިއަށް ދާނީ ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟ އޭނާ ފިލަފިލައިގެން ދިރިއުޅޭނީއެވެ. ބާދްޝާ ޖާނީ އޭނާ ފެނޭތޯ މުޅި ރަށުގައި ދުވާނީއެވެ. ރުޚްސާނާ ބާދްޝާގެ ފަހަތުން ދުވާނީއެވެ. މި ގޮތަށް ކަންތައް ހިނގާން ދޫކޮށްފައި ބާއްވާނީ ކިހައި ދުވަހަކަށް ހެއްޔެވެ؟

އޭނާގެ ސިކުނޑިން އެ ސުވާލަށް ޖަވާބެއްވެސް ދީފިއެވެ. ފިލައިފިލައިގެން އުޅޭ ކަމަށް ވަނީނަމަ އަބަދުވެސް އުޅޭން ޖެހޭނީ އެހެންނެވެ. ބާދްޝާ ޖާނީގެ ކުރިމައްޗަށް ނުކުތީމާ ހުރިހައި ކުޅިވަރެއް ނިމިދާނެއެވެ. ކޮންމެވެސް ގޮތަކަށް ފައިސަލާ ކުރެވިދާނެއެވެ. އެކޮޅެވެ. އެހެންނޫނީ މިކޮޅެވެ. ބާދްޝާ ކޮންމެވެސް އެއް ގޮތަކަށް ނިންމާނެއެވެ. ހާލަތު އޮތް ގޮތް އެންމެ ރަނގަޅު ކަމަށް ގަބޫލުކޮށް ރުޚްސާނާއާއެކު ދިރިއުޅުން ވޭތުކުރާން ކަނޑައަޅައިފާނެއެވެ. ނުވަތަ ރުޚްސާނާ ދޫކޮށްލާފައި އޭނާޔާއެކު ދިރިއުޅޭން ނިންމައިފާނެއެވެ. މި ދެގޮތުން ކުރެ އެއް ގޮތަކަށް މައްސަލަ ނިމިދާނެއެވެ. އެއްތަނުން އަނެއް ތަނަށް ދުވުމާއި ބިރުން ފިތްކެނޑޭ ހާލަތުގައި ދިރިއުޅުން ވޭތުކުރުން ނިމުމަކަށް އަތުވެދާނެއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.