ޢަލީ ވަހީދު ފުރުވާލި މައްސަލައާ ގުޅިގެން އަންހެން މެންބަރުން ފޮނުވި ސިޓީ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފި

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު

ޖިންސީ ގޯނާގެ ދައުވާ އުފުލައިފައިވަނިކޮށް  ކުރީގެ ޓުރިޒަމް މިނިސްޓަރ ޢަލީ ވަހީދު ފުރުވާލި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެމައްސަލަ ބައްލަވައިދެއްވުަމަށް އެދި، ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހަތަރު އަންހެން މެންބަރުން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމެޓީއަށް ފޮނުއްވައިފިއެވެ. 

މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން އެސިޓީ ލިބިވަޑައިގެންނެވިކަން އިޢުލާން ކުރައްވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ޖިންސީ ގޯނާގެ ތުހުމަތުވެފައިވާ މީހަކު ރަށުން ފުރައިގެން ދިއުމާ ގުޅިގެން މަޖިލިހުގެ ހަތަރު މެންބަރަކު ފޮނުއްވާފައިވާ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ޖިންސީ ގޯނާގެ ތުހުމަތު ވެފައިވަނީ ކާކަަށް ކަމެއް ހާމައެއް ނުކުރައްވައެވެ. އަދި ސިޓީގައިވަނީ ކީކޭކަމެއް ވެސް މަޖިލީހުގެ ރައީސް މެންބަރުންނަކަށް ނުއިއްވަވައެވެ. އަދި ސިޓީ ފޮނުއްވީ ކޮންމެންބަރުންނެއް ކަމެއް ވެސް ހާމައެއް ނުކުރައްވައެވެ. މިއީ މަޖިލީހުގައި އާއްމު އުޞޫލުން ކަންކުރައްވާ ގޮތެއް ނޫނެވެ. 

މިމައްސަލަ ބަލައި ދިނުމަށް މަޖިލީހުގެ ރައީސަށް ސިޓީ ފުޅެއް ފޮނުއްވީ ރައްޔިތުންގެ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ 4 އަންހެން މެންބަރުންނެވެ. އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އެ މިނިސްޓްރީގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވި އެ މައްސަލަ ތަހުގީގުކޮށް ފުލުހުން ފޮނުވި ހެކީގެ މައްޗަށް ދައުވާ އުފުލައިފައިވަނިކޮށް، ފުރުވައިލުމާ ގުޅިގެން އެކަން ހިނގައި ދިޔަ ގޮތް ބެލުމަށް އެދި ފޮނުއްވި ސިޓީއެކެވެ.

އަލީ ވަހީދު ފުރުވައިލައިފައި ވަނީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި އަމުރު ބާތިލުކުރުމަށްފަހުއެވެ. ނަމަވެސް ޕީޖީ ހާމަކޮށްފައިވާ މަޢުލޫމާތު ތަކުން އޭނާ ފުރުވާލީ ކޯޓް އަމުރުގެ ކުރިންކަމަށްވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ. 

ޖިންސީ ގޯނާގެ ތުހުމަތުގައި ހަތް ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ވަނީ އުފުލައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.