އެތައް މަސައްކަތަކަށް ކުޅަދާނަ، ހުނަރުވެރި، ހާރޫނު ޢަލީ

ހަޔާތުގެ ދަތުރު ފަހިކުރުމަށް ޓަކައި ބައެއް މީހުން ހާދަ ގިނަ، ހާދަ ބުރަ މަސައްކަތެއް ކުރެއެވެ. ތިމާ ދުވަހަކު ނުކުރާ ނުދަންނަ އެތައް ކަމަކާ ކުރިމަތިލައި ކާމިޔާބީ ހޯދައެވެ.

ހާރޫނު ޢަލީ: ކުޅަދާނަ، ހުނަރުވެރި މަސައްކަތްތެރިއެއް

ހިތްވަރާއި އަޒުމުގައެވެ. ކޮންމެހެން މާބޮޑު މުންސަންޖަކަށްވުމަށް ޓަކައެއް ނޫނެވެ. ދިރިއުޅުމުގެ ދަތުރުގައި ހަމަޖެހިލައިގެން ފައްސިޔައިގައި ދުއްވައިލުމުގެ ބޭނުމުގައެވެ. އެފަދަ ބައެއް މީހުން މާ މަޝްހޫރު ނުވެ ހިނގައިދާނެއެވެ. އެއީ، މީހާ ފެނުމުން އެއީ ކީއްކުރި ކާކުކަން އޭނާ ދަންނަ މީހުންނަށް ނޫނީ ނޭނގޭނެތީއެވެ.

އޮޑިދަށުން ޖަހައިލި ދަތުރެއްގައި މިދިޔަ ފެބުރުވަރީ މަހުގެ ފަހުކޮޅު، އިބުނު ބަތޫތާގެ ރަށުގެ ނަމުން އެ ރަށެއްގެ އަޑު އިވެމުންދާ، މާޅޮސްމަޑުލު އުތުރުބުރީ، ކިނޮޅަހަށް ދެތިން ދުވަހަކަށް ދިއުމުގެ ފުރުސަތު ލިބުނެވެ. ފުރަތަމަ ވެސް އެއީ، ދަތުރުވެރިން ޒިޔާރަތްކޮށްލަން ރާއްޖެއިން އެންމެ ރަނގަޅު އެއް ރަށްކަމުގެ އިހުސާސް ކުރެވުނެވެ. ހަމަހިމޭންކަމެވެ. އެކުވެރި ރައްޔިތެކެވެ. އަދި ހަމަ ގައިމުވެސް ރަށްފުށުގެ އިހުސާސް އެރަށުން އަޅުގަނޑަށް ކުރެވުނީތީއެވެ. ކުކުޅު ހައު ފިޔޮއްތައް ފަހަތުލައިގެން އުޅޭ ތަން ފެނުމުންނެވެ. ފަތިސްދަޅައިގައި ގޭދޮށް ކުނިކަހާ ހީވާގި އަންހެންވެރިން ފެނުމުންނެވެ. ފަންކިރިއްސަން، ފަންގެވިންނަން ތިބޭ އިސްރަށްވެހިން ފެނުމުންނެވެ. މިއީ ރާއްޖޭގެ އެހެން އެއްވެސް ރަށަކުން ނުފެންނާނޭ މަންޒަރުތަކެކޭ ދަންނަވަނީކީ ނޫނެވެ.

ފަތިސް ނަމާދަށް ފަހު ރަށުތެރޭގައި ހިނގައިލަން ނުކުމެ ކިނޮޅަހުގެ ހަމަހިމޭން ބަނދަރަށް ނުކުތްއިރު، ހަމަގައިމުވެސް އިސްރަށްވެއްސެއްކަމުގައި ބެލެވޭ މީހަކު، މަޑު ހިނގުމެއްގައި ބަނދަރުގެ ހުޅަނގުން އިރަށް ގޮސް ބަނދަރު ހުސްކޮށް އިރުމައްޗަށް އަނބުރައިލައިފިއެވެ. ވާޓަރުމަތީން ހިންގަވަމުންދިޔަ އޭނާއަށް އަޅުގަނޑު ފެނިލައްވައިގެންކަމަށް ވެސް ވެދާނެއެވެ. ކިނޮޅަހު ބަނދަރު މިސްކިތް (މަސްޖިދުލް ހުދާ) އާ ދިމާގައި މަޑުކޮށްލައިގެން ހުރި އަޅުގަނޑާ ދިމާއަށް މިސްރާބު ޖައްސަވައިފިއެވެ. އަޅުގަނޑުގެ ސަމާލުކަން ވެސް އޭނާއަށް ހުސްކޮށްލީމެވެ. ކުޑަކޮށް ތާރަފުވެލުމަށް ފަހު ހާލުއަހުވާލު އަހައިލީމެވެ. އެހާރާއި މިހާރާ ބެހޭ ގޮތުންނެވެ. ދާދިގާތުގައި ހުރި ޖޯލިފަތީގައި ޖައްސައިލައި ވަނަވަރު އަހައިލުމުން އެނގުނީ، މިހާރު އެހެން މަޑުމަޑުން ހުންނެވިޔަސް އެއީ އާދައިގެ ބޭކަލެއް ނޫންކަމެވެ. ދެނެނުލައްވާ ނުކުރައްވާ މަސައްކަތެއް ނެތް ފަދަ މާޒީއެއް އޮތް ހިތްވަރުގަދަ ބޭކަލެކެވެ.

 މި ދެންނެވި ހިތްވަރުގަދަ، ނަމަވެސް ކުޑަ ހަށިގަނޑެއްގެ ވެރިޔަކީ، ކިނޮޅަހު، ނަޝާ، ހާރޫނު ޢަލީއެވެ. މިހާރު އުމުރުން 84 އަހަރުގެ ދުވަސްތައް ގުނަމުންދާ ހާރޫނު

ހާރޫނު (ވާތުން 6) ގެ އަނބިކަނބަލުން (ވާތުން 8) އާއި ބައެއް ކުދިންނާއި ކާފަކުދިންނާ އެކު

އަދިވެސް ފެންނަނީ، އަމިއްލައަށް ހިނގާބިނގާވެ އުޅުއްވާ ހަރަކާތްތެރި ބޭކަލެއްގެ ގޮތުގައެވެ. ހާރޫނު ބުނުއްވި ގޮތުގައި އޭނާ ނުކުރައްވާކަމެއް ނެތެވެ. މަސައްކަތެއްގެ ގޮތުގައި ކުރީގެ އާންމު ދިވެހީން ކޮށްއުޅުނު ހުރިހާ ކަމެއްހެން އޭނާ ކުރެއްވިއެވެ. ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ ފުރަތަމަ މަސައްކަތުގައި ބައިވެރިވެލެއްވިއެވެ. މަސްވެރިކަން ކުރެއްވިއެވެ. ރާއެރުއްވިއެވެ. ހޮޓާހޮޓަލުގައި ކައްކަވައި، ސައިބަހައްޓަވަން އުޅުއްވިއެވެ. ފަންގެވިނދެ، ފަނާއި ރުކުފަތީގެ މަސައްކަތްކުރެއްވިއެވެ. ރާނައި އުވަޖަހައި ސިމެންތީގެ މަސައްކަތްކުރެއްވިއެވެ. ވަޑާންކުރެއްވިއެވެ. ޓިނުން ތަކެތި ހެއްދެވިއެވެ. މިހެން ގޮސް އެތައްއެތައް މަސައްކަތެކެވެ. ޖުމުލަކޮށް ދަންނަވާ ނަމަ، ދަންނަވަން ޖެހޭނީ، ހާރޫނަކީ އާންމުކޮށް ދިވެހީން ކޮށްއުޅޭ ހުރިހާ މަސައްކަތަކަށް ވެސް ކުޅަދާނަ ހުނަރުވެރިއެއްކަމުގައެވެ.

ހާރޫން ބުނުއްވި ގޮތުގައި ކިނޮޅަހުގައި ރާއެރުމުގެ އިތުރުންހާރޫނުގެ ދެމަފިރިން ރާއެރުމުގެ މަސައްކަތުގައި ފަޅު ރަށެއްގައި ވެސް ދުވަސްތަކެއް ހޭދަކުރެއްވިއެވެ. ދެ ދަޅައަށް 16 ރުކުން ރާ ބާލުއްވައި ހަކުރަށް ހައްދަވަމުން ގެންދެވިއެވެ. އޭރު ހަކުރު އަޑުބައެއްގެ އަގަކީ އެންމެ 2 ރުފިޔާއެވެ. އަޑުބަޔަކީ މިހާރުގެ ގޮތުން ނަމަ، 1.12 ލީޓަރެކެވެ. އެއީ ރަސްމީކޮށް ވިއްކާ އަގު ކަމަށް ވިޔަސް ކައިލަން ހަކުރުކޮޅެއް ބޭނުން ވެގެން އަންނަ ކޮންމެ މީހަކަށް އެއީ ހިލޭ ދެއްވާ އެއްޗެކެވެ. އޭރު 25 އަޑުބާގެ ދެ ރުނބާ ހަކުރު 15 ދުވަހުން ކައްކައިލެއްވޭކަމަށް ހާރޫން ބުނުއްވިއެވެ. ހާރޫނު ފާހަގަ ކުރެއްވި ގޮތުގައި ކާށި ކުރުނބާ ނާޅާ ނަމަ ރުކުގެ ރާ ރަނގަޅެއް ނުވާނެއެވެ. ހާރޫން ރާކުރައްވަން ދަސްކުރެއްވީ ހދ. ނެކުރެންދޫ އެކަން ދަންނަ ބަޔަކު ގެންނަވައިގެންނެވެ. އޭރު އެމީހުންގެ އާދަކާދަ ހުންނަ ގޮތުން ތަކުބީރު ތެރޭގައި ރާނާރާކަމަށް ހާރޫނު ބުނުއްވިއެވެ.

ހާރޫނު މަސްވެރިކަމަށް ނުކުންނެވީ، އުމުރުން އެންމެ 16 އަހަރުގައެވެ. އޭރު އެފަދަ ކަންކަން ހުންނަ ގޮތް ކިޔުއްވައިދެއްވަމުން ހާރޫނު ބުނުއްވި ގޮތުގައި އެއް ދުވަހަކު ބޮޑު ދެ

ހާރޫނުގެ އެހާރާއި މިހާރު އަޅުގަނޑަށް ކިޔުއްވައިދެއްވީ، ވަރަށް އުފަލުން

ހިބަރު ބާނައިގެން ލެފިތަނުން އެކި މީސްމީހުން އައިސް މަސްކޮޅެއް ދިނުމަށް އެދުމުން، އައި ކޮންމެ މީހަކަށް މަސްބުރިއެއް ދެމުން ގޮސް ދެ ހިބަރު ހުސްވިއެވެ.

ހާރޫނު ބުނުއްވި ގޮތުގައި އޭރު އޮންނަ ގޮތުން އަލަށް ފުރާ ދޯންޏެއް ނަމަ އެ ދޯނީގެ ކެޔޮޅެއް ރަށު އޮފީހުގައި ނަން ޖައްސައި ސޮއިކުރަން ޖެހެއެވެ. އެ ގޮތުން ރަށުގެ ދޯންޏެއް ނުފުރިގެން އެ ދޯނީގެ ކެޔޮޅެއްގެ ގޮތުގައި ހާރޫނު ނަން ޖައްސުވައި ސޮއިކުރެއްވީ އުމުރުން 18، 20 އަހަރުގައެވެ. އެ ދަތުރުގައި މާލެ އާދެވުނީ 5 ރޭ 5 ދުވާލުންނެވެ. އޭގެ ކުރިން ދޯންޏެއްގެ އިސް މީހެއްގެ ގޮތުގައި ދަތުރު ނުކުރެއްވި ނަމަވެސް ފިސާރި ކެރިގެން އެކަމާ ވެސް ކުރިމަތިލެއްވީއެވެ. ބައެއް ދަތުރުތަކުގައި ފަތިސް ނަމާދުން ފައިބައިގެން ރަށުން ފުރައިގެން އަސުރަށް މާލެ އާދެވިފައި ހުރިކަމަށް ވެސް ހާރޫނު ބުނުއްވިއެވެ.

ރަށުގައި މަސައްކަތް ކުރައްވައިގެން ލިބިލައްވާ އެއްޗަކުން ކިރިޔަކިރިޔާ ބަނޑުފުރާނަ މުއްތިކުރެއްވޭވަރު ވާތީ، އާއިލާ ބޮޑުވަމުން ދިއުމާ އެކު އިތުރު ތަނަވަސްކަމެއް ލިބިލައްވާތޯ މަސައްކަތެއް ހޯއްދެވުމަށް މާލެއަށް ދުރުވަން ނިންމެވުމަކީ، ގިނަ ތަޖުރިބާތަކެއް ލިބިލެއްވިކަމެއްކަމަށް ހަރޫން ބުނުއްވިއެވެ. މާލެއަށް ދުރުވުމުގެ އެންމެ މުހިންމު ބޭނުމަކަށްވީ، ގޭ ފުރާޅުގައި ޓިނުޖެހޭނެ ގޮތެއް ވޭތޯއެވެ.

އޭރުގެ ފެންވަރަށް ގެ ނޭރުއްވުމުގެ ހުރިހާ މަސައްކަތެއް ވެސް ކުރެއްވީ ހާރޫނު އަމިއްލައަށެވެ. ކޮނޑުން ގައު އުފުއްލަވައިގެން ތަޅުއްވައިގެންނެވެ. އޭރު ޓިނުގެ އަގު ހުރިކަމަށް ހާރޫނު ބުނުއްވީ ރުފިޔާއަކަށް ފޫޓެކެވެ. 9 ފޫޓުގެ ޓިނުގަނޑެއް ނުވަ ރުފިޔާއަށެވެ.

މާލެ ދުރުވެ ފުރަތަމަ މަސައްކަތް ކުރެވީ، މާފަންނު ފަންނު ހޮޓަލުގައެވެ. ފަހުން ހެންވޭރު އިރުވައި ކެފޭގައާއި ބާޒާރުމަތީ ޑޯން ކެފޭގައި ވެސް މަސައްކަތް ކުރެއްވިއެވެ. އޭގެ ކުރިން ކައްކަވައި ހެދިކާ ހެއްދެވުމުގެ މަސައްކަތް ނުކުރެއްވި ނަމަވެސް އެ މަސައްކަތް ކުރާ ތަން ބައްލަވައިގެން، އެ ކަމުގައި ވެސް އެ ތަންތަނުގެ ވެރިން އެންމެ އިތުބާރު ކުރައްވާ މީހަކަށް ވެވުނުކަމަށް ހާރޫނު ބުނުއްވިއެވެ. މަސައްކަތް ފެއްޓެވިއިރު މުސާރައަކީ ދުވާލަކު 20 ރުފިޔާއެވެ. ފަހުން 2000 ރުފިޔާގެ މުސާރައެއް ލިބިލެއްވިއެވެ.

ހާރޫނު ކުރައްވާ އެހެން މަސައްކަތްތަކުގެ މައުލޫމާތު ވެސް ތަފުސީލުކޮށް ކިޔައިދެއްވިއެވެ. އޭގެތެރޭގައި، މުޅޯށި، ވަށި، ގޮށި، މުކައްބަ ފަދަ ތަކެތި ހެއްދެވުން ހިމެނެއެވެ. އެ

ހާރޫނު ހައްދަވާފައިވާ ގޮއްޓަކާއި ހަލަންޏެއް

ގޮތުން މުޅޯއްޓެއް ހެދޭނީ 200 ގަނޑު ފަތިންކަމަށާއި ބޮޑު ވައްޓަކަށް 40 ވަތް، ކުޑަ ވައްޓަކަށް 18 ވަތް ބޭނުންވަނެކަމަށް ބުނުއްވިއެވެ. އަދި  ރަތުރުކު ފަނުން ފަތި ނުހެދޭނެކަމަށާއި ފަތިހެދޭނީ ނުލުރުކު ފަނުން ކަމަށް ވެސް ބުނުއްވިއެވެ. ހާރޫން ބުނުއްވި ގޮތުގައި މިހާރު ވެސް ވިޔެފައި ވޮށިނުލައި އޮތް ދެ ބަތްޕޮޅި އެބަ އޮތެވެ. ވޮށިލުމަށް މެދުކެޔޮ ނުވަތަ ބޯކެޔޮ މޫ ނޫނީ މިދިލި މޫ ބޭނުންވާނެއެވެ. ދިރިއުޅުއްވުމުގެ އެހެން ކަންކަމުގެ ތެރޭގައި އުޅުއްވަމުން ވަގުތު ހުސްކުރައްވައިގެން 3 ދުވަހުން މުޅޯއްޓެއް ނިންމަވައިލެއްވޭ ކަމަށާއި އޭރު މުޅޯށި ވިނުމަށް ބޭނުން ކުރައްވަނީ، ރުކުގެ ވަރުފަތިކަމަށާއި ނަމަވެސް މިހާރު ބޭނުން ކުރައްވަނީ، ބޭރުން ބައެއް ތަކެތި ގެންނައިރު ފޮށިގަނޑުތަކުގެ ބޭރުގައި އަޅާފައި ހުންނަ ނައިލޯނު ފަށްތައް ކަމަށް ހާރޫނު ބުނުއްވިއެވެ. ބޭނުން ކުރައްވާތާ އެތައް އަހަރެއް ވެފައިވާ ގޮއްޓެއް މިހާރު ވެސް ހާރޫނުމެންގޭގެ ކާގޭގައި ބޭނުން ކުރައްވަމުން އެބަ ގެންދަވައެވެ.

ހާރޫނު ވަނީ ރަށުގެ މަދަރުސާ ކުދިންނަށް ވެސް އޭނާގެ މަސައްކަތް ދައްކައިލައްވާ އަމަލީ ގޮތުން ކުދިން ލައްވައި މަސައްކަތް ކުރުވައިފައެވެ. ނަމަވެސް މިހާރުގެ ޒުވާން ކުދީން އެފަދަ މަސައްކަތްތަކަށް މާބޮޑު ތަރުހީބެއްދީ ޝައުގުވެރި ނުވުމަކީ، ހާރޫނު ހިތާމަކުރައްވާ ކަމެކެވެ. އަދި ކުރިޔާއަޅައި ބަލާއިރު، މިހާރު އެފަދަ މަސައްކަތްތަކުގެ އަގު ހުންނަކަމަށާއި އާންމުދަނީ ހޯދުމަށް އިތުރު މަސައްކަތެއްގެ ގޮތުން ކުރަން ވަރަށް ރަނގަޅުކަމެއް ކަމަށް ހާރޫނު ފާހަގަ ކުރެއްވިއެވެ.

ހާރޫނު އަމިއްލައަށް ދާނިތަޅުއްވައިގެން ރަށުގެ މިސްކިތު ވަޅަށް ދާނި ހަދިޔާ ކުރައްވާ ކަމަށާއި މިހާރު އާންމުކޮށް ވުލޫކުރުމަށް ދާނި ބޭނުން ނުކުރި ނަމަވެސް ކަރަންޓު ކެނޑޭ ގޮތް ދިމާވެއްޖެ ނަމަ ދާނީގެ ބޭނުން ޖެހޭކަމަށް ހާރޫނު ބުނުއްވިއެވެ.

ހާރޫނުގެ މިހާތަނަށް ވަނީ، 4 ކައިވެންޏެއް ކުރައްވައިފައެވެ. ފުރަތަމަ ކައިވެނި ކުރެއްވީ އުމުރުން 22 އަހަރުގައެވެ. ކުރީގެ 3 ކައިވެންޏަށް ކުއްޖަކު ލިބިލައްވާފައެއް ނުވެއެވެ. ފަހުގެ ކައިވެންޏަށް 10 ކުދިން ލިބިލެއްވި ނަމަވެސް މިހާރު ދުނިޔޭގައި ތިބީ 4 ކުދީންނެވެ. އެއީ 2 ފިރިހެން ކުދިންނާއި 2 އަންހެން ކުދިންނެވެ. ކުރިން ލިބިލެއްވި ކުދިން ނިޔާވެފައި ވަނީ ވަރަށް ތުއްތުއިރުގައެވެ. ވާނުވާއެއް ނޭނގިވަރަށް ގިނައިން ރުއިމަށް ފަހުގައެވެ. އޭރަކީ ފަރުވާއެއް ދެވޭނެ މާގިނަ ގޮތްތަކެއް ހުންނަ ދުވަސްވަރެއް ނޫންކަމުން، ބަލަބަލައި ތިއްބާ ފުރާނަދަނީކަމަށް ހާރޫނު ބުނުއްވިއެވެ. އެއް ކުއްޖަކު ނިޔާވެފައިވަނީ ބޮޑުވި ފަހުންނެވެ. ހާރޫނަށް ކާފަކިޔާ 11 ކުދިން މިހާރު އެބަތިއްބެވެ.

މިފަދަ ހުނަރުވެރި ފަންނާނުންގެ ކިބައިން ކަންކަން ދަސްކޮށް އަޅުގަނޑުގެ މިފަދަ މަސައްކަތްތައް ދިރުވައި އާލާ ކުރެވޭތޯ ބެލުމަކީ، މުހިންމު ކަމެކެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް އަށް ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝާކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.