މިޔަންމާގެ ސިފައިން އަވަށެއް އެކުގައިހެން އަންދާލައިފި

މިޔަންމާގެ ސިފައިން އަންދާލާފައިވާ ކިންމާ އަވަށް

މިޔަންމާގެ ސަރުކާރު ސިފައިން އެމީހުންނާ ދެކޮޅަށް ނުކުތް އަވަށެއް އެކުގައިހެން އަންދާލައިފިކަމަށް އެ ސަރަަހައްދުގައި ދިރިއުޅޭ މީހުން ޚަބަރުދީފިއެެވެ.

މެދުތެރޭ ޕްރޮވިންސް މަގްވޭގެ ޕައުކް ސަރަހައްދުގައި އޮންނަ ކުޑަ އަވަށެއް ކަމުގައިވާ ކިންމާ އަންދާލާފައިވަނީ އެރަށުގެ އާއްމުންނާ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމަކަށް ފަހުގައެވެ. މިކަމަކީ ސިފައިންނާ ދެކޮޅަށް އިތުރުވަމުންދާ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އެހެން އަވަށްތަކަށް ދިން އިންޒާރެއް ކަމަށް ބެލެވެއެވެ.

މިޔަންމާގެ އެކިކަންކޮޅުތަކުގައި އާއްމުން ދަނީ މިޔަންމާގެ އަސްކަރީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅުހެދުމުގެ ގޮތުން ހަތިޔާރުއެޅި ކުދި ޖަމާއަތްތައް ހަދައިގެން ސިފައިންނާ ކުރިމަތިލަމުންނެވެ. ސިފައިން އަންދާލި އަަވަށުގައި ވެސް ހިނގާފައި ވަނީ މިފަދަ ކުރިމަތިލުމެކެވެ.

އަދައި އަޅިޔަށް ވެފައިވާ ކިންމާ އަވަށުގެ ފޮޓޯތަކާއި ވީޑިޔޯތައް މީސްމީޑިޔާގައި ދައުރުވަމުން އެފޮޓޯތަކާއި ވީޑިޔޯތަކުން އެއަވަށަށް ލިބިފައިވާ ގެއްލުން ވަަރަށް ރަނގަޅަށް ހާމަވެއެވެ.

ސަރުކާރުން ބަދަލުހިފާފާނެ ކަމުގެ ބިރަށް ނަން ހާމަނުކުރަން އެދި، އެއަވަށުގެ ބައެއް މީހުން ނޫސްވެރިންނަށް މައުލޫމާތުދިން ގޮތުގައި ސިފައިން ބަޑިޖަހަމުން އަންގާރަ ދުވަހު އެއަވަށް ވަނުމާއެކު، އަވަށުގެ ވަޒަންވެރިން ވަނީ އަވަށް ދޫކޮށް ފިލާފައެވެ. އެހެންކަމުން، ސިފައިން އަވަށް އަންދާލި ނަމަވެސް، މަރުވެފައި ވަނީ އެންމެ 2 މީހުންެނެވެ.

އަވަށުގައި އެކުލަވާލާފައި އޮތް ހަތިޔާރުއެޅި ދިފާއީ ގްރޫޕުން ވަނީ ސިފައިން އަވަށާއި ހަމައަށް ފޯރުމުގެކުރިން، ސިފައިން އަންނަކަމުގެ އިންޒާރު އަވަށުގެ ވަޒަންވެރިންނަށް ދީފައެެވެ. ސިފައިން އަވަށަށް އަރައި ގެތައް ފާސްކުރިއިރު އެއްވެސް ބަޔަކު ނުފެނުމުން އެމީހުން ވަނީ އަވަށުގެ ގެތަކުގައި އަލިފާން ރޯކޮށްލާފައެވެ. ޚަބަރު ލިބޭ ގޮތުގައިި އެއް ހާސް މީހުން ދިރިއުޅޭ އެއަވަށުގެ 240 ގޭގެ ތެރޭން 200 ގެ ވަނީ އަނދާ ހުލިވެފައެވެ.

މިޔަންމާގެ ބައެެއް އޮންލައިން ނޫސްތަކުން ބުނެފައިވާ ގޮތުގައި، ސިފައިންގެ 150 އެއްހާ މީހުން އެއަވަށް އަރައި އަވަށް އަންދާލީ އަވަށާ ކައިރި ހިސާބެއްގައި ދިން ހަމަލާއެއްގައި ސިފައިންގެ 15 މީހުން މަރާލާފައިވާތީ އެކަމުގެ ބަދަލުހިފުމުގެ ގޮތުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.