ސައޫދީ އަރައްބިއްޔާގެ ދެކުނުގެ ދެރަށެއް ކަމުގައިވާ އަބްހާއާއި ޖީޒަންގެ އެއާޕޯޓުތަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް ޔަމަނުގެ ސަރުކާރާއި ހަނގުރާމަކުރަމުންދާ ޙޫޘީން ބުނެފިއެވެ.'
"ދެ އެއާޕޯޓުގެ ޚިދުމަތް ވެސް މިހާރު ވަނީ ހުއްޓިފައި. އަހަރުމެންގެ ގައުމާ ދެކޮޅަށް އުދުވާނާ ހިސާރު ކުރިއަށްދާހާ ހިނދަކު، އިތުރަށް ހިތްދަތި ދުވަސްތައް ކުރިއަށް އޮތްކަމުގެ ވައުދު ސައޫދީ ސަރުކާރަށް އަހަރުމެން ވަން." ޙޫޘިންގެ އަލްމަސީރާ ޓީވީން އާއްމުކުރި ޓުވީޓެއްގައި ވެއެވެ. ފްލައިޓްގެ ހަރަކާތްތައް ބަލާ ބައެއް ފަރާތްތަކުންވެސް މިހާރު އެ ދެ އެއާޕޯޓުގެ ޚިދުމަތް މެނދުކެޑިފައިވާ ކަން ޔަގީންކޮށްދެއެވެ.
2015 ވަނަ އަހަރު ސައޫދީން ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ވަނުމާއެކު ޔަމަނާ ކައިރީގައި އޮންނަ ސައޫދީ ރަށެއް ކަމުގައިވާ ނަޖްރާންގެ އެއާޕޯޓު ބަންދުކުރިއެވެ. 4 އަހަރަށް ފަހު އެ އެއާޕޯޓު ހުޅުވާފައިވަނީ ފާއިތުވި ރަމަޟާން މަހުގެ ތެރޭގައެވެ.
ޙޫޘީން ބުނެފައިވަނީ ޑްރޯން ހަމަލާތައް ޖީޒާން އެއާޕޯޓުގެ ކޮންޓްރޯލް ރޫމްތަކަށް އަމާޒުކޮށްފައިވާއިރު، އަބްހާ އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ތަނަށް އަމާޒުކޮށްފައިވާ ކަމުގައެވެ.
ފާއިތުވި ހަފުތާގައި ޙޫޘީން އަބްހާ އެއާޕޯޓަށް ދިން މިސައިލް ހަމަލާއެއްގައި 26 މީހުން ޒަޚަމްވެފައި ވެއެވެ. އެ ހަމަލާގެ ރައްދެއްގެ ގޮތުން ސައޫދީ ކޯލިޝަނުން ވަނީ ޔަމަނުގެ ވެރިރަށް ސަންއާއަށް ވައިގެ ހަމަލާތަކެއް ދީފައެވެ.
ސައޫދީ ސަރުކާރަށް ތާއީދުކުރާ އަލްއަރަބިއްޔާ ޓީވީން ބުނެފައިވަނީ އަބްހާއަށް އަމާޒުކޮށް ޙޫޘީން ފޮނުވާލި ކުރޫޒް މިސައިލެއް އަމާޒަށް ވާސިލުވުމުގެ ކުރިން ނައްތާލާފައިވާ ކަމަށާއި، 5 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ.
ފަހަކަށް އައިސް ޙޫޘީން ވަނީ އެމީހުން ޑްރޯން ހަމަލާތައް އިތުރުކޮށް ސައޫދީ އަމާޒުތަކަށް ހަމަލާދިނުން އިތުރުކޮށްފައެވެ. އަދި ޔަމަނުގައި ސައޫދީން ކުރާ ހަނގުރާމަ ހުއްޓާނުލަނީސް ހަމަލާތައް ނުހުއްޓާނެކަމުގެ އިންޒާރުވެސް ޙޫޘީން ވަނީ ދީފައެވެ.
ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުގެ ދިފާއުގައި 2015 ވަނަ އަހަރު ސައޫދީން އިސްވެ ތިބެ އެކުލަވާލި ކޯލިޝަނުން ޔަމަނަށް ދޭން ފެށި ހަމަލާތައް އަދިވެސް ކުރިއަށް ދާއިރު އެ ހަނގުރާމަ ނިމުމުގެ ކޮޅުމަތި އަދިވެސް ނުފެނެއެވެ.