"ޖާގައެއް ނެތް" މުޒާހަރާ މިއަދު 1330 ގައި

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ގިނަ ވަމުން ދިއުމާއެކުވެސް ކުށްކުރާ މީހުންނަށް އަދަބު ނުދެވުމާއި އިންސާފާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ އެފަދަ ނާއިންސާފާ ދެކޮޅަށް ކުރާ ސުލްހެވެރި މުޒާހަރާއެއް މިއަދު މެންދުރު ފަހު 1.30 ގައި ހޮޓެލް ޖެން ސަރަހައްދުގައި ބާއްވަން ނިންމައިފިއެވެ. މި މުޒާހަރާ އިންތިޒާމު ކުރަނީ ހަ ޒުވާނަކު އެކުވެގެންނެވެ. އެއީ ޙައްވާ ޝާފިޢާ ރިޟާއާއި ނޫރުބާން ފަހުމީއާއި ރާއިއާ މުނައްވަރާއި އަރީޖު ހުސައިނާއި މަރިޔަމް ޝުނާނާއާއި ސާރާ ނަސީމެވެ.

މުޒާހަރާގެ މަގުސަދަކީ އަންހެނުންނަށް ރައްކާތެރިކަން ލިބިދޭންޖެހޭ އެންމެ އަސާސީ ތަންތަން ކަމުގައިވާ އެމީހުން ދިރިއުޅޭ ގެޔާއި މަސައްކަތްކުރާ މާހައުލާއި ކުޅިވަރުކުޅޭ މައިދާންތަކާއި އާއްމު ތަންތަނުގައި ޖިންސީ ގޯނާ ކުރުން އާއްމު ވެފައި ވާތީ މިފަދަ އެއްވެސް ތަނެއްގައި ނުވަތަ މި ނޫން ތަނެއްގައިވިޔަސް އަންހެނުންނަށް އަނިޔާ ކުރުން ހުއްޓައިލުމަށް ގޮވައިލުމެވެ. އަދި މިފަދަ އަމަލުތައް ހިންގާ މީހުންގެ މަގާމުގެ ހައިސިއްޔަތަކަށް ދަރަޖައަކަށް ބެލުމެއް ނެތި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް ގޮވައިލުމެވެ.

މީގެ އިތުރަށް ދައުލަތުގެ ފަރާތުން ނުވަ ކަމެއް ފުރިހަމަކޮށްދޭން އެދި ގޮވައިލުންވެސް މި މުޒާހަރާގެ މަގުސަދުގެ ތެރޭގައި ހިމެނެއެވެ.

އެ ނުވަ ކަމަކީ:

(1) ދިވެހގިތާއްޖޭގައި އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުން.

(2) ކުށްކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން.

(3) އިސް މަގާމުތަކުގައި އަދި ސިޔާސީ މަގާމުތަކުގައި ތިބި ކުށްކުރާ މީހުން މަގާމުން ވަކިކުރުން.

(4) ވަކި ހައިސިއްޔަތަކަށް ވަކި ދަރަޖައަކަށް ބެލުމެއް ނެތި ގާނޫނު ތަންފީޒުކޮށް ކުށްކުރާ މީހުން ހައްޔަރު ކުރުން.

(5) ޖިންސީ ކުށްތައް ރިޕޯޓުކުރާ މީޑިއާތަކަށް މިނިވަންކަމާއެކު ރިޕޯޓު ކުރުމުގެ ފުރުސަތު ދިނުން.

(6) މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ކަޝަވަރުކޮށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ބަލާ ކޮމިޓީތަކުގެ މުސްތަގިއްލުކަން ކަށަވަރުކުރުން.

(7) އަންހެނުން އަނިޔާއާއި ޖިންސީ ގޯނާއިން ރައްކާތެރި ކުރުމަށް ގާއިމު ކުރެވިފައިވާ ނިޒާމުތައް ހަރުދަނާކޮށް އިސްލާހުކުރުން.

(8) އަނިޔާ ލިބޭ ފަރާތްތަކުގެ ވާހަކަ ގަބޫލުކޮށް ނިޒާމުގެ ތެރެއިން އިތުރަށް އެ ފަރާތްތަކަށް އަނިޔާ ދިނުން ހުއްޓުވުން.

(9) އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ދައުލަތުގެ ބަޖެޓުން އެކަށިގެންވާ މިންވަރެއް ކަނޑައެޅުން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.