މި ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހު އަސްކަރީ އިންގިލާބަކުން މިޔަންމާ (ބަރުމާ) ގެ ވެރިކަން ބަދަލުކޮށް މިހާރު އެގައުމުގައި ވެރިކަންކުރަމުންދާ އަސްކަރީ ވެރިންނާ ދެކޮޅަށް "ވީ އެންމެ ހަރުކަށި ފިޔަވަޅެއް އަޅައި"، އެ ގައުމަށް ޑިމޮކްރެސީ އަނބުރާ ގެންނަން ޖެހޭކަމަށް ވިދާޅުވެ އދ. ގައި ހުންނަވާ އެގައުމުގެ މަންދޫބު ވާހަކަފުޅުދެއްކެވުމުން، މިޔަންމާގެ އަސްކަރީ ވެރިން އޭނާ މަގާމުން ދުރުކޮށްފިއެެވެ.
މަންދޫބު ކިޔާއޮ މޯ ޓުން ވިދާޅުވީ އޭނާއަކީ ވެރިކަމުން މިހާރު ދުރުކުރެވިވައިފާ އާންގް ސަން ސޫ ޗީ ތަމްސީލުކުރައްވާ ބޭފުޅެއް ކަމުގައެވެ. އަދި އޭނާއަކީ "ރައްޔިތުން ހޮވި މަދަނީ ސަރުކާރު" ތަމްސީލުކުރައްވާ ބޭފުޅަކަށް ވާތީ ޑިމޮކްރެސީ އަލުން ގެންނަން ރައްޔިތުން ކުރާ މަސައްކަތަށް އޭނާ ތާއީދުކުރައްވާ ކަމުގައެވެ.
ހޮނިހިރު ދުވަހުގެރޭ މިޔަންމާގެ ރަސްމީ ޓީވީ، އެމްއާރްޓީވީން އާއްމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އޭނާއަކީ މިހާރު މިޔަންމާއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބެއް ނޫނެވެ.
"ދައުލަތުން އެންގި އެންގުންތަކާއި ދިން އިރުޝާދަށް އޭނާ ތަބާނުުވި. އޭނާވަނީ ގައުމަށް ޚިޔާނާތްތެރިވެފައި." އެ ބަޔާނުގައި ވެއެވެ. "މިއަދުން ފެށިގެން އޭނާގެ މަގާމުން އޭނާ ވަކިކުރަން ޖެހުނީ އެހެންވެ."
މަގާމުން ވަކިކުރި ނަމަވެސް ކިޔާއޮ މޯ ޓުން ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ.
"އަހަރެން ނިންމައިގެން މިހިރީ އަަހަރެންނަށް ވެވުުނު ވަރަކުން (އިންގިލާބާ) ދެކޮޅަށް މަސައްކަތްކުރަން." ރޮއިޓާސްއާ ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވިއެވެ.
އދ.ން މިޔަންމާގެ އާ ސަރުކާރު ބަލައިނުގަނެއެވެ. އަދި މިޔަންމާއިން ކަނޑައަޅާފައިވާ މަންދޫބު ބަދަލުވިކަން ރަސްމީކޮށް އދ.އަށް އަންގާފައި ވެސް ނުވެއެވެ. އެހެންކަމުން، އދ.ގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި އދ.ން އަދިވެސް ދެކެނީ ކިޔާއޮ މޯ ޓުން އަކީ މިޔަންމާގެ މަންދޫބު ކަމުގައެވެ.
"ނިއުޔޯކުގައި ހުންނަ އދ.ގެ މަރުކަޒަށް މިޔަންމާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ބަދަލުވިކަން އަންގައި އަހަރުމެންނަށް އެއްވެސް އެއްޗެއް ފޮނުވާފައި ނުވޭ." އދ.ގެ ތަރުޖަމާނު ސްޓެފެނީ ޑުޖާރިކް ވިދާޅުވިއެވެ.
މިޔާންމާގެ އަސްކަރީ އިންގިލާބަށް މަސްދުވަސް ހަމަވާއިރު، އަދިވެސް ރައްޔިތުން ދަނީ ދޫނުދީ، އަސްކަރީ ވެރިކަމާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. އިއްޔެގެ މުޒާހަރާތައްވެސް އަނިޔާވެރި ގޮތަކަށް ރޫޅާލައި، ސަލާމަތީ ބާރުތަކުން ބަޑިޖަހައި މުޒާހަރާކުރި އަންހެނަކު މަރާލާފައި ވާއިރު، މިއަދުވެސް އިހުތިޖާޖު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.