ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށް ދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު މުވައްޒިފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ކުރެވުނު މަޝްވަރާތަކާ އެއްގޮތަށް އިސްލާހުކޮށް މައްސަލައިގެ ލިޔެކިޔުންތައް ހަވާލުކުރައްވައިފައިވާ ކަމަށެވެ. މައްސަލައިގެ ލިޔެކިޔުންތައް ޕީޖީ އޮފީހަށް ފުލުހުން ފޮނުއްވީ މިމަހުގެ ހަތްވަނަ ދުވަހު ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.
ޢަލީ ވަހީދަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވެގެން ދިޔައީ އެކި ދުވަސް މަތިން މުވައްޒަފުންނަށް ޢަލީ ވަހީދު ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށްބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމިނިސްޓްރީގެ ބައެއް މުވައްޒަފުން ޝަކުވާ ހުށަހެޅުމުންނެވެ. އެތުހުމަތުތަކާއެކު ރައީސް ޞާލިޙް ވަނީ ޓޫރިޒަމް މިނިސްޓަރ ކަމުން ޢަލީ ވަހީދު ވަކިކުރަށްވައިފައެވެ. ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ޖުލައި މަހުގެ 19 ވަނަ ދުވަހު ޢަލީ ވަހީދު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.
ތުހުމަތު ކުރެވޭ މައްސަލައިގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނުވާކަމަށެވެ. އެ ވާހަކަތައް ފެންމަތިކޮށް އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ.