ފަޅިމޫނު - 129

(22 ސެޕްޓެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ގޭގެ މަގުމަތީ ފާރު އެކަށީގެންވާ ވަރަކަށް އުސްކޮށް ހުރުމާއެކު މަގުމަތީން ދާ ބަޔަކަށް ކާރެއް ނުފެންނާނެއެވެ. އޭނާ ކާރުގެ ކުރީ ދޮރު ކުޑަކޮށް ހުޅުވައިލިއެވެ. އެއީ ވައި ވަންނާނޭ ގޮތް ހެދުމުގެ ގޮތުންނެވެ. އޭނާ ގެނައި ޕާރުސަލު ހިފައިގެން ގޮސް ގެއަށް ވަދެއްޖެއެވެ.

އެންމެ ފުރަތަމަ ތުނބުޅި ބާލައިގެން ރަނގަޅަށް ފެންވަރައިލިއެވެ. އެޔަށް ފަހު ރަނގަޅަށް ނާސްތާ ކޮށްލިއެވެ. ފަރުޒާނާއަށް ދޭން ދެތިން ޕޫރީ ބާއްވައިފައި ފެން ބޮއިގެން ބޭރަށް ނުކުމެއްޖެއެވެ. ކާރު ދޮށަށް ގޮސް ބަލައިލީއިރު ފަރުޒާނާ އަދިވެސް އޮތީ ނިދައިފައެވެ.

އޭނާ ވަރަށް ފަރުވާތެރިކަމާއެކު ފަރުޒާނާއާ ދިމާއަށް ބަލާން ފަށައިފިއެވެ. އެހައި ރީތި އަންހެން ކުއްޖަކު ނިދާފައި އޮއްވައެއް އޭނާ މީގެ ކުރިން ދުވަހަކުވެސް ނުދެކެއެވެ. އޭނާއަށް ވަނީ ރުޚްސާނާ އެތައް ފަހަރަކު ފެނިފައެވެ. އެކަމަކު އެއީ ފަޅިމޫނެކެވެ. ފަޅިރީތިކަމެކެވެ. އޭނާ އެދިގެން އުޅޭ ފުރިހަމަ ރީތިކަމަކީ ރުޚްސާނާއެއް ނޫނެވެ. ރުޚްސާނާއާ އެކީ ނިދައި ހޭލައި އުޅޭއިރު އޭނާއަށް އަބަދުވެސް ހީވަނީ ހުވަފެނެއް ފެނިފައި އެ ހުވަފެނުގެ ފަޅިތައުބީރެއް ކުރެވެނީ ހެންނެވެ. މިވަގުތު ފުރިހަމަ ތައުބީރަކަށް ވެގެން އޭނާގެ ކުރިމަތީގައި އެ އޮތީ ފަރުޒާނާއެވެ.

އޭނާ މަޑުމަޑުން ކާރަށް އަރައި އިށީނދެއްޖެއެވެ. އޭރުވެސް އިނީ ފަރުޒާނާއަށް ހޭލެވިދާނެތީ ބިރުންނެވެ. މި ވަގުތު އެންމެ ރަނގަޅު ގޮތަކީ އަދި އޭނާ އެންމެ އެދޭ ގޮތަކީވެސް ފަރުޒާނާ ނިދާފައި އޮތުމެވެ. އޭނާ އެތައް އިރެއް ވާންދެން ބަލަހައްޓައިގެން އިނެވެ. ކުއްލިއަކަށް އިވުނީ ދޮރާށި ދޮށުން ކުލީކާރު ދުއްވާ މީހަކު ގޮވައިލީ އަޑެވެ. އެމީހަކު އައީ ބާދްޝާއާ ބައްދަލު ކުރާށެވެ.

އޭނާ އަވަސްއަވަހަށް ކާރުން ފައިބައިފިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއް އަޅަމުން ދޮރާށިމައްޗަށް ނުކުމެއްޖެއެވެ. "މި ވަގުތު ތިޔަ އައީ ކޮން ކަމަކު؟"

"އަހަރެންގެ ކާރުން ޕެޓުރޯލު ހުސްވެއްޖެ. އެހެންވީމާ ބާދްޝާ އަތުގައި ހުރިތޯ ބަލައިލާން އައީ."

"މަގޭ އަތަކު ނެތް. ކާރު ބާއްވާފައި އެ އޮތީވެސް ނެތީމާ. ހިނގާ އެހެން ކޮންމެވެސް ތަނަކުން ޕެޓުރޯލު ލިބޭގޮތް ހަދައިދޭނަން."

އޭނާ އެމީހާ ގޮވައިގެން ގެޔާ ދުރަށް ހިނގައިގެންފިއެވެ. ތަންކޮޅެއް ދުރަށް ދެވުނުކަން ރަނގަޅެވެ. ކުއްލިއަކަށް ކުރިމަތީގައި ހުއްޓައި ފެނުނީ ފަރީދު އަޙްމަދެވެ.

"މި ހިސާބަށް އައީ ކީއްކުރަން. އަހަރެން އޮންނާނީ މި ހިސާބަށްވެސް އައުން މަނާކޮށްފައި."

ފަރީދު އަޙްމަދު ޖީބުން ސިޓީއުރައެއް ނަގައިފިއެވެ. "ގޭދޮށަށް ނާންނާށޭ ބުނި ހަނދާން އެބަހުރި. ރުޚްސާނާގެ ސިޓީއެއް ލިބުނީމާ ހިފައިގެން އައީ."

ބާދްޝާ ސިޓީ ޖަހައިގެންފިއެވެ. "އަހަރެން ތިގެޔަށް އިއްޔެއަކު ނުދަން. އެކަމަކު މިއަދު ދާން ކަމަށް މި އުޅެނީ. އެހައި އަވަސް އަރުވާލައިގެން އައީ ކީއްކުރަން؟ އަހަރެން ދިޔައީމާ ސިޓީ ހަވާލު ކުރެވުނީހެއްނު؟ ބަހަނާއެއް ދައްކައިގެން މީގެ ފަހުން ގޭދޮށަށް އައިސްގެން ނުވާނެ. އަތުވެއްޖެއްޔާ ކާމީ ގޮވައިގެން ނުވެސް ފެންނަ ހިސާބަކަށް ހިނގައިދާނަން."

ފަރީދު އަޙްމަދު ކަންބޮޑުވެފައި ބުނެލިއެވެ. "ދަރިފުޅާ. ކުރެވުނު ކުށެއް ކުރެވުނީ ދަރިފުޅުގެ މަންމައަށް. އެޔަކު ބައްޕަގެ ކުށެއް ނެތެއްނު؟ ބައްޕަ ސިހުރެއް ނުހަދަން. އެހެންވީމާ ބައްޕައަށް އާދެވެން ވާނެއެއްނު؟"

"ނޫން. ބައްޕައަކަށް އަނބިމީހާ ކޮންޓުރޯލެއް ނުކުރެވޭ. އެހެންވީމާ އޭނާގެ ވާހަކައިގައި ޖެހިގެން އަހަންނަށް ސިހުރެއް ހަދައިވެސްފާނެ. އަހަންނާ ޒުވާބު ނުކޮށް ގެއަށް ދޭ."

ފަރީދު އިސް ޖަހައިލުމަށް ފަހު އެނބުރި ދާން ހިނގައިގެންފިއެވެ. ބާދްޝާ މަގުގެ އަނެއް ފަރާތަށް ބަލައިލިއެވެ. އެއްކަލަ ކުލީކާރު ދުއްވާ މީހާ އެހެން ކާރެއް ހުއްޓުވައިގެން ޕެޓުރޯލު ހޯދަނީއެވެ. ބާދްޝާ އެ ކާރު ދޮށަށް ގޮސް ހުއްޓިއްޖެއެވެ. ޕެޓުރޯލު އަޅައި ނިމިގެން ދެ ކާރު ދުއްވައިލީމާ ހިތް ހަމަޖައްސާލައިގެން ގޭދޮށަށް އަތުވެއްޖެއެވެ. އޭރުވެސް ފަރުޒާނާ އޮތީ ނިދައިފައެވެ.

އޭނާ ގޭ ދޮރުމަތީގައި އިށީނުމަށް ފަހު ސިޓީ ކަނޑައިލައިގެން ކިޔާން ފަށައިފިއެވެ.

"އަހަރެންގެ ލޯބިވާ ޖާނީއަށް.

އަހަންނަށް ލަންޑަނަށް އާދެވިއްޖެއެވެ. މިހާރު ގަޑިން އެގާރަ ޖެހީއެވެ. އަހަރެން މީނީ ފުލެޓެއްގައި އެކަނިމާ އެކަންޏެވެ. ބޮޑުބޭބެ ވީ ކޮންމެވެސް ކަމަކު ލަންޑަނުން ބޭރަށް ގޮހެވެ. ސިޓީ މި ލިޔަނީ އެކަނި އިނދެގެންނެވެ. ކާމީއާއި ޖާނީގެ މަތީން ވަރަށް ބޮޑަށް ހަނދާން ވެއެވެ. ތިޔަ ދެބަފައިންގެ ހަނދާން ފިޔަވައި އެހެން އެއްވެސް އެއްޗެއް އަހަރެންގެ އަތަކު މިހާރަކު ނެތެވެ. ލަންޑަނަކީ ކުލަބޮކިތަކާއި އެކި ކަހަލަ އުފާވެރި މަންޒަރުތަކުގެ ރަށެކެވެ. އެކަމަކު ކާމީއާއި ޖާނީއާ ނުލައި މިތަން އަހަންނަށް ފެންނަނީ ވީރާނާވެފައިވާ ފަޅު ތަނެއްގެ ގޮތުގައެވެ. އަހަރެންގެ މޫނުގެ ސާޖަރީ ނިމޭންދެން އެޅެން ޖެހޭނީ މި ފަޅުކަމުގެ ތެރޭގައި އެކަންޏެވެ.

އަހަރެން މި އުޅެނީ ޖާނީއާ ވަކިވެގެން ވަރަށް ދުރަށް އައިހެވެ. އެކަމަކު ހިތް އޮތީ ޖާނީގެ ގާތުގައެވެ. ވިސްނަނީ ޖާނީއާ މެދުގައެވެ. ވިސްނީމާ ބިރުގަންނަގޮތްވެސް ވެއެވެ. ޖާނީ އޭނާޔާ ބައްދަލު ކުރާނީ ކޮން ދުވަހަކު ކަމެއް ނޭނގެއެވެ. އެހެން ހަދައިފިއްޔާ އަހަންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ ޖާނީ ހުއްޓުވާކަށް، ކުދިކިޔާކަށް އަހަންނަކަށް ނުވެސް ދެވޭނެއެވެ. އެކަމަކު ކަލާނގެ ޖާނީ ދެކެވޮޑިގެންވާނެއެވެ. އަހަރެން ރަށުން ފުރުމާއެކު ޖާނީ އޭނާ ހޯދަން ނުކުމެއްޖެއްޔާ އެކަން އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާނެއެވެ."

ސިޓީ ކިޔާން އިނދެފައި ކާރު އޮތް ދިމާއަށް އޭނާ ބަލައިލިއެވެ. އެތާނގައި އިންނައިރު ކާރުގެ އެތެރެއެއް ނުފެނެއެވެ. އޭނާ އަނެއްކާވެސް ސިޓީ ކިޔާން ފަށައިފިއެވެ.

"އޭނާޔާ ބައްދަލު ކުރާ ކަމަށް ވަންޏާ އެކަން އަހަންނަށް ސިއްރު ނުކުރާށެވެ. އެއީ އަހަންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށް ވާނެއެވެ. އަހަރެން ބޭނުން ވަނީ އަހަރެންގެ ލޯބީގެ ދެބައިކުޅަ އެއްބައި ޖާނީއަށް ދޭށެވެ. އަނެއް ބައި ކާމީއަށް ޚާއްސަ ކުރާށެވެ. ދެބައިކުޅަ އެއްބަޔަށް ހަނދާން ކުރަން ބޭނުންވަނީ ޖާނީއެވެ. އަނެއް ދެބައިކުޅަ އެއްބަޔަށް ކާމީއެވެ. އެކަމަކު ދަރިފުޅުގެ މަތީން ހަނދާން ކުރާނީވެސް ކިހިނެއް ހެއްޔެވެ؟ އަހަރެންގެ މުޅި ސިކުނޑީގައި އެނބުރެނީ ޖާނީއެވެ. ސިކުނޑި އޮތީ ޝައްކާއި ވަހުމުން ފުރިފައެވެ. ޖާނީގެ ޚިޔާލުގައި ބިރުގެންފައި ހުންނަ ހުރުމަކީ އަހަންނަށް ލިބޭ ބޮޑު އަނިޔާއަކަށް ނުވޭ ހެއްޔެވެ؟ ދަރިފުޅުގެ މަތީން ހަނދާން ކުރާނޭ ފުރުސަތެއް ނުލިބުމަކީ އަނިޔާއަކަށް ނުވޭ ހެއްޔެވެ؟ އަނބިމީހާއަށް އަނިޔާ ކުރުމަކީ ޖާނީ މިހާރުވެސް ކުރާ ކަމެކެވެ. އެކަމަކު މަޔަކަށް އަނިޔާ ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ހެއްޔެވެ؟"

ބާދްޝާ ސިޓީގައި ދެއަތުން ބާރަށް ހިފަހައްޓައިލުމަށް ފަހު ލޯ މަރައިލިއެވެ. އެ ވަގުތު އޭނާގެ އެތެރެހަށިން އިންސާނިއްޔަތު ލޯ ހުޅުވައިލިއެވެ. މިއީ އަޖައިބެއް ފަދަ ހާލަތެކެވެ. މުޅި ދުނިޔެ ލޮލުގެ ތެރެއަށް ޖަމާކުރުމަށް ފަހު ލޯ މަރައިލަނީއެވެ. ދުނިޔެ ފޮރުވިފައި އޮންނަނީ މެރިފައިވާ ދެ ލޮލުގެ ފުރަގަހުގައެވެ. ދެން ފަށަނީ ތިމާގެ އެތެރެ ހަށްޓައް ބަލާށެވެ. ޒަމީރަށް ބަލާށެވެ. އެތެރޭގައި ފޮރުވިފައި އޮތް އިންސާނާއަށް ބަލާށެވެ. އެއީ ހިސާބުކިތާބުގެ ވަގުތެވެ. ރުޚްސާނާގެ ސިޓީއަށް ޖަވާބެއް ދޭންވީ ބާވައޭ އޭނާގެ ހިތަށް އެރިއެވެ. ފަރުޒާނާއާ ބައްދަލެއް ނުވެއޭ ކިޔައިފައި ދޮގު ހަދާންވީ ހެއްޔެވެ؟

ސިކުނޑިން އޭނާއަށް ޖަވާބު ދިނެވެ. މިއީ ދޮގާއި ތެދުގެ މައްސަލައެއް ނޫނެވެ. އަހަންނާ ފަރުޒާނާއާ ބައްދަލު ވިޔަސް އަދި ފަރުޒާނާގެ ފަހަތުން ދުވުނު ކަމުގައި ވިޔަސް ރުޚްސާނާއަށް ވާނޭ ގެއްލުމަކީ ކޮބައި ހެއްޔެވެ؟ އަނބިމީހާ އަކީ އަނބިމީހާއެވެ. ދަރިފުޅުގެ މަންމައެވެ. ގެޔާއި އަނބިމީހާއާއި ދަރިފުޅަކީ ވަކި ބައެކެވެ. ބޭރުން ހޯދާ ލޯތްބަކީ މުޅީން ވަކި ކަމެކެވެ. އަހަރެން ފަޅިގެއެއް ދޫކޮށްލާފައި މި ނުކުންނަނީ ފުރިހަމައަށް ހުޅުވިފައިވާ ދުނިޔެއަކަށް ނޭވާ ލާށެވެ. ގޭތެރޭގެ މާވަށިގަނޑު ބަލައި ފޫހިވެގެން ބޭރުގެ މާބަގީޗާއަކަށް އުފާކޮށްލާން ނުކުންނަނީއެވެ. ބޭރުން ފެންނަ މާތައް ހިފައިގެން އައިސް އަހަރެން ގޭތެރޭގެ މާވަށިގަނޑަކު ނުޖަހާނަމެވެ. ދުވަސްކޮޅަކުން އެ މާވެސް މިލައި މޯޅިވެދާނެއެވެ. އެހެންވީމާ އަނބިމީހާއަކީ މުޅީން އެހެން މީހެކެވެ. ބޭރުގެ އުފާވެރި ކުލައަރާ ދުނިޔެއަކީ މުޅީން އެހެން ތަނެކެވެ. އަހަރެން ދެ މީހުންކުރެ މީހަކަށް ދޭންވާ ހައްގެއް ނުދޭނަމެވެ. އަދި ދެމީހުންކުރެ މީހެއްގެ ހައްގަކަށް އުނިކަމެއްވެސް ނުގެންނާނަމެވެ.

އޭނާ އަނެއްކާވެސް ސިޓީ ކިޔާން ފަށައިފިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.