އަންހެނުން ކުރިއަރުވަން ސިޔާސީ ޕާޓީތަކުން ކުރަނީ ކޮން ކަމެއް؟: ދުންޔާ މައުމޫން

ސިޔާސީ ޕާޓީތަކާއި ކެންޕޭންތަކުގައި އަންހެނުން ކިތަންމެ އުޅުނަސް، ސިޔާސީ އިސް މަގާމުތަކުގައި އަންހެނުން ވަރަށް މަދު ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. އިއްޔެ ކުރެއްވި ޓްވީޓެއްގައި އެކަމަނާ ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބު މިހައި ގާތްވެފައި ވާއިރު އަހާލަން ޖެހޭ ސުވާލަކީ ބޮޑެތި ސިޔާސީ ޕާޓީތަކުން އަންހެން ކެންޑިޑޭޓުން ހޮވާ، ކުރިއެރުވުމަށްޓަކާ ކުރަނީ ކީއްތޯއެވެ.

މި ސަރުކާރުން އެކި ފަހަރުމަތީން ހާމަ ކޮށްފައިވާ ގޮތުގައި ސިޔާސީ އިސް މަގާމުތަކުގައި އެންމެ ގިނަ އަންހެނުން ތިބީ މި ސަރުކާރުގައެވެ. ވަޒީރުންގެ މަޖިލީހަށް ބަލާއިރު މިހާރު ތިއްބެވީ ހަ އަންހެން ވަޒީރުންނެވެ. މިނިސްޓަރުންގެ ފެންވަރުގެ އެހެން ވަޒީފާތައް އުފައްދާފައި ހުރި ނަމަވެސް އެއިން މަގާމެއްގައި އަންހެން ބޭފުޅަކު ނެތެވެ. ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ހަތަރު އަންހެން ބޭފުޅުން އެބަތިއްބެވިއެވެ. ސަފީރުންގެ ގޮތުގައި ތިއްބެވީ ހަތް އަންހެން ބޭފުޅުންނެވެ. ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ހަތަރު އަންހެން ބޭފުޅުން އެބަތިއްބެވިއެވެ.

އަތޮޅު ކައުންސިލްތަކަށް ބަލާއިރު ރައީސުންގެ ގޮތުގައި ތިއްބެވީ އެންމެ ހަ އަންހެން ބޭފުޅުންނެވެ. ނާއިބު ރައީސުންގެ ގޮތުގައި ސާދަ ބޭފުޅުންނެވެ. މޭޔަރެއްގެ ގޮތުގައި ހުންނެވީ އެންމެ އަންހެން ބޭފުޅެކެވެ. ޑެޕިއުޓީ މޭޔަރެއްގެ ގޮތުގައި އެއްވެސް އަންހެން ބޭފުޅަކު ނެތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.