ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ މީހަކު ރޭ ފަތިހު ނިޔާވެއްޖެއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ނިޔާވެފައި ވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ މި މަހުގެ ތެރޭގައި ކޯވިޑް ބަލީގައި ނިޔާވީ 10 ވަނަ މީހާއެވެ. ޖުމުލަ އަދަދަށް ބަލާއިރު ރާއްޖެއިން މިހައިތަނަށް ނިޔާވެފައި ވަނީ 54 ދިވެހިންނާއި 8 ބިދޭސީންނެވެ. މުޅި ޖުމުލަ މިއަދާހަމައަށް ވަނީ 62 އަށް އަރައިފައެވެ.
ރާއްޖެ މިހާރު މި ދެކެނީ ކޯވިޑް-19 ގެ ތިންވަނަ އަދި މިހައިތަނަށް އެންމެ ނުރައްކާތެރި ރާޅު ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ތިންވަނަ ރާޅެއް ފެށުނު ފަހުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވަމުން ގޮސް މިހާރު ވަނީ ސަތޭކައިން މައްޗަށް އަރައިފައެވެ. ސަތޭކައަށްވުރެ މަދު ނުވެ ހުންނަތާ ހަފުތާއެއްހައި ދުވަސް ވެއްޖެއެވެ. ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި ބަލި ކޮންޓުރޯލު ކުރުމަށްޓަކައި އާއްމުންގެ ފަރުވާތެރިކަން މިހާރަށްވުރެ ބޮޑު ކުރަން ވަނީ ޖެހިފައެވެ. އާބާދީގެ ގިނަ ބަޔަކަށް ވެކްސިންގެ ދެ ޑޯޒު ހަމަވާންދެން އާދަޔާ ޚިލާފަށް ބޮޑަށް ރައްކާތެރިވާން ޖެހޭ ކަމަށް މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު ހަސްފަތާލުގައި ބާއްވައިގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. ހަސްފަތާލުތައް މުޅީން ފުރި އެނދުތައް ހުސްވެއްޖެނަމަ، ބައެއް މީސްމީހުންގެ ހާލު ބޮޑުވީ ކަމުގައި ވިޔަސް ހަސްފަތާލުގައި ބޭއްވޭގޮތް ނުވުމަކީ ކުރިމަތިވާނޭ އެންމެ ނުރައްކާތެރި ހާލަތެވެ. ސިއްހީ ދާއިރާގެ ބޭފުޅުން މިހާރުވެސް ގެންދަވަނީ ރުރައްކަލުގެ ރަނގަބީލު ޖައްސަވަމުންނެވެ. ޑޮކްޓަރުން ދައްކަވައިފައިވާ ވާހަކަފުޅުތަކަށް ބަލާއިރު މިހާރު މި ނަގައިފައިވާ ތިންވަނަ ރާޅު ކޮންޓުރޯލު ނުކުރެވިއްޖެނަމަ އަޅުގަނޑުމެންގެ އަތުން މުޅި ހާލަތު ސޮހިގެން ދިއުމަކީ އެކަށިގެންވާ ކަމެވެ.