ހަމަހަމަ ފުރުސަތަށް ބާރުއަޅައި، އިންތިޚާބުގެ ދުވަސްވަރު ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން ނެރެފި

އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އާއްމުކޮށް އިއުލާނުކޮށްފިއެވެ.

މައިގަނޑު ހަ ބައެއްގެ މައްޗަށް ހިމެނޭ މި ގައިޑްލައިންގެ ފުރަތަމަ ބައިގައި ވަނީ ޚަބަރާއި މައުލޫމާތު ފެތުރުމުގައި ގެންގުޅެންވީ މިންގަނޑުތަކެވެ. މި މިންގަނޑުގައި ފުރަތަމަ ބުނެފައިވާ ގޮތުގައި ސްޓޭޝަންގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނޭ އެއްވެސް ކަމެއްގައި ނޫސްވެރިންނާއި ޕްރެޒެންޓަރުން އަމިއްލަ ގޮތުންވެސް ބައިވެރިވެގެން ނުވާނެއެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތައް ފާހަގަ ކޮށްފައި ވެއެވެ.

އަދި ދައުލަތުގެ އިސް އޮފިޝަލަކު އިންތިޚާބަށް ކުރިމަތިލާނަމަ އެފަދަ މީހަކު ބާއްވާ ރަސްމީ ޕްރެސް ކޮންފަރެންސެއްގައި ނުވަތަ އިވެންޓެއްގައި ސިޔާާސީ ބަޔާނެއް ދީފިނަމަ އެޔަށް ރައްދު ދިނުމުގެ ފުރުސަތު ވާދަވެރި ކެންޑިޑޭޓަށް ދޭންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. ޕާޓީއަކުން އެފަދަ ކަމެއް ކޮށްފިނަމަ ވާދަވެރި ޕާޓީއަށް ފުރުސަތު ދިނުމުގެ ވާހަކައެއް މި ގައިޑްލައިނަކު ނެތެވެ.

ޚަބަރު ގަޑިތަކުގައި ދައްކާ ރިޕޯޓުގައި ޚިޔާލާއި ކޮމެންޓްރީއާއި ދިރާސާ ހިމެނޭނަމަ އެކަން ސާފުކޮށް އެނގޭނޭހެން ގެނެސްދޭންވެސް ވަނީ ގައިޑްލައިންގައި ހިމަނަައިފައެވެ. އަދި އިންތިޚާބާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ ޚިޔާލުި ހިމަނައިގެން އުފައްދާފައިވާ ޚަބަރާއި ކޮންޓެންޓް ހިމަނާށާއި ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި އިންސާފުވެރިކަން ގެއްލޭފަދަ ކަންކަމުން އެއްކިބާ ވުމަށްވެސް ވަނީ އަންގައިފައެވެ.

ގައިޑްލައިންގެ ދެވަނަ ބައިގައި ބުނެފައި ވަނީ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުގެ މަސްއޫލިއްޔަތެވެ. އެއީ ކެންޑިޑޭޓުންނަށް ޚާއްސަ ކޮށްފައިވާ ވަގުތު ދިނުމުގައި ހަމަހަމަ އުސޫލު ގެންގުޅުމާއި ޚަބަރު ހުށަހެޅުމުގައި ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ތެދު މައުލޫމާތު ފޯރުކޮށް ދިނުމެވެ. އަދި ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނަށް ވަގުތު ދީފައިވާ ގޮތުގެ ރެކޯޑު ބެލެހެއްޓުމެވެ.

ތިންވަނަ ބައިގައި ކޮމާޝަލް ނުވަތަ އަމިއްލަ ބްރޯޑްކާސްޓަރުންނަށްވެސް ކަނޑައަޅައިފައި އޮތީ ހަމަ މި މިންގަޑެވެ.

ހަތަރުވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގައި އިންތިޚަބުގެ ދުވަސްވަރު އެއްވެސް ކެންޑިޑޭޓެއްގެ އަބުރަށް އުނިކަން އަތުވެދާނޭފަދަ ނުވަތަ އިއްޒަތާއި ކަރާމަތަށް ގެއްލުން ލިބިދާނޭ ފަދަ ގޮތަކަށް އެއްވެސް އެއްޗެއް ބްރޯޑްކާސްޓްކޮށްގެން ނުވާނެއެވެ. އަދި ބްރޯޑްކާސްޓަ ކުރުމުގައި މައުލޫމާތުގެ ކުށެއް ހިމެނިއްޖެނަމަ އައި އަބުރަށް އުނިކަން އަންނަ ގޮތަށް ބުނެފައިވާ އެއްޗެއް ނުވަތަ ދީފައިވާ ބަޔާނެއްގައި ސައްހަ ނޫން މައުލޫމާތު ހިމެނޭނަމަ އެކަންކަން ރަނގަޅު ކުރުމަށް ފަހު އަލުން ބްރޯޑްކާސްޓް ކުރަން ވާނެއެވެ. ހަމައެހެންމެ ނަފުސުގެ ދިފާއުގައި ރައްދު ދިނުމަށް ނުވަތަ ކުށުގެ އިސްލާހު ގެނެސްދިނުމަށް ނުވަތަ ބުނި އެއްޗެއް އަނބުރާ ގެންދިއުމަށް ދެން އެންމެ އަވަހަށް އޮންނަ އެފަދަ ޕްރޮގްރާމަކުން އެކަށީގެންވާ ވަގުތު ދޭން ވާނެއެވެ.

ފަސްވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގައި ކެންޑިޑޭޓުންގެ ޒާތީ ދިރިއުޅުމާ ގުޅުންހުރި ކަންކަން ރިޕޯޓު ކުރުމުގައި ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ގޮވަތިގެދޮރާއި އަނެކުންނާ ކުރާ ޒާތީ މުވާސަލާާތަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަންކަމާއި ހަމަ ކޮންމެ މީހަކުމެ އަނެކުންގެ މިފަދަ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަން ދެނެތިބެގެން ރިޕޯޓު ކުރަން ވަނީ އަންގައިފައެވެ.

ހަވަނަބައިގައި ވަނީ ސަލާމާތި ކަންތައްތަކުގެ ވާހަކައެވެ. މިބައިގައި ވަނީ ސަލާމަތީ ބާރުތަކުން ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމުގެ ވާހަކައާއި ނޫސްވެރިން ސަލާމަތީ ބާރުތަކުގެ އިރުޝާދުތަކަށް ކިޔަމަންވުމުގެ ވާހަކައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.