އާއްމު ޚިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަން ނިންމާލިއިރު 246 ތަން ވަނީ ބަންދުކޮށްފައި

އާއްމު ޚިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަން ނިންމާލިއިރު 246  ވަނީ ބަންދުކޮށްފައިވާކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ނަޒްލާ ރަފީޤް ވިދާޅުވީ އިންސްޕެކްޝަންގެ ފުރަތަމަ ބުރު މިއަދު ނިންމާލައިފައިވާ ކަމަށެވެ. މާލޭ ސަރަޙައްދުގައި ކުރިއަށް ގެންދެވި މި އިންސްޕެކްޝަންގައި 1546 ތަނެއް ބަލާ ފާސްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ބަންދުކުރާ ތަންތަން އުޞޫލާއެއް ގޮތަށް ޚިދުމަތް ދިނުމުގެ ކަންކަން ހަމަޖެއްސުމުން އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދެއްވައި ފައެވެ.

އިންސް ޕެކްޝަންތައް ފެށި ފުރަތަމަ ދެދުވަހު ބަލާފާސްކުރި ތަންތަނުގެ 50 އިންސައްތަ ބަންދުކުރަން ޖެހުނުކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ފަހުން ބަންދު ކުރަންޖެހިފައި ވަނީ ވަރަށް މަދު ތަނެއް ކަން ފާހަގަ ކުރެއްވިއެވެ. އެކަމުން ފާހަގަކުރެވުނީ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދެއްވުމަށް އާންމު ޚިދުމަތްދޭ ތަންތަނުންވެސް ބާރުއަޅާކަން ކަމަށް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މިވަގުތަށް އިންސްޕެކްޝަން ހުއްޓާލި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިންސްޕެކްޝަންތައް ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދަވާނެކަމަށް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މާލޭ ސަރަޙައްދުގެ އާއްމު ޚިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރައްވަން ފެށްޓެވީ  ލޮކްޑައުންގެ ލުޔާއެކު އެފަދަ ތަންތަން ހުޅުވާލުމުން  އެތަންތަނުން ޕޮޒިޓިވް ވާ މީހުންގެ ޢަދަދު އިތުރުވެ މުޅި މާލެ ސަރަޙައްދުން ފެންނަ ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.