ރާއްޖޭގައި ބްރޯޑްކާސްޓިން އެވޯޑެއް ތައާރަފް ކުރެއްވާނެކަމަށް ބްރޯޑް ކާސްޓިން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ އެކޮމިޝަންގެ ފަރާތުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ. ކޮމިޝަންގެ ރައީސް މަރިޔަމް ވަޙީދާ ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ދާއިރާއާ ދުރަށް ވަޑައިގެން ވަރަށް ގިން ބޭފުޅުންތަކެއް މިހާރު އެބަ ތިއްބެވިކަމަށެވެ. ނަމަވެސް އެބޭފުޅުން ޚިދުމަތުގެ އަގު ވަޒަންނުކުރެވޭކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެ ބޭފުޅުންގެ އަގު ކޮންމެވެސް ގޮތަކުން ފާހަގަކޮށް އެބޭފުޅުންގެ ތަޖްރިބާ އެހެންފަރާތްތަކާ ހިއްސާކުރުމަށް ފުރުސަތު ހޯދައިދިނުމަކީ ކޮމިޝަންގެ ވަރަށް ބޮޑު އުއްމީދެއްކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ބްރޯޑްކާސްޓިން އެވޯޑެއް ތައާރަފްކުރައްވާނެކަމަށް ވިދާޅުވިއެވެ. އެ އެވޯޑް ތައާރަފު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވަނެކަމަށް ވިދާޅުވިއެވެ.
"ޤަބޫލުކުރަން އެއީ ފައިސާ އިން ވާނެކަންކަމަށް. އެކަމު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކަމެއް ކުރަންބޭނުންވެއްޖިއްޔާ އެކަމަށް މަސައްކަތްކުރުމުން ކާމިޔާބުވާނެ" މަރީ ވިދާޅުވިއެވެ.
ބްރޯޑްކާސްޓިން ދާއިރާ ތަރައްގީ ކުރެވޭނީ ދާއިރާގެ ލަފަޔާއި ޚިޔާލާއި ބައިވެރިވުން ލިބިގެންކަމަށް ވެސް ބަރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. ކޮމިޝަނަށް އާ މެމްބަރުން އައްޔަން ކުރުމުން ރަސްމީ އަދި ނުރަސްމީ ބައްދަލުވުންތައް މީޑިއާ ތަކާއެކު ބޭއްވިކަން ފާހަގަ ކުރެއްވި އެވެ. ވަކިވަކިން ބްރޯޑްކާސްޓަރުންނާއެކު ބައްދަލުކޮށް ދާއިރާގައި ހުރި ދަތިތަކާ ކުރިމަގާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝަވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ.
ބްރޯޑް ކާސްޓިން ދާއިރާއަކީ ވަރަށް އަގުބޮޑު ދާއިރާއެއްކަންވެސް މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ އެހެން މަރުހަލާއަކަށް ގެންދިއުމަށް ބްރޯޑްކާސްޓަރުންނަށް މާލީ އެހީތެރިކަމާއި ފަންނީ ތަމްރީނު ބޭނުންވާކަން ފާހަގަ ކުރެއްވިއެވެ. ކުރިއަށް އޮތް ތަނުގައި ކޮމިޝަނުން މަސައްކަތްކުރާނީ އެފަދަ އެހީތެރިކަން ކޮމިޝަން މެދުވެރިވެ ބްރޯޑްކާސްޓަރުންނަށް ހޯއްދަވައިދެއްވުމަށް ކަމަށް ވިދާޅުވިއެވެ.
މިއަދަކީ ރާއްޖޭގައި ބްރޯޑްކާސްޓިން ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ.