ފަޅިމޫނު - 96

(1 ޖޫން 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބުނާނޭ އެއްޗެއް ފަރުޒާނާއަކަށް ނޭނގުނެވެ. ގާވެއްޖެއެވެ.

މަންމަ ރޯން ފަށައިފިއެވެ. ރޮމުންރޮމުން ވާހަކަ ދައްކާންވެސް ފަށައިފިއެވެ. "އިއްޔެއެއްސުރެ އަހަރެން އުޅުނު ހާލެއް ދަރިފުޅަކަށް ނޭނގޭނެ. ކަންބޮޑުވެގެން ގޮސް ފުރާނަ ނުގޮސް މިހިރީ ހަމަ ކިރިޔާ. ގާތް މީސްމީހުންގެ ގެއަށް ދިޔަޔަސް ދަރިފުޅުގެ ވާހަކަ އަހާކަށް ނުކެރޭ. އެމީހުން މަންމަޔާ ސުވާލުކޮށްގެންފިއްޔާ ބުނާނޭ އެއްޗެއް ނޭނގޭތީ. މަންމަގެ ކުރިމަތީގައި ސިފަވަމުން ދިޔައީ ދަރިފުޅުގެ އަބުރުގެ ޖަނާޒާ. އެކަމަކު މަންމަ މި ހުންނަނީ ދަރިފުޅު ކުރެން އަހާފައި ނޫނީ ފާތިހާ ނުކިޔަން."

"މަންމާ. ތިޔަ ހީކުރާ ކަހަލަ ކަމެއް ނުވޭ." އޭނާ މަންމަގެ ފައިދޮށުގައި ކަކޫޖަހައިލިއެވެ. އަދި މަންމަގެ ކަކޫމަތީގައި އަތް ބާއްވައިލާފައި ބުންޏެވެ. "އަހަރެން މިއީ ފާފާވެރިއަކީމެއް ނޫން. މަންމަގެ މޫނަށް ސީދާ ބަލަހައްޓައިގެން އިނދެ މި ވާހަކަ ދައްކަނީއެއްނު؟"

"އެހެން ވެއްޖެއްޔާ ރޭ ހަތަރުދަމު އުޅުނީ ކޮންތާކު؟ ބާދްޝާ އައީއޭ މަންމަގެ ހިތަށް އެތައް ފަހަރަކު އެރި. ނޫނީ މަގުމަތީން ދަރިފުޅު ފެނިގެން ގަދަކަމުން ތަނަކަށް ގެންދިޔައީއޭވެސް ހިތަށް އެރި. ކުލީކާރު ދުއްވާ މީހުންނަކީ ވަރަށް ވިޔާނުދާ ބައެއް. ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. ބުނެބަލަ. ކޮންތާކު އުޅުނީ؟"

"ޒުވާން އަންހެން ދަރިފުޅު އަބުރުވެރި ފިރިހެނެއްގެ ގާތުގައި ހުރެފައި އަޔަސް މަންމަގެ ކުރިމަތީގައި ވިޔާނުދާ މީހަކަށް ވާނީ ދަރިފުޅު." އޭނާ ފިނި ނޭވައެއް ލިއެވެ. "އަހަރެން ދިޔައީ މަންމަ ތިޔަބުނާ ވިޔާނުދާ މީހާގެ ގެއަށް."

މަންމަ ދިޔައީ ސިއްސައިގެންނެވެ. ޔަގީންކަމެއް ނެތް ކަހަލަ ގޮތަކަށް އޭނާގެ މޫނަށް ބަލައިލިއެވެ.

އޭނާ އިސްދަށަށް ޖަހައިލިއެވެ. އިސް ދަށަށް ޖަހައިލީ ދުލުން ވެވުނު އިއުތިރާފެއްގެ ސަބަބުންނެއް ނޫނެވެ. އޭނާގެ ޒަމީރުން ވެވުނު އިއުތިރާފެއްގެ ސަބަބުންނެވެ.

މަންމަގެ ކަރުތެރެއިން ފާޑެއްގެ އަޑެއް ނުކުންނާން ފަށައިފިއެވެ. އަދި އަރިއަޅާލައިގެން ވެއްޓޭން އުޅުނު ވަގުތު އޭނާ މަންމަ އަތުލަފިކޮށްފިއެވެ. ފަރުޒާނާ ކައިރީގައި ނެތްނަމަ މަންމަ ބިންމައްޗަށް ވެއްޓުނީހެވެ. އޭނާ މަޑުމަޑުން މަންމަ އަތުލަފިކޮށްގެން ގެންގޮސް ސޯފާގައި ބާއްވައިފިއެވެ. "މަންމާ. ކިހިނެއްވީ؟ އަހަރެން ދެއްކި ވާހަކައަކުން ކަންބޮޑުވީތަ؟ ކަންބޮޑުނުވޭ. އަހަންނާ މެދު ތިޔަކަހަލަ ނުބައި ގޮތްގޮތަށް ނުވިސްނާ."

އޭނާ މަންމަގެ ވިންދު ބަލައިލުމަށް ފަހު ކަށިގަނޑު އަޅައިގެން ހިތުގެ ހިނގުންވެސް ބަލައިލިއެވެ. ކަށިގަނޑު އެޅީމާ ހިތުގެ ހިނގުން އެނގިދެއެވެ. އެކަމަކު އެޔަކުން ހިތުގެ ހާލެއް ބުނެއެއް ނުދޭނެއެވެ. ހިތުގެ ވެރިޔާ އެ ހިތުގައި ފޮރުވައިގެން ގެންގުޅޭ ތަދާއި ވޭނެއްގެ ޚަބަރެއް ކަށިގަނޑަކުންނެއް ނުވާނެއެވެ.

ދަރިފުޅު ދިން ބޭހެއްގެ ސަބަބުން ހަށިގަނޑަށް ހަމަޖެހުން ލިބިއްޖެއެވެ. ބޭހަކީ ބަލީގެ ފަރުވާއެވެ. އެއީ ހިތަށާއި ސިކުނޑިއަށް އަރާ ލޮޅުމުގެ ފަރުވާއެއް ނޫނެވެ. މަންމަގެ ހިތަށް ހަމަޖެހުން ލިބި ގަރާރުވީމާ އޭނާ މަންމަ ގެންގޮސް އެނދުގައި ބާއްވައިފިއެވެ. އޭނާގެ އަބުރުވެރިކަމުގެ ޔަގީންކަން މަންމައަށް ދޭނޭ ގޮތެއް ވިސްނުމަކަށް އަދިއެއް ނާދެއެވެ.

މަންމަގެ ހިތުގައި އޮތް ޔަގީންކަމަށް ގުޑުން އަރައިފިކަން ކަށަވަރެވެ. މުޅި ދުނިޔެ އޭނާއަށް ޝައްކު ކުރިޔަސް އެންމެ ރަނގަޅެވެ. އެކަމަކު ބަނޑުއަޅައި ވިހެއި އަމާގެ ހިތުގައި ޝައްކު އުފެދުމަކީ ވަރަށް ދެރަ ކަމެކެވެ.

މަންމަގެ ފިކުރަކަށްވެސް ހުއްޓުމެއް ނާދެއެވެ. އެ ނުލަފާ، ވިޔާނުދާ، ގޮތްކުޑަ، ލަދެއް ހަޔާތެއް ނެތް ބާދްޝާއާ އެކީގައި އޭނާގެ ދަރިފުޅު އުޅުނީއޭ ހިތަށް އެރީމާ ލަދުން އިސް އުފުލައިލާންވެސް ނުކެރެއެވެ. މަންމަ ލޯ މަރައިލިއެވެ.

ފަރުޒާނާ ހީކުރީ މަންމަ ނިދީ ކަމުގައެވެ. އެހެންވީމާ ހިތްހަމަ ޖައްސާލައިގެން ގޮސް ކުލިނިކަށް ވަދެއްޖެއެވެ. އެހީތެރިއަކަށް ހުންނަ މީހާ އަތުވެއްޖެއެވެ. ބަލިމީހުންވެސް އަންނާން ފަށައިފިއެވެ. އޭނާ މީހުން ބެލުމާއިގެން އުޅެގެންފިއެވެ. އެކަމަކު ދޭތެރެއަކުން ވަގުތުކޮޅެއް ހޯދައިގެން އައިސް ގޭތެރެއަށް ވަދެއްޖެއެވެ. އޭރު މަންމަ އެނދުގައި އުއްޑުން އޮތެވެ. ލޯ ހުރީ ހުޅުވިފައެވެ. ނަޒަރު ހުއްޓިފައި ހުރީ ފަންގިފިލައަށެވެ.

"އަހަނ... މަންމަ ހޭލާތަ؟ ނިދޭތޯ މަސައްކަތް ކޮށްލަބަލަ. އަހަރެންވެސް ވަރަށް އަވަހަށް އެބަ އަންނަން."

އޭނާ އަނެއްކާވެސް ކުލިނިކަށް ވަދެއްޖެއެވެ. ކުލިނިކުގެ އެނދުގައި އަންހެނަކު އޮށޯވެގެން އޮތެވެ. އޭނާ އެމީހާ ބަލައިލާފައި ބުންޏެވެ. "ކޮންމެ ދެ ދުވަހުން އެއް ދުވަހު އާ ބައްޔަކާ އެކީ ތިޔަ އަންނަނީ ކީއްކުރަން؟ އެތައް ފަހަރަކު ބުނެފިން ކަލެއަކީ ބަލިމީހެއް ނޫނޭ. އެއްވެސް ބައްޔެއް ނެތޭ. ޖެހިގެން ތިޔަ އުޅޭ ބައްޔަކީ ޝައްކު ބަލި. އެއީ ލުޤްމާން ޙަކީމަކަށްވެސް ބޭހެއް ހޯދުނު ބައްޔެއް ނޫން."

ކޮންމެ ވާހަކައެއް ދެއްކި ކަމުގައި ވިޔަސް އޭނާގެ ވިސްނުން ހުރީ މަންމަގެ މައްޗަށް ހުއްޓިފައެވެ. މަންމަގެ ހިތުގައި އޮތް ޝައްކު ފިލުވާނޭ ގޮތަކާ މެދު ކުރެވޭ ފިކުރު މާ ބޮޑެވެ. އެކި ކަހަލަ ވާހަކަ ދައްކައިގެން މަންމައަށް ވިސްނައި ދެވުނު ކަމުގައި ވިޔަސް އަސްލު ސުވާލު އޮތް ތާނގައި އޮންނާނެއެވެ. އަބުރުވެރި އަންހެނަކު ރޭގަނޑު ހިލޭ ފިރިހެނެއްގެ ގާތަށް ދިޔައީ ކީއްކުރަން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ އެއްވެސް މީހަކު ގަބޫލުކުރާ ކަހަލަ ގޮތަކަށް ދެވިދާނެ ޖަވާބެއް ހެއްޔެވެ؟

ބާރަޖެހީމާ ކުލިނިކު ބަންދު ކޮށްފިއެވެ. އޭނާ އެނބުރި ގޭތެރެއަށް ވަދެއްޖެއެވެ. މަންމަ ހަމަ އެ އޮތް ގޮތަށް އެނދުގައި އެބައޮތެވެ. މަންމަޔާ ދިމާއަށް ބަލައިލާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އެހެންވީމާ ދުރަށް ބަލަހައްޓައިގެން ހުރެ އޭނާ ބުންޏެވެ. "މަންމާ. އަހަންނަށް ކުށެއް ކުރެވިއްޖެ. އެކަމާ ދެރަވެސް ވެއްޖެ. މަންމަ މާފު ނުކުރަނީހެއް އަހަރެން މަންމަޔާ ހަތަރުކަޅި ހަމައެއް ނުކުރާނަން."

އިރުކޮޅަކު ހިމޭނުން ހުރުމަށް ފަހު އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "މަންމަ ގަބޫލެއް ނުކުރާނެ. އެކަމަކުވެސް ރޭ ހިނގި ކަންތައްތައް އަހަރެން މަންމައަށް ކިޔައިދޭނަން. އަހަރެން އެގެއަށް ދާން ޖެހުނު ސަބަބެއް އެބައޮތް. އަހަރެން މިހިރީ ހަމައެކަނި ޖާނީއާ ފަޅިމޫނެއް ހަވާލުކޮށްފައެއް ނޫން. އަހަންނަށް އޭނާޔާ ހަވާލު ކުރެވުނީ ފަޅިއަނތްބެއް. ފަޅިއަނބިމީހާ އެ ގެންދަނީ ފިރިމީހާއަށް އެތައް ކަމެއް ސިއްރު ކުރަމުން. ފުރައިގެން އެ ދިޔައީ ވަގު ހަދާފައި. އެކަމާމެދު ވިސްނައިލެވުނީމާ އަހަންނަށް ކެތް ނުކުރެވުނީ. ބަރުބާދީގެ ތުންފަތްމައްޗަށް ޖާނީ ގެންދިޔަ މީހަކީ އަހަރެން. އޭނާ އެ މަކަރުވެރި އަނދަވަޅަށް ވެއްޓުނަ ނުދީ ސަލާމަތްކޮށް ދެވޭނޭ މީހަކީވެސް އަހަރެން."

އޭނާ މަޑުމަޑުން ފާރުކައިރީގައި ހުރި ބިއްލޫރިޖެހި ހަރުގަނޑުގެ ކައިރިއަށް ހުއްޓިއްޖެއެވެ. އެ ހަރުގަނޑުގައި ހުރީ ބިއްލޫރި ފުޅިއެވެ. "އެކަމަކު ރުޚްސާނާގެ ހީލަތްތެރި ރޭވުމުގެ ވާހަކަ އަހަންނަކަށް ޖާނީއަކަށް ކިޔައެއް ނުދެވުނު. އޭނާ ހުރީ މާ ބޮޑަށް އަމަލުވެފައި. އަހަރެން ވަކި ކުރާކަށްވެސް އޭނާއަކަށް ނޭނގުނު. އަހަރެންގެ ވާހަކައެއްވެސް ނީވުނު. އޭނާ ނިދައިފި. އެހެންވީމާ ރޭގަނޑު އެކަނި ނާންނަންވެގެން އަހަރެން އެ ގޭގައި މަޑުކުރީ. އެހެން އިންއިނުމުގައި އަހަރެންގެ ހިތަށް އެރީ ރުޚްސާނާގެ އަލަމާރި ފާސްކޮށްލަން ވެއްޖެއޭ. އޭނާގެ ރޭވުމާ ގުޅޭ އެއްޗެއް ފަހަރެއްގައި ފެނިދާނެއޭ. އަލަމާރިން އަހަންނަށް އެންމެ ފުރަތަމަ ފެނުނީ އޭނާގެ ޑައިރީ. އަހަރެން އެ ހުޅުވައިގެން ބަލައިލިން. އަހަރެންގެ ނަޒަރު ހުއްޓުނީ ހަތަރެއް ސެޕްޓެންބަރުގެ ތާރީޚުގައި އޭނާ ލިޔެފައި ހުރި ވާހަކަތަކަށް."

އޭނާ ހަރުގަނޑުގެ ތެރެއިން މަންމަގެ ހިޔަންޏަށް ބަލައިލިއެވެ. މަންމަގެ ލޮލުގައި ހުރި ކަރުނަ އޭނާއަށް އެ ހިޔަނިންވެސް ފާހަގަ ކުރެވޭވަރު ވެއެވެ. އޭނާ އިސްދަށަށް ޖަހައިލިއެވެ. "ރުޚްސާނާ ލިޔެފައި އޮތް... އަހަރެންގެ ޖާނީއެވެ. އަހަރެން ފުރާނައަށްވުރެވެސް ބޮޑަށް ޖާނީ ދެކެ ލޯބިވަމެވެ. ފުރާނައަށްވުރެ ބޮޑަށް ލޯބިވާ އަންހެނުން ބައެއް ފަހަރު ކުދި ދޮގު ހަދާނެއެވެ. އެއީ ފިރިމީހާއަށްޓަކައި ފަޚުރުވެރި ވާތީ ކުރާ ކަމެކެވެ. އެފަދަ ދަނޑިވަޅުތަކުގައި ފިރިމީހާ ބައެއް ފަހަރު އަނބިމީހާގެ ގައިގައި ޖަހާނެއެވެ. އަނިޔާ ކުރާނެއެވެ. އެކަމަކު އަނބިމީހާއަކީ ތިމާގެ މިލްކެއް ކަމުގައި ބަލައި މާފުވެސް ކުރާނެއެވެ. ޖާނީއެވެ. އަހަރެން މާދަމާ ވަރަށް ދުރަށް ދާން ފުރާނަމެވެ. އަހަރެން ފުރައިގެން ދާ ފަހުން ޖާނީއަށް އަހަރެން ކަމެއް ސިއްރުކުރިކަން އެނގުނަސް އެއީ އަހަރެން ހެދި މަކަރެއް ކަމުގައި ނުބަލައްޗެވެ. އަހަންނަށް އިންތިޒާރު ކުރައްޗެވެ. އަހަރެން އެނބުރި އައިސް ހުރިހައި ކަމެއް ރަނގަޅަށް ކިޔައިދޭނަމެވެ. ބައެއް ފަހަރު މަސްލަހަތަށް އިސްކަން ދިނުމަކީ ކޮންމެހެންވެސް ކުރާން ޖެހޭ ކަމެކެވެ. ފިރިމީހާއަށާއި ދަރިންނަށް ގެއްލުމެއް ނުވާ ކަހަލަ މަސްލަހަތީ މަކަރަކީ ވަގުތީ ގޮތުން ހުއްދަ މަކަރެއް ކަމުގައި އަހަރެން ދެކެމެވެ. އަހަރެން މި ދަނީ ވަރުގަދަ ވަޢުދަކާވެސް އެކީގައެވެ. އެއީ ޖާނީގެ އަބުރަށާއި ނަމަށް ކުޑަވެސް ކިލަނބުކަމެއް އަންނާނޭ ކަހަލަ އެއްވެސް ކަމެއް އަހަރެން ދުވަހަކުވެސް ނުކުރާނޭ ކަމުގެ ވައުދެވެ. އަހަރެންގެ އަތް ހައްދަވައިފައިވަނީ ހަމައެކަނި ޖާނީގެ އަތުގައި ހިފާށެވެ. މި އަތަކީ އެހެން މީހެއްގެ އަތަކާ ދުވަހަކުވެސް މަހައިލެވޭނޭ އަތެއް ނޫނެވެ. އެފަދަ ދުވަހެއް ދައްކަވައިފިނަމަ އެ ދުވަސް ވެގެން ދާނީ އަހަރެންގެ ހަޔާތުގެ އެންމެ ފަހު ދުވަސް ކަމުގައެވެ."

(ނުނިމޭ)

3 ޚިޔާލު

  1. Dhen onna baiga.: faruzaanaa vaahak dhakkaa nimigen las lahun enburiliye. Mamma hama oiy gothah eba otheve. Faruzaanaage hithah kulli akah biruvrerikan vaneve. Mamaa kairoyah gos athugaa hifaili eve. Eynaa akee doctarekeve. Vaguthun engijje eve. Ekmamaku ehnas vaakah hithakah ketheh nukurevuneve. Mamamma ge himeynvefai vai hadhigandugai olhulai gannun faruzaamaa roiy gatheve. Noon mammaa noonnoon..

  2. އޯ ނޯ !!!!! އެނިމުނީ؟ މިހާ ގިނަދުވަސް ކޮށްފަ ކިޔާލަން ލިބޭއިރު ވެސް ހާދަ ކުރޭ ދޯ!😭😭😭😭😭😭😭😭😭😭😭😭😭

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.