ޙޫޘީންގެ ހަމަލާއެެއް އަރައި އަބްހާ އެއާޕޯޓުގައި އޮތް މަތިންދާބޯޓެއްގައި ރޯވެއްޖެ

އަބްހާ އެއާޕޯޓަށް ދިން ހަމަލާގައި ރޯވި މަތިންދާބޯޓު

ޔަމަނުގެ ސަރުކާރާ ދެކޮޅަށް ނުކުމެ، އެގައުމުގެ ބޮޑު ބައެއް ކޮންޓުރޯލުކުރަމުން ދާ ޝީޢާ ހަނގުރާމަވެރި ޖަމާއަތް ޙޫޘީންގެ ހަމަލާއެއް އަނެއްކާވެސް ސައޫދީ އަރަބިއްޔާގެ އަބްހާ އެއާޕޯޓަށް އަމާޒުވެއްޖެއެެވެ. ޔަމަނާ ކައިރީގައި ސައޫދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ އަބްހާ އެއާޕޯޓަށް މިއަދު އަމާޒުވި ހަމަލާގައި އެ އެއާޕޯޓުގައި ޕާކުކޮށްފައި އޮތް މަދަނީ މަތިންދާ ބޯޓަކަށް ހަމަލާ އަރައި، އެ ބޯޓުގައި ވަނީ ރޯވެފައެވެ.

ޔަމަނުގެ ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރާ ކޯލިޝަނާ ހަވާލާދީ ސައޫދީ ޚަބަރު ޗެނެލަކުން ޚަބަރުދިން ގޮތުގައި މިިއީ "ޙޫޘީ ހަނގުރާމަވެރިން އަބްހާ އެއާޕޯޓަށް އަމާޒުކޮށް ދިން ފިނޑި އުދުވާނީ ހަމަލާއެކެވެ. (މިހަމަލާގައި) އެއާޕޯޓުގައި އޮތް މަތިންދާބޯޓެއްގައި ރޯވެފައިވާއިރު، އެ އަލިފާންގަނޑު ވަނީ ކޮންޓުރޯލުކުރެވިފައެވެ."

ޙޫޘީންްގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ކުރި ޓުވީޓުތަކެއްގައި ހާމަކުރި ގޮތުގައި ޙޫޘީންގެ ޑްރޯންތަކުން ހަމަލާ އަމާޒުކުރީ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި އަސްކަރީ މަތިންދާބޯޓު ހޭންގަރުތަކަކަށެވެ. އޭނާ ސިފަކުރި ގޮތުގައި އެ އެއާޕޯޓު ދަނީ އަސްކަރީ ކަންކަމަށް ބޭނުންކުރެވެމުންނެވެ. އެހެންކަމުން އެމީހުން ދެކޭގޮތުގައި އެއީ އަސްކަރީ އަމާޒުފަތްގަނޑެެކެވެ.

"މި ހަމަލާ (އަބްހާ އެއާޕޯޓަށް) އަމާޒުކުރީ މެދުކެނޑުމެއް ނެތި އަހަރުމެންގެ ގައުމަށް ބޮންއެޅުމާ، މި ގައުމު ރަހުމުކުޑަ ގޮތަކަށް ހިސާރުކުރުމަށް ދޭ ރައްދެއްގެ ގޮތުގައި." ސަަރީޢު ބުނެފައި ވެއެވެ.   

އޭނާ އިތުރަށް ހާމަކުރި ގޮތުގައި މި ހަމަލާދީފައި ވަނީ ޞަމާދު-3 އަދި ޤާޞިފު-2 ކޭ މަރުކާގެ 4 ޑްރޯން ބޭނުންކޮށްގެންނެވެ.

ޔަމަނުގައި ހަނގުރާމަކުރާ ކޯލިޝަންގެ ތަރުޖަމާނު ކާނަލް ތުރުކީ އަލްމާލިކީ މައުލޫމާތު ދިން ގޮތުގައި ކޯލިޝަނުން ވަނީ ޙޫޘީން ބޮން ބަރުކޮށްފައި ފޮނުވާލި ދެ ޑްރޯން ވައްޓާލާފައެވެ. އަދި އޭނާ ވަނީ "ރާވައިގެން ގަސްތުގައި މަދަނީންނަށް" އަމާޒުކޮށް ދޭ ހަމަލާތައް ކުށްވެރިކޮށްފައެވެ.

ޔަމަނުގައި ދާޚިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ޙޫޘީ ހަނގުރާމަވެރިން ޔަމަނުގެ ބޮޑު ބައެއް. ވެރިރަށް ސަންއާވެސް ހިމެނޭހެން، ހިފުމުންނެވެ. ހަނގުރާމަ އިތުރަށް ވަރުގަދަ ވެގެން ދިޔައީ ޔަމަނުގައި އޮތް ސަރުކާރުގެ ދިފާއުގައި ސައޫދީ އަރަބިއްޔާ އިސްވެ އޮވެ ކޯލިޝަނެއް ހަދައިގެން 2015 ވަނަ އަހަރުގެ މާރިޗު މަހު ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ވަނުމުންނެވެ.

ފަހަކަށް އައިސް ޙޫޘީން ވަނީ ކްރޫޒް މިސައިލާއި، ހަތިޔާރު އެޅި ޑްރޯން ބޭނުންކޮށްގެން ސައޫދީ އަރަބިއްޔާގެ އިންޓަނޭޝަނަލް އެއާޕޯޓުތަކަށާއި، ތެލުުގެ މަރުކަޒުތަކަށާއި، ތެޔޮ ހޮޅިތަަކަށް އަދި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. އެންމެ ގިނައިން ހަމާލަތަކުގެ އަމާޒަކަށް ވެފައި ވަނީ ދެކުނުގެ ދެރަށް ކަމުގައިވާ އަބްހާއާއި ޖާޒާންއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.