ޔަމަނު ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޙޫޘީން ސައޫދީ ތެޔޮ އުފައްދާ ދެ ކާރުޚާނާއަކަށް އިއްޔެ ދިން ވަރުގަދަ ޑްރޯން ހަމަލާގެ ސަބަބުން ސައޫދޫ ތެޔޮ އުފެއްދުން ދެބައިކުޅަ އެއްބައި ދަށްވެއްޖެއެވެ.
އެއްފަހަރާ 10 ޑްރޯން ބޭނުންކޮށްގެން އިއްޔެ ފަތިހު ޙޫޘީން ހަމަލާ ދީފައިވަނީ ސައޫދީ އަރަބިއްޔާގެ އިރުމަތީ ރަށެއް ކަމުގައިވާ ދަހްރާންގެ ދެކުނުން 60 ކިލޯމީޓަރު ދުރުގައި ހުންނަ އަބްޤައިޤު ކާރުޚާނާއަށާއި، 150 ކިލޯމީޓަރު ދުރުގައި ހުންނަ ޚުރައިޞް ކާރުޚާނާއަށެވެ. އަބްޤައިޤަކީ ދުނިޔޭގައި ހުރި ތެޔޮ އުފައްދާ އެންމެ ބޮޑު ކާރުޚާނާއެވެ. އެ ކާރުޚާނާއިން ދުވާލަކަށް 7 މިލިއަން ފީފާ ތެޔޮ އުފައްދައެވެ. ޚުރައިޞްގައި އުފައްދަނީ ދުވާލަކު 1.5 މިލިއަން ފީފާ ތެލެވެ.
ޙޫޘީން ބުނި ގޮތުގައި އެމީހުންގެ މި 'ވޭންދެނިވި' ހަމަލާފަދަ އެތައް ހަމަލާއެއް އަދި ކުރިއަށް އެބައޮތެވެ. ޙޫޘީން އަންނަނީ ޔަމަނުގައި ސައޫދީންކުރާ ހަނގުރާމަ ހުއްޓާނުލައިފިނަމަ، ސައޫދީ އަރަބިއްޔާއަށް ދޭ ހަމަލާތައް އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދެމުންނެވެ.
ދުނިޔޭގައި ތެޔޮ އުފައްދާ އެންމެ ބިޔަ ކުންފުނި ސައޫދީ އަރާމްކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ދެ ކާރުޚާނާއަށް ދިން ހަމަލާގެ ސަބަބުން ދުވާލަކު 5.7 މިލިއަން ފީފާ އުފެއްދުން ވަނީ ހުއްޓިފައެވެ. އެއީ ސައޫދީ ތެލުގެ އުފެއްދުމުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު މިންވަރެކެވެ. އަދި ދުނިޔޭގެ ތެލުގެ އުފެއްދުމުގެ %5 އެވެ.
ސައޫދީ ތެލާ ބެހޭ ވަޒީރު އަމީރު ޢަބްދުލްޢަޒީޒު ބިން ސަލްމާން ވެސް ވަނީ ތެޔޮ އުފެއްދުމުގެ ދެބައިކުޅަ އެއްބައި ހުއްޓިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ވަޒީރު ވިދާޅުވީ ތެޔޮއުފެއްދުން އާދައިގެ މިންވަރަށް އަނބުރާ ގެންނަށް އަރާމްކޯއިން މަސައްކަތްކުރަމުން ދާކަމަށާއި، އިތުރު މައުލޫމާތު ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ދެއްވާނެ ކަމަށެވެ.
އެމެރިކާގެ ރައީސު ޑޮނާލްޑް ޓޮރަމްޕް ވަނީ ރޭގެ ވަގުތެއްގައި ސައޫދީ ވަލީއަހުދު އަމީރު މުޙައްމަދު ބިން ސަލްމާނަށް ގުޅުއްވައި ސައޫދީ އަރަބިއްޔާގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރުމަށް" އެމެރިކާއިން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވާފައެވެ. ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ސައޫދީ ތެޔޮ ކާރުޚާނާތަކަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާނެވެ.
އީރާނުގެ ތާއީދާއެކު ޔަމަނުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރާ ޝީޢާ ޙޫޘީން ވަނީ މީގެ ކުރިންވެސް ސައޫދީ ތެޔޮ އުފައްދައި ބޭރުކުރުމާ ގުޅުން ހުރި ތަންތަނަށް ހަމަލާ ދީފައެވެ. އެހެންނަމަވެސް އިއްޔެގެ ހަމަލާއަކީ ޙޫޘީން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ. އަދި ސައޫދީ އިގްތިސާދަށް އެންމެ ބޮޑު ލޮޅުން އެރުވި ހަމަލާއެވެ.
ހަމަލާ ދެވުނު ދެ ކާރުޚާނާއަކީވެސް ޔަމަނާ އެއް ހާސް ކިލޯމީޓަރު ދުރުގައި ހުރި ދެ ކާރުޚާނާއަށް ވާއިރު، މި ހަމަލާއިން ދައްކައި ދެނީ ޙޫޘީންގެ އަސްކަރީ ގާބިލުކަން އިތުރުވެފައިވާ މިންވަރެވެ.